ދިވެހިރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގުޅުން، ކުރިއެކޭވެސް އެއްގޮތަށް ބުރުލެއްނާރާ ކުރިއަށްދާނެ ކަމުގެ ފުރިހަމަ ޔަޤީންކަން، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދަށް ދެއްވައިފިއެވެ. މިޔަޤީންކަން ފޮރިން ސެކްރެޓަރީ ދެއްވީ، މިރޭ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ދިއްލީގައި ހުންނަވާ ހޮޓެލްގައި މިރޭ 8 ޖެހިއިރު އޮތް މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އިންޑިއާއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން ފާހަގަކުރައްވައި، އިންޑިއާއިން ރާއްޖެއަށް ވެދެއްވާ އެއްބާރުލެއްވުމާއި އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ފޮރިން ސެކްރެޓަރީއާ ޙިއްޞާ ކުރެއްވިއެވެ.

ފޮރިން ސެކްރެޓަރީގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ކުރިއަށްދާގޮތާމެދު އިންޑިއާއިން ހިތްހަމަޖެހޭކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި ހަމަޖެހޭ މާޙައުލެއް ޤާއިމްކުރެވި، ތަރައްޤީގެ ކަންތައްތައް ކުރިއަށްދިޔުމަކީ، އިންޑިއާ ދެކެން ބޭނުންވާ ގޮތް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިކަމުގައި އިންޑިއާއިން ވެދެއްވެން އޮތް ހުރިހާ އެހީއެއް، ރާއްޖެއަށް ވެދެއްވާނެ ކަމުގެ ޔަޤީންކަންވެސް ފޮރިން ސެކްރެޓަރީ، ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ.