ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް، އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޕެޓްރީޝިއާ އޭ. ބުޓެނިސް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް މިބައްދަލުކުރެއްވުމުގައި، އެމެރިކާ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތް ގޮތުން ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ. އަދި ބޭރު ޤައުމުތަކުން ރާއްޖެއަށް ބޭނުންވާ އެހީ ލިބޭތޯ ބައްލަވާނެކަމަށް ވިދާޅުވެ، އެޤައުމުތަކުގެ އެއްބާރުލުން ހޯއްދެވުމަށް މަސައްކަތް ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާއަށް ދެއްވިއެވެ. އެކަމަނާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙަށް ދިމާވެފައިވާ މައްސަލަތައް ޞުލްޙަވެރިކަމާއެކު ޙައްލުކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން މަޝްވަރާކޮށްގެން ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި، އެހެންކަމުން މިމަޝްވަރާތައް ކުރިއަށް ގެންދެވުން ވަރަށް މުހިންމު ކަމުގައިވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނު އުފެއްދެވި ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތް ކުރިއަށްދާ ކަމުގައި ވިދާޅުވެ، އެކަމުގައި އެމަނިކުފާނު އެއްވެސް ނުފޫޒެއް ނުފޯރުއްވާނެ ކަމަށާއި، އެކޮމިޝަނަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ކޮމިޝަނުގައި ބައިނަލްއަޤްވާމީ ޖަމާޢަތްތަކުން މަސައްކަތްކުރެއްވުމަށް ސަރުކާރުން މަރުހަބާ ވިދާޅުވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ އިޤްތިޞާދީ ޙާލަތު ރަނގަޅު ކުރެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކާއި އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅުތަކުގެ މަޢްލޫމާތުވެސް އެމެރިކާ ސަފީރަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.