بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ނޮޅިވަރަމްގެ ލޮބުވެތި އަޚުންނާއި އުޚުތުން، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، ހަނިމާދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު، އަދި އަޅުގަނޑާ އެކުގައި މިދަތުރުގައި ބައިވެރިވެވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިރަށުންވެސް ފެނިގެން މިދިޔައީ، އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް، ތިޔަބޭފުޅުން ވިދާޅުވިތަން. ރަށުގެ ވަރަށްގިނަ ޢަދަދެއްގެ ބޭފުޅުން ނުކުމެވަޑައިގެން، އަޅުގަނޑުމެންނާ މަގުމަތިން ވަރަށް ހޫނު ވަގުތެއްގައި، މެންދުރު ވަގުތު އަޅުގަނޑުމެންނާ ބައްދަލުކުރައްވައި، ސަލާމް ޤަލާމް ކުރައްވައި، އަޅުގަނޑުމެންނަށް ތަރުޙީބު ދެއްވި މަންޒަރު. އެހެންވީމާ، އެކަމަށްޓަކައި މިރަށުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑު ފުރަތަމަވެސް ފާހަގަކުރަން، މި ސްކޫލް 2010 ވަނަ އަހަރާ އަޅާބަލާއިރުގައި، މިދިޔަ އަހަރު މި ސްކޫލްގެ ކިޔެވުމުގެ ފެންވަރު ރަނގަޅުވެފައިވާކަން އަޅުގަނޑު އުފަލާއެކީ ފާހަގަކުރަން. އެކަމަށްޓަކައި މި ސްކޫލްގެ ޕްރިންސިޕަލާއި، ޓީޗަރުންނާއި އަދި ބެލެނިވެރިންނަށް ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން. އަދި ހަމައެހެން، އަޅުގަނޑުމެންނަށް މިއަދު ފާހަގަކުރެވިގެން މިދިޔައީ، މި ސްކޫލްގައި ވަރަށް ރީތިކޮށް ޤުރްއާން ކިޔަވާ ކުދިންވެސް އެބަތިބިކަން. އެހެންވީމާ، ދީނީ ޢިލްމު އުނގަންނައިދިނުމަށްޓަކައިވެސް ސްކޫލްގައި ރަނގަޅަށް މަސައްކަތް ކުރެވެމުންދާކަން މިއިން ދޭހަވަނީ. އެހެންވީމާ، މިރަށުގެ ތަޢުލީމަށްޓަކައި ހުރިހާ ބޭފުޅުން ތިދެއްވާ ޚާއްޞަ އަހަންމިއްޔަތަށްޓަކައި އަޅުގަނޑު ވަރަށް އުފާކުރާ ވާހަކަ ދަންނަވަން.

ރަށެއްގެ ތަރައްޤީއާއި ތަމައްދުން ބިނާވެފައިވަނީ، އެރަށެއްގައި ދިރިއުޅޭ ރައްޔިތެއްގެ ތަޢުލީމެއްގެ މައްޗަށް ބިނާކޮށް. އެހެންވީމާ، އެގޮތުން ރަށުގެ ޒުވާނުންނަށް ރަނގަޅު ފެންވަރުގެ ތަޢުލީމު ދިނުމަށްޓަކައި މަސައްކަތް ކުރުމަކީ އެއީ ކޮންމެހެން ލާޒިމް ކަމެއް. ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި މިހާރަށްވުރެވެސް ބޮޑަށް މަސައްކަތް ކުރަން އެބަޖެހޭ. މިރަށުގެ އާބާދީއަކީވެސް ބޮޑުވަމުންދާ އާބާދީއެއް. މިރަށުގެ ގްރޭޑް 10 ގައި ފަންސާހަކަށް ކުދިން އެބަތިބި ކަމަށް އަޅުގަނޑަށް މަޢުލޫމާތު ލިބެނީ. އޭގެތެރެއިން ބައެއް ކުދިންނަކީ، އެއަށްވުރެ މައްޗަށްވެސް ތަޢުލީމް ޙާޞިލް ކުރަން ބޭނުންވާނެ ކުދިން. އެހެންވީމާ، މިރަށުގައި އެބަޖެހޭ އެއަށްވުރެ މައްޗަށްވެސް ކިޔެވޭނެ ދޮރުތަކެއްވެސް ހުޅުވެން. މިހާރު މިހިރަ ސްކޫލްގެ ފެންވަރު ރަނގަޅު ކުރުމަށްޓަކައި އިތުރަށް ކުރަންޖެހޭ މަސައްކަތްތަކެއް އެބަހުރި. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، މިއަހަރުގެ ބަޖެޓްގައި، އިތުރު 4 ކްލާސްރޫމް ހެދުމަށްޓަކައި ފައިސާ ހިމެނުނު. އެމަސައްކަތް އިރާދަކުރެއްވިއްޔާ، މިއަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން.

އާދެ! ދެން އަޅުގަނޑު މިރަށުގެ ރަށު ކައުންސިލްގެ ނައިބު ރައީސް އެ ދެއްކެވި ފުރިހަމަ ނަމޫނާއާއި ހިތްވަރަށްޓަކައި، އެބޭފުޅާއަށް އަޅުގަނޑު ޝުކުރު ދަންނަވަން. އަޅުގަނޑަކީވެސް އެއްދުވަސްވަރު އެމް.ޑީ.ޕީ.ގައި އުޅުނު މީހެއް. އެމް.ޑީ.ޕީ އުފެއްދުމުގައި އަޅުގަނޑު ވަރަށްބޮޑު ރޯލެއް ކުޅުނިން. ބައެއް ބޭފުޅުންނަށް އެނގިވަޑައިނުގެންފާނެ. އެންމެ ފުރަތަމަ ކުޅުދުއްފުށީގައި އެމް.ޑީ.ޕީ.ގެ ޖަލްސާއެއް ބޭއްވީ އަޅުގަނޑު ގޮސް. އެހެންވީމާ، އަޅުގަނޑަކީވެސް އެމް.ޑީ.ޕީ.ގައި ހަމަ އުޅުނު މީހެއް. އެހެން ނަމަވެސް، ބައެއްފަހަރު އެބަޖެހޭ، ކުޑަކޮށް ކަންކަމުން ދުރުވެލާފައި އުޅެންވެސް. އެހެންވީމާ، އެގޮތުން އަޅުގަނޑަށް އެމް.ޑީ.ޕީ.އިން ވަކިވާން މަޖުބޫރުވީ. އޭގެ ސަބަބު، އަޅުގަނޑު ވަކިވާންޖެހުނު ސަބަބު މިހާރު ވަރަށް ރަނގަޅަށް ފެނިގެން އެދަނީ. އެމް.ޑީ.ޕީ.ގެ ތެރޭގެ ހިނގުން އަބަދުވެސް އޮންނަ ގޮތެއްގެ ސަބަބުން އެމް.ޑީ.ޕީ.ގެ ތެރެއިން ޒުވާން އާ ލީޑަރުންނަށް ކުރިއަށްދިޔުމަކީ ފަސޭހަ ކަމެއް ނޫން. އެހެންވެގެން މިހާރު އެމް.ޑީ.ޕީ.ގައި ޖެހިގެން އުޅޭ މައްސަލަ ޖެހިގެން އެ އުޅެނީ. އަޅުގަނޑު އުންމީދު ކުރަން، އެމް.ޑީ.ޕީ.ގެ ތެރޭގައި ހުރި އެބާވަތުގެ ކަންތައްތައް ހަމަޖެހިގެން، އެމް.ޑީ.ޕީ. އަށް އަނެއްކާވެސް ކުރިއަށް ދިޔުމުގެ އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށް.

ރާއްޖޭގެ ސިޔާސީ މަސްރަޙު ރަނގަޅުވެގެންދާނީ، ރަނގަޅު ސިޔާސީ ޕާޓީތަކެއް އޮވެގެން. އެހެންވީމާ، އަޅުގަނޑުމެން ދެކޭހިތްވަނީ، އެމް.ޑީ.ޕީ.ވެސް ހަމަ ވަރުގަދަވެ އޮތުން. އަދި އެހެން ޕާޓީތައްވެސް ހަމަ ވަރުގަދައަށް އޮތުން. އަދި ޕާޓީތަކުގެ މެދުގައި އެކުވެރިކަމުގެ ރޫޙެއްގައި މަސައްކަތްކޮށްގެން، އިންތިޚާބުތައް ރަނގަޅު ޒުވާން ބޭފުޅުން ކާމިޔާބު ކުރެއްވުން. އަޅުގަނޑުމެންގެ ނައިބު ރައީސްކަހަލަ ބޭފުޅުންނަށް ކާމިޔާބު ލިބިގެން، ދައުލަތުގެ ކުރިއެރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާނީ. ކޮންމެ ބަޔަކު ވެރިކަމަށް އައިކަމުގައިވީ ނަމަވެސް، ދެންތިބި މީހުންވެސް އެބަޖެހޭ، އެކުވެރިކަމާ އެކީގައި މަސައްކަތް ކުރަން. އިންތިޚާބުގެ ދުވަސްވަރުގައި ކިތަންމެވަރަކަށް ވާދަކުރިޔަސް، އިންތިޚާބު ނިމުމަށްފަހުގައި، މަޤާމްތަކަށް މީހުން ހަމަޖެހުމަށްފަހުގައި، ދެން ރަށުގެ މަޞްލަޙަތަކީވެސް، ޤައުމުގެ މަޞްލަޙަތަކީވެސް އެންމެން އެކީގައި މަސައްކަތް ކުރުން. އެންމެން އެކީގައި މަސައްކަތް ކޮށްގެން، ކުރިއަށް އޮތް ތާނގައި ކުރިއަށްދިޔުން. އެގޮތުން، އަޅުގަނޑު ޔަޤީންކުރަން، މިރަށުގައިވެސް ހުރިހާ ރައްޔިތުންވެސް، ހުރިހާ ޕާޓީއެއްގެ ބޭފުޅުންވެސް، އެކުވެރިކަމާ އެކީގައި އެއްބާރުލައްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށް.

އަޅުގަނޑަށް ލިބިފައި އެބައޮތް، ދާދިފަހުން މިރަށުގެ އޮފީހަށް ދިމާވި މައްސަލައެއްގެ މަޢުލޫމާތު. އަޅުގަނޑު ހީކުރަން، އެބާވަތުގެ ކަންތައްތައް މުސްތަޤްބަލުގައި ނުހިނގާނެ ކަމަށް. އެކަމާ ގުޅޭގޮތުން އަޅުގަނޑުމެން އެބަޖެހޭ ކަންކަން ނިންމަން. މިރަށުގައި ގޯތިދިނުމުގެ މައްސަލަ މިހާރުއޮތީ ވަކިގޮތަކަށް ތާށިވެފައި. އަޅުގަނޑު ދަންނަވާނީ މިހާރު މިއޮތީ ކޯޓް މަރްޙަލާގައި. އެކަން ކުރިއަށް ގެންދެވެން އަންނަނީ، ކޯޓުން ވަކިގޮތަކަށް ނިންމަވައިދެއްވީމާ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އެކަމުގައި އަޅުގަނޑުމެންނަށް ލެވެންހުރި ބާރެއްލުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިހާރުގެ މިވަގުތަކީ މިއީ ރައީސުލްޖުމްހޫރިއްޔާއަށް ހުންނަ މީހަކަށް ކޯޓްތެރެއަށް ވަދެ، ކޯޓުގައި ކުރާ ކަންތައްތަކާ ބެހެވޭ ޒަމާނެއް ނޫން. އެހެންވީމާ، ހަމައެކަނި އަޅުގަނޑުމެންނަށް ދެންނެވޭނީ، މިކަންތައް އަވަސްވާނެ ގޮތެއް ހައްދަވައިދެއްވާށޭ. އޭރުންނޭ މިތަނަށް، މިރަށަށް ހަމަޖެހުން އަންނާނީ. އެހެންވީމާ، އެކަން އަވަސް ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް އަޅުގަނޑުމެން ކޮށްދޭނެ ވާހަކަ ދަންނަވަން.

އާދެ! ދެން މިރަށަށްވެސް އެބަހުރި ވަރަށްގިނަ ކަންތައްތައް ކުރިމަތިވެފައި. ކުރަން ޖެހިފައި ހުރި ކަންތައްތައް އެބަހުރި. އޭގެތެރޭގައި، ރަށުގެ ނަރުދަމާ އަދި ބޯފެނުގެ މަސައްކަތް މިހާރު މިވަނީ ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި ވަނީ ކުންފުންޏަކާ އެކީގައި އެގްރީމެންޓެއް ހަދާފައި. މިރަށުގެ ނަރުދަމާއާއި ފެން ޤާއިމްކޮށްދިނުމުން، އެފަރާތަށް ފަޅުރަށެއް ލިބޭގޮތަށް. އެހެން ނަމަވެސް، އެ އެގްރީމެންޓްގެ ޞައްޙަކަމާ ދޭތެރޭގައި ބައެއް ސުވާލު އުޅޭތީއާ އެކީގައި، އެ މައްސަލަ މިހާރު ބަލަމުން ގެންދަނީ. އިރާދަކުރެއްވިއްޔާ، މާ ލަހެއްނުވެ، އެކަން ހަމަޖެހިގެންދާނެ. އަޅުގަނޑުގެ އުންމީދަކީ، ދާދި އަވަހަށް މިރަށުގައި ނަރުދަމާއާއި ބޯފެނުގެ ނިޒާމްވެސް ޤާއިމްވެގެންދިޔުން. އެކަމުގައިވެސް އަޅުގަނޑުމެންނަށް، އެކަން އަވަސް ކުރުމަށްޓަކައި ދެން ކުރަންޖެހޭ މަސައްކަތެއް އަޅުގަނޑުމެން ކުރަމުން ގެންދާނެ ވާހަކަ ދަންނަވަން.

އާދެ! ދެން އަޅުގަނޑަށް އެނގޭ، އަޅުގަނޑު މިރަށުގެ އޮޑިވެރިންނާ ބައްދަލުކޮށްލިއިރު، އަޅުގަނޑަށް އެނގުނީ އަދި މިރަށުގެ ނެރުގެ މަސައްކަތްވެސް ކުރަންޖެހޭކަން އެބަ. އެކަމުގައިވެސް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި. އަދި މިރަށުގެ ފަޅު ފުންކުރުމާއި، ދޯނިއެހެލާނެ ތަނެއް އެބަ ހަދަންޖެހޭ. އެހެންވީމާ، އެކަމަށްޓަކައި އަޅުގަނޑު، އަޅުގަނޑާ އެކީގައި ވަޑައިގެން އިންނެވި ވަޒީރާ މަޝްވަރާ ކުރުމަށްފަހުގައި، އަޅުގަނޑު ދަންނަވާފައި އޮންނާނީ، ދާދި އަވަހަށް އެކަންކަން ސަރވޭކޮށް، އެކަން ކުރެވޭނެ ގޮތެއް ބެލުމަށްޓަކައި، މިނިސްޓްރީގެ ފަރާތުން ބޭފުޅަކު މިރަށަށް ވަޑައިގަތުމަށް. އޭރުން އަޅުގަނޑުމެންނަށް އެނގޭނީ، އެކަން ކުރަންވީ ގޮތަކާއި، އެކަމަށްދާނެ ޚަރަދަކާ، މިކަންކަން އަޅުގަނޑުމެންނަށް ސާފުވާނީ އޭރުން. އިރާދަކުރެއްވިއްޔާ، އެހާ ހިސާބުން އެކަންވެސް ކުރިއަށް ގެންދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން.

ދެން ހަމަ ކޮންމެ ރަށެއްގައިވެސް އެބަހުރި ވަރަށްގިނަ ކަންތައްތައް. ހަމަ ކޮންމެ ރަށެއްގައިވެސް މިހިރީ އެއްބާވަތެއްގެ ކަންތައްތައް ގިނައިން. ދައުލަތުގެ ބަޖެޓް ތަންދިން މިންވަރަކުން ކޮންމެ ރަށެއްގައިވެސް މިދެންނެވި ކަންތައްތައް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަޅުގަނޑުމެންނަށް ކަންކަން ކުރެވޭނީ، އަޅުގަނޑުމެންގެ އިޤްތިޞާދު ތަންދިން މިންވަރަކުން. ކަންދިމާވިގޮތުން، މިވަގުތު ރާއްޖޭގެ އިޤްތިޞާދީ އޮތީކީ އެހާ ރަނގަޅަކަށް ނޫން. އަޅުގަނޑަށް ބަޖެޓްގެ ޙާލަތު އޮތްގޮތް އެނގުނުއިރުގައި، ސާފުވީ މިދިޔަ އަހަރު ސަރުކާރުން ދައްކަންހުރި ބިލްތަކުގެ ތެރެއިންވެސް ދެ ބިލިއަން ރުފިޔާގެ ބިލް އަދި އޮތީ ނުދައްކާ. އެއީ މިދިޔަ އަހަރުގެ ބިލް. އެހެންވީމާ، މިހާ ބޮޑެތި ދަރަނިތަކެއް ސަރުކާރުގެ ކޮނޑުގައި އެޅިފައި އެބަހުރި. އެކަންކަން އެބަޖެހޭ ޙައްލުކުރަން. ނަމަވެސް، އަޅުގަނޑު ހަމަ ތިޔަ ހުރިހާ ރައްޔިތުންނަށްވެސް ވަރަށް ޔަޤީންކަމާ އެކީގައި ދަންނަވަން، ދައުލަތުގެ ފަރާތުން ތިޔަބޭފުޅުންނަށް ދެމުންގެންދާ ހުރިހާ ޢިނާޔަތްތަކެއްވެސް، އޭގެތެރޭގައި ދުވަސްވީ ބޭފުޅުންނަށް ލިބޭ ދެހާސް ރުފިޔާ، މިއަހަރު ދެހާސް ތިންސަތޭކަ ރުފިޔާއަށް ބަދަލުވެ، އަދި ނުކުޅެދޭ ކުދިންނަށާއި، އެކަނިވެރި މައިންނަށް ލިބޭ ޢިނާޔަތްތައްވެސް އަދި މިނޫންވެސް ދައުލަތުގެ ފަރާތުން ލިބޭ ހުރިހާ ޢިނާޔަތްތަކެއް، ﷲ އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުންނަށް ހަމަ ބަރާބަރަށް ލިބެމުންދާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިރަށުން އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، ގިނަ ރަށްރަށުން ފެންނަ ގޮތަށްވުރެ ހަމަ ރަނގަޅު އެކުވެރި މާޙައުލެއް. އެކަމަށްޓަކައި ރަށުގެ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ރަށެއްގައި ކަންކަން ކުރިއަށް ގެންދެވޭނީ، އެކުވެރިކަމާއި އެއްބައިވަންތަކަން އޮވެގެން. އަޅުގަނޑު މި މަޤާމާ ޙަވާލުވިފަހުން ގާތްގަނޑަކަށް ތިންމަސްދުވަސް ވަނީ މިހާރު. މި މުއްދަތުގެ ތެރޭގައި އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، ވީހާވެސް ބޮޑަކަށް ރައްޔިތުންގެ ތެރޭގައި އެއްބައިވަންތަކަމާއި އެކުވެރިކަން އިތުރުކުރެވޭތޯ. އަދި އަޅުގަނޑުމެންގެ ތެރޭގައި ހުރި ބައެއް ކަންކަން އިޞްލާޙު ކުރުމަށްޓަކައި. އެގޮތުން، ވަރަށް މުހިންމު މަޝްރޫޢެއް، އަޅުގަނޑުމެންގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް އެ ފެށްޓެވީ. އެއީ މަދަނީ ތަޢުލީމްގެ ޤައުމީ ޕްރޮގްރާމް. އެ ޕްރޮގްރާމަކީ އެއީ ވަރަށް މުހިންމު ޕްރޮގްރާމެއް. އެމަނިކުފާނު ދެންމެ ދެއްކެވި ވާހަކަފުޅުން ތިޔަބޭފުޅުންނަށް އެކަން ސާފުވެވަޑައިގަންނަވާނެ. އަޅުގަނޑުމެންގެ ތެރޭގައި، ޢުމްރާނީ ގޮތުން ކިތަންމެ ބުރަ މަސައްކަތްތަކެއް ކުރި ކަމުގައިވިނަމަވެސް، އެހުރިހާ ކަމެއް ދާދި ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އަނދައިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް. ދާދިފަހުން އަޅުގަނޑުމެންނަށް އެކަން ތަމްސީލުވެގެން ހިނގައްޖެ. އެކަން އެހެން އެވަނީ، އަޅުގަނޑުމެންގެ ތެރޭގައި، އެއްބައިވަންތަކަމާއި، އެކުވެރިކަމާއި، އަޚްލާޤީ ކަންކަން، ވަކިވަރަކަށްވުރެން ދަށަށް ދިޔައީމަ. އެހެންވީމާ، އެ ވިދާޅުވި ކަންތައްތަކަކީ އެއީ ވަރަށް މުހިންމު ކަމެއް ކަމަށް އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު ދަންނަވާލަމުން ގެންދިޔައީ، ޢުމްރާނީ ގޮތުން މީގެތެރޭގައި ކިތަންމެ ބޮޑެތި މަސައްކަތްތަކެއް ކުރި ކަމުގައިވީނަމަވެސް، އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި، އަޚްލާޤީ ކަންކަން ރަނގަޅުކޮށްގެން މެނުވީ، އަޅުގަނޑުމެންގެ ރަށަށް ޙަޤީޤީ ތަރައްޤީއެއް ނުގެނެވޭނެއޭ. އެހެންވީމާ، ސްކޫލްގެ ތެރޭގައިވެސް އަދި ގޭގައިވެސް ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދެއްވޭތޯ މަސައްކަތް ކުރެއްވުމަކީ، ވަރަށް މުހިންމު ކަމެއް. އަޅުގަނޑަށް އެނގޭ، އަޅުގަނޑުމެންވެސް ގިނަފަހަރަށް އަޅުގަނޑުމެން ސަރުކާރުގެ އެކިއެކި މަޤާމްތަކުގައި، އިސް މަޤާމްތަކުގައި ތިބޭ މީހުންވެސް، އަޅުގަނޑުމެންގެ ކުޑަކުދިންނަށް ދައްކަމުން މިގެންދަނީކީ އަބަދަކު އެހާ ރީތި ނަމޫނާއެއް ނޫންކަން. އެހެން ނަމަވެސް، އެކަންކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެންވެސް މަސައްކަތް ކުރާނެ ވާހަކަ ދަންނަވަން.

އާދެ! އަޅުގަނޑު ދެން މިހާ ހިސާބުން ވާހަކަ ނިންމާލާނަން. އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިދެއްވި ހޫނު މަރްޙަބާއަށާއި އަދި އަޅުގަނޑުމެން މިރަށުގައި މިވީ ވަގުތުކޮޅުގެ ތެރޭގައި، އަޅުގަނޑުމެންނަށް ތިޔަހާ ރަނގަޅަށް މެހްމާންދާރީ އަދާކުރެއްވީތީ، ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

ﷲ އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާގިނަ ދުވަސްނުކޮށް، މިރަށަށް އާދެވޭނެ ކަމަށް އަޅުގަނޑު އުންމީދު ކުރަން. އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ހުރިހާ ލޮބުވެތި ރައްޔިތުންނަށް މާތްﷲ ރަޙްމަތް ލެއްވުން. އަދި ތިޔަ ހުރިހާ ބޭފުޅުންނަށް ފުރިހަމަ ޞިއްޙަތާއި، އުފާވެރިކަން މިންވަރު ކުރެއްވުން. މިރަށަކީ އަމާން ތަނެއް ކަމުގައި މާތްރަސްކަލާނގެ ލައްވައި، އުފާވެރި ފާގަތި ތަނެއް ކަމުގައި މާތްރަސްކަލާނގެ ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه