ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ، ވަކިފަރާތަކަށް ނުޖެހޭ، އުފެއްދުންތެރި ޚިދްމަތެއްގެ ގޮތުގައި ސިވިލް ސަރވިސް ބައްޓަން ކުރުމަކީ، މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، އޭޝިއަން ގްރޫޕް ފޮރ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދެވަނަ އަހަރީ ބައްދަލުވުން އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ސިވިލް ސަރވިސް ދާއިރާގެ ބޭފުޅުން ސިޔާސީ ވަކި ވިސްނުމެއް ނުގެންގުޅުއްވާނަމަ، ސިޔާސީ ގޮތުން އުފެދޭ ތަފާތުކުރުންތައް ނައްތާލެވި، އެންމެންނަށް ހަމަހަމަ ގޮތެއްގައި ޚިދްމަތް ދިނުމުގެ މަގު ތަނަވަސްވެގެންދާނެއެވެ.

ބަނޑޮސް އައިލެންޑް ރިޒޯޓްގައި މިއަދު ހެނދުނު ބޭއްވެވި މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރާއްޖެފަދަ ކުޑަ ޤައުމެއްގައި ގިނަ ޢަދަދެއްގެ ސިޔާސީ ޕާޓީތައް އޮތުމުގެ ސަބަބުން، ބޮޑެތި މައްސަލަތަކެއް ކުރިމަވަމުންދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން އެންމެން ގުޅިގެން، އެއްބައެއްގެ ގޮތުގައި މަސައްކަތް ކުރުމުގައި، ވަރަށް ބޮޑެތި ހުރަސްތަކެއް ކުރިމަތި ކުރުވަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރްކަޒީ ގޮތުން ސަރުކާރު ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމުގެ މައްޗަށް ބައްލަވައިލައްވަމުން، ސިޔާސީ ޕާޓީތައް ތަޢާރުފްވެގެން ދިއުމާއެކު، ކުރިމަތިވެގެންދިޔަ އެންމެބޮޑު މައްސަލައަކީ، މަސައްކަތަށް ޤާބިލް މީހުންގެ ޢަދަދު އެކަށީގެންވާ ވަރަށްވުރެ މަދުވުމާއެކު، އެމީހުން ސިޔާސީ ޕާޓީތަކުގެ މެދުގައި ބެހިގެން ދިޔުން ކަމުގައި ވިދާޅުވިއެވެ. އަދި އެކި ސިޔާސީ މަޤާމުތަކުގައި މަސައްކަތް ކުރައްވާ ބޭފުޅުންނަށް ސިޔާސީ ގޮތުން ވާދަވެރި މާޙައުލެއްގައި މަސައްކަތް ކުރައްވަން މަޖުބޫރުވުމުގެ ސަބަބުން، ޤާބިލް ފަރާތްތައް ވަރަށް ބޮޑަށް މަދުވެގެންދާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިކަމުގެ ސަބަބުން، އެންމެ އެކަށީގެންވާ ފެންވަރު ނެތް މީހުންނާއެކު މަސައްކަތް ކުރަން ސަރުކާރަށް މަޖުބޫރުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ލާމަރުކަޒީ އުޞޫލު ޤާއިމްކުރުމުގައި، މިދިޔަ ތިން އަހަރު ކުރިމަތިވެގެންދިޔަ ގޮންޖެހުންތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވައިލައްވަމުން، ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ބާރުވެރިކުރުވުމުގެ ގޮތުން، ކުރީ ސަރުކާރުން އުފައްދަވާފައި ހުރި ޤައުމީ އިދާރާތައް މިހާރު ވާނީ އުވާލައްވާފައި ކަމުގައި ވިދާޅުވިއެވެ. އަދި އެ ސަރުކާރުން ގެންގުޅުއްވި ސިޔާސީ ފިކުރުތަކުގެ ސަބަބުން ގިނަފަހަރަށް، އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދިޔަ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.