ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ އޯޓިޒަމަށް މިއަދު ޒިޔާރަތް ކުރައްވައިފިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، އަލްފާޟިލާ އިލްހާމް ޙުސައިނަކީ، ރާއްޖޭގެ އޯޓިޒަމް އެސޯސިއޭޝަންގެ ފައުންޑަރ މެންބަރެއްވެސްމެއެވެ. މި ޒިޔާރަތުގައި، އެކަމަނާ އެސެންޓަރ ބައްލަވާލައްވައި، އެ ސެންޓަރުގެ އިސްބޭފުޅުންނާ ބައްދަލުކުރައްވައި، އޯޓިޒަމް ބަލީގެ ކުދިންނަށް އެސެންޓަރުން ފަރުވާދިނުމުގެ ކަންތައް ހިނގަމުންދާ ގޮތުގެ މަޢުލޫމާތު ހޯއްދެވިއެވެ.

އަލްފާޟިލާ އިލްހާމް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، އޯޓިޒަމް ބަލީގެ ހޭލުންތެރިކަން އިތުރުކުރުމަށް ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކާބެހޭ މަޢުލޫމާތު، އެބޭފުޅުންނަށް އެރުވިއެވެ. އަދި ރާއްޖޭގައި ތިބި އޯޓިޒަމް ކުދިންނަށް ފަރުވާދިނުމަށް ބޭނުންވާ މީހުން، އިންޑިއާގެ ނޭޝަނަލް ސެންޓަރ ފޮރ އޯޓިޒަމުން ތަމްރީނު ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުންވެސް އެކަމަނާ ވާހަކަފުޅު ދެއްކެވިއެވެ.