بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހަނިމާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުން، ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު، ވަޒީރުންގެ މަޖިލީހުން ޢިއްޒަތްތެރި މެންބަރުން. އަދި ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު އަޅުގަނޑަށް ލިބޭ ވަރަށްވެސް ބޮޑު އުފަލެއް، ހަނިމާދޫގެ ލޮބުވެތި އަޚުންނާއި އުޚުތުންނާ މުޚާޠަބުކޮށް، ކުޑަކޮށް ވާހަކަ ދައްކާލުމުގެ ފުރްޞަތު ލިބުނުކަން. ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، އަޅުގަނޑު މިރަށަށް އަރާ ފައިބާތަން. އެހެން ނަމަވެސް، ރައްޔިތުންނާ ބައްދަލުކޮށްލައި، ވާހަކަ ދައްކާލުމުގެ ފުރްޞަތެއް، މީގެކުރިއަކުން އަޅުގަނޑަކަށް އަދި ލިބިފައެއްނުވޭ.

އަޅުގަނޑު ފުރަތަމަ މިރަށުން ގޯއްޗެއް ނަގައިގެން، މިރަށަށް އައިއިރުގައި، މިރަށުގެ އާބާދީއަކީ 900. މިއަދު މިރަށުގައި 2500 މީހުން ދިރިއުޅޭ ކަމަށް، އަޅުގަނޑުމެންނަށް ތަފާސް ހިސާބުތަކުން އެބަ ދައްކާ، ބައެއް އެހެން ރަށްރަށުގެ ރައްޔިތުންވެސް މިރަށަށް ބަދަލުކުރުމާ ގުޅިގެން. އެހެންވީމާ، މިރަށަކީ މިހާރު ފުދޭވަރެއްގެ އާބާދީއެއް އޮތް ރަށެއް. ނަމަވެސް، 2010 ވަނަ އަހަރުގެ ތެރޭގައި، އަޅުގަނޑުމެންނަށް އިވިގެންދިޔަ އަޑަކީ، މިރަށުގައި އޮތް އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރާ ވާހަކަ. އަދި އެ މަޝްރޫޢު މިތަނަށް އަތުވެއްޖިއްޔާ، މިރަށުގެ ރައްޔިތުން، މިރަށުން ފައިބައިގެން ދާންޖެހިދާނެ ވާހަކަ. އަޅުގަނޑަށް އެ އަޑު އިވުމުން، އަޅުގަނޑުގެ ހިތަށް ވަރަށްބޮޑު ނުތަނަވަސްކަމެއް ލިބުނު. އެއީ ކުއްލިއަކަށް، މިހާ ގިނަ ޢަދަދެއްގެ މީހުން ދިރިއުޅޭ އާބާދީއެއް، މިރަށުން ފައިބައިގެންދާންޖެހޭ ގޮތަކަށް، ރަށުގެ ތަރައްޤީގެ މަޝްރޫޢެއް ރޭވިގެންދާތީ. އަޅުގަނޑަށް އެނގޭ، ތިޔައިން ބައެއް ބޭފުޅުންނަށް އެ ޚަބަރު ލިބިވަޑައިގެންނެވިކަން. އަދި އޭގެ ސަބަބުން މިރަށުގައި ކޮންމެވެސްވަރެއްގެ ހިތްނުތަނަވަސްކަމެއް އުފެދިގެންދިޔަކަން. ތިޔަބޭފުޅުން ފާހަގަކުރެއްވި ކަމެއް ނޭނގެ. އެހެންނަމަވެސް، އެ އަޑު ހަމަ ފެތުރުމާއެކީގައި، އަޅުގަނޑު ޤަޞްދުކުރީ، އަޅުގަނޑަށް ދެއްވާފައި އޮތް ގޯތީގައި ކޮޓަރިއެއް ހެދޭތޯ ބަލަން. އެއީ އަޅުގަނޑު ބޭނުންވީ ތިޔަބޭފުޅުންނަށް ޔަޤީންކަން އަރުވަން، އެއީކީ އަޅުގަނޑު އެކަން ބޭނުންވާ ގޮތެއް ނޫންކަން. އަދި އަޅުގަނޑަށް ވެވެން އޮތިއްޔާ، މިރަށުގެ ރައްޔިތުން، މިރަށުން ފޭބިޔަކަ ނުދޭނެކަން.

އާދެ! މިހާރު އަޅުގަނޑު މިހުރީ އެހެން މަޤާމެއްގައި. އެހެންވީމާ، މިހާރު މި މަޤާމުގައި އަޅުގަނޑު ހުރިހާ ދުވަހަކު، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، މިރަށުގެ ތަރައްޤީގެ މަޝްރޫޢެއް ހިންގުމަށްޓަކައި، މިރަށުގެ ރައްޔިތުން މިރަށުން ފައިބާކަށް ނުޖެހޭނެ. އެގޮތަކަށް އެ މަޝްރޫޢެއް ރޭވިގެނެއް ނުގެންދެވޭނެ. އެއަރޕޯޓް ތަރައްޤީ ކުރުމަށްޓަކައި އަޅުގަނޑުމެން ޖެހޭނީ، މިރަށުގެ ރައްޔިތުން، ރަށުގައި ތިބެގެން، އެއަރޕޯޓްގެ މިޞްރާބު އެހެން ގޮތަކަށް ބަދަލުކޮށްގެން ނަމަވެސް، އެކަން ކުރިއަށް ގެންދަން. އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން، އެއަރޕޯޓް، އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދޭތޯ. އެ މަސައްކަތް އިރާދަކުރެއްވިއްޔާ ކުރިއަށްދާނެ.

ދެންވެސް އަދި މިރަށުގައި ފަށަން ނިންމާފައި ހުރި ބައެއް މަޝްރޫޢުތަކުގެ ތެރެއިން، އަޅުގަނޑަށް އެނގޭ، މިރަށުގައި ނަރުދަމާގެ ނިޒާމް ޤާއިމް ކުރުމަށްޓަކައި އޮތީ ބައެއް ކުންފުނިތަކާ ވާހަކަ ދެކެވިފައި. އެހެން ނަމަވެސް، އެކަން ކުރަން އުޅެފައި އޮތީ، ޓޫރިޒަމް ހިންގުމަށްޓަކައި ރަށްދޭ އުޞޫލުން. ނަމަވެސް، އެކަން ކުރެވިފައި އޮތީ، މާ ރަނގަޅަކަށް ނޫން. އެއީ، އެކަން ޤަވާޢިދުން ކުރަންޖެހޭ ގޮތަށް ނޫން ކަމަށް، އަޅުގަނޑުމެންނަށް މިހާރު އެބަ ސަރުކާރުގެ ބައެއް މުސްތަޤިއްލު މުއައްސަސާތަކުން، މިނިވަން މުއައްސަސާތަކުން ވިދާޅުވަމުން އެބަދޭ. އެހެންވީމާ، އެކަން އެބަޖެހޭ އަޅުގަނޑުމެން ބަލަން. ވީމާ، ޤަވާޢިދުން އެކަން ކުރުމަށްޓަކައި، އެކަން ޤަވާޢިދަށް، ޤާނޫނަށް ފެތޭގޮތަށް އިރާދަކުރެއްވިއްޔާ، މިރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތްވެސް ކުރިއަށްދާނެ.

އާދެ! ދެން މިހާރު އެނގިވަޑައިގަންނަވާނޭ ފަދައިން، ތިޔަބޭފުޅުންނަށް އެބަ އެނގިވަޑައިގަންނަވާ، ނޫމަޑި ކުންފުނީގެ ދަށުން އެބަ 100 ގެ ޢިމާރާތް ކުރެވެމުންދޭ މިރަށުގައި. މި 100 ގޭގެ ތެރެއިން 65 ގެޔަކީ އެއީ، މިރަށަށް ބަދަލުކުރެވުނު ހަތިފުށީގެ ރައްޔިތުންނަށް ޚާއްޞަ ކުރެވިފައިވާ 65 ގެ. އެކަމާބެހޭގޮތުން އެއްވެސް ސުވާލެއް ނޯންނާނެ ކަމަށް އަޅުގަނޑު ހީކުރަން. އަޅުގަނޑު މިއަދު، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ވަޒީރާ އަޅުގަނޑު މަޝްވަރާ ކުރީމު. ވީމާ، އަޅުގަނޑަށް ޔަޤީންކަން ލިބިފައި އޮތީ، ހަތިފުށީ ރައްޔިތުންނަށް ލިބެންޖެހޭ އެ 65 ގެ، މިތަނުން އެބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ކަމަށް.

އާދެ! ދެން އެއަރޕޯޓްގައި ބޭންކިންގ މެޝިނެއް ބެހެއްޓުމުގެ ކަންތައްވެސް، އެމަސައްކަތް އެބަ ކުރިއަށްދޭ. އެކަމާ ބެހޭގޮތުން މިހާރު ވަނީ މަޝްވަރާ ކުރެވިފައި. ބޭންކުގެ ބޯޑުން ނިންމަންޖެހޭ ނިންމުންތަކެއް ނިމުމަށްފަހުގައި، އެކަން ކުރެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަދި އިރާދަކުރެއްވިއްޔާ، ކަމަކަށްފަހު ކަމެއް ކުރެވެމުންދާނެ ކަމުގެ އުންމީދު އެބައޮތް. އަޅުގަނޑު ތިޔަބޭފުޅުން ތިޔަ އެދިވަޑައިގެންފައިވާ ކަންތައް ކުރިއަށް ގެންދިޔުމަށްޓަކައި މަސައްކަތް ކުރަމުން ގެންދާނަން.

އަޅުގަނޑަށް އެނގޭ، މިރަށުގެ ޒުވާނުންގެ ވަރަށް ޙަރަކާތްތެރި ދެ ޖަމްޢިއްޔާއެއް އޮވޭ. އެއީ ކުރީފަހަރު އަޅުގަނޑު އައިސް ހުރިއިރުގައި، އެ ޖަމްޢިއްޔާތަކުގެ ފުޓްބޯޅަ މުބާރާތް ޝަރަފްވެރިކުރުމަށްޓަކައި އަޅުގަނޑަށް ދަޢުވަތު ލިބުނު. އަޅުގަނޑަށް އެނގޭ، ވަރަށް ޙަރަކާތްތެރި ޒުވާނުންކޮޅެއް އުޅޭ ރަށެއް މިރަށަކީ. އެހެންވީމާ، ޒުވާނުންނަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެތެރެއިން އެއްކަމަކީ ފުޓްބޯޅަ ދަނޑުގެ ކަންތައް. ސްޓޭޑިއަމެއްގެ ކަންތައް. އެމަސައްކަތް ކުރުމަށްޓަކައި އަޅުގަނޑު އެހެންވީމާ، އަޅުގަނޑުމެންގެ ޒުވާނުންނާބެހޭ ވުޒާރާއާ ގުޅިގެން ކުރެވެންހުރި މަސައްކަތެއް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! ދެން އަޅުގަނޑުވެސް ކުޑަ އެއްޗެއް ދަންނަވާލާނަން، މިރޭ މި މަޤާމަށް ހުއްޓުނީތީ. މިދިޔަ ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހު މާލޭގައި ހިނގާދިޔަ ޙާދިޘާއަށްފަހުގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އެންގެވުމުގެ މަތިން، އަޅުގަނޑު މަޖިލިސް ކުރާ ގެޔަށް ގޮސް، ރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަޅުގަނޑަށް ވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާލައިދެއްވާފައި. އެކަން އެހެންވުމަށްފަހުގައި، އަޅުގަނޑު ޤާނޫނުއަސާސީ އަޅުގަނޑަށް ލާޒިމްކުރާ ގޮތުން، އަޅުގަނޑު މިގެންދަނީ، ﷲ އިރާދަފުޅުން، އަޅުގަނޑަށްވީ އެންމެ ރަނގަޅަކަށް، އެ މަސްއޫލިއްޔަތު އަދާކުރަމުން. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގައި މިހާރު އޮތް ސިޔާސީ ބައިބައިވުންތައް ވީހާވެސް ކުޑަކުރުމަކީ އެއީ ވަރަށް މުހިންމު ކަމެއް. ސިޔާސީ ޕާޓީތައް އައުމާ ގުޅިގެން، އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ މިދެންނެވި ބައިބައިވުންތައް ވަނީ ވަރަށް ބޮޑަށް، އަޅުގަނޑުމެން ނޭދޭ ގޮތަކަށް، އެއްދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ގޮސްފައި.

އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑު ނިންމީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޤައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަން. އެގޮތުން އަޅުގަނޑު ދަޢުވަތު ދިނިން، ރާއްޖޭގައި ޙަރަކާތްތެރިވާ ހުރިހާ ސިޔާސީ ޕާޓީތަކަކަށް، ސަރުކާރުގައި ބައިވެރިވަން. އެގޮތުން އެމް.ޑީ.ޕީ.އަށްވެސް އަޅުގަނޑު އެ ދަޢުވަތު އެރުވިން. ނަމަވެސް، އެވަގުތު އަޅުގަނޑަކަށް އެމް.ޑީ.ޕީ.އަކުން އެއްވެސްކަހަލަ ޖަވާބެއް، އެކަމުގައި ނުލިބޭ. ދެން ތިބި ހުރިހާ ޙަރަކާތްތެރި ސިޔާސީ ޕާޓީތައް، ސަރުކާރުގައި ބައިވެރިވި. ބައިވެރިވެގެން، އެހުރިހާ ޕާޓީތައް ބައިވެރިވާ ސަރުކާރެއް އަޅުގަނޑުމެން އުފެއްދީ. އަޅުގަނޑު އޭރުވެސް ދެންނެވިން، އަޅުގަނޑުގެ ޕާޓީގެ ބޭފުޅަކު އަޅުގަނޑު ބޭނުމެއް ނޫނޭ، ކެބިނެޓްގައި ބައިވެރިވެވަޑައިގަންނަވާކަށް. އެހެން ދެންނެވީ، އަޅުގަނޑުގެ އިޚްލާޞްތެރިކަން އެހެން ބޭފުޅުންނަށް ވިސްނިވަޑައިގަތުމަށްޓަކައި. އެކަމުގައި އަޅުގަނޑު އިޚްލާޞްތެރިކަމާއެކުގައި މަސައްކަތް ކޮށްދޭން ހުރިކަން ސާބިތުކޮށްދިނުމަށްޓަކައި. އެހެން ސިޔާސީ ޕާޓީތަކުންވެސް އެކަން ގަބޫލުކުރޭ. ގަބޫލު ކުރައްވައިގެން، މިހާތަނަށް އަޅުގަނޑަށް ހުރިހާ ޕާޓީތަކުންވެސް ވަރަށް ބޮޑަށް އެކުވެރިކަމާއި އެއްބާރުލުން ލިބެމުން މިދަނީ. ނަތީޖާއެއްގެ ގޮތުން، ސަރުކާރުގެ ހިންގުމުގެ ކަންކަން، ވަރަށް އޮމާންކަމާއެކީގައި، އިރާދަކުރެއްވީތީ ކުރިއަށް އެބަދޭ.

އަޅުގަނޑުމެން ވާނީ މިހާރު ވަޒީރުންގެ މަޖިލިސް އެކުލަވައިލާފައި. އަދި ނައިބު ރައީސަކު ޢައްޔަންކޮށްފައި. އަދި އަޅުގަނޑުމެން މިކަން ގެންދިޔަގޮތުން، ރައްޔިތުންގެ މަޖިލިސްގެ ފުރިހަމަ ތާއީދު މިހާރުވަނީ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި، ނައިބު ރައީސަށް ލިބިވަޑައިގެންފައި. އަޅުގަނޑުމެންގެ ސަރުކާރަކީ، ރާއްޖޭގެ ގިނަ ރައްޔިތުން ތާއީދުކުރާ، ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުން ތާއީދު ކުރައްވާ ސަރުކާރެއް. ވީމާ، މި ސަރުކާރާ ދޭތެރޭގައި، ސުވާލު އުފައްދައި، ސަރުކާރު ގަބޫލު ނުކުރާނެ ކަމަށް ބުނާ މަދު ބަޔަކު އުޅޭކަން އެއީ އަޅުގަނޑުމެން ހިތާމަކުރާ ކަމެއް.

އަޅުގަނޑު ދެކޭގޮތުގައި، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ތަނެއްނުދޭ، ރާއްޖޭގެ ޤާނޫނީގޮތުން އުފެދިފައިވާ ސަރުކާރު ގަބޫލުނުކުރާ އެހެން މުއައްސަސާތަކެއް ހުންނާކަށް. މިކަން އެބަޖެހޭ، ބައެއް ކައުންސިލަރުންނާއި، ކައުންސިލްތަކުން މިހާރު ވިސްނައި ގަބޫލުކުރަން. ދައުލަތުން ރައްޔިތުންނަށް ލިބިދޭންޖެހޭ ޚިދްމަތްތައް ލިބިދިނުމުގައި، ވަރަށް މުހިންމު ބައެއް އަދާކުރަންޖެހޭ ބައެއް، ރަށްރަށުގެ ކައުންސިލްތަކުގެ މެންބަރުންނަކީ. އެކައުންސިލްތައް މެދުވެރިކޮށްގެން ދޭންޖެހޭ ކިތަންމެ ޚިދްމަތްތަކެއް އެބަހުރި. އެ ޚިދްމަތްތައް އަޅުގަނޑުމެންނަށް ދެވޭނީ، ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ކައުންސިލްތަކުން ސަރުކާރުގެ އެކިއެކި މުއައްސަސާތަކާއި، ސަރުކާރުގެ ވުޒާރާތަކާއި އަދި ރައީސުލްޖުމްހޫރިއްޔާއާ ގުޅިގެން އެކުގައި މަސައްކަތް ކޮށްގެން. އަޅުގަނޑުމެން މިތިބީ، ހުރިހާ ބޭފުޅުންނާ އެކީގައިވެސް މަސައްކަތް ކުރަން.

އާދެ! އަޅުގަނޑު އަބަދުވެސް ޔަޤީންކޮށް އަރުވާނަން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، އިސްލާމްދީނުގެ އަޞްލުތަކާ ޚިލާފުނުވެ، ދިވެހިރާއްޖޭގެ ޤާނޫނުތަކާއި ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން، ސަރުކާރު ހިންގުމުގެ ހުރިހާ މަސައްކަތެއް ކުރުމަށްޓަކައި. އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ، އެއްވެސް ކުލައަކަށް، އެއްވެސް ޕާޓީއަކަށް، އެއްވެސް ރަށަކަށް، އެއްވެސް ތަފާތަކަށް ބެލުމެއްނެތި، ހުރިހާ ރައްޔިތުންނަށް ހަމަހަމަވާ ގޮތުން ދައުލަތުން ދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއްވެސް ދޭން.

ވީމާ، އެއްވެސް ރަށެއްގައި ތިއްބަވާ ވަކި ޕާޓީއެއްގެ މީހުންނަށް ޚާއްޞަކޮށްގެން، ވަކި ޕާޓީއެއްގެ މީހުން އެކަހެރިކޮށްފައި، އަޅުގަނޑުމެންނެއް މަސައްކަތެއް ނުކުރާނަން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއްގައިވެސް، ހަމަ ހުރިހާ ބަޔަކަށް ހަމަހަމަކޮށް ޚިދްމަތްކޮށްދެވޭތޯ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން. އަދި ހަމައެހެންމެ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނަން. ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ދޭންޖެހޭ ހުރިހާ ޢިނާޔަތެއް، ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ. އޭގެތެރޭގައި، ދުވަސްވީ ބޭފުޅުންނަށް ލިބިވަޑައިގަންނަވާ ދެހާސް ރުފިޔާ މިހާރުވަނީ ދެހާސް ތިންސަތޭކައަށް މިއަހަރު ބޮޑުކޮށްދެވިފައި. އަދި އޭގެއިތުރުން، އެކަނިވެރި މައިންނާއި، ނުކުޅެދޭ ކުދިންނާއި އަދި އެހެންވެސް ދައުލަތުގެ ފަރާތުން ދެމުންގެންދާ ހުރިހާ ޢިނާޔަތްތަކެއް، އިރާދަކުރެއްވިއްޔާ ބަރާބަރަށް ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ.

މިއަދުގެ ސަރުކާރުގެ މާލީ ޙާލަތު، ކަންދިމާކުރިގޮތުން އޮތީ މާރަނގަޅަކަށް ނޫން. އެހެންވީމާ، އަޅުގަނޑުމެންނަށް ބޮޑެތި އާ މަޝްރޫޢުތައް ފެށުމުގައި، ބައެއް ދަތިތައް މިހާރު އެބަހުރި. އެހެން ނަމަވެސް، ޚާއްޞަކޮށް ކުރަންޖެހޭ ކަންތައްތައް އިރާދަކުރެއްވިއްޔާ ކުރެވެމުންދާނެ، ރައްޔިތުންނަށް އެއްވެސް ދަތިކަމެއްނެތި. ބައެއް ކަންތައް އެބަހުރި، ރަނގަޅުކުރަންޖެހޭ ކަންކަން. އޭގެތެރެއިން އެއްކަންތައް އާސަންދައަކީ. އެވާހަކަ މިހާރު ތިޔަބޭފުޅުންދާނީ އައްސަވަމުން. އާސަންދަ ޕްރޮގްރާމް މިހާރު ރޭވިފައި އޮތް ގޮތުން، ވަރަށްބޮޑު ނާޖާއިޒު ފައިދާތަކެއް، ބައެއް ފަރާތްތަކުން ނަގަމުން އެބަގެންދޭ. އޭގެ ސަބަބުން ރައްޔިތުންގެ ފައިސާ، ވަކިބަޔަކު ވަރަށްގިނަ ޢަދަދަކަށް އެބަ ނަގާ. މިއީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ރޭވިފައި އޮތް ޕްރޮގްރާމެއް. އެހެންވީމާ، އެ ޕްރޮގްރާމް އެބަޖެހޭ އަޅުގަނޑުމެން ޤަވާޢިދަކަށް ފައްތައި، ރަނގަޅު ކުރަން. އެމަސައްކަތް މިހާރުދަނީ ކުރެވެމުން. ބަޖެޓްގައި ކަނޑައެޅިފައި އޮތްވަރުން. އެހެން ނޫނިއްޔަކާ އަޅުގަނޑުމެންނަކަށް އެކަމެއް ނުކުރެވޭނެ. އަދި ބަޖެޓްގައި ފައިސާ ހުއްޓަސް، ޒިންމާދާރު ގޮތެއް ނޫން ގޮތަކަށް، ވަކިބަޔަކު އެއިން ނާޖާއިޒު ފައިދާ ނަގާގޮތަށް، ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތައް ކުރުމަކީ.

ދެންވެސް ރޭވިފައި ހުރި ބައެއް ޕްރޮގްރާމްތައް އެބަހުރި، އަޅުގަނޑުމެން އިޞްލާޙު ކުރަންޖެހޭ. އޭގެތެރެއިން އަނެއްކަމަކީ، ކަރަންޓްގެ ޚިދްމަތް ދިނުން. ކަރަންޓްގެ ޚިދްމަތް ދިނުމަށްޓަކައި އުފެދިފައިވާ ޔޫޓިލިޓީ ކުންފުނިތައް، އަޅުގަނޑުމެން އެބަޖެހޭ އަލުން ބަލަން. ސަބަބަކީ ދައުލަތުގެ ބަޖެޓްގެ ވަރަށްގިނަ ޢަދަދެއްގެ ފައިސާ، މި ޔޫޓިލިޓީ ކުންފުނިތަކަށްދަނީ ދެމުން. ދާއިރުގައި އެކުންފުނީގެ ހިސާބުތައް ރަނގަޅަށް ބެލެހެއްޓިފައެއް ނުހުރޭ. އެ ކުންފުނިތަކަށްދޭ ފައިސާއަށްވާ ގޮތެއް ރަނގަޅަށް އެނގޭކަށް ނެތް. އެހެންވީމާ، މިބާވަތުގެ ކަންތައްތައް މިހެން ހުރުމާ އެކީގައި، އެކަންކަން އެބަޖެހޭ ރަނގަޅު ކުރަން. އެކަން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ކުރަމުން ގެންދާނަން. އެއީ ރައްޔިތުންނަށްޓަކައި ސަރުކާރުން ކުރަންޖެހޭ ކަންތައްތައް. އެހެން ނަމަވެސް، އަޅުގަނޑު ކުރިން ދެންނެވިހެން، އަޅުގަނޑުމެން ރައްޔިތުންނަށް ދޭންޖެހޭ ހުރިހާ ޚިދްމަތްތަކެއް، އިރާދަކުރެއްވިއްޔާ، މިހާރަށްވުރެ ރަނގަޅަށް ދެމުން ގެންދެވޭތޯ މަސައްކަތްކުރާނަން. އޭގެތެރޭގައި މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމަވާފައި، ހެލްތް ކޯޕަރޭޝަން އުވާލަން. ހެލްތް ކޯޕަރޭޝަން މިވަގުތަށް އުވާލާފައި، އަނެއްކާވެސް ސީދާ މިނިސްޓްރީ އޮފް ހެލްތްގެ ދަށުން ސަރުކާރުގެ ޞިއްޙީ ޚިދްމަތްދޭ ތަންތަން ހިންގަން ފަށަން. މިހެން ހަދަން މިޖެހޭގޮތަކީ، މިހާރު އެތައް ޒަމާނެއް ވަންދެން ޞިއްޙީ ޚިދްމަތްތައް، ސަރުކާރުގެ ފަރާތުން ރަނގަޅު ކުރަމުން ކުރަމުން އައިސް، ޞިއްޙީ ދާއިރާގައި އެކިމީސްމީހުންނަށް ތަމްރީނުދީ، އެމީހުން ތައްޔާރުކޮށް، ވަކިހިސާބަކަށްދިޔަ ތަނުން، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، ޞިއްޙީ ދާއިރާގައި ކިޔަވައިގެން ތިބި މާހިރުން އެތަނުން ވަކިކުރެވިފައި. ޞިއްޙީ ކަންތައްތަކާ ބެހޭގޮތުން އެއްވެސް ތަނެއްދޮރެއް ނުދަންނަ މީސްމީހުން އެތަންތަނަށް ވައްދާފައި. އޭގެ ސަބަބުން ވަރަށްގިނަ ޞިއްޙީ މަރްކަޒުތައް މިހާރުވަނީ ވަރަށް ބޮޑަށް ދަށުދަރަޖައަކަށް ގޮސްފައި. އޭގެ ސަބަބުން ވަރަށްގިނަ ޞިއްޙީ މަރްކަޒުތަކުގައި މިހާރު އެއްގޮތަކަށްވެސް ޓެސްޓް ހެދޭކަށް ނެތް. މެޝިން މަސައްކަތެއް ނުކުރޭ. އެހެންވީމާ، މިހެންހުރި ކަންކަންވެސް އެބަޖެހޭ ރަނގަޅު ކުރަން.

މިހެން ދަންނަވާފައި ނުދަންނަވާނެ ވާހަކައެއް ނެތް. ހައްތަހާވެސް ހުރީ ރަނގަޅު ކުރަންޖެހޭ ކަންތައްތައް. ކުދި ކަންތައްތަކުން ގޮސް ބޮޑެތި ކަންތައްތައް. ސަރުކާރުގެ އަގުހުރި މުދާތައް، ރާއްޖެއަށް ފައިދާކުޑަ ގޮތްގޮތަށް އެކި މީސްމީހުންނާ ޙަވާލުކުރެވިފައި. ރައްޔިތުންނަށް ފައިދާނުކުރާ ގޮތްގޮތަށް ބޮޑެތި ވިޔަފާރީގެ މުޢާހަދާތައް ކުރެވިފައި. މިދެންނެވި ކަންތައް ކުރެވިފައި ހުރީ ވަކި ޕާޓީއެއްގެ މީހުންނަށް ރަނގަޅަށް ކަންތައް ކޮށްދިނުމަށްޓަކައި. ﷲގެ ރަޙްމަތްފުޅުން މިއަދު އަޅުގަނޑުމެންނަށް މިއޮތީ އެކަންކަން އަލުން ބަލާފައި، ގޯސްކޮށް ކުރެވިފައި ހުރި ކަންތައްތައް ރަނގަޅު ކުރުމުގެ އާ ފުރްޞަތެއް ލިބިފައި. އެ ފުރްޞަތުގެ ބޭނުން މިއަދު އަޅުގަނޑުމެން އިޚްލާޞްތެރިކަމާއެކީގައި ހިފައި، ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް ކުރަން އެބަޖެހޭ. އެއީ، ސިޔާސީ ގޮތުން އަދި އެންމެ ރަނގަޅު ފިޔަވަޅު ކަމުގައި ނުވިޔަސް. ވޯޓު ހޯދުމަށްޓަކައި އިންތިޚާބަކަށް ދިޔުމަށްޓަކައި އެންމެ ރަނގަޅު ކަންތައް ކަމުގައި ނުވިޔަސް، ރައްޔިތުންނަށްޓަކައި ކުރަންޖެހޭ ކަންތައްތައް ޖެހޭނީ ކުރަން. އެގޮތުން، އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން، މިދެންނެވި ކަހަލަ ކަންތައްތައް އިޞްލާޙު ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރާކަށް.

ކުރިން ދެންނެވިހެން، ޤާނޫނުއަސާސީއާއި ޤާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ޢަމަލު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން އަޅުގަނޑުމެން ކުރަމުން މިގެންދަނީ. އޭގެތެރެއިން އެއްކަމަކަށް، ދައުލަތުގެ ރޭޑިއޯއާއި ޓެލެވިޜަން، އަޅުގަނޑު މިމަޤާމާ ޙަވާލުވުމާއެކު، އެއް ހަފްތާގެ ތެރޭގައި ވާނީ އެތަންތަން އެކަމަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ އުޞޫލުން ކުރުމަށްޓަކައި މަސައްކަތް ފަށާފައި. އެގޮތުން މިހާރުވަނީ ރައްޔިތުންގެ މަޖިލީހުން އުފައްދަވާފައިވާ ކުންފުނި ކަމަށްވާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން، އެތަނާ ޙަވާލުކުރެވިފައި. ވީމާ، ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިއަދާ ހަމައަށް އަދި ކުރިއަކުންނެތް ނެތް، މިއަދާ ހަމައަށް މިހާ ނޫސްވެރިކަމުގެ މިނިވަންކަން އޮތް ދުވަސްވަރެއް އެނގިފައެއް ނެތޭ އަޅުގަނޑު ދަންނަވާނީ. މިއަދު ސަރުކާރުގެ ފަރާތުން ނޫހެއް، ރޭޑިއޯއެއް، ޓީ.ވީ.އެއް ކޮންޓްރޯލް ނުކުރާ ފުރަތަމަ ވެރިކަން މިހާރު ތިޔަބޭފުޅުންނަށް ތިޔަ ފެނިވަޑައިގަންނަވަނީ. ރައްޔިތުންނަށް ޚަބަރު ގެނެސްދިނުމަށްޓަކައި، އެކިއެކި ކަންކަމާބެހޭ މަޢުލޫމާތު ދިނުމަށްޓަކައި، ޑިމޮކްރަސީގެ އުޞޫލުން އެކަން ގިނަ ފަރާތްތަކަކަށް ޙަވާލުކުރެވި، ގިނަ ފަރާތްތަކަކުން ތަފާތު ޚިޔާލުތައް ރައްޔިތުންނަށް ލިބޭނެގޮތް މިހާރު އެހެރީ ފަހިވެފައި. ސަރުކާރާ ދެކޮޅަށް، ސަރުކާރަށް ފާޑުކިޔައި، ސަރުކާރާ ބެހޭގޮތުން ދޮގު މަޢުލޫމާތު ފެތުރި ކަމުގައިވީ ނަމަވެސް، މިއަދު ސަރުކާރަކުންނެއް ފިޔަވަޅެއް ނާޅާނެ. އެކަންތައްތަކަށް ފިޔަވަޅު އަޅަން އުފައްދާފައި ހުރި މުއައްސަސާތައް އެބަހުރި. އަޅުގަނޑުމެން އުންމީދު ކުރަނީ، އެ މުއައްސަސާތަކުން އެ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް. އެއީކީ ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތެއް ނޫން.

އާދެ! މިއަދަކީ ބައިނަލްއަޤްވާމީ ނޫސްވެރިންގެ މިނިވަންކަމުގެ ދުވަސް. ވީމާ، އެގޮތުން މިއަދު އަޅުގަނޑު ނޫސްވެރިންނާ ބައްދަލުކޮށް ދެންނެވިން، އަޅުގަނޑު އެބޭފުޅުންގެ މަސައްކަތަކަށް ހުރަހެއްނާޅާނަމޭ. އަދި ހުރަސްނާޅާތާނގައި، އަޅުގަނޑު އެބޭފުޅުންގެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި އަޅުގަނޑަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ ކޮށްދޭނަމޭ. އެގޮތުން، ނޫސްވެރިންނަށް ތަމްރީނު ދިނުމާއި، ނޫސްވެރިކަން ހިންގުމަށްޓަކައި ސަރުކާރުގެ ފަރާތުން އެހީވެދެވެން އޮތް ގޮތަކަށް، މާލީގޮތުންވެސް އެހީވެދިނުމަށްޓަކައި އަޅުގަނޑުމެން މިތިބީ ތައްޔާރަށޭ.

އަޅުގަނޑުމެންގެ މިއަދު އޮތް ވެރިކަމަކީ ޑިމޮކްރަސީގެ ވެރިކަމެއް. ޑިމޮކްރަސީގެ ވެރިކަމަކީ އެންމެންގެ ޙައްޤުތައް، ހުރިހާ އެންމެންނަށްވެސް ފުރިހަމައަށް ލިބިދީގެން ކުރާ ވެރިކަމެއް. ނަމަވެސް، ޑިމޮކްރަސީ ހިންގުމުގައި، މިއަދު އަދި ރާއްޖޭގައި އޮތީ ވަރަށް ކުރީގެ ފައްތަރެއްގައި. ވަރަށް ޅަ ދުވަސްވަރެއްގައި. އެހެންވީމާ، މިދުވަސްވަރު ހުންނާނެ، މުޅިން ހަމަނުޖެހޭ ބައެއް ކަންކަންވެސް. އެގޮތުން، ބައެއް ރަށްރަށަށް އަޅުގަނޑު ދިޔުމުން، އަޅުގަނޑު ވަރަށް އުފާކޮށްފިން، މިރޭ އަޅުގަނޑުމެންނަށް މަޑުމައިތިރިކަމާއެކީގައި ވާހަކަ ދައްކާލެވޭތީ. ނަމަވެސް، ބައެއް ރަށްރަށުގައި މިގޮތަށް ޖަލްސާ ބާއްވާއިރުގައި، ޖެހިގެން ހުންނަ ގޭގައި ވަރަށް ބޮޑެތި ތާޅަފިލި ބަހައްޓައިގެން، އެކި ބާވަތް ބާވަތުގެ އުނދަގޫ ކުރުމަށްޓަކައި ލަވަތައް ޖަހަމުން ގެންދޭ. އަމިއްލަގޮތުން ގެންދޭ. މިރަށަކު އެކަހަލަ މަންޒަރެއް އަޅުގަނޑުމެންނަކަށް ނުފެނޭ. މިހެން މިކަންތައް ހިނގަނީ ޑިމޮކްރަސީގެ ނަމުގައި އެކަންކަން މި ކުރާއިރުގައި، އެކުރާ ކުދިންނަށް ހީވާކަހަލަ، ތިމަންނަމެންނަށް ބޭނުން ކޮންމެ ކަމެއް ކުރެވޭނެއޭ، މިހާރު މިއޮތީ ޑިމޮކްރަސީގެ މިނިވަންކަމޭ. މިހެން ހީކޮށް، މިބާވަތުގެ ކަންތައްތައް ކުރަމުން ގެންދަނީ. އެހެން ނަމަވެސް، ޑިމޮކްރަސީ ކުރިއަރާފައިވާ ޤައުމުތަކުގައި، މިނިވަންކަންވެސް ބޭނުންކުރަނީ ވަކި ޙުދޫދެއްގެ ތެރޭގައި. ކޮންމެ ކަމެއްގައިވެސް އޮވޭ ޙައްދެއް ކަނޑައެޅިފައި. އެގޮތުން، އަޅުގަނޑު ދާދިފަހުން، އަޅުގަނޑު އެހިން، އިންޑިއާގެ ބައެއް އިސްބޭފުޅުންގެ އަރިހުން، އިންޑިއާގައިވެސް އެގޮތަށް ބޮޑެތި ތާޅަފިލި ބަހައްޓައިގެން، މީހުންނަށް އުނދަގޫކުރާ ގޮތަށް ލަވަޖަހާ، ހަޅޭއްލަވާ ހެދޭހެއްޔޭ. އެބޭފުޅުން ވިދާޅުވީ، ރޭގަނޑު 10ގެ ފަހުން ތާޅަފިލި ބަހައްޓައިގެން، ލަވަޖަހާ އަޑުގަދަކުރުމަކީ، އެއީ އިންޑިއާގައި މަނާކަމެކޭ. އިންޑިއާއަކީ ދުނިޔޭގައި އޮތް އެންމެބޮޑު ޑިމޮކްރެޓިކް އެއްޤައުމު. އެކަމަކު އެތާނގައިވެސް އޮވޭ، ޙައްދެއް ކަނޑައެޅިފައި. އަޅުގަނޑުމެން ދިވެހިރާއްޖޭގައި އަދި މިދެންނެވި ޙުދޫދުތައް ރަނގަޅަށް ކަނޑައެއްނޭޅޭ. ކަނޑަނޭޅުމުގެ ސަބަބުން މިބާވަތުގެ އުނދަގޫތައް ބައެއްފަހަރު އެބަވޭ. އަޅުގަނޑު އުންމީދުކުރަން، ރައްޔިތުންގެ މަޖިލީހުންނާއި އަދި މިކަމާ ބެހޭގޮތުން އުފެދިފައިވާ އަމިއްލަ މުއައްސަސާތަކުން މިކަމުގައި އިތުރު މަސައްކަތްތަކެއް ކުރައްވައި، މިހާރަށްވުރެ ހަމަހިމޭން ގޮތަކަށް، ރައްޔިތުންނަށް އުފަލުގައި އުޅެވޭނެ ގޮތަކަށް، ކަންކަން ރާއްވަވަމުން ގެންދަވާނެ ކަމަށް.

އާދެ! އަޅުގަނޑު ވާހަކަކޮޅު ނިންމާލުމުގެ ކުރިން، އަދިވެސް އެއްފަހަރު އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނަން. އަޅުގަނޑުމެންނަށް ކުރެވެންހުރި ހުރިހާ މަސައްކަތެއް އިރާދަކުރެއްވިއްޔާ، މިރަށުގެ ރައްޔިތުންގެ ދިރިއުޅުން ރަނގަޅު ކުރުމަށްޓަކައި ކުރަމުން ގެންދާނަމޭ. އަޅުގަނޑުމެން މިއަދު ރަސްމީގޮތުން މިރަށަށް އައުމާ އެކުގައި، އެއަރޕޯޓުން އަޅުގަނޑުމެންނަށް މަރްޙަބާ ދެންނެވުމަށްޓަކައި، ތިޔައިގެ ތެރެއިން ވަރަށްގިނަ ބޭފުޅުން އެއަރޕޯޓަށް ވަޑައިގެންނެވި. އެކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللّـه سبحـانـه وتعـالى ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި އުފާ ފާގަތިކަން މިންވަރު ކުރެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه