މިލަދުންމަޑުލު ދެކުނުބުރީ ހޮޅުދޫ ކައުންސިލާއި، ހައްދުންމަތީ އަތޮޅު ކައުންސިލާއި، އެއަތޮޅު ރަށު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ވަކިވަކިން ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލްތަކުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާއަށާއި، ސަރުކާރަށް، ރައްޔިތުންގެ ފުރިހަމަ ތާއީދާއި އެއްބާރުލުން އޮތްކަން ހާމަކުރެއްވިއެވެ. މީގެއިތުރުންވެސް، ތަރައްޤީގެ މަގުގައި ކުރިމަތިވެފައިވާ ހުރަސްތަކާއި ތަފާތު ދަތިތަކުގެ ތަފްޞީލް، ކައުންސިލްތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ދެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެއަތޮޅުތަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް، މިހާރުން މިހާރަށް ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވުމުގައި މަޝްވަރާކުރައްވަން ޖެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.