ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީގައި އެސް.ޓީ.އޯ.ގެ ބޭސްފިހާރައެއް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު މިއަދު މެންދުރުފަހު ހުޅުއްވައިދެއްވައިފިއެވެ.

ބޭސްފިހާރަ ހުޅުއްވައިދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ބޭސްފަރުވާގެ އެހީ ރައްޔިތުންނަށް އަތްފޯރާ ހެޔޮ އަގެއްގައި ލިބުމަކީ، ވަރަށް މުހިންމު ކަމެއްކަން ފާހަގަކުރެއްވިއެވެ. އަދި މިއަދު މި ހުޅުވުނު ބޭސްފިހާރައިން ކުޅުދުއްފުށީގެ އިތުރުން، ސަރަޙައްދުގެ އެހެން ރަށްރަށަށްވެސް ބޭހުގެ ޚިދްމަތް ދެއްވާ ގޮތަށް އެސް.ޓީ.އޯ.އިން ހަމަޖައްސަވާފައިވާތީ، އެކަމާ ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދެއްކަވަމުން، ބޭނުންވާ ބޭސް ވަރަށްގިނަ ރަށްރަށުން ނުލިބޭ ކަމަށާއި، ޚާއްޞަކޮށް، އާސަންދަ ޕްރޮގްރާމްގެ ދަށުން ބޭސް ހޯދުމަށްދާއިރު، ބޭސް ހިލޭ ލިބެން ނުހުންނަ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެސް.ޓީ.އޯ.ގެ ބޭނުމަކީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް، އެ ހޯދޭވަރުގެ އަގެއްގައި ރައްޔިތުންނަށް ފޯރުވައިދިނުމެވެ. އަދި އެ މަޤްޞަދަށްޓަކައި އެސް.ޓީ.އޯ. އިން މަސައްކަތް ކުރައްވައި، ބޭހުގެ ޚިދްމަތް ފުޅާކުރައްވަމުން ގެންދަވާތީ، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ ޝާހިދު ޢަލީއަށާއި، ކުންފުނީގެ ހުރިހާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުޅުދުއްފުށީ ބޭސްފިހާރައިގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންވެސް، ރައްޔިތުންނަށް ވަރަށް އޯގާތެރިކަމާ އެކީގައި، ވަރަށް ފަރުވާތެރިކަމާ އެކީގައި ޚިދްމަތް ދެއްވަމުން ގެންދެވުމަށް އެދިވަޑައިގެންނެވިއެވެ. އަދި ކުއްލިއަކަށް ބޭސް ހޯދަން ޖެހިއްޖެ ހިނދެއްގައިވެސް، ބޭސްފިހާރަ ބަންދުކޮށްފައި ހުއްޓަސް، ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.