بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ކުމުންދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން. ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު. އަދި ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! ދުވަސްގަނޑެއްކޮށްލާފައި އަޅުގަނޑަށް ކުމުންދުއަށް މިއާދެވުނީ. އަޅުގަނޑު ހަނދާން އެބަހުރި، އެންމެފަހުން އަޅުގަނޑު ކުމުންދުއަށް އައި ރޭ. އެއީ ކެމްޕޭންގެ ތެރޭގައި. އޭރު އަޅުގަނޑުމެން، މިރަށުގައި އެމް.ޑީ.ޕީ.ގެ ޖަލްސާއެއް ބާއްވަން އައީ. އެރޭވެސް ކުޑަކޮށް މަގުމަތީގައި އަޑުގަދަވެގެންދިޔަ. މިހާރު ކަންދިމާވި ގޮތުން އަޅުގަނޑަށް މި އަންނަން މިޖެހުނީ، އެހެން ޙައިޘިއްޔަތަކުން. އެހެން ނަމަވެސް، މިއަދު އަޅުގަނޑު މިއައީކީ ވަކި ޕާޓީއެއް ތަމްސީލުކުރާކަށް ނޫން. އަޅުގަނޑު މިއަދު މިރަށަށް މިއައީ، އަޅުގަނޑު މިހާރު ޙަވާލުވެގެން ހުރި މަޤާމުގެ ގޮތުން، ދިވެހިރާއްޖޭގެ ހުރިހާ ރައްޔިތުން ތަމްސީލުކުރާ މީހެއްގެ ގޮތުން. އަޅުގަނޑު ވަކި ޕާޓީއަކަށް އިސްކަންދީ، ވަކި ޕާޓީ މީހުންނަށް ކަންތައްކޮށްދީ، އަނެއް ޕާޓީގެ މީހުންނަށް ކަންތައްނުކޮށްދޭ އުޞޫލެއް އަޅުގަނޑު ނުގެންގުޅެން.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވީ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު. އޭރުގައި ރާއްޖޭގެ ރިޔާސަތުގައި ހުންނެވި ރައީސް މުޙަންމަދު ނަޝީދު މަޤާމުން އިސްތިޢުފާ ދެއްވުމާ ގުޅިގެން. އެމަނިކުފާނު އިސްތިޢުފާ ދެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެދިވަޑައިގަތުމުގެ މަތިން، އުއްތަމަ ފަނޑިޔާރު އަޅުގަނޑަށް ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާލައިދެއްވި. އެހިނދުން ފެށިގެން އަޅުގަނޑަކީ މިހާރު މި ޤައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުރި މީހާ. އެހެންވީމާ، އަޅުގަނޑު ތަމްސީލު ކުރާނީ، ރާއްޖޭގެ ހުރިހާ ރައްޔިތުން.

އެނގިވަޑައިގަންނަވާނޭ ފަދައިން، ކުރީގެ ރައީސާއި އަޅުގަނޑާ ދޭތެރޭގައި، ކުޑަކޮށް ދެބަސްވުން އުފެދެން ޖެހުނު ސަބަބެއް މިއީ. އެއީ އަޅުގަނޑަށް އޭރުގައި ދޭހަވެގެންދިޔައީ، އެމަނިކުފާނު މަސައްކަތް ކުރައްވަމުން ގެންދެވީ، ވަކި ޕާޓީއެއްގެ މީހުންނަށް ރަނގަޅުވާ ގޮތަށް ކަމަށް. އަޅުގަނޑު އޭރުގައި ވަރަށް ފާޅުކޮށް ދެންނެވިން. ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމުގައި ތިބޭ މީހުންނަކީ، ވަކި ޕާޓީއެއްގެ މީހުންނަށް ވެރިކަންކޮށްދޭން ތިބޭ ބައެއް ނޫނޭ. އެއީ ހުރިހާ ދިވެހި ރައްޔިތުންނަށް ވެރިކަމުގެ މަސްއޫލިއްޔަތުކަން އުފުލާން ތިބި މީހުނޭ. މިހެން ދެންނެވުމުގެ ސަބަބުން، ކޮންމެވެސްވަރަކަށް އަޅުގަނޑު އޮތީ ގޯސްވެފައި. ނަމަވެސް، އެއީ އަޅުގަނޑު އޭރުވެސް ގަބޫލުކުރާ ގޮތް. އަޅުގަނޑު މިހާރުވެސް ގަބޫލުކުރާ ގޮތް.

އެހެންވީމާ، އަޅުގަނޑު މި މަޤާމާ ޙަވާލުވުމާ ގުޅިގެން، އަޅުގަނޑު ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ބޭފުޅުންނަށްވެސް ދަޢުވަތު އެރުވިން، އަޅުގަނޑުމެންގެ ސަރުކާރުގައި ބައިވެރިވެވަޑައިގަތުމަށް. އެގޮތުން، އެ ދަޢުވަތު ގަބޫލުކުރެއްވި ހުރިހާ ޕާޓީތައްވަނީ އަޅުގަނޑުގެ ސަރުކާރުގައި ހިމެނިފައި. އަޅުގަނޑު ހަމައެކަނި ބައިވެރިނުކުރީ، އަޅުގަނޑުގެ ޕާޓީގެ މީހުން. އަޅުގަނޑުގެ ޕާޓީގެ އެއްވެސް ބޭފުޅަކު، ވަޒީރުންގެ މަޖިލީހަކަށް އަޅުގަނޑު ނުލަން. ހުރިހާ މަޤާމުތައްވެސް، އެހެން ޕާޓީތަކަށްދިނީ. އަދި ހަމައެހެން، އެމް.ޑީ.ޕީ.ގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވާތޯ، މަޤާމް ހުސްކޮށްގެން، މަހެއްހާ ދުވަހު އަޅުގަނޑު މަޑުކުރިން. އެހެންވީމާ، އަޅުގަނޑު އެންމެބޮޑު އަހަންމިއްޔަތެއްދޭ އެއްކަމަކީ، އަޅުގަނޑުމެންގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުވުން. އަޅުގަނޑުމެންގެ ތެރޭގައި، ޞުލްޙަމަޞްލަޙަތު ޤާއިމްވެ، އަމަންއަމާންކަން ޤާއިމްވުން. ރަށެއް ތަރައްޤީ ކުރެވޭނީ، އެރަށެއް އަމާންކަމާ އެކީގައި، ސަލާމަތްކަމާ އެކީގައި ކުރިއަށް ދެވެންޏާ. ރަށުގައި ހަމަނުޖެހުން އުފައްދަން އުޅޭ ބަޔަކު އުޅޭ ކަމަށްވަންޏާ، ކުރަންޖެހޭ ކަންތައްތައް އޮންނާނީ ނުކުރެވިފައި.

އެހެންވީމާ، އަޅުގަނޑަށް މިއަދު މިތަނުން ވާހަކަ ދެއްކެވި ބޭފުޅުންގެ ޝުޢޫރުތައް އަޑުއިވިއްޖެ. އަޅުގަނޑު އަދިވެސް އެއްފަހަރު އިލްތިމާސް ކުރަން، ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށްވީ ކަމުގައިވިނަމަވެސް، ރަށުގެ ތަރައްޤީއަށްޓަކައި ހުރިހާ ބޭފުޅުން އަތުގުޅުވާލައްވައިގެން މަސައްކަތް ކޮށްދެއްވާށޭ.

އާދެ! މިއަދު އަޅުގަނޑު ވަރަށް އުފާވެއްޖެ، ފުރަތަމަ، އެންމެ ފުރަތަމަ، މި ޖަލްސާ ފެށިއިރުގައި، ރާއިދާ ކިޔަވާއަޑު އިވުނީމާ. އެހާ ރީތިކޮށް، މިރަށުގެ ސްކޫލް ދަރިވަރަކު ޤުރްއާން ކިޔެވީތީ އަޅުގަނޑު ވަރަށް އުފާކުރަން. ވަރަށް ބޮޑަށް މަރްޙަބާއާއި ޝުކުރިއްޔާ، ރާއިދާއަށް. އަދި ހަމައެހެން، މިރަށުގެ ސްކޫލް، 2010 ވަނަ އަހަރާ އަޅާބަލާއިރުގައި، 2011 ވަނަ އަހަރު ވަރަށްބޮޑުތަން ކިޔެވުމުގެ ފެންވަރު ވަނީ މައްޗަށް ގެންގޮސްފައި. އެއީވެސް އަޅުގަނޑުމެން އެންމެން، މައިންބަފައިންގެ ޙައިޘިއްޔަތުންނާއި، ބޮޑެތި މީހުންގެ ޙައިޘިއްޔަތުން އަޅުގަނޑުމެން ވަރަށް ބޮޑަށް އުފާކުރަންޖެހޭ ކަމެއް. އެކަމަށްޓަކައި މިރަށުގެ ސްކޫލްގެ ޕްރިންސިޕަލަށާއި އަދި ޓީޗަރުންނަށާއި، ބެލެނިވެރިންނަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކީގައި މަރްޙަބާއާއި ޝުކުރު ދަންނަވަން.

އާދެ! ދެން ހަމައެހެން، މިއަދު އަޅުގަނޑުމެން މިރަށަށް އައިއިރުގައި، މިރަށް ވަނީ ވަރަށް ރަނގަޅަށް ޒީނަތްތެރިކޮށް އަދި ރަށުގެ ކުދިބޮޑު އެންމެހާ ބޭފުޅުން، އަޅުގަނޑުމެންނަށް މަރްޙަބާ ދެންނެވުމަށް ވަޑައިގެންފައި. އެހެންވީމާ، އަޅުގަނޑަށް އެނގޭ، މިއީކީ އެހާ ފަސޭހަ ކަމެއް ނޫންކަން. ޚާއްޞަކޮށް، ކައުންސިލްގެ މެންބަރުންގެ މެދުގައި، ބައެއް ދެބަސްވުން އުޅޭ ވަގުތެއްގައި. އެހެން ނަމަވެސް، ވަރަށްގިނަ ޒުވާނުން މިކަމުގައި އެއްބާރުލުން ދެއްވައިގެން، ވަރަށްބުރަ މަސައްކަތެއް ކުރައްވައިގެން، ރަށުތެރެ ސާފުކުރައްވައި، ޒީނަތްތެރި ކުރައްވައި އަދި މިއަދު ތިހާ ގިނަ ޢަދަދެއްގެ ރައްޔިތުން އަޅުގަނޑުމެންނަށް މަރްޙަބާ ދެންނެވުމަށް ނުކުމެވަޑައިގަތީތީ، ހުރިހާ ބޭފުޅުންނަށްވެސް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިރަށުގައިވެސް ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި، ހަމަ އެހެނިހެން ރަށްރަށެކޭ އެއްގޮތަށް. އަޅުގަނޑު އުފާކުރަން، މި ސްކޫލްގެ ޢިމާރާތް މިއަހަރު ކުރަންފެށި ނިމުމަކާ ހަމައަށް އަންނަނީ. ސްކޫލްގެ އިތުރު 6 ކްލާސްރޫމް މިހާރު ޢިމާރާތް ކުރެވެމުން އެދަނީ. އެތަންތަން އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ހަތަރު، ފަސްމަހެއްގެ ތެރޭގައި، އެންމެ ލަސްވިޔަސް ނިމޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަންނަ އަހަރުގެ ކިޔެވުން ފެށެންވާއިރަށް، ސްކޫލްގެ ހުރިހާ ކްލާސްތައް ރަނގަޅަށް ނިމި އަދި ސްކޫލްތެރެ އަލުން އެހެން ގޮތަކަށް ތަނަވަސްކޮށް ރާވައި، އެއްދަންފަޅިއަށް ސްކޫލް ބަދަލުކޮށް، ސްކޫލްގެ ކަންތައް ކުރިއަށްދާނެ ކަމަށް. ދެން ސްކޫލްގައި އަޅުގަނޑު ބަލައިލިއިރުގައި، ސްކޫލްގައި ހުރި ކޮމްޕިއުޓަރ، މިހާރު މަސައްކަތްކުރާ ކޮމްޕިއުޓަރތައް ވަރަށްމަދު. އަދި ހަމައެހެން، ސައިންސް ކިޔަވައިދިނުމަށްޓަކައި އިތުރު އެހީ ވަނީ ބޭނުންވެފައި. އެހެންވީމާ، އަޅުގަނޑު މިހާރު ޕްރިންސިޕަލަށް ދަންނަވާފައި އޮންނާނީ، ކޮންމެހެން ބޭނުންވާ ތަކެތީގެ ލިސްޓެއް ހައްދަވާފައި، ފޮނުއްވައިދެއްވާށޭ. އެގޮތުން، ޚާއްޞަކޮށް، ސައިންސް ކިޔަވައިދިނުމަށްޓަކައި ކޮންމެހެން ބޭނުންވާ ތަކެތީގެ ލިސްޓެއް ހައްދަވައިދެއްވާށޭ. އަދި އަޅުގަނޑު މަސައްކަތް ކުރާނަން، އިރާދަކުރެއްވިއްޔާ، މި ސްކޫލަށް އިތުރު ކޮމްޕިއުޓަރކޮޅެއް ހޯދޭތޯ.

އާދެ! ދެން ދަންނަވަން އޮތީ، ބަނދަރުގެ ވާހަކަ. ބަނދަރު ހެދުމުގައި ތަފާތު ދަތިތަކާ ކުރިމަތިވިކަން އަޅުގަނޑަށް އެނގޭ. އެއީވެސް ދެން އަޅުގަނޑުމެން މަސައްކަތް ޙަވާލުކުރަން ނުވާކަހަލަ މީސްމީހުންނާ މަސައްކަތް ޙަވާލުކުރީމާ ވާގޮތް. ދެން މިހާރު އަނެއްކާ މިއޮތީ އެމަސައްކަތް ކުރަން ޖެހިފައި. އަޅުގަނޑުމެންގެ ޒުވާން މިނިސްޓަރ، ހައުސިންގ އެންޑް އެންވަޔަރަންމަންޓް ޑޮކްޓަރ މުޢިއްޒު، މި ސަރަޙައްދަށް ނިސްބަތްވާ ބޭފުޅެއް ޑޮކްޓަރ މުޢިއްޒަކީ. އެމަނިކުފާނު އަޅުގަނޑަށް ޔަޤީންކޮށްދެއްވައިފި، މިއަހަރުގެ ތެރޭގައި ބަނދަރުގެ ވަށާފާރު އަލުން މަސައްކަތްކޮށް، އުސްކޮށްދެވޭނެ ކަމަށް. އެހެންވީމާ، އިރާދަކުރެއްވިއްޔާ، މިއަހަރު އެމަސައްކަތް ކުރެވޭނެ.

އާދެ! ދެން މިދެންނެވި ކަންކަން ކުރެވޭތޯ އަޅުގަނޑުމެން ބަލަމުން ގެންދާނަން. ދެން އޭގެއިތުރުން، ޞިއްޙީ ފަރުވާ ދިނުމުގައިވެސް އަޅުގަނޑަށް އެނގޭ، ގިނަ މަރްކަޒުތަކުގައި، ގިނަ ޞިއްޙީ މަރްކަޒުތަކުގައި މިހާރު ޓެސްޓް ކުރެވޭނެގޮތް ނުހުރޭ. އެހެންވީމާ، ޞިއްޙީ މަރްކަޒަށްވެސް ބޭނުންވާ ބައެއް ތަކެތި ހޯދައި، އެތަނުންވެސް މިހާރު ދެވޭވަރުގެ ރަނގަޅު ޚިދްމަތެއް ދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! މި ދެން ވަރަށްގިނަ ކަންކަން ހުރިކަން އަޅުގަނޑަށް އެނގޭ. އެހެން ނަމަވެސް، އިރާދަކުރެއްވިއްޔާ، މިދެންނެވި ކަންކަންވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަޅުގަނޑު އަދިވެސް އެއްފަހަރު، ތިޔަ ހުރިހާ ބޭފުޅުން، މިހާ ހޫނު ވަގުތެއްގައި ވަޑައިގެން، މިތާ ތިއްބެވީތީ، އަޅުގަނޑުމެންނާ ބައްދަލުކޮށް، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވެ، އަދި އަޅުގަނޑުމެންނާ ބައްދަލުކުރައްވަން މިތާނގައި ތިއްބެވީތީ، އަޅުގަނޑު ތިޔަ ހުރިހާ ފަރާތްތަކަށް އަދިވެސް އެއްފަހަރު ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، ކުމުންދުއަކީ އުޚުއްވަތްތެރި، އެއްބަނޑުއެއްބަފާ، އެއްބައިވަންތަ ރައްޔިތަކު އުޅޭ ތަނަކަށްވުން. އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަކީ، ދުޅަހެޔޮ ޞިއްޙަތެއްގައި ތިއްބެވި، ހިތްޕުޅުހަމަޖެހިގެން އުފަލުގައި ދިރިއުޅުއްވާ ބޭފުޅުންކޮޅަކަށްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه