ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އިންޑިއާގެ ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ މިސްޓަރ ޝިވްޝަންކަރު މެނަން މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި މިއަދު ހެނދުނު އޮތް މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާ ސަރުކާރުން ރާއްޖެއަށް މެދުކެނޑުމެއްނެތި އެހީވެވަޑައިގެން ދެއްވަމުން ގެންދަވާފައިވާތީ، އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙާބެހޭގޮތުންނާއި، ކޮމަންވެލްތާ އެކީގައި ދެކެވެމުންދާ ވާހަކަތަކާ ގުޅޭގޮތުންނާއި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތާބެހޭގޮތުންވެސް ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރަށް، ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އެރުވިއެވެ. އަދި ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުން އައި.އެމް.އެފް ވަފްދުގެ ބޭފުޅުން ހުށަހެޅުއްވި ކަންތައްތަކުގެ މަޢްލޫމާތުވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ނޭޝަނަލް ސެކިޔުރިޓީ އެޑްވައިޒަރ މިސްޓަރ މެނަން ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ބައްލަވާލައްވައި، ރާއްޖެއަށް އަބަދުވެސް އިންޑިއާ ސަރުކާރުގެ ފުރިހަމަ ތާއީދާއި އެހީތެރިކަން އޮންނާނެ ކަމުގައި ވިދާޅުވިއެވެ.