ކޮންމެ ޕާޓީއެއްގެ ބޭފުޅަކަށްވީކަމުގައިވީނަމަވެސް، ހުރިހާ ބޭފުޅުންވެސް އަތުގުޅުއްވާލައްވައިގެން މަސައްކަތް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު އިލްތިމާސް ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސް ކުރެއްވީ، މިއަދު ހެނދުނު ތިލަދުންމަތީ ދެކުނުބުރީ ކުމުންދުއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބާރުލުން އިތުރުކުރުމަށް ކޮންމެ ރަށަކުންވެސް އަހަންމިއްޔަތުކަން ދޭންޖެހޭނެ ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ރަށެއް ތަރައްޤީ ކުރެވޭނީ، އެރަށަކަށް އަމާންކަމާއެކީގަޔާއި ސަލާމަތްކަމާއެކީގައި ކުރިއަށް ދެވިގެންނެވެ. ރަށުގައި ހަމަނުޖެހުން އުފައްދަން އުޅޭ ބަޔަކު އުޅޭ ކަމަށްވަނީނަމަ، ކުރަންޖެހޭ ކަންތައްތައް ހުންނާނީ ނުކުރެވިފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުމުންދުއަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކުމުންދޫ ސްކޫލަށް އިތުރުކުރެވޭ ކްލާސްރޫމްތަކުގެ މަސައްކަތް ކުރިއަށް އޮތް ހަތަރު ފަސްމަހެއްހާ ދުވަހުގެ ތެރޭގައި ނިމޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި ކުމުންދޫ ސްކޫލަށް ކޮންމެހެން ބޭނުންވާ ތަކެތި ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގައިވެސް ވިދާޅުވިއެވެ.

ކުމުންދޫ ބަނދަރު ހެދުމުގައި ތަފާތު ދަތިތައް ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރައްވަމުން، މިއަހަރުގެ ތެރޭގައި ބަނދަރުގެ ވަށާތޮށިލުމުގެ މަސައްކަތް ފެށޭނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ކުމުންދޫ ޞިއްޙީ މަރުކަޒަށް ބޭނުންވާ ތަކެތި ހޯއްދަވައި ދެއްވައި މަރުކަޒުގެ ފެންވަރު ރަނގަޅު ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.