بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިއަދު އަޅުގަނޑަށް ދަޢުވަތު ދެއްވި ކަމަށްޓަކައި، ފުލުހުންގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑށް ޝުކުރު ދަންނަވަން. އަދި މި ފުރްޞަތުގައި، އަޅުގަނޑުގެ އުފާވެރި ވާޖިބަކީ، ތިޔަބޭފުޅުން ޤައުމަށްޓަކައި ކުރައްވަމުން ތިޔަ ގެންދަވާ އަގުހުރި ޚިދްމަތަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދެންނެވުން.

އާދެ! ދިވެހި ފުލުހުންނާއި ސިފައިން، ދިވެހިރާއްޖޭގައި އަމަންއަމާންކަން ޤާއިމްކޮށް، ރާއްޖޭގެ މުޖުތަމަޢަކީ، އަމާން ތަނެއް ކަމުގައި، ސަލާމަތް ތަނެއް ކަމުގައި ހެއްދެވުމަށްޓަކައި، ތިޔަ ކުރައްވާ މަސައްކަތަކީ، އަޅުގަނޑު ދެކޭގޮތުގައި، ވަރަށްބޮޑު ޤައުމީ ޚިދްމަތެއް. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް ވަރަށް ނުތަނަވަސްކޮށް، ވަރަށް އުނދަގޫފުޅުވާ ކަހަލަ ބަސްތަކުން މުޚާޠަބު ކުރުމާއި، އުނދަގޫ ކުރުމުގެ ޙަރަކާތްތައް، ބައެއް ރަށްރަށުގައި ހިންގަމުން އެބަގެންދޭ. އެހެން ނަމަވެސް، އެއަށް ބެއްލެވުމެއްނެތި، ތިޔަބޭފުޅުން ސާބިތުކަމާއެކީގައި، ޚިދްމަތް ކޮށްދެއްވަމުން ގެންދަވާކަމީ، ތިޔަބޭފުޅުން ކުރައްވާފައިވާ ހުވައާ އެއްގޮތްވާ ގޮތުގެ މަތިން، ތިޔަބޭފުޅުން ޤައުމަށް އިޚްލާޞްތެރިކަމާއެކީ ކުރައްވަމުން ގެންދަވާ މަސައްކަތެއް.

އާދެ! އަޅުގަނޑުމެން، އަޅުގަނޑުމެންގެ ރައްޔިތުންގެ ސަލާމަތާއި، އަމަންއަމާން ކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، ޤާނޫނީ ޙުދޫދުގެ ތެރެއިން އަޅުގަނޑުމެންޖެހޭނީ ކުރަން. އެކަން އެހެން ކުރަންވާނީ އިންސާނީ ޙައްޤުތަކުގެ އުޞޫލުތަކާ އެއްގޮތްވާ ގޮތަށް، އަޅުގަނޑުމެން ޢަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތަށް. ނަމަވެސް، ސާބިތުކަމާއެކީގައި. ތަނެއްގައި އަމަންއަމާންކަން ޤާއިމް ނުކުރެވިއްޖެނަމަ، އެތަނެއްގެ މުޖްތަމަޢު ހަލާކުވެގެން ހިނގައިދާނެ. އެހެންވީމާ، ޤާނޫނު ކުރިއަށް ގެންދިޔުމަށްޓަކައި، ޤައުމުގައި ހަމަޖެހޭ، އަމާން ވެށްޓެއް ޤާއިމް ކުރެއްވުމަށްޓަކައި ތިޔަބޭފުޅުން ތިޔަކުރައްވާ މަސައްކަތަކީ، ހަމައެކަނި ތިޔަބޭފުޅުންގެ ދާއިރާއަށް ކުރަންޖެހޭ ކަމެއް ނޫން. މުޅި ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި، ތަރައްޤީއަށްޓަކައި ތިޔަބޭފުޅުން ކޮށްދެއްވާ މަސައްކަތެއް ކަމުގައި އަޅުގަނޑު ގަބޫލުކުރަން.

އާދެ! އެހެންވީމާ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުން ތިޔަ ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރަން. ހަމައެއާއެކީގައި، ތިޔަބޭފުޅުންނާ ބެހޭގޮތުން އެކިއެކި މީސްމީހުން ދައްކާ ނޭދެވޭ، ޖެއްސުމުގެ ވާހަކަތައް އަޅުގަނޑު ވަރަށް ހަރުކަށިކޮށް، ވަރަށް ހަރުކަށި ޢިބާރާތަކުން ކުށްވެރި ކުރަން. އަޅުގަނޑަށް އެނގޭ، ތިޔަބޭފުޅުންނާއި ތިޔަބޭފުޅުންގެ ޢާއިލާތަކަށް އުނދަގޫތައް ކުރަމުން ގެންދާކަން. އަދި ތިޔަބޭފުޅުންނަށްވެސް އަޅުގަނޑުމެން ދޭންޖެހޭ ޙިމާޔަތް ދިނުމުގައި، އަޅުގަނޑުމެން އެބަޖެހޭކަން އިތުރަށް މަސައްކަތްތަކެއް ކުރަން. އެގޮތުން، ތިޔަބޭފުޅުންގެ ވަޒީފާ އަދާކުރުމުގައި، ތިޔަބޭފުޅުންނަށް ލިބިދޭންޖެހޭ އެހީތެރިކަން އެއީ، ތިޔަބޭފުޅުން ބޭނުންކުރައްވަން ހުންނަ އާލާތްތަކުގެ ގޮތުން ނަމަވެސް، އަދި ތިޔަބޭފުޅުން ބޭނުންކުރައްވާ ވެހިކަލް، ނޫނީ ސައިކަލް، ކާރުފަދަ ތަކެތި ކަމުގައިވިނަމަވެސް، މިގޮތްގޮތުން ތިޔަބޭފުޅުންނަށް ދޭންޖެހޭ އެހީތެރިކަން ފުރިހަމަކުރުމަށްޓަކައި ސަރުކާރުގެ ފަރާތުން މަސައްކަތް ކުރައްވަމުން ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! މިވޭތުވެދިޔަ ތިންމަސް ދުވަހަކީ މިއީ ވަރަށް އުނދަގޫ ދުވަސްވަރެއް، ހުރިހާ ފުލުހުންނަށްވެސް. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކެއްގައި ތިބި ފުލުހުންނަށްވެސް. އެހެން ނަމަވެސް، ތިޔަބޭފުޅުން ދައްކަވާފައިވަނީ ވަރަށް ސާބިތުކަމާއި، ކެތްތެރިކަމާއި އަދި ތިޔަބޭފުޅުންގެ އަބުރުވެރިކަން. އެހެންވީމާ، އެކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

ތެދެއް، ބައެއްފަހަރު، އެންމެފަހަރަކު ދެފަހަރަކު އެބަހުރި އަޅުގަނޑުމެން އެންމެން އެދޭގޮތް ނޫން ގޮތަށް ކަންތައް ކުރެވިފައި. އަޅުގަނޑަށް އަންޑަރސްޓޭންޑްވޭ، އެކަން އެހެން ވާންޖެހޭ ސަބަބުތައް. އެހެން ނަމަވެސް، މުސްތަޤްބަލުގައި އަޅުގަނޑު ޔަޤީންކުރަން، ތިޔަބޭފުޅުން، ތިޔަބޭފުޅުންގެ ވާޖިބުތައް އަދާކުރައްވަމުން ގެންދަވާއިރުގައި، ތިޔަބޭފުޅުންގެ އެއްބާރުލުން ލިބޭނެ ކަމަށް. އަދި ތިޔަބޭފުޅުންގެ މަސައްކަތުގައި، ކެތްތެރިކަމާއި، އެއްބައިވަންތަކަމާއި، އެއްބާރުލުމާ އެކީގައި، އެއް ފޯސްއެއްގެ ގޮތުގައި، ހުރިހާ ބޭފުޅުންވެސް މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު ޔަޤީންކުރަން.

އަޅުގަނޑު ތިޔަބޭފުޅުންނަށް އަދިވެސް އެއްފަހަރު ޔަޤީންކޮށް އަރުވަން، ތިޔަބޭފުޅުންގެ ޕްރޮފެޝަނަލް ވާޖިބު އަދާކުރެއްވުމުގައި، ތިޔަބޭފުޅުން ކުރައްވަންޖެހޭ މަސައްކަތްތައް ބަރާބަރަށް ކުރައްވަމުން ގެންދަވާއިރުގައި، ތިޔަބޭފުޅުންނެއް ޤާނޫނާއި ގަވާއިދާ ޚިލާފަކަށް، އަޅުގަނޑުގެ ފަރާތަކުންނެއް، ނުވަތަ އަދި ހަމަ އަޅުގަނޑުގެ ސަރުކާރުގެ މިނިސްޓަރުންގެ ފަރާތްޕުޅަކުންވެސް ތިޔަބޭފުޅުންނަކަށް އެއްވެސް އިރުޝާދެއް ނުދާނެ.

އަޅުގަނޑުމެން ތިޔަބޭފުޅުންނަށް ދަންނަވަން އޮތް އެއްޗެއް ދަންނަވާނީ، ޤާނޫނާއި ގަވާއިދުގެ ތެރެއިން. ރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑު ތިޔަބޭފުޅުންނަށް އަރުވަން. އަޅުގަނޑު އެދެން، އަޅުގަނޑުމެންގެ ފުލުހުންގެ ފެންވަރު މަތިކުރުމަށްޓަކައި، އިތުރު ކޯސްތައް ރާއްވަވައިގެން ހިންގަވަން ފަށްޓަވަން. ފުލުހުންނަށް މިހާރު އަލަށް ރެކްރޫޓް ކުރެވޭ ފުލުހުންވެސް، ވީހާވެސް އަވަހަކަށް އެމީހުންގެ ޑިޔުޓީއަށް ނެރުއްވުމަށްޓަކައި ކުރައްވަންހުރި މަސައްކަތްތަކެއް ވަރަށް އަވަސް ސްޕީޑެއްގައި ކުރިއަށް ގެންގޮސްދެއްވަން. ދެން މިހާރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށަށް މިވަނީ ފުލުހުންގެ ޚިދްމަތް ބޭނުންވެފައި. އެހެންވީމާ، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި، ބައެއްކަހަލަ ރަށްރަށުގައި، ފުލުސް ޕޯސްޓް ތަޢާރުފް ކުރަން އެބަޖެހޭ. އެކަން ކުރެވޭނީ، އަޅުގަނޑުމެންނަށް އިތުރަށް ފުލހުންވެސް ލިބިގެން. އެހެންވީމާ، އެކަމުގައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެން މިގެންދަނީ ކުރަމުން. މިހާރު ވަނީ އިތުރު 200 ފުލުހުން ރެކްރޫޓު ކުރުމުގެ މަސައްކަތް ފެށިފައި. އަދި އުންމީދު ކުރެވޭ ގޮތުގައި، އަޅުގަނޑު މަސައްކަތް ކުރާނީ އަދިވެސް އިތުރަށް ފުލުހުން އިތުރުކުރެވޭތޯ.

ޤައުމުގެ އަމާންކަން ޤާއިމް ކުރުމަށް އަޅުގަނޑުމެން މިހާރު މިއޮތީ ވަރަށް އިސްކަމެއް ދޭން ޖެހިފައި. އެހެންވީމާ، އެކަމުގައި އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުންދާނެ ވާހަކަ ދަންނަވަން. އަދިވެސް އެއްފަހަރު، ތިޔަބޭފުޅުން ތިކޮށްދެއްވާ އަގުހުރި ޚިދްމަތަށްޓަކައި، އަޅުގަނޑު ތިޔަބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން. ވަރަށް ބޮޑަށް ޝުކުރިއްޔާ، އަޅުގަނޑަށް މިއަދު ދަޢުވަތު ދެއްވި ކަމަށްޓަކައި.

والســّلام عليــكم ورحـمــة اللّـه وبـركاتـه