އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން، އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ވެރިރަށް ނިއުދިއްލީއަށް މިރޭ ވަޑައިގެންފިއެވެ. އިންޑިއާ ސަރުކާރުން މި ދަތުރުފުޅަށް ހަމަޖައްސަވައި ދެއްވި ޚާއްޞަ މަތިންދާބޯޓެއްގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދިއްލީއަށް ވަޑައިގަތީ، ރާއްޖޭގެ ގަޑިން މިރޭ 6.30 ގައެވެ.

ނިއުދިއްލީގެ ވައިގެ ބަނދަރުން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް މަރްޙަބާ ވިދާޅުވީ، އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް މިޒް ޕްރިނީތް ކައުރާއި، އިންޑިއާގައި ހުންނަވާ ރާއްޖޭގެ ހައިކޮމިޝަނަރ އަލްފާޟިލް ޢަބްދުލްޢަޒީޒް ޔޫސުފާއި، އިންޑިއާގެ ފޮރިން ސެކްރެޓަރީ ރަންޖަން މަތާއީއާއި، ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަންގެ އިސްބޭފުޅުންނާއި، އިންޑިއާގެ ޕްރޮޓޮކޯލްގެ އިސްބޭފުޅުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ މިދަތުރުފުޅަކީ، އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު، ރާއްޖެއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މިދަތުރުފުޅުގައި، މައިގަނޑު ގޮތެއްގައި ވާހަކަފުޅު ދައްކަވާނީ، އިންޑިއާއި ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން، އެކި ދާއިރާތަކުގައި އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުންނެވެ.

މިދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހާ މާދަމާ ބައްދަލުކުރައްވާނެއެވެ. އަދި އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާވެސް ރައީސުލްޖުމްހޫރިއްޔާ މާދަމާ ބައްދަލުކުރައްވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ގެންދެވިއެވެ. އެބޭފުޅުންގެ ތެރޭގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑޮކްޓަރ މުޙަންމަދު މުޢިއްޒާއި އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރިން އެފެއާޒް އަލްފާޟިލާ ދުންޔާ މައުމޫން ހިމެނިވަޑައިގަންނަވައެވެ.