ސިފައިންނާއި ފުލުހުންނާ ބެހޭގޮތުން އެކިފަރާތްތަކުން ދައްކަމުން ގެންދާ ނޭދެވޭ ވާހަކަތައް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު، ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިވާހަކަތައް ކުށްވެރި ކުރެއްވީ، ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްރަށަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި، ކުޅުދުއްފުށީގައި ތިއްބަވާ ފުލުހުންނާއި ސިފައިންނާ ބައްދަލުކުރައްވައި، ރޭ އިރާކޮޅު ވާހަކަފުޅު ދައްކަވަމުންނެވެ. ސިފައިންނާއި ފުލުހުންގެ ޢާއިލާތަކަށްވެސް އުނދަގޫ ކުރަމުން ގެންދާކަން ފާހަގަކުރައްވަމުން، ސިފައިންނާއި ފުލުހުންނަށް ދޭންޖެހޭ ޙިމާޔަތް ދިނުމުގައި، އިތުރަށް މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިގޮތުން ދެއްވަންޖެހޭ އެހީތެރިކަން ދެއްވައި، އެކަންކަން ފުރިހަމަކުރެއްވުމަށްޓަކައި ކުރައްވަންޖެހޭ މަސައްކަތްތައް، ސަރުކާރުގެ ފަރާތުން ކުރައްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން، ފުލުހުންނަށާއި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިވޭތުވެދިޔަ ތިންމަސް ދުވަހަކީ، ފުލުހުންނަށްވެސް ވަރަށް އުނދަގޫ ދުވަސްވަރެއްކަން ބަޔާންކުރައްވަމުން، މިއުނދަގޫތަކާ އެކުގައިވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި ފުލުހުން ދައްކަވާފައިވާ ކެތްތެރިކަމާއި، ސާބިތުކަމާއި، އަބުރުވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި އަމަންއަމާންކަން ޤާއިމް ކުރައްވައި، ރާއްޖެއަކީ އަމާން އަދި ސަލާމަތް ތަނެއް ކަމަށް ހެއްދެވުމަށްޓަކައި، ދިވެހި ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ވަރަށްބޮޑު ޤައުމީ ޚިދްމަތެއް ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންގެ ސަލާމަތާއި އަމަންއަމާންކަމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް، ޤާނޫނީ ޙުދޫދުގެ ތެރެއިން އަޅުގަނޑުމެން ކުރަންޖެހޭނެ ކަމަށާއި، އެހެން އެކަން ކުރަންވާނީ، އިންސާނީ ޙައްޤުތަކާ އެއްގޮތްވާ ގޮތަށް ސާބިތުކަމާ އެކީގައި ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ފުލުހުންނާއި ސިފައިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަގު ވަޒަން ކުރައްވާ ކަމަށާއި، ފުލުހުންނާއި ސިފައިން ކުރައްވާ މަސައްކަތަކީ، މުޅި ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި ކުރައްވާ މަސައްކަތެއް ގަބޫލުފުޅު ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.