އެމް.ޑީ.ޕީ.ގެ އެތެރޭގެ ހިނގުން އަބަދުވެސް އޮންނަ ގޮތެއްގެ ސަބަބުން، އެމް.ޑީ.ޕީ.ގެ ތެރެއިން ޒުވާން އާ ލީޑަރުންނަށް ކުރިއަށް ދިޔުމަކީ، ފަސޭހަ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމަށް ވަޑައިގެން، އެރަށު ރައްޔިތުންނާ މިއަދު މެންދުރުފަހު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމް.ޑީ.ޕީ އުފެއްދުމުގައި، އެމަނިކުފާނު ވަރަށްބޮޑު ރޯލެއް ކުޅުއްވި ކަމަށާއި، އެކަން ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގެން އޮވެދާނެ ކަމުގައި ވިދާޅުވިއެވެ. އެންމެ ފުރަތަމަ ކުޅުދުއްފުށީގައި، އެމް.ޑީ.ޕީ.ގެ ޖަލްސާއެއް ބޭއްވެވީވެސް އެމަނިކުފާނު ވަޑައިގެން ކަމަށާއި، އެހެން ނަމަވެސް، އެންމެފަހުން އެމް.ޑީ.ޕީ. އިން ވަކިވެވަޑައިގަންނަވަން މަޖުބޫރުވެވަޑައިގަތީ ކަމުގައި ވިދާޅުވިއެވެ. ވަކިވެވަޑައިގަންނަވަން ޖެހިވަޑައިގެންނެވި ސަބަބު މިހާރު ވަރަށް ރަނގަޅަށް ފެނިގެން އެބަދާ ކަމަށާއި، އެމް.ޑީ.ޕީ.ގައި މިހާރު ޖެހިގެން އުޅޭ މައްސަލަތައް ޖެހިގެން އުޅެނީ، އެމް.ޑީ.ޕީ.ގެ އެތެރޭގެ ހިނގުން އަބަދުވެސް އޮންނަ ގޮތެއްގެ ސަބަބުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، އެމް.ޑީ.ޕީ.ގެ ތެރޭގައި ހުރި އެބާވަތުގެ ކަންތައްތައް ހަމަޖެހިގެން، އެމް.ޑީ.ޕީ. އަށް އަނެއްކާވެސް ކުރިއަށް ދިޔުމުގެ އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިޔާސީ މަސްރަޙު ރަނގަޅުވެގެންދާނީ ރަނގަޅު ސިޔާސީ ޕާޓީތައް އޮވެގެން ކަމަށާއި، އެމަނިކުފާނުވެސް ދެކެވަޑައިގަތުމަށް ބޭނުންފުޅުވަނީ، އެމް.ޑީ.ޕީ.ވެސް ހަމަ ވަރުގަދަ ޕާޓީއެއްގެ ގޮތުގައި އޮތުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ހަމަ، އެހެންޕާޓީތައްވެސް ވަރުގަދަ ޕާޓީތަކެއްގެ ގޮތުގައި އޮވެ، އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތް ކޮށްގެން، ރަނގަޅު ޒުވާން ބޭފުޅުން އިންތިޚާބުތައް ކާމިޔާބު ކުރައްވަމުން ގެންދެވުމަކީވެސް އެދިވަޑައިގަންނަވާ ގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ކޮންމެ ބަޔަކު ވެރިކަމަށް އައި ކަމުގައިވީނަމަވެސް، ދެންތިބި މީހުންވެސް އެކުވެރިކަމާއެކީގައި މަސައްކަތް ކުރަން އެބަޖެހެއެވެ. އިންތިޚާބުގެ ދުވަސްވަރުގައި، ކިތަންމެވަރަކަށް ވާދަކުރިޔަސް، އިންތިޚާބު ނިމި، މަޤާމްތަކަށް މީހުން ހަމަޖެހުމަށްފަހު، ދެން ރަށުގެ މަޞްލަޙަތަކީވެސް، ޤައުމުގެ މަޞްލަޙަތަކީވެސް އެންމެން އެކީގައި މަސައްކަތް ކުރުމެވެ.

ނޮޅިވަރަމް ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، އެރަށަށް ކުރިމަތިވެފައިވާ ބައެއް މައްސަލަތަކުގެ މައްޗަށް ބައްލަވާލައްވައި، އެކަންކަން ޙައްލު ކުރެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވަމުން ގެންދަވާނެ ކަމަށް ވިދާޅުވިއެވެ. އެރަށުގައި ގޯތިދިނުމުގެ މައްސަލަ މިހާރު އޮތީ ކޯޓް މަރްޙަލާގައިކަން ފާހަގަކުރައްވަމުން، އެކަން ކުރިއަށް ގެންދެވެން އަންނަނީ، ކޯޓުން ވަކިގޮތަކަށް ނިންމަވައިދެއްވީމާ ކަމުގައި ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިއީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ މީހަކު ކޯޓްތެރެއަށް ވަދެ، ކޯޓްގައި ކުރާ ކަންތަކާ ބެހެވޭ ޒަމާނެއް ނޫން ކަމަށެވެ. އެހެންވީމާ، އެމަނިކުފާނަށް ދެންނެވޭނީ، މިކަންތައް އަވަސްވާނެ ގޮތެއް ހައްދަވައިދެއްވުމަށް ކަމަށާއި، އެކަން އަވަސް ކުރެއްވުމަށް ކުރެއްވެންހުރި މަސައްކަތްތައް ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޮންމެ ރަށެއްގައިވެސް ވަރަށްގިނަ ކަންތައްތައް ކުރަން އެބަހުރި ކަމަށާއި، ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން މިކަންތައްތައް ކުރައްވަމުން ގެންދަވާނެ ކަމުގައި ވިދާޅުވިއެވެ. ކަންކަން ކުރެއްވޭނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ތަންދިން މިންވަރަކުން ކަމަށް ވިދާޅުވެ، މިވަގުތު ރާއްޖޭގެ އިޤްތިޞާދު އޮތީ އެހާ ރަނގަޅަށް ނޫންކަން ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރެއްވިއެވެ. މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ބަޖެޓްގެ ޙާލަތު އޮތްގޮތް އެނގިވަޑައިގެންނެވިއިރު، މިދިޔަ އަހަރު ސަރުކާރުން ދައްކަންހުރި ބިލްތަކުގެ ތެރެއިންވެސް ދެބިލިއަން ރުފިޔާ ނުދައްކާ އޮތްކަން ފާހަގަކުރެއްވިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. އެހެންވީމާ، މިހާ ބޮޑެތި ދަރަނިތަކެއް ސަރުކާރުގެ ކޮނޑުގައި އެޅިފައި ހުރިއިރު، އެކަންކަން ޙައްލުކުރަން އެބަޖެހޭ ކަމަށާއި، އެހެން ނަމަވެސް، އެކަންކަން ޙައްލު ކުރައްވަމުން ގެންދަވާއިރުވެސް، ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޢިނާޔަތްތަކަކަށް އެއްވެސް ހުއްޓުމެއް ނާންނާނެ ކަމުގައި ވިދާޅުވިއެވެ.

ނޮޅިވަރަމް ސްކޫލްގެ ކިޔެވުމުގެ ފެންވަރު 2010 ވަނަ އަހަރާ އަޅާބަލާއިރު، މިދިޔަ އަހަރު ރަނގަޅުވެފައިވާކަން ފާހަގަކުރައްވައި، އެކަމަށްޓަކައި ސްކޫލުގެ ވެރިންނަށާއި މުދައްރިސުންނަށާއި ބެލެނިވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ރަށުގެ އާބާދީ އިތުރުވަމުންދާއިރު، ސްކޫލުގެ ފެންވަރު ރަނގަޅު ކުރަންޖެހޭ ކަމަށާއި، ސްކޫލަށް އިތުރުކުރަންޖެހޭ ކްލާސްރޫމްތައް އިތުރު ކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެކަން ހާމަކުރެއްވިއެވެ.

ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޢުމްރާނީ ގޮތުން ކިތަންމެ ބޮޑެތި މަސައްކަތްތަކެއް ކުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އަޚްލާޤީ ކަންކަން ރަނގަޅުކޮށްގެން މެނުވީ، ރަށަށް ޙަޤީޤީ ތަރައްޤީއެއް ނުގެނެވޭނެކަން ހަނދާންކޮށްދެއްވިއެވެ. އަދި ޙަޤީޤީ ތަރައްޤީ ގެނައުމަށްޓަކައި ސްކޫލްގެތެރޭގައިވެސް އަދި ގޭގައިވެސް ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވުމަށް މަސައްކަތް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.