بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، މިނިސްޓަރ އޮފް ހޯމްއެފެއާޒް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް، އެސް.ޓީ.އޯ.ގެ މެނެޖިންގ ޑިރެކްޓަރ، ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އެސް.ޓީ.އޯ.ގެ ވެރިން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މާލެއިން ބޭރުގައި، އެސް.ޓީ.އޯ.ގެ ފަރާތުން ފުރަތަމަ ހުޅުއްވާ ބޭސްފިހާރަ، ކުޅުދުއްފުށީގައި ހުޅުވުމުގެ ނަޞީބު އަޅުގަނޑަށް ލިބުނު ކަމަށްޓަކައި، އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރު ކުރަން.

އާދެ! ބޭސްފަރުވާގެ އެހީ ރައްޔިތުންނަށް، ރައްޔިތުންނަށް އަތްފޯރާ ހިސާބުގައި، ހެޔޮ އަގެއްގައި ލިބުމަކީ އެއީ ވަރަށް މުހިންމު ކަމެއް. އެގޮތުން، މިއަދު މިހުޅުވުނު މަރްކަޒަކީ މިއީ ހަމައެކަނި ކުޅުދުއްފުށްޓަށް ޚިދްމަތްދޭ މަރްކަޒެއްގެ އިތުރުން، މިހިސާބުގަނޑުގެ އެހެން ރަށްރަށަށްވެސް ބޭހުގެ ޚިދްމަތް ދެއްވާނެ ވާހަކަ އިވުމުން، އަޅުގަނޑު ވަރަށް ބޮޑަށް އުފާކޮށްފިން. އެއީ ވަރަށްގިނަ ރަށްރަށުގައި ބޭނުންވާ ބޭސް ރަނގަޅަށް ލިބޭކަށް ނުހުރޭ. އަދި ޚާއްޞަކޮށް މިހާރު އާސަންދަ ޕްރޮގްރާމްގެ ދަށުން ބޭސް ހޯދުމަށްޓަކައި ދާއިރުގައި، އެބޭނުންވާ ބޭސް ހިލޭ ލިބޭކަށް ނުހުރޭ. އެހެންވީމާ، އެސް.ޓީ.އޯ.ގެ ފިހާރައެއް ހުޅުވިގެން، ބޭސް ޢާންމުކޮށް ލިބޭގޮތްވުމަކީ، އެއީ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު އުފަލެއް. އެސް.ޓީ.އޯ.ގެ ބޭނުމަކީ ރައްޔިތުންނަށް ބޭނުންވާ އަސާސީ މުދާ، އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް، އެހޯދޭވަރުގެ އަގެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުން. މި މަޤްޞަދުގައި ސަރުކާރުގެ ފަރާތުން ކުންފުންޏެއް އުފައްދާފައި މިވަނީ. އެހެންވީމާ، އެ މަޤްޞަދަށްޓަކައި މަސައްކަތް ކުރައްވައި، ބޭހުގެ ޚިދްމަތްވެސް ފުޅާކުރައްވަމުން ގެންދަވާ ކަމަށްޓަކައި އަޅުގަނޑު މެނެޖިންގ ޑިރެކްޓަރަށާއި އަދި އެސް.ޓީ.އޯ.ގެ ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

މި ބޭސްފިހާރައަކީ ވަރަށް ރީތި ބޭސްފިހާރައެއް. އެހެންވީމާ، ކުޅުދުއްފުށީގެ ރައްޔިތުންނަކީ ވަރަށް ނަޞީބުގަދަ ބައެއް. އެހެންވީމާ، އިރާދަކުރެއްވިއްޔާ މީގެފަހުން މިތަނުން ރައްޔިތުންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ބޭސް، ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި މި އާ ބޭސްފިހާރައިގައި، މިހާ ރީތި ތަނެއްގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންވެސް، ރައްޔިތުންނަށް ވަރަށް އޯގާތެރިކަމާ އެކީގައި، ވަރަށް ފަރުވާތެރިކަމާ އެކީގައި ޚިދްމަތް ދެއްވަމުން ގެންދަވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި ކުއްލިއަކަށް ބޭސް ހޯދަން ޖެހިއްޖެ ހިނދެއްގައިވެސް، މިތަން ބަންދުކޮށްފައި ހުއްޓަސް، ބޭސް ލިބޭނެ އިންތިޒާމެއް ހަމަޖައްސަވާފައި އޮތުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން. އެއީ ބޭހަކީ އޮފީސް ހުޅުވާފައި ހުންނަ ވަގުތު ހަމައެކަނި ލިބެން ހުންނަ އެއްޗަކަށްވެގެން ކަމަކުނުދާނެ. އެހެންވީމާ، މި ޚިދްމަތް ރައްޔިތުންނަށް ފަސޭހައިން ލިބޭނެ ގޮތަކަށް ހަމަޖައްސަވައިދެއްވާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދިވެސް އެއްފަހަރު، މިފަދަ މަސައްކަތެއް އެސް.ޓީ.އޯ.ގެ ފަރާތުން އިސްނަންގަވައިގެން ކުރެއްވި މެނެޖިންގ ޑިރެކްޓަރ ޝާހިދަށް އަޅުގަނޑު ޝުކުރު ދަންނަވަން. މަރްޙަބާ ޝާހިދު.

އަޅުގަނޑު އެދެނީ، ކުޅުދުއްފުށީގެ ހުރިހާ ރައްޔިތުންނަށް މާތްރަސްކަލާނގެ ރަޙްމަތް ލެއްވުން. މާތްﷲ ހުރިހާ އެންމެންނަށް ހެޔޮ ރަޙްމަތާއި، ދުޅަހެޔޮ ޞިއްޙަތު މިންވަރު ކުރެއްވުން. ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه