މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުގެ ދަށުން ހިނގަމުންދިޔަ ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ، 2012 މެއި 6 ވަނަ ދުވަހުން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ބަދަލުކުރައްވައި، ކާރިސާތަކާގުޅިގެން ދިރިނޫޅެވޭވަރަށް ގެދޮރަށް ގެއްލުން ލިބޭ މީހުންނަށް ދާއިމީ ހިޔާވަހިކަން ބިނާކޮށްދިނުމާގުޅޭ ގޮތުން އެސެންޓަރުން މިހާތަނަށް ކުރަމުންގެންދިޔަ މަސައްކަތްތައް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓުން ކުރާކަމެއްގެ ގޮތުގައި ހަމަޖައްސަވާފައިވާ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.              
ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ހަމަޖެއްސެވީ، އެ ސެންޓަރާ ހަވާލުކުރައްވާފައިވާ މަސައްކަތްތަކުގެ ބާވަތުން އެ މަސައްކަތްތައް ހިންގައި ވިލަރެސްކުރުމުގެ ކަންކަން މިހާރަށްވުރެ ޚަރަދު ކުޑަ އަދި ލުއިފަސޭހަ ގޮތެއްގައި ކުރިއަށްގެންދެވޭނީ، އެ ސެންޓަރު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ދަށަށް ބަދަލުކުރައްވައިގެންކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.