بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ހިރިމަރަދޫގެ ލޮބުވެތި ރައްޔިތުން، ހިރިމަރަދޫ ސްކޫލްގެ ލޮބުވެތި ކިޔަވާ ކުދިން، އަޅުގަނޑާއެކީގައި މިތަނަށް ވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި ހިރިމަރަދޫގެ ކައުންސިލްގެ ރައީސާއި، ކައުންސިލްގެ މެންބަރުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

ފުރަތަމަ އަޅުގަނޑުމެން މިރަށަށް ތިޔަބޭފުޅުން ބާލައިދެއްވި ކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ދަންނަވަން. ތިޔަބޭފުޅުން އަޅުގަނޑުމެން ނުބޭލުވިނަމަ، އަޅުގަނޑުމެން ފަތާފައި ޖެހޭނީ ފައިބަން. އެހެންވީމާ، އަދި ތިޔަ ހުރިހާ ބޭފުޅުން އަތިރިމައްޗަށް ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ތިޔަބޭފުޅުން ވިދާޅުވެދެއްވި ކަމަށްޓަކައި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ! މިވޭތުވެދިޔަ ތިން އަހަރުގެ ތެރޭގައި، ގިނަފަހަރަށް ސަރުކާރުގެ އެހީތައް، ސަރުކާރުގެ ޕްރޮގްރާމްތައް މިދަނީ، ވަކި ކުލައެއްގެ ރަށްރަށަށް. އެހެންވީމާ، ވަކި ޕާޓީއަކަށް ނިސްބަތްވާ ކައުންސިލެއް ނޯންނަ ތަނަކަށް ވާގޮތަކީ ސަރުކާރުގެ އެހީވެސް، އަޅާލުންވެސް މާބޮޑަށް ނޯންނަ ގޮތަކަށް މިދިޔައީ. އެއީ ވަރަށް ދެރަ ކަމެއް. ކަންދިމާވި ގޮތުން، މިރަށަކީ ޕާޓީތަކަށް މާބޮޑު ފޯރިއެއްދީގެން އުޅޭ ރަށެއް ނޫން. މިރަށަކީ ވަރަށް އެއްބައިވަންތަ، ވަރަށް އުޚުއްވަތްތެރި ރައްޔިތުންކޮޅެއް ދިރިއުޅޭ ރަށެއް. މާބޮޑަށް ސިޔާސީ ކަންތައްތަކުގެ ތެރެއަށް ވަދެގެން އުޅޭ ރަށެއް ނޫން. އެހެންވީމާ، މިރަށަށް މާބޮޑު އަޅާލުމެއްދީފައެއް ނެތް. އެއީ، އެކަން ވެގެންވާނެ ގޮތެއް ނޫން.

އަޅުގަނޑަށް މިރަށަށް މިއާދެވުނީ ފުރަތަމަފަހަރު. އަޅުގަނޑަށް މި ކުޑަވަގުތުކޮޅުގެ ތެރޭގައި، އިވެމުންމިދާ އަޑުތަކުންނާއި، ފެންނަމުންމިދާ މަންޒަރުތަކުން ވަރަށް ރަނގަޅަށް އަޅުގަނޑަށް ދޭހަވޭ، މިރަށަކީ ވަރަށް ބޮޑަށް އިހުމާލުކުރެވިފައި އޮތް ރަށެއްކަން. އެހެންވީމާ، ވަރަށް އަސަރާއެކީގައި، މިރަށުގެ ކައުންސިލްގެ ރައީސް މުޙަންމަދު ވަޙީދު ދެންމެ ވާހަކަފުޅު އެ ދެއްކެވީ. އަޅުގަނޑަށް ވަރަށް ބޮޑަށް އިޙްސާސް ކުރެވޭ، މިކަމުގެ ސަބަބުން މިރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް. ތެދެއް، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ޚިދްމަތްތަކެއް ލިބިދިނުންވަނީ ކަށަވަރު ކޮށްދީީފައި. އެކަން ކުރަންޖެހޭ ފަރާތަކީ ދައުލަތް. ދައުލަތުގެ ފަރާތުން އެކަންކަން އެބަ ކުރަންޖެހޭ. އެހެންވީމާ، ތިޔަބޭފުޅުން ތިޔަ އެދިވަޑައިގަންނަވާ ކަންތައްތައް ކުރުމުގައި، ސަރުކާރުން އެބަޖެހޭ، އަތުކުރިއޮޅާލައިގެން މަސައްކަތް ކުރަން.

އަޅުގަނޑު ކުއްލިއަކަށް ހަނދާންވީ، މީގެ ތިން އަހަރު ކުރިން، އަޅުގަނޑު ދިޔައިން ނޫމަރައަށް. ދެން ކަން ދިމާވިގޮތުން އެދުވަހަކީ މިހާ މޫސުމް ރީތި ދުވަހެއް ނޫން. ކުޑަކޮށް ގަދަ ދުވަހެއް. އެހެން ނަމަވެސް، އެރަށަށްވެސް ފައިބަން ޖެހުނީ ހަމަ ބޮއްކުރައެއްގައި. އަޅުގަނޑު ފައިބައިގެން ސްކޫލަށް ދިޔައީ، މިކަހަލަ ޖަލްސާއެއް ބާއްވަން. ދިޔައިރުވެސް ހަމަ މިމަންޒަރު އަޅުގަނޑަށް ފެނިގެންދިޔައީ. އަޅުގަނޑުގެ ކުރިމަތީގައި، އެރަށުގެ އިސްކޮށް ތިއްބެވި ބޭފުޅުން، ވަރަށް އަސަރާއެކީގައި ހަމަ އެއްވާހަކައެއް ދެއްކެވީ. އެހިސާބުން އަޅުގަނޑަށް ދެންނެވުނީ، އެބޭފުޅުންނަށް އަޅުގަނޑު ކޮންމެ ގޮތެއް ހަދާފައިނަމަވެސް، މިރަށުގައި ފާލަމެއް ނަމަވެސް އަޅާދެވޭތޯ ބަލާނަމޭ. މިހެން އަޅުގަނޑަށް ބުނެވިއްޖެ. ބުނެފައި އަޅުގަނޑު މިދިޔައީ. ދެން އެއްކަލަ ފާލަން އެޅޭގޮތެއްނުވޭ. އަހަރުދުވަސްވެއްޖެ. އަޅުގަނޑު މިހުންނަނީ އެ ފާލަން ނޭޅޭތީ އެރަށަށް ނާރަން. ދެއަހަރު ދުވަސްވެއްޖެ، ފާލަމެއް ނޭޅުނު. ދެން ކަންދިމާވިގޮތުން، އަޅުގަނޑު ނައިބު ރައީސެއްގެ މަޤާމުގައި ހުރިއިރުގައި، ދެން މާބޮޑު ބާރުތަކެއް އޮވެގެނެއް ނޫން ހުންނަނީކީ. އެހެންވީމާ، އަޅުގަނޑަށް އެކަން އެވަގުތު ކުއްލިއަކަށް ކޮށްނުދެވުނީ. ދެން މިހާރު އެކަމަކު އަޅުގަނޑަށް ޚަބަރު ލިބިފައިވާ ގޮތުގައި، ނޫމަރާގެ ބަނދަރުވެސް މިހާރު ހަދާ ނިމެނީ. އެހެންވީމާ، އިރާދަކުރެއްވިއްޔާ ދެން މާލަހެއްނުވެ އަޅުގަނޑު ނޫމަރައަށް ދާނަން. އަޅުގަނޑު މިދަންނަވަނީ މިރަށަށް އަޅުގަނޑުމެން ނާންނާނެ ވާހަކައެއް ނޫން. އިރާދަކުރެއްވިއްޔާ އަދިވެސް ހަމަ ވަރަށް އަވަހަށް އާދެވޭތޯ ބަލާނަން.

އަޅުގަނޑު ދަންނަވަން މިއުޅޭ ވާހަކައަކީ، އަޅުގަނޑު ތިޔަބޭފުޅުންނަށް އިތުރު ދޮގެއް ނުދަންނަވާނަމޭ. އަޅުގަނޑަށް ނުކުރެވޭވަރުގެ ކަމެއްގައި އަޅުގަނޑު ވަޢުދެއްވެސް ނުވާނަމޭ. އެހެންނަމަވެސް، ތިޔަބޭފުޅުން ތިއެދިވަޑައިގަންނަވާ ކަންކަން ރަނގަޅު ކުރެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނެ ވާހަކަ އަޅުގަނޑު ދަންނަވަން. އަދި ތިޔަބޭފުޅުންގެ މުސްތަޤްބަލްގެ ކަންތައްތައް މުހިންމުވާންވާނީ ތިޔަބޭފުޅުންނަށް. މިރަށަކީ ފުދޭވަރަކަށް ޒުވާނުން ގިނަ ރަށެއް. އަދި ޒުވާނުން ރަށުގައި ދިރިއުޅޭ ރަށެއް. ބައެއް ރަށްރަށުގައި މިހާރު މާގިނަ ޒުވާނުންނެއް ނޫޅޭނެ. ޒުވާނުން އުޅޭނީ ކޮންމެވެސް ރިޒޯޓެއްގައި، ނޫނީ މާލޭގައި. ރަށުގައި ގިނަފަހަރަށް މިތިބެނީ ދުވަސްވީ ބޭފުޅުންނާއި، ދެން އަންހެނުންނާއި ކުޑަކުދިން. ނަމަވެސް، މިރަށަކީ އެކަހަލަ ރަށެއް ނޫން. މިރަށުގައި ވަރަށްގިނަ ޢަދަދެއްގެ ޒުވާނުން އަޅުގަނޑުމެންނަށް އެބަފެނޭ. އެހެންވީމާ އެއާ އެކީގައި، މިރަށުގެ ކުދި ބޮޑު އެންމެންވެސް އެބައުޅޭ މިރަށުގައި، ގިނަ ޢަދަދަކަށް. އެހެންވީމާ، އަޅުގަނޑަށް ފެންނަ ގޮތަކީ، މިރަށުގެ ރައްޔިތުން މިކަމާ ދޭތެރޭގައި ވަރަށް ބޮޑަށް ވިސްނާވަޑައިގަންނަވަން. މިއަންނަ އަހަރުގެ ބަޖެޓްގައި އަޅުގަނޑުމެން ވަކި ޢަދަދަކަށް މިރަށުގެ ތަރައްޤީއަށްޓަކައި ފައިސާ ކަނޑައަޅައިފިއްޔާ، ތިޔަބޭފުޅުން އެއިން ކުރައްވަން ބޭނުންފުޅު ކުރައްވަނީ ކޮންކަމެއްތޯ ކަނޑައެޅުއްވުން.

އަޅުގަނޑު ދަންނަވަން މިއުޅޭ އެއްޗަކީ، އަޅުގަނޑާ އެކީގައި މިތަނަށް ވަޑައިގެން އެބަތިއްބެވި ދައުލަތުގެ 3 ވަޒީރު ބޭފުޅުން މިއިންނެވީ އަޅުގަނޑުމެންގެ އިޤްތިޞާދީ ކަންތައްތަކާބެހޭ ވުޒާރާ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ވަޒީރު އަލްފާޟިލް އަޙްމަދު މުޙަންމަދު. އަޙްމަދު ތެދުވެވަޑައިގެންދެއްވާ. ދެން އަޙްމަދާ ޖެހިވަޑައިގެން މިއިންނެވީ އަޅުގަނޑުމެންގެ ދާޚިލީ ވަޒީރު. ހުރިހާ ސަލާމަތީ ކަންތައްތަކާއި، އަމަންއަމާން ކަންތައްތަކާއި، ޒުވާނުންގެ ވަރަށްގިނަ ކަންތައްތަކާއި އަދި މިހާރު އަލަށް ފެށްޓެވި މަދަނީ ތަޢުލީމުގެ ޕްރޮގްރާމްވެސް ހިންގަވާ މިނިސްޓަރ ޑޮކްޓަރ މުޙަންމަދު ޖަމީލް. ދެން އަޅުގަނޑާއެކީގައި މިތަނަށް ވަޑައިގެން މި އިންނެވީ، ޑޮކްޓަރ މުޙަންމަދު މުޢިއްޒު. މުޢިއްޒަކީ، ގެދޮރު އެޅުމާއި، ޢުމްރާނީ ކަންކަމާ ގުޅޭ ވަޒީރު. މި ތިންބޭފުޅުން އަޅުގަނޑާއެކީ ވަޑައިގެން އެބަ ތިއްބެވި. ދެން އޭގެއިތުރުންވެސް އެހެން ބޭފުޅުން އެބަ ތިއްބެވި މިތާނގައި. އެހެންވީމާ، މިއީ ވަރަށް މުހިންމު ތިންބޭފުޅުން. އެއީ މިބޭފުޅުންނާއެކީގައި އަޅުގަނޑު ކެބިނެޓްގައި، ވަޒީރުންގެ މަޖިލީހުގައި މިމަސައްކަތް ކުރަނީ. މިބޭފުޅުންނާއެކީގައި އަޅުގަނޑު މަސައްކަތް ކުރާނަން، މިއަންނަ އަހަރުގެ ބަޖެޓްގައި މިރަށަށް ގާތްގަނޑަކަށް ތިރީހަކަށް މިލިއަން ރުފިޔާ ކަނޑައެޅޭތޯ. އަންނަ އަހަރުގެ ބަޖެޓްގައި. ދެން ވިދާޅުވާނެ، ތިމަންމެން ތިޔަ ފައިސާއިން ކީއްހޭ ކުރާނީ. އެ ތިރީސް މިލިއަން ރުފިޔާ މިރަށަށް އަޅުގަނޑުމެން ކަނޑައެޅީމާ، އެއިން ކުރަންވީ މަސައްކަތެއް އަޅުގަނޑު އެދެނީ ތިޔަބޭފުޅުން ނިންމަވައިދެއްވުން. އެހެންވީމާ، އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުޖްތާޛާއި އަދި ވަޒީރުންގެ މަޖިލީހުގެ ކޮންމެވެސް އެއްބޭފުޅަކު، ޑޮކްޓަރ މުޢިއްޒު އިސްވެ ހުންނަވައިގެން މިރަށަށް އަލުން ވަޑައިގަންނަވަންވީ. ވަޑައިގެން މިރަށުގެ ރައްޔިތުންނާ މަޝްވަރާ ކުރައްވަންވީ. މަޝްވަރާ ކުރައްވާފައި، ތިޔަބޭފުޅުން ނިންމަވަންވީ، މިރަށުގެ ރައްޔިތުން، އެ ތިރީސް މިލިއަން ރުފިޔާ މިއަންނަ އަހަރު ތިޔަބޭފުޅުން ޚަރަދު ކުރައްވާނީ ކިހިނެއްތޯ.

އާދެ! ވިއްސަކަށް މިލިއަން ރުފިޔާއަށް ކުޑަކުޑަ ބަނދަރެއް ހެދިދާނެ ކަމަށް މުޢިއްޒު ވިދާޅުވަނީ އަޅުގަނޑު ކައިރީގައި. ދެން އެފައިސާއިން ކުރެވޭނެ އެހެން ކަންތައްތައްވެސް ހުންނާނެ. ތިޔަބޭފުޅުން ވިސްނާވަޑައިގަންނަވާ، ތިޔަބޭފުޅުންގެ މުސްތަޤްބަލާ ދޭތެރޭގައި. މިރަށުގައި އަދި ވަރަށްގިނަ ކަންތައްތައް އެބަ ކުރަންޖެހޭ. ރަނގަޅު ފެންވަރެއްގެ ސްކޫލެއްވެސް ޢިމާރާތް ކުރަން އެބަޖެހޭ. ރަނގަޅު ފެންވަރެއްގެ ޞިއްޙީ މަރްކަޒަކާއި، ހޮސްޕިޓަލެއްވެސް އެބަ ހުންނަންޖެހޭ ރައްޔިތުން އުޅޭ ތަނެއްގައި. އަޅުގަނޑުމެންގެ އާބާދީ ދުވަސްވަމުން މިދަނީ. ދުވަސްކޮޅަކުން އަޅުގަނޑުމެންގެ އާބާދީގެ ވަރަށްބޮޑު ބަޔަކަށްވާނެ، ދުވަސްވީ ބޭފުޅުން. ދުވަސްވީވަރަކަށް ޞިއްޙީ ފަރުވާވެސް ބޭނުންވާނެ. ހޮސްޕިޓަލަށްވެސް ދާންޖެހޭނެ. ދެން ތިބޭނީ ތުއްތު ކުދިން. ތުއްތު ކުދިން ބޮޑެތިވަމުން އަންނަވަރަކަށް، އެކުދިން އެބަޖެހޭ މަތީ ތަޢުލީމަށްދާން. ކޮލެޖަށް ދާން އެބަޖެހޭ. ޔުނިވަރސިޓީއަށް ދާން އެބަޖެހޭ. ކުޅިވަރު ކުޅުމުގެ މުބާރާތްތަކުގައި ބައިވެރިވާން އެބަޖެހޭ. އެހެންވީމާ، މިކަންކަން މިއަދު މިއީ ކުރަންޖެހޭ ކަންކަން. މިހުރިހާ ކަމަކާ ތިޔަބޭފުޅުން ވިސްނާވަޑައިގެންނެވުމަށްފަހުގައި، މިރަށުގެ ރައްޔިތުން އަޅުގަނޑަށް ފެނޭ އަޅުގަނޑަށް ނަސޭހަތް ދެއްވަން. މިހާރު ވަޙީދުއޭ ތިމަންމެން ބޭނުންވަނީ މިގޮތަށޭ، މިއަންނަ އަހަރު މިކަންތައް ކުރަން. ވިދާޅުވީމާ، އެގޮތަކަށް އިރާދަކުރެއްވިއްޔާ، އަޅުގަނޑު ކަންތައްކުރާނަން. މީގައި އަޅުގަނޑު ތިޔަބޭފުޅުންނަށް އޮޅުވާލާކަށް، ތިޔަބޭފުޅުންނަށް އަޅުގަނޑު ބޭނުންވާގޮތް ދަންނަވާކަށް އުޅެނީކީ ނޫން. އެހެންނަމަވެސް، ވިސްނާވަޑައިގަންނަވާ، ތިޔަބޭފުޅުންނަށް އެބައޮތް ތަފާތު ދެގޮތަކަށް ވިސްނާވަޑައިގެންނެވެން.

އެއްގޮތަކީ، މިރަށުގެ ބަނދަރު ހަދައިގެން ދެން އަދި މުސްތަޤްބަލުގައި ދެން އަންނަ ދުވަސްކޮޅެއްގެ ތެރޭގައި އަނެއްކާ ސްކޫލްވެސް ތަންކޮޅެއް ރަނގަޅުކޮށްލައިގެން، ދެން އަންނަ ފަސްއަހަރު ނޫނީ ދިހަ އަހަރުގެ ތެރޭގައި، ތަންކޮޅެއް މަތީ ފެންވަރުގެ ޞިއްޙީ ފަރުވާ ލިބޭނެގޮތެއްވުން. މިހުރިހާ ކަންތައްތަކެއް، މަޑުމަޑުން މަޑުމަޑުން މަޑުމަޑުން ގޮސް، އަޅުގަނޑުމެންގެ އުންމީދާ އެއްވަރަށް ކަންތައް ރަނގަޅުވޭތޯ، ދުވަސްގަނޑަކަށްވުމަށްފަހު.

އަނެއް ގޮތަކީ، މިއީ ދައްކަންނުވާ ވާހަކައެއް. އެހެން ނަމަވެސް، ތިމާގެ މީހުންގެ ކައިރީގައި، ގޭތެރޭގައި ދައްކަންނުވާ ވާހަކަވެސް ދައްކަންޖެހޭނެ ބައެއްފަހަރު. އަނެއްގޮތަކީ، ތިޔަބޭފުޅުން އެހެން ތަނަކަށް ވަޑައިގަންނަވަން ވިސްނާވަޑައިގަތުން. ގެދޮރު އަޅައިދީ، ކޮންމެ ގެއަކަށް ގެއެއް އަޅައިދީފައި، މިރަށުން މިއަށްވުރެ ބޮޑު ރަށެއްގައި، ތަޢުލީމީ ޚިދްމަތާއި، ޞިއްޙީ ޚިދްމަތާއި، ހޮސްޕިޓަލް ހުރި ތަނަކަށް ވަޑައިގަތުން. އެއީވެސް ގޮތެއް. އެކަމަކު އެކަން ނިންމަވާނީ ތިޔަބޭފުޅުން. އަޅުގަނޑު ނޫޅެން ކޮންމެހެން މިހެން ހައްދަވާށެކޭ ދަންނަވާކަށް. ދެން އަޅުގަނޑު މިދަންނަވަނީ އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ކޮށްދެވޭނެ ކަމަކީ، މިއަންނަ އަހަރުގެ ބަޖެޓްގައި، މިރަށުގެ ތަރައްޤީއަށްޓަކައި އަޅުގަނޑު މިދެންނެވި ޢަދަދަށް ބަޖެޓެއް ކަނޑައެޅުން. އެހެންވީމާ، މިއޮތް ދުވަސްކޮޅުގެ ތެރޭގައި، ތިޔަބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހުގައި، ރަނގަޅު ގޮތެއް ނިންމަވާ، އަޅުގަނޑަށް ވަރިހަމަ ތިޔަބޭފުޅުން ކޮންމެގޮތަކަށް ނިންމެވިޔަސް. އެކަމަކު މިރަށުގައި ތިއްބެވީވެސް ހަމަ ތަޢުލީމީ، ހަމަ ތަންދޮރު އެނގޭ ބޭފުޅުން. އެހެންވީމާ، ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާ ރަނގަޅު ގޮތަކަށް ނިންމެވީމާ، އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަންނަ އަހަރުގެ ބަޖެޓްގައި އެބައި ހިމަނައިގެން، އެ ވިދާޅުވާ ގޮތަކަށް އެކަން ކުރަމުން ގެންދާނަން. އޭރުން ތިޔަބޭފުޅުން ނިންމަވައިފިއްޔާ، ދެން އޮންނާނީ ބަނދަރު ހެދިފައި، އެގޮތް އެންމެ ރަނގަޅު ނޫންތޯ. ބޮޑުކަމެއްގެ ވާހަކަ މިދަންނަވަނީ. އެހެން ނަމަވެސް، އެކަން އަޅުގަނޑު ތިޔަބޭފުޅުންގެ އަތްޕުޅަށް ދޫކޮށްލާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، އަޅުގަނޑު މި ވަޢުދުވީ ކަންތައް، އަޅުގަނޑު ތިޔަބޭފުޅުންނަށް ކޮށްދޭނަން.

އާދެ! މިރަށުގެ ގްރޭޑް 10ގައި ތިބީ 6 ކުދިން ކަމަށް އަޅުގަނޑަށް ޚަބަރު ލިބިފައި އޮތީ. ވަރަށް އުޖާލާ، ވަރަށް ވިސްނުންތޫނު ކުދިން މިތިބީ. އަޅުގަނޑުގެ ނަޞޭޙަތަކީ، އިމްތިޙާނަށް މިއަހަރު ތައްޔާރުވާ ގްރޭޑް 10ގައި ތިބި ކުދިން ވަރަށް ރަނގަޅަށް ކިޔަވައިގެން، ރަނގަޅު ނަތީޖާތަކެއް ނެރެވޭތޯ މަސައްކަތްކުރާށޭ. ފުދޭވަރަކަށް ޓީޗަރުންވެސް އެބަތިބި މިރަށުގައި. ބޭރުގެ މުދައްރިސުންވެސް އެބަތިބި. އެހެންވީމާ، ބޮޑު ހިތްވަރެއްލައިގެން، ތިޔަކުދިން ރަނގަޅު ނަތީޖާތަކެއް ނެރެވޭތޯ ބަލާށޭ. އޭރުން އިރާދަކުރެއްވިއްޔާ، ތިޔަކުދިންނަށް އޭ ލެވެލްއަށް ކިޔެވުމުގެ ފުރްޞަތެއް ލިބޭތޯވެސް އަޅުގަނޑުމެން ޖެހޭނެ މަސައްކަތް ކުރަން. ކަންދިމާވި ގޮތުން، މިރަށުގައި އެކަން ކުރެވޭކަށް ނެތް. އެހެންވީމާ ޖެހޭނީ، ކޮންމެވެސް އެހެން ތަނަކަށް އެހެން ސްކޫލަކަށްދާން. އެހެން ނަމަވެސް، އެކަމުގައިވެސް އަޅުގަނޑުމެންނަށް ވެވެންހުރި އެހީއެއް ވެދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! ދެން އަޅުގަނޑަށް އެނގޭ، ޞިއްޙީ ކަންތައްތައް ވަރަށްގިނަ ރަށްރަށުގައި ހުންނަނީ ވަރަށް ނިކަމެތި ހާލުގައި މިހާރު. އަޅުގަނޑުމެން ހެލްތް ކޯޕަރޭޝަންތަކެއް އުފެއްދިން. އުފައްދައިގެން، މި ކޯޕަރޭޝަންތަކުގެ ދަށަށް މިތަންތަން ދޫކޮށްލީ. ދޫކޮށްލުމަށްފަހުގައި ވެގެން މިދިޔަގޮތަކީ، ގިނަ ތަންތާނގައި ޓެސްޓެއް ކުރެވޭނެ ގޮތެއްވެސް ނުހުރޭ. ލޭ ނެގޭނެ ގޮތެއްވެސް ނުހުރޭ. އެހެންވީމާ، މިކަންކަން ރަނގަޅު ކުރުމަށްޓަކައި މިހާރު އަޅުގަނޑުމެން ހަމަ އިއްޔެ އޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، އަޅުގަނޑުމެން މި ނިންމީ، ދެން މިވަގުތަށް ހެލްތް ކޯޕަރޭޝަންތައް ހަމަ ހުއްޓާލަން، އުވާލަން. އުވާލާފައި، ސީދާ ސަރުކާރުން، މިނިސްޓްރީގެ ދަށުން، މިނިސްޓްރީ އޮފް ހެލްތްގެ ދަށުން މިކަންކަން، މިއަށްވުރެ ރަނގަޅަށް ހިންގޭތޯ ބަލަން. އަޅުގަނޑު ޔަޤީންކުރަން، އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ޞިއްޙީ މަރްކަޒުގެ ޚިދްމަތް، މިހާރަށްވުރެ ރަނގަޅުވެގެންދާނެ ކަމަށް. އެތަންތަނަށްވެސް ލިބެންޖެހޭ އެހީ، ޓެސްޓް ކުރެވޭނެގޮތްވުން، އެ ޓެސްޓްކުރުމަށްޓަކައި ބޭނުންވާ ކެމިކަލްތަކާ އެއްޗެތި ހޯދުން، ބޭސް ލިބުން، މިކަންކަން ރަނގަޅު ކުރުމަށްޓަކައި އާ ހިތްވަރަކާއެކީގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! ދެން އަޅުގަނޑު މިހާރު ދަންނަވާނަން ވަރަށް އުފާވެރި ވާހަކައެއް އިނގޭތޯ. އެއީ މިރަށާ ވަރަށް ކައިރީގައި އަޅުގަނޑު މިއުޅެނީ ގެދޮރު އަޅަން ފަށައިގެން، ކައިރީގައި އޮތް ހަނިމާދޫގައި. އެހެންވީމާ، މިރަށަށް ފަނަރަވަރަކަށް މިނިޓުން އާދެވޭއިރުގައި، އިރާދަކުރެއްވިއްޔާ، އަނެއްކާ މާލަސްތަކެއްނުވެ މިރަށަށް އައުމުގެ ފުރްޞަތުވެސް ލިބޭނެ. ދެން ހަނިމާދުއަކީ އެހާ ދުރުގައި އޮތް ތަނެއް ނޫން. އަޅުގަނޑަށް ހަނިމާދުއަށް އާދެވުނު ގޮތެއް ދަންނަވާކަށް ހަމަ އެއްގޮތަކަށްވެސް ނޭނގެ. ކަން ދިމާވިގޮތުން މީގެ ދިހަވަރަކަށް އަހަރު ކުރިން މާލޭ މީހުންނަށް ގޯތިދިންއިރުގައި، އަޅުގަނޑަށް އެތަނުން ގޯއްޗެއް ނެގިފައި އޮތީ. އެހެންވީމާ، މިހާރު އަޅުގަނޑު ހަނިމާދޫ މީހަކަށްވެސްވެފައި މިހިރީ. ދެން މިހާރު ކުޑަކުޑަ ގެއެއް އަޅައިގެން، އަޅުގަނޑު އެތަނަށް ވަރަށްގިނައިން އަންނަން. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެ އަންނަ އައުމުގައިވެސް މިރަށަށް އަޅުގަނޑަށް އާދެވޭތޯ ބަލާނަން.

ދެން އަޅުގަނޑު އެދެނީ، ތިޔަބޭފުޅުންވެސް އަޅުގަނޑާ ދޭތެރޭގައި ހަމަ ގާތް ގުޅުމެއް ބާއްވަވައިދެއްވުން. އެއީ މިދެންނެވިހެން އަޅުގަނޑު ދެން ވާނީ މިރަށުގެ އަވަށްޓެއްސަކަށް. އަވަށްޓެހިންނާ ދޭތެރޭގައި ވަކިން ޚާއްޞަ ގުޅުމެއް ބާއްވަންޖެހޭނެ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އެގޮތަށް އަޅުގަނޑުވެސް މަސައްކަތް ކުރާނަން. ދެން ކުރިން ދެންނެވިހެން، އަޅުގަނޑު މިއުޅެނީ، މާބޮޑެތި ކަންތައްތަކެއް އަޅުގަނޑު ކޮށްދޭނަމޭ ކިޔާފައި، ތިޔަބޭފުޅުންނަށް އިތުރު ދޮގު ނަހަދަންވެގެން އަޅުގަނޑު މިއުޅެނީ. އެހެންވެގެން އަޅުގަނޑު މާގިނަ ކަންތައްތަކެއްގެ ވާހަކަ މި ނުދައްކަނީ. އެހެންނަމަވެސް، އެއްކަމެއްގެ ވާހަކަ އަޅުގަނޑު މިދެންނެވީ، އެއީ ބަޖެޓްގެ ވާހަކަ. އެހެންވީމާ، އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ކޮށްދޭނެ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވަން. ދެން ތިޔަބޭފުޅުން އަޅުގަނޑުމެންނާ ބައްދަލުކޮށްލައްވަން މިތަނަށް ވަޑައިގެންނެވީތީ، އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށްވެސް މާތްﷲ ރަޙްމަތް ލެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފުރިހަމަ ޞިއްޙަތު މިންވަރު ކުރެއްވުން. އަދި މިރަށަކީވެސް އުފާވެރި ތަނެއް ކަމުގައި ލެއްވުން. ވަރަށް ބޮޑަށް ޝުކުރިއްޔާ!

والســّلام عليــكم ورحـمــة اللّـه وبـركاتـه