بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ނޮޅިވަރަންފަރުގެ ޢިއްޒަތްތެރި އަޚުންނާއި އުޚުތުން، ރަށު ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުން، ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން. އަދި އަޅުގަނޑާ އެކީގައި، މިދަތުރުގައި ބައިވެރިވެވަޑައިގެންނެވި ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! އަޅުގަނޑުގެވެސް އެންމެ ފުރަތަމަ ވާޖިބަކީ މިއަދު މިހާ ހޫނު ވަގުތެއްގައި، އަޅުގަނޑުމެންނަށް މަރްޙަބާ ކިޔުމުގެ ގޮތުން، މިރަށުގެ ވަރަށްގިނަ ޢަދަދެއްގެ ކުދި ބޮޑު އެންމެން ނުކުމެ، އަޅުގަނޑުމެންނަށް މަރްޙަބާ ވިދާޅުވި ކަމަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް ފުން، އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ތިޔަބޭފުޅުންނަށް ޝުކުރު ދަންނަވަން.

އާދެ! މިރަށަށް އަޅުގަނޑަށް ދެތިންފަހަރަކު އާދެވިއްޖެ. އަދި ރަށުގެ އަލަށް އާބާދީވާ ހިސާބުގައި މަސައްކަތް ދާނުދާގޮތް ބަލައިލުމަށްޓަކައި އަޅުގަނޑު މިރަށަށް ދާދިފަހުންވެސް އައިން. ވީމާ، މިރަށުގެ ކަންތައް ކުޑަކޮށް އަޅުގަނޑަށް އެނގޭ. އަދި ދާދިފަހުން ރަށުގެ ކައުންސިލްވެސް މާލެ ދުރުވެ، އަޅުގަނޑާ ބައްދަލުކުރައްވައި، ރަށުގެ ޙާލަތު ހުރިނެތްގޮތް އޮޅުންފިލުއްވައިދެއްވި. އެހެންވީމާ، މިދަތުރުގައި އަޅުގަނޑު މިރަށަށް އައިއިރު، މިރަށުގެ ކަންތައް ކޮންމެވެސްވަރަކަށް އަޅުގަނޑަށް އޮތީ ސާފުކުރެވިފައި.

ދެންމެ އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރ އެ ވިދާޅުވިފަދައިން، އާބާދީ އެއްފަސްކުރުމަކީ މި ޤައުމުގެ މުސްތަޤްބަލުގައި ވަރަށް މުހިންމު ސިޔާސަތެއް. ރައްޔިތުންނަށް ލިބިދޭންޖެހޭ އަސާސީ ޚިދްމަތްތައް ލިބިދީ، ރައްޔިތުން ތަރައްޤީވުމަށްޓަކައި ބޭނުންވާ ހުރިހާ ކަންކަމެއް ހަމަޖައްސައިދެވޭނީ، ވަކިވަރެއްގެ އާބާދީއެއް އޮންނަ ތަންތާނގައި. ވަރަށް ކުދިކުދި ރަށްރަށް އެބަހުރި. ވަރަށް ކުދިކުދި އާބާދީ ހުރި ރަށްރަށް އެބަހުރި. އެރަށްރަށުގައިވެސް އަޅުގަނޑުމެން އެބަޖެހޭ އަސާސީ ޚިދްމަތްތައްދޭން. އެހެން ނަމަވެސް، އެއްވެސް ސަރުކާރަކަށް ކުރެވޭވަރު ކަމެއް ނޫން، އެފަދަ ކުޑަކުޑަ ރަށެއްގައި ބޮޑު ސްކޫލެއް އެޅުމަކީ ނުވަތަ މަތީ ފެންވަރުގެ ޚިދްމަތްދެވޭ ހޮސްޕިޓަލެއް ހެދުމަކީ. ނޫނީ ޔުނިވަރސިޓީއެއް ހެދުމަކީ މިއީ ކުރެވޭނެ ކަންތައްތަކެއް ނޫން. އެހެން ނަމަވެސް، އެރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް، ޚާއްޞަކޮށް، ކުޑަކުދިންނާއި ޒުވާނުންނަށް އެބަޖެހޭ ފުރްޞަތުތައް އޮންނަން. އޭރުން އެކުދިންނަށް ތަރައްޤީވެވޭނީ. އެހެންވީމާ، މިވިސްނުމުގެ ދަށުން ސަރުކާރުގެ ފަރާތުން މިހާރު އާބާދީ ބޮޑުކުރުމަށްޓަކައި، އެއްރަށުން އަނެއް ރަށަށް މީހުން ބަދަލުކޮށް، ދޭންޖެހޭ ޚިދްމަތްތައް ދިނުމުގެ މަސައްކަތް ފަށައިގެން އުޅޭތާ ދުވަސްތަކެއް ވެއްޖެ މިހާރު. އެގޮތުން އެކުރެވުނު މަސައްކަތް ފެންނަން އޮތް އެއްރަށް މިރަށަކީ. ތިން ރަށެއްގެ ރައްޔިތުން މިރަށަށް ގެނެވިއްޖެ. ނަމަވެސް، އަދި ކުރަންޖެހޭ ކިތަންމެ ބައިވަރު މަސައްކަތްތަކެއް އެބަހުރި.

އެންމެ ފުރަތަމަ ކަމަކީ، މިރަށަށް ގެނެވުނު ރައްޔިތުންގެ ތެރެއިން މިހާތަނަށް އަދި ގެދޮރު ލިބިފައިނުވާ ރައްޔިތުންނަށް ގެދޮރު ހޯދައިދިނުން. އަޅުގަނޑުމެން މިހާރު މި ޤަޞްދުކުރަނީ، މިރަށުގައި އަދި އިތުރު 100 ގެ ޢިމާރާތް ކުރަން. މި މަސައްކަތް ކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން މިގެންދަނީ ޗައިނާ ސަރުކާރާ ވާހަކަ ދައްކަމުން. އިރާދަކުރެއްވިއްޔާ، މާލަހެއްނުވެ އެކަން ހަމަޖެހިގެންދާނެ.

ދެން އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ހަމަ މިރަށުގައި މިހާރު ނަރުދަމާގެ ޚިދްމަތް ލިބެނީ އެއް އަވަށަކަށް. އެހެން ރައްޔިތުންވެސް ވަރަށް ބޮޑަށް އިންތިޒާރުކޮށްގެން މިތިބީ، ނަރުދަމާގެ ޚިދްމަތް ލިބޭނެ ކަމަށް އަވަހަށް. އެހެންވީމާ، އެކަން އަވަސް ކުރުމަށްޓަކައި އަޅުގަނޑު އުންމީދު ކުރަން، ހަމަ މިއަހަރުވެސް ނަރުދަމާގެ މަސައްކަތް މިއަހަރު ޖޫންގައި ފެށިގެންދާނެ ކަމަށް.

އާދެ! އަޅުގަނޑަށް އެނގޭ، މިސްކިތްވެސް ޢިމާރާތްކުރަންޖެހޭ މިރަށުގައި. އެއީ އަޅުގަނޑު ކުރީ ދަތުރުގައި، މިރަށުތެރޭގައި ހިނގާލުމުން އަޅުގަނޑަށް އެނގިއްޖެ، ވަރަށް ދުރަ ހިންގަވާފައި މިސްކިތަށް ދުރުވަންޖެހޭކަން ބައެއް ބޭފުޅުން. އެހެންވީމާ، ތަންކޮޅެއް ކައިރީގައި މިސްކިތެއް ހުންނާނެ ގޮތަކަށް، މިރަށުގެ އިތުރު މިސްކިތް އެބަ ޢިމާރާތް ކުރަންޖެހޭ. އެކަމުގައި އަޅުގަނޑު މިހާރުވާނީ އިސްލާމިކް މިނިސްޓްރީއާ ވާހަކަ ދައްކާފައި. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާ. އެ މިނިސްޓްރީގެ މިސްކިތް ޢިމާރާތް ކުރުމުގެ ޕްރޮގްރާމްގެ ތެރޭގައި، މިރަށުގައިވެސް މިސްކިތް ޢިމާރާތް ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! އެއްވެސް ރަށެއް ދޫކޮށް ބަޔަކު އެހެން ރަށަކަށް ހިޖުރަކުރާނީ ވަރަށް ފޮނި އުންމީދުތަކެއް ހުރެގެން. އެހެން ނޫނިއްޔާ ކޮންމެހެން ރަށް ދޫކޮށްފައި، އެހެން ތަނަކަށް ދިޔުމުގެ މާބޮޑު ބޭނުމެއް ނެތް. އެހެން ކުރެވޭ އުންމީދުތަކުގެ ތެރޭގައި، އެންމެބޮޑު އެއް އުންމީދަކީ، އަޅުގަނޑު ދެކޭގޮތުގައި، އެބައެއްގެ ތުއްތު ކުދިންނަށް ފުރިހަމަ ޞިއްޙަތާއި ތަޢުލީމް. އެހެންވީމާ، މިރަށުގެ ސްކޫލާއި، މިރަށުގެ ޞިއްޙީ މަރްކަޒު އެބަޖެހޭ ތަންކޮޅެއް ރަނގަޅު ކުރަން. އަޅުގަނޑު މިއަދު ސްކޫލްވެސް ބަލާނަން. އަދި ޞިއްޙީ މަރްކަޒުވެސް ބަލާނަން. ބަލާފައި މިތަންތަނަށް ކުރަންޖެހޭ ކަންކަން އިރާދަކުރެއްވިއްޔާ، މިކަމާބެހޭ ވުޒާރާތަކާ ގުޅައިގެން ދާދި އަވަހަށް މިކަންތައް ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު މަސައްކަތް ފަށާނެ ވާހަކަ ދަންނަވަން.

އާދެ! ދެން ރައްޔިތުންނަށް ހަމަ ވަރަށްބޮޑުވެފައި އޮތް ކަމެއް ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބިފައި މިއޮތީ، މިރަށަށް ބަދަލުވެވަޑައިގެންނެވި ބޭފުޅުންގެ ރުއްގަހަށް ބަދަލު ހޯދުމުގެ ކަންތައް. މިކަމާބެހޭ މަޢުލޫމާތު މިހާރުވަނީ ލިބިފައި. މިނިސްޓްރީ އޮފް ހޯމްއެފެއާޒަށް އެއާބެހޭ މަޢުލޫމާތު ވަނީ ގޮސްފައި. އެކަމާ ބެހޭގޮތުން މިހާރު ބަލަންޖެހޭ ބެލުންތައް ބައްލަވަމުން އެ ގެންދަވަނީ. އެއަށްފަހުގައި، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުވެ، އެކަންވެސް ހަމަޖެހޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. ފުދޭވަރެއްގެ ޚަރަދެއް އެކަމަށް އެބަ ހިނގާ. އަޅުގަނޑަށް މަޢްލޫމާތު ލިބިފައިވާ ގޮތުގައި، ގާތްގަނޑަކަށް އަށް މިލިއަން ރުފިޔާވަރު އެއަށް އެބައަރާ. އެހެންވީމާ، އެފައިސާ އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ، މިއަހަރުގެ ބަޖެޓްގައި ހިމެނިފައި ހުރި ކަމަކަށް. އެހެންވީމާ، އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ނަމަވެސް، އެކަންވެސް މާލަސްތަކެއްނުވެ ކުރެވޭނެ ގޮތެއްވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އެކަން ދެން ހުރިހާ އެންމެންނަށް އެއްފަހަރާ ހަމަނުޖެހުނަސް، އެކަން މިއަހަރުވެސް ފަށައިގަނެވޭނެ ގޮތެއް ވެއްޖިއްޔާ ފަށައިގަންނާނެ ވާހަކަ ދަންނަވަން.

މިދެންނެވީ އަޅުގަނޑަށް ފާހަގަކުރެވިފައި ހުރި ބައެއް ބޮޑެތި ކަންތައްތަކުގެ ވާހަކަ. މިކަން އެބަ ކުރަންޖެހޭ. އޭރުން މިރަށުގައި ހިތްހަމަޖެހިގެން ހުރިހާ ބޭފުޅުންނަށްވެސް އުޅުއްވޭނީ. ދެން އަޅުގަނޑު ބައެއް ކުދި ރަށްރަށަށް މިހާރު އެބަދަން، މި މަޤާމާ އަޅުގަނޑު ޙަވާލުވިފަހުން. އެގޮތުން، ތިންސަތޭކަ މީހުން، ހަތަރުސަތޭކަ މީހުން އުޅޭ ބައެއް ރަށްރަށަށް ދެވިއްޖެ. ދިޔައިރުގައި އެރަށްރަށުގެ ރައްޔިތުން ކަންބޮޑުވާ ބައެއް ކަންތައްތައް އެބަހުރި، އެހެން ރަށަކަށް ބަދަލުވުމުގައި. އެއިން އެއްކަމަކީ، މިހާރު ކުދި ރަށްރަށުގައި ދިރިއުޅޭއިރުގައި، އެކަކު އަނެކަކަށް ވަރަށް ރަނގަޅަށް އެނގި، އެއް ޢާއިލާ އަނެއް ޢާއިލާ ވަރަށް ރަނގަޅަށް އެނގި، ރަށުގެ ކަންތައްތައް ވަރަށް ސާފުކޮށް އެނގެން އޮންނާނެ. އެހެން ނަމަވެސް، ބޮޑު އާބާދީއެއްގެ ތެރެއަށް ދިޔުމާ އެކީގައި، މިވާގޮތަކީ ނުދަންނަ ކިތަންމެ ބަޔަކުވެސް އެބައުޅޭ. އަދި ރަށުގައި ކޮންމެވެސްވަރަކަށް ކުށްކުރުމުގެ ޙާދިޘާތައްވެސް ހިނގަނީ. ކުށުގެ ޙާދިޘާތައް. އެހެންވީމާ، އެކަމުގެ ބިރުވެސް އެބައޮވޭ. ބައެއް ރަށްރަށުން އެބަބުނޭ، ތިމަންނަމެން ކޮންމެހެން އެހެން ރަށަކަށް ދާކަށް ބޭނުމެއް ނޫނޭ. ތިމަންނަމެންގެ ދަރިން މަސްތުވާތަކެތީގެ ތެރެއަށް ވައްދާކަށް، ނޫނީވިއްޔާ ވައްކަންކުރާ ތަނަކަށްދާކަށް ތިމަންނަމެން ބޭނުމެއް ނޫނޭ. އެހެންވީމާ، ރަށެއްގައި އަމަންއަމާންކަން ޤާއިމްވެފައި އޮތުމަކީވެސް ވަރަށް މުހިންމު ކަމެއް. ވީމާ، އަޅުގަނޑުމެން މަސައްކަތް ކުރާނަން އިރާދަކުރެއްވިއްޔާ.

ރަށުގެ ރައްޔިތުންނަށް އަމަންއަމާންކަން އޮވެ، ހިތްހަމަޖެހިގެން އުފަލާ އެކުގައި އުޅެވޭނެ ގޮތްތަކެއް ފަހިކޮށްދިނުމަކީ އެއީ އަޅުގަނޑުމެން ކުރަންޖެހޭ ކަމެއް ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން. ވީމާ، އެކަމަށް ކުރަންހުރި ހުރިހާ ކަންތައްތަކެއް ކުރުމަށްޓަކައި މިރަށަށް އިރާދަކުރެއްވިއްޔާ، ޚާއްޞަ ސަމާލުކަމެއްދީގެން، މިރަށުގެ ކަންކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އަދި ހަމަ މިފުރްޞަތުގައި އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނަން، ދިވެހި ސަރުކާރުގެ ބަޖެޓް ކިތަންމެ ތާށި ކަމުގައިވިނަމަވެސް، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް އަޅުގަނޑުގެ ސަރުކާރުގެ ފަރާތުން ދެއްވަމުން ގެންދަވާ އެކިއެކި ޢިނާޔަތްތައް، ތިޔަބޭފުޅުންނަށް ބަރާބަރަށް ލިބިވަޑައިގަންނަވާނެ. އޭގެތެރޭގައި، ދުވަސްވީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ދެހާސް ރުފިޔާ، މިހާރު ދެހާސް ތިންސަތޭކަ ރުފިޔާއަށް ބަދަލުވެ، އެ ލިބިވަޑައިގަންނަވާނެ. އަދި އޭގެއިތުރުން، އެކަނިވެރި މައިންނަށާއި، ނުކުޅެދޭ ކުދިންނަށް ލިބޭ ފައިސާވެސް ބަރާބަރަށް ލިބިގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޙްމަދު ވިދާޅުވިފަދައިން، މިވަގުތަކީ، މިއީ މާ ދިގުކޮށް ވާހަކަ ދެއްކޭކަހަލަ ވަގުތެއް ނޫން. ހޫނުގަދަވުމާއި، ތިޔަބޭފުޅުން ވަރަށްގިނައިރުވަންދެން އަވީގައި ތިއްބެވުމާއި، ހުކުރު ވަގުތު ކައިރިވަމުން އައުމާ އެކީގައި، އަޅުގަނޑުވެސް މާ ދިގު ވާހަކަތަކެއް ދައްކާކަށް ނެތިން. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންގެ އަރިހުން ވަރަށް އަދަބުވެރިކަމާ އެކުގައި އަޅުގަނޑު އެދޭނަން، ތިޔަބޭފުޅުން ކެތްތެރިކަމާ އެކީގައި، އެކުވެރިކަމާ އެކީގައި، އެއްބަޔަކު އަނެއް ބަޔަކަށް އެހީވެވަޑައިގެން ދެއްވައިގެން މަސައްކަތް ކޮށްދެއްވާށޭ. އަޅުގަނޑުމެން ތިޔަބޭފުޅުންނާ އެކީގައި، ތިޔަބޭފުޅުންގެ އަރިހުގައި ކުރަންޖެހޭ ކަންކަން ކުރުމަށްޓަކައި އިރާދަކުރެއްވިއްޔާ މަސައްކަތް ކުރަމުން ގެންދާނަމޭ. އަޅުގަނޑުމެން އެންމެން އެކީގައި މަސައްކަތް ކުރީމާ، ﷲ އިރާދަކުރެއްވިއްޔާ، މިރަށަކީ ފާގަތި އުފާވެރި ތަނަކަށް ވެގެންދާނެ.

މިރަށުގެ އެއްކޮޅުގައި ޓްރޭނިންގ ސްކޫލެއް، ޓުއަރިޒަމް ޓްރޭނިންގ ސްކޫލެއް ހެދުމަށްޓަކައި ބިން ދޫކޮށްފައި އޮންނަތާ ލައްކަ ދުވަސް ވެއްޖެ. މިހާރު އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، އެމީހުން ބޭނުމެއްނުވޭ، އެތާނގައި އެ ޓްރޭނިންގ ސްކޫލް ހަދާކަށް. އެއީ ތަން ނެތީމައެއް ނޫން. އެމީހުން ބޭނުންވަނީ ފަޅުރަށެއް. ސަބަބަކީ މިހާރު ޓްރޭނިންގ ސްކޫލެއް ހެދިކަމުގައިވި ނަމަވެސް، އެތަނަށް ޓުއަރިސްޓުން ގެންނަން އެބަޖެހޭ. އެތަނަށް އާމްދަނީ އިތުރުކުރުމަށްޓަކައި، އާމްދަނީ އިތުރުކުރުމަށްޓަކައި ޓުއަރިސްޓުން ގެނައުމަށްޓަކައި އެތަންތާނގައި ކުރަންޖެހޭ ކަންތައްތައް، ރައްޔިތުން އުޅޭ ރަށެއްގައި ނުކުރެވޭނެ ކަމަށް ފެންނާތީ ކަމަށް، އަޅުގަނޑަށް ވިސްނުނީ އެބަދަލުކުރަނީ. އެހެންވީމާ، އެ ބިމުގައި އަޅުގަނޑުމެން ކުރާނެ އެހެން މަސައްކަތެއް އެބަޖެހޭ ވިސްނަން. އެއީ ރައްޔިތުންނަށް އެބަޖެހޭ ވަޒީފާ ދެވެން. ޚާއްޞަކޮށް، މިހާ ޒުވާނުން ގިނަ ރަށެއްގައި، ޒުވާނުންނަށް ވަޒީފާ ލިބޭނެ ގޮތްތަކެއް އަޅުގަނޑުމެންޖެހޭ ހަދަން. މިއަތޮޅުގައި އިތުރު ރިޒޯޓްތައް ހުޅުވޭނެ. އެހެން ނަމަވެސް، މިރަށުގައިވެސް ކޮންމެވެސް ތަނެއް އެބަ ހުންނަންޖެހޭ. މިހާރު ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން އުޅެނީ ޢާއިލާއާ ވަކިން ގޮސް ރިޒޯޓްތަކުގައި މަސައްކަތް ކުރަން، ގިނަ ދުވަސްތަކެއް ވަންދެން، ޢާއިލާ ދޫކޮށްފައި. މިއީކީވެސް އިޖްތިމާޢީ ގޮތުން އެހާ ރަނގަޅު ކަމެއް ކަމަކަށް އަޅުގަނޑުމެންވެސް ގަބޫލެއް ނުކުރަން. ނަމަވެސް، މިވަގުތު ކަންތައް ހުރިގޮތުން އެބަޖެހޭ ޒުވާނުންވެސް ގިނައިރު ރަށުން ބޭރުގައި އުޅެން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޓުއަރިޒަމް ސެކްޓަރުގެ ބޭފުޅުންނާ ވާހަކަ ދައްކައިގެން، ޓުއަރިޒަމް ރިޒޯޓްތައް ހިންގަވާ ބޭފުޅުންނާ ވާހަކަ ދައްކައިގެން، އަޅުގަނޑުމެން މަސައްކަތް ކުރާނަން. މަސައްކަތް ކޮށްގެން، މިއަށްވުރެ ތަނަވަސްގޮތެއްވޭތޯ. މިދެންނެވީ ރިޒޯޓްތައް ކައިރީ ހުންނަ ރަށްރަށުގެ ރައްޔިތުންނަށް ތަންކޮޅެއް އަވަހަށް ރަށަށް ކޮންމެ ދުވަހަކު އަދި ނުދެވުނަސް، ދެދުވަހުން އެއް ދުވަހު ނަމަވެސް ރަށަށް ދެވޭނެގޮތެއް ހެދޭތޯ. އެއީ ރިޒޯޓްތަކުން ޖެހޭނެ، އެ ޗާންސްވެސްދޭން. ރައްޔިތުންގެ ޙައްޤެއް، ރައްޔިތުންގެ ޢާއިލާއާ އެކީގައި ހުރުން. ރަށުގެ އިޖްތިމާޢީ ހަމަޖެހުމަށްޓަކައި އެއީ ކުރަންޖެހޭ ކަމެއް. އެހެންވީމާ، މިކަމުގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ރިޒޯޓްތަކާ ވާހަކަ ދައްކައިގެން މަސައްކަތް ކުރާނަން.

ދެން އާދެ! އަޅުގަނޑު ތިޔަބޭފުޅުންނަށް އަދިވެސް ދަންނަވާނީ، އަޅުގަނޑާ މި ޙަވާލުވި ބުރަ މަސްއޫލިއްޔަތު، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް އަދާކުރަމުން ގެންދާނަމޭ. ތިޔަބޭފުޅުންނަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި، އަޅުގަނޑު ފަހަތަކަށްނުޖެހޭނަން. ﷲ އިރާދަކުރެއްވިއްޔާ، ކުރިއަށް އޮތް ތާނގައި، މިރަށަށް ވަރަށް އަވަހަށް ތިޔަބޭފުޅުން ބޭނުންފުޅުވާ ކަންތައްތަކުގެ ތެރެއިން ކަންތައްތަކެއް ކުރެވިގެންދާނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އަޅުގަނޑުގެ ދުޢާއަކީ، ތިޔަ ހުރިހާ ބޭފުޅުންނަށް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި ދުޅަހެޔޮކަން މިންވަރު ކުރެއްވުން. މިރަށުގެ ރައްޔިތުންނަކީ، އުފަލުގައި ހަމަޖެހިގެން، އެކުވެރިކަމާއި އުޚުއްވަތްތެރިކަމާ އެކީގައި ދިރިއުޅޭ ބައެއް ކަމުގައި ލެއްވެވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه