ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، "މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް"ގެ ނަމުގައި 7 މެއި 2012 ގައި މިނިސްޓްރީއެއް އުފައްދަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފެއްދެވުމާގުޅިގެން، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެގޮތުގައި 2012 މެއި 7 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީން ބަލަހައްޓަވަމުންގެންދެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞައެހީއަށް ބޭނުންވާ މީހުންނާބެހޭ ކަންތައްތައް ބެލެހެއްޓެވުން ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެއިތުރުން، އެ މިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި އިންސާނީ ޙައްޤުތަކާބެހޭ ސަރުކާރުގެ ސިޔާސަތު ވިލަރެސްކުރުމާގުޅޭ އެންމެހާ ކަންތައްތައް ބެލެހެއްޓެވުން ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، 2012 މެއި 7 އާ ހަމައަށް މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ ތިރީގައި މިދަންނަވާ އިދާރާތަކަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ދަށުން ހިނގަމުންދާ ތަންތަން ކަމުގައި ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
·        ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް
(1) ސްޓޭޓްކެއަރ ފެޒިލިޓީސް ފޮރ ވަލްނަރަބަލް
(ހ) ޚާއްޞައެހީއަށް ބޭނުންވާ މީހުންގެ މަރްކަޒު، ކ. ގުރައިދޫ
(ށ) ކުޑަކުދިންގެ ހިޔާ، ކ. ވިލިނގިލި
 
(2) ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތައް
ސަރުކާރުގެ އޮފީސްތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 437 ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.  
     މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވި މަސައްކަތްތަކުގެ ލިޔުން މިދެންނެވުމާއެކު އެވަނީއެވެ.