ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، މިނިސްޓްރީ އޮފް ހެލްތް އެންޑް ފެމިލީގެ ނަން މިނިސްޓްރީ އޮފް ހެލްތްގެ ނަމަށް ބަދަލުކުރައްވައި، މިނިސްޓަރ އޮފް ހެލްތް ކަމުގެ މަގާމަށް، ހެންވޭރު ވެހެލި ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފިއެވެ.

ޑޮކްޓަރ އަޙްމަދު ޖަމްޝީދު މުޙަންމަދަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެމަނިކުފާނު ވަޒީރުންގެ މަޖިލީހުގެ މެންބަރުކަމުގެ ހުވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޢަރީފްގެ ކުރިފުޅުމަތީގައި ކުރެއްވިއެވެ. ހުވާކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވިއެވެ.