އިންޑިއާ ސަރުކާރު އޮތީ ދިވެހި ސަރުކާރާ އެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެމަނިކުފާނު އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ބައިވެރިކުރެއްވި ރާއްޖޭގެ ބައެއް މީޑިއާތަކަށް މިއަދު ހަވީރު ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. ދިވެހި ސަރުކާރަށް އިންޑިއާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީއާއި ތާއީދު އަބަދުވެސް އޮންނާނެ ކަމުގެ ޔަޤީންކަން، އިންޑިއާގެ އިސްބޭފުޅުން ދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލު ކުރެއްވުމަށާއި، އެކުވެރިކަމާއި އެއްބައިވަންތަކަން ޤާއިމް ކުރެއްވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާ ދޭތެރޭގައި، އިންޑިއާއިން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު މިހާރު އޮތްގޮތާ ބެހޭގޮތުން އިންޑިއާ ސަރުކާރުގެ އިސްބޭފުޅުންނަށް މަޢުލޫމާތު ދެއްވި ކަމަށާއި، ބަޖެޓްގެ ދަތިކަން ފިލުވުމަށް، އިންޑިއާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ފައިސާގެ އެހީއެއް ދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަދި ގެދޮރުގެ މަޝްރޫޢަށް އިންޑިއާގެ އެގްޒިމް ބޭންކުން ދިނުމަށް ހަމަޖެހިފައިވާ 40 މިލިއަން ޑޮލަރުވެސް ވަރަށް އަވަހަށް ލިބޭނެ ކަމަށް އުންމީދު ކުރައްވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިދަތުރާ ގުޅިގެން، ފުދޭވަރެއްގެ ބޮޑު އެހީއެއް އިންޑިއާއިން ރާއްޖެއަށް ދެއްވާނެކަން އިންޑިއާ ސަރުކާރުން ކަށަވަރުކޮށްދެއްވި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.