ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް އުފައްދަވައި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ހިއުމަން ރައިޓްސް ކަމުގެ މަގާމަށް، އައްޑުއަތޮޅު ހުޅުދޫ ގޯރަންވިލާ އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދު، ޢައްޔަން ކުރައްވައި، އެކަމަނާއަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

އަލްއުސްތާޛާ ފާޠިމަތު ދިޔާނާ ސަޢީދަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެކަމަނާ ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.