ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން، [މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ]ގެ ނަން 2012 މެއި 7 ވަނަ ދުވަހުން ފެށިގެން [މިނިސްޓްރީ އޮފް ހެލްތު]ގެ ނަމަށް ބަދަލުކުރައްވައި،  އެމިނިސްޓްރީގެ މަސައްކަތުގެ ދާއިރާގެ ގޮތުގައި ޞިއްޙަތާއި، އިޖުތިމާޢީ ރައްކާތެރިކަމާބެހޭ އެންމެހައި ކަންތައްތައް ބެލެހެއްޓެވުން ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މިގޮތަށް ހަމަޖެއްސެވުމާގުޅިގެން، 2012 މެއި 7 ވަނަ ދުވަހާ ހަމައަށް މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީން ބަލަހައްޓަވަމުންގެންދެވި، ޢާއިލާއާއި، ކުޑަކުދިންނާއި، އަންހެނުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާބެހޭ އެންމެހާ ކަންތައްތަކަކީ، ސަރުކާރުން އަލަށް އުފެއްދެވި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްއިން ބަލަހައްޓަވާ ކަންކަމުގެގޮތުގައި ހަމަޖައްސަވާފައިވާކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ ޑިޕާޓްމަންޓް އޮފް ޖެންޑަރ އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސްއާއި، އެ ޑިޕާޓްމަންޓުގެ ދަށުން ހިނގަމުންދާ ސްޓޭޓް ކެއަރ ފެސިލިޓީތަކާއި، ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުތަކަކީ، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސްގެ ދަށުން ހިނގަމުންދާ ތަންތަންކަމުގައި ހަމަޖައްސަވާފައިވާކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މަތީގައި ދަންނަވާފައިވާ ގޮތަށް ހަމަޖެއްސެވުމާގުޅިގެން، މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީގެ ދަށުން ހިނގަމުންދިޔަ ތިރީގައިމިވާ ތަންތަން ހިނގަމުންދާނީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.     ސެންޓަރ ފޯރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީސް ކޮންޓްރޯލް
2.     މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ
3.     ސަރަޙައްދީ ހޮސްޕިޓަލްތައް
4.     އަތޮޅު ހޮސްޕިޓަލްތައް
5.     އަތޮޅުތަކުގެ ޞިއްޙީ މަރްކަޒުތައް
6.     ހެލްތު ޕޯސްޓުތައް
7.     ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ
8.     ނޭޝަނަލް ޑްރަގް އެޖެންސީ