ރާއްޖޭގައި ޢަރަބިބަހުން ކިޔަވައިދޭ މަދްރަސާއެއް ހުރުމަކީ، މުޅި ޤައުމަށް ލިބޭ ޝަރަފެއް ކަމުގައި ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ ރިހި ޔޫބީލް ފާހަގަކުރުމަށްޓަކައި ރޭ އިސްކަންދަރު ސްކޫލުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، އެ މަދަރުސާއަށް ކުރިން އަޅާލެވިފައިނެތް ކަމުގައި ވިޔަސް މި ސަރުކާރުން އެ މަދަރުސާއަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމަށާއި، ދެރަގޮތެއް ވިޔަ ނުދެއްވާނެ ކަމަށް ވިދާޅުވިއެވެ. "މިސަރުކާރުން ނުވަތަ އަޅުގަނޑު ސަރުކާރުގައި ނެތް ކަމުގައިވިޔަސް ﷲ ގެ ރަޙްމަތްފުޅުން އިރާދަކުރެއްވިއްޔާ އަޅުގަނޑު، ދުނިޔޭގައި ހުރިހާ ހިނދަކު މި މަދަރުސާއަށް ދެރަގޮތެއް މެދުވެރިވިޔަކަ ނުދޭނަން." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޤައުމެއް ބިނާކުރެވޭނީ، އެ ޤައުމެއްގައި ރަނގަޅު ދަރިންތަކެއް ބިނާކޮށްގެންކަން އެއީ، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތެއް ކަމަށާއި، އެހެން ނޫނީ އެއްވެސް ޤައުމެއް، ޤައުމެއްގެ ގޮތުގައި ދެމި ނޯންނާނެ ކަމުގައި ވިދާޅުވިއެވެ. ހަމައެހެންމެ، އެ ޤައުމެއްގެ މިނިވަންކަމާއި، އެ ޤައުމެއްގެ ސަލާމަތަކީ، އަބަދުވެސް އެ ޤައުމެއްގެ މުސްތަޤްބަލުގެ ޒުވާނުންނާއި، ދަރިންގެ އަތްމަތީގައި އޮންނާނެ ކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ. ޤައުމުދެކެ ލޯބިވާ ޒިންމާދާރު ދަރިންތަކެއް އުފެއްދޭނީ، އެ ދަރިންނަށް އެކަށީގެންވާ ތަޢުލީމާއި، އެކަށީގެންވާ ތަރުބިއްޔަތު ދެވިގެން ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ. ޤައުމެއްގައި ވަކިގޮތަކަށް ދަރިން ތަރުބިއްޔަތު ކުރަންޖެހެނީ، ހަމައެކަނި އެންމެ ސަބަބަކަށްޓަކައި ނޫންކަން ފާހަގަކުރައްވަމުން، ޤައުމެއްގެ އިޤްތިޞާދު ހަރުދަނާ ކުރެވޭނީވެސް، އެ ޤައުމެއްދެކެ ލޯބިވާ ދަރިންތަކެއް އުފެދިގެން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނައިބު ރައީސްގެ ވާހަކަފުޅުގައި، ޢަރަބިބަހުން ތަޢްލީމް ޙާސިލުކުރެވޭނީ ވަކި ބަޔަކަށް ކަމަށް ހީވާ ހީވުމަކީ ވަރަށް ބޮޑު ކުށްހީއެއް ކަމުގައި ވިދާޅުވެ، މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޢަރަބިއްޔާއިން ތައްލީމް ޙާޞިލު ކުރެއްވި ބައެއް ބޭފުޅުން، މިއަދު ސަރުކާރުގެ މުހިންމު މަގާމުތަކުގައި އެބަ ތިއްބެވިކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު ދުނިޔޭގައި ތިއްބެވި މޮޅު ޑޮކްޓަރުންނާއި، އިންޖިނޭރުންނާއި އަދި އެނޫންވެސް އެހެން ރޮނގުތަކުގައި ތިއްބެވި ބޭފުޅުންގެ ތެރޭގައިވެސް، ޢަރަބިބަހުން ތަޢްލީމް ޙާޞިލު ކުރައްވާފައި ތިއްބެވި ބޭފުޅުން އެބަ ތިއްބެވި ކަމުގައި ވިދާޅުވިއެވެ.

ޢަރަބިއްޔާ ސުކޫލުން ތަޢުލީމް ޙާޞިލުކުރާ ދަރިވަރުންގެ ތެރެއިން ކޮންމެ އަހަރަކު އެ މަދަރުސާ ނިންމާ ހަތަރު ދަރިވަރަކަށް އަމިއްލަފުޅު ޚަރަދުގައި، ރާއްޖެއިން ބޭރުން ތަޢުލީމު ޙާޞިލު ކުރުމުގެ ފުރުސަތު ދެއްވަން ގަސްތު ކުރައްވާކަންވެސް ނައިބު ރައީސް ހާމަކުރެއްވިއެވެ.

ރޭގެ ޖަލްސާގައި، ޢަރަބިއްޔާގެ ރިހި ޔޫބިލް ފަންޑު ފޮށި ނައިބު ރައީސް އިފްތިތާޙްކޮށްދެއްވައި، އެ ފޮށްޓަށް އެމަނިކުފާނު ފައިސާގެ އެހީފުޅެއް ވެދެއްވިއެވެ.