ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، އިންޑިއާގެ ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހްގެ ދަޢުވަތަކަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި، މިއަދު މެންދުރުފަހު ފުރާވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެމަނިކުފާނުގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިންވެސް މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތުމުގެ ކުރިން، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގައި ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިދަތުރުފުޅުގެ އެންމެބޮޑު ބޭނުންފުޅަކީ، ރާއްޖެއާއި އިންޑިއާއާ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުން ކަމުގައި ވިދާޅުވިއެވެ. އަދި މިދަތުރުފުޅުގައި އެންމެބޮޑަށް ދެކެވޭނީވެސް ދެޤައުމުގެ ގުޅުމުގެ ވާހަކަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ މިދެއްވި އިންޓަރވިޔުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު ހަމަޖެހެމުންދާކަން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މިދަތުރުފުޅުގައި، ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފްދެއް ބައިވެރިކުރައްވައެވެ. އެބޭފުޅުންގެ ތެރޭގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަލްފާޟިލް ޢަބްދުﷲ ޖިހާދާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑޮކްޓަރ މުޙަންމަދު މުޢިއްޒު ހިމެނިވަޑައިގަންނަވައެވެ. މިދަތުރުފުޅުގައި ރާއްޖޭގެ ބައެއް މީޑިއާތައްވެސް ބައިވެރިކުރައްވައެވެ.

މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފުރާވަޑައިގަތީ، އިންޑިއާ ސަރުކާރުން މިދަތުރުފުޅަށްޓަކައި ހަމަޖައްސަވައިދެއްވި ޚާއްޞަ މަތިންދާބޯޓެއްގައެވެ.