ސަރުކާރުން ދެއްވާ ޚާއްޞަ އިނާމާބެހޭ ފަންނީ ކޮމިޓީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އެކުލަވާލައްވައި، މި ކޮމިޓީގެ ބޭފުޅުންނާ އެމަނިކުފާނު މިއަދު ބައްދަލުކުރައްވައިފިއެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިކޮމިޓީއަކީ ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކަށް، ސަރުކާރުން ކުރިން ދެއްވަމުން ގެންދެވި އިނާމު، ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމެއްގެ ގޮތުގައި، މިއަހަރުން ފެށިގެން ގަވާއިދުން ދެއްވަމުން ގެންދެވުމަށާއި، ރައީސުލްޖުމްހޫރިއްޔާ އެކުލަވައިލައްވާ ފަންނީ ކޮމިޓީއަކުން އިނާމުގެ ކަންތައްތައް ގެންދެވުމަށް، މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން ނިންމެވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ކޮމިޓީއެކެވެ.

މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، މާފަންނު މެރީލިއާ ޑޮކްޓަރ ޙަސަން ޙަމީދާއި، ހެންވޭރު ސަންދަރޯސްގޭ ޑޮކްޓަރ ޢަބްދުލްމުޙްސިން މުޙަންމަދާއި، މާފަންނު ބްލޫސްޓޯން ޑޮކްޓަރ އަޙްމަދު އަންވަރާއި، މާފަންނު ދާޝިން ޑޮކްޓަރ އިބްރާހީމް ޒަކަރިއްޔާ މޫސާ އާއި، ހެންވޭރު ކަނޑޫމާގޭ އާމިނަތު ރީނާއެވެ.

ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ރީތި ނަން ހޯދައިދޭ ފަރާތްތަކުގެ އަގު ސަރުކާރުން ވަޒަން ކުރައްވަން ބޭނުންފުޅުވާ ކަމަށާއި، މިއީ މަތީ ތަޢުލީމަށްވެސް ދެވޭ ވަރަށްބޮޑު ހިތްވަރެއް ކަމުގައި ވިދާޅުވިއެވެ. އަދި މި އިނާމު ދެއްވުމުގައި މިހާތަނަށް ބައްލަވަމުން ގެންދެވި އުޞޫލުތައް، މިކޮމިޓީން އަލުން ބައްލަވައި، ގެންނަވަން ފެނިވަޑައިގަންނަވާ ބަދަލުތަކެއް ގެންނެވުމަށާއި، ކޮމިޓީގެ ބޭފުޅުންނަކީ، މިކަމަށް ވަރަށް ޤާބިލް ބޭފުޅުން ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުން ދެއްވަމުން ގެންދެވި ޚާއްޞަ އިނާމަކީ، ރާއްޖެއިން ބޭރުގައި އޮންނަ ކޯސްތަކުން 1 ވަނަ ހޯދާ ދިވެހިންނަށާއި، ބޭރު ޤައުމުތަކުގައި ބާއްވާ އެކިއެކި މުބާރާތް ނުވަތަ މަޢުރަޒުފަދަ ކަންކަމުގައި، ދިވެހި ސަރުކާރުގެ ފަރާތެއް މެދުވެރިވެގެން ނުވަތަ ސަރުކާރުގެ ހުއްދައާއެކު، ނުވަތަ ރާއްޖޭގެ ނަމުގައި ބައިވެރިވެ، މަތީ ވަނައެއް ނުވަތަ އިނާމެއް ހޯދާ ފަރާތްތަކަށާއި އަދި ބައިނަލްއަޤްވާމީ ދާއިރާގައި ރާއްޖެއަށް ރީތި ނަމަކާއި ޝަރަފެއް ހޯދާ ފަރާތްތަކަށެވެ.

މި އިނާމު ދެއްވަން ފުރަތަމަ ފެށްޓެވީ، ރައީސް މައުމޫންގެ ދައުރުގައި، 1985 ވަނަ އަހަރުއެވެ. 2007 ވަނަ އަހަރުގެ ނިޔަލަށް ކޮންމެ އަހަރަކު މި އިނާމު ދެއްވަމުން ގެންދަވާފައިވެއެވެ. ރައީސް ނަޝީދު ސަރުކާރުން ހަމަޖެއްސެވީ، މި އިނާމު އެކަމަކާ ގުޅޭ ސަރުކާރުގެ އިދާރާއަކުން ދެއްވަމުން ގެންދެވުމަށާއި، ވަކި މުނާސަބަތެއް ފާހަގަކުރެއްވުމަށް، އެ ދާއިރާއަކުން ބާއްވަވާ ޖަލްސާއެއްގައި ނުވަތަ އެ ދާއިރާއަކުން ބާއްވަވާ އެހެން ރަސްމިއްޔާތެއްގައި ނުވަތަ ޙަފްލާއެއްގައި މި އިނާމު ދެއްވުމަށެވެ. އެހެންނަމަވެސް، މި އިނާމު ގަވާއިދުން ދެއްވަމުން ނުގެންދަވާތީ، އަލުން މި އިނާމު ދެއްވަން ފެށްޓެވުމަށް ނިންމެވީއެވެ.