ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި އެއްވެސް މީޑިއާއެއް މިއަދު ނެތް ކަމަށާއި، ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް އޮތީ އޮންނާނެ އެންމެ ފުޅާމިނަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިރޮނގުން ވާހަކަފުޅު ދެއްކެވީ، މިއަދަކީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަސް ކަމަށްވުމާއެކު، މިއަދުގެ މުނާސަބަތުގައި، ނޫސްވެރިންނާއި އަދި މީޑިއާގައި މަސައްކަތް ކުރައްވާ ބޭފުޅުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ސަރުކާރުގެ ރޭޑިއޯއެއް ނުވަތަ ޓީ.ވީ އެއް ނެތްކަން ފާހަގަކުރައްވައި، މިއީ ރާއްޖޭގެ ތާރީޚުގައިވެސް ސަރުކާރުގެ ނޫހެއް ނުވަތަ މަޖައްލާއެއް، ނުވަތަ ޓީ.ވީ އެއް، ރޭޑިއޯއެއް ނެތް ފުރަތަމަފަހަރުކަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު މަސައްކަތް ކުރެއްވި އެއްކަމަކީ، ޤާނޫނާ އެއްގޮތްވާ ގޮތަށް ސަރުކާރުގެ ޓީ.ވީ އާއި ރޭޑިއޯ، އެމް.ބީ.ސީ.އާ ޙަވާލުކުރެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރަށް ފެންނަ ގޮތް އެކަނި އެއީ ޙަޤީޤަތް ކަމަށް ހެއްދެވުމަށް، މި ސަރުކާރުން މަސައްކަތް ނުކުރައްވާނެ ކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ، ރާއްޖޭގައި މިއޮތް ޑިމޮކްރެޓިކް ނިޒާމްގެ ތެރޭގައި ހުރި ހުރިހާ މުއައްސަސާތަކަށް ދޭންޖެހޭ ފުރިހަމަ ބާރު ދެއްވައިގެން، ބާރުވެރިކުރުވައިގެން، ޑިމޮކްރަސީ ފުރިހަމަ ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

ރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށްފުޅާމިނަށް ހުޅުވާލެވިފައިވުމާއެކު، އެކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، މިނިވަންކަމުގެ ނަމުގައި ޚިޔާލުފާޅުކުރަމުންދާއިރު، ވިސްނާލަންޖެހޭ ބައެއް ކަންތައްތައް އެބަހުރި ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ޚިޔާލުފާޅުކުރުމުގެ ނަމުގައި، އެހެން މީސްމީހުންނަށް އުނދަގޫވާގޮތަށް ކަންތައްތައް ކުރެވެމުން އެބަދާ ކަމަށާއި، މިއީ އެއްގޮތަކަށްވެސް ވެގެންވާނެ ގޮތެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ޑިމޮކްރަސީގެ ނަމުގައި ދަތުރު ފަށައިގެން އަދި ވަރަށް އާ ފައްތަރެއްގައި އަޅުގަނޑުމެން އުޅެމުންދާއިރު، އިޞްލާޙުކުރަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށާއި، އޭގެ މާނައަކީ، ޑިމޮކްރަސީ ފަހަތަށް ގެންދިޔުމަށް އަޅުގަނޑުމެން މަސައްކަތް ކުރުން ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގެ ނޫސްވެރިންނަށާއި، މީޑިއާގައި މަސައްކަތް ކުރައްވާ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އަދާކުރެއްވިއެވެ. އަދި ރައްޔިތުންނަށް ތަފާތު ޚަބަރުތައް ގެނެސްދެއްވުމަށް ނޫސްވެރިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވިއެވެ. އަދި ނޫސްވެރިކަމަށް ސަރުކާރުން ދެއްވަންޖެހޭ އެހީތެރިކަން މިހާރަށްވުރެ ރަނގަޅަށް ދެއްވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ނޫސްވެރިންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.