بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

އާދެ! މިއަދު އަޅުގަނޑުގެ އެންމެބޮޑު އުފަލަކީ، ނޫސްވެރިންނަށާއި، ނޫސްވެރިކަމުގައި އުޅުއްވާ ހުރިހާ ބޭފުޅުންނަށް، މިއަދުގެ ތަހުނިޔާއާއި މުބާރަކްބާދު ދެންނެވުން.

ނޫސްވެރިކަމުގެ މިނިވަންދުވަހަކީ ކުލަގަދަ ގޮތެއްގައި ފާހަގަކުރެވޭ ދުވަހަކަށްވާންޖެހޭ. ސަބަބަކީ ނޫސްވެރިކަން ގުޅިފައި މިއޮތީ، އަޅުގަނޑުމެންގެވެސް މިނިވަންކަމާ. ހުރިހާ އެންމެންގެވެސް މިނިވަންކަމާ. އަޅުގަނޑުމެންގެ ތެރޭގައި ކަންކަންވާގޮތާ ބެހޭގޮތުން ޙަޤީޤަތް ސާފުކުރަން އަޅުގަނޑުމެން މިޖެހެނީ، އަޅުގަނޑުމެންގެ ތެރޭގައި ނުކުންނަ ޚަބަރުތަކާއި، ލިޔެވޭ މަޒުމޫނުތަކާ، މިކަންކަމުގެ ތެރެއިން. ޙަޤީޤަތް އުފެދިގެންދަނީވެސް، ޙަޤީޤަތް ހާމަވަމުންދަނީވެސް އަދި ފޮރުވިފައި އޮންނަނީވެސް ވާހަކަތަކެއްގެ ތެރޭގައި. ވާހަކަތަކަކުން މި ޙަޤީޤަތް މި ބިނާކުރަނީ. އެވާހަކަތައް ލިޔާ ބަޔަކީ ނޫސްވެރިން. އެހެންވީމާ، އެއްވެސް ޤައުމެއްގައި، އެ ޤައުމެއްގައި ކަންކަން ހިނގާގޮތުގެ ފުރިހަމަ ޙަޤީޤަތް ހާމަކޮށްދިނުމުގައި، ނޫސްވެރިންނަކީ ވަރަށް މުހިންމު އަދާކުރާ ބައެއް. ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން އޮވޭ. އެބޭފުޅުން އެ ލިޔުއްވާ ވާހަކަ، ތަފާތު ގޮތްގޮތަށް އެ ވާހަކަ ލިޔުއްވުމަކީ، އެއީ ޙަޤީޤަތް އޮޅުންފިލުމަށްޓަކައި ބޭނުންތެރި ކަމެއް. އެންމެ ވާހަކައެއް ލިޔެވޭ ކަމަށްވާނަމަ، އަޅުގަނޑުމެންނަށް ޙަޤީޤަތް އޮޅުންފިލައިގެންދާނީ، އެ ވާހަކަ ލިޔުއްވި ބޭފުޅެއްގެ ނަޒަރުން އެކަނި. ކަން އޮތް ގޮތުގެ ޙަޤީޤަތް ނުކުންނާނީ، ތަފާތު ވާހަކަތައް، ތަފާތު ބޭފުޅުން، ތަފާތު ނަޒަރިއްޔާތުން ލިޔުއްވައިގެން. އެހެންވީމާ، ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަން އޮންނަން މިޖެހެނީ. ޑިމޮކްރެޓިކް ޤައުމެއްގައި، ނޫސްވެރިކަމުގެ މިނިވަންކަމަކީ، އެންމެ މުހިންމު އެއްކަންތައް. އެގޮތުން، ނޫސްވެރިކަމުގެ މިނިވަންކަން ކުރިއެރުވުމަށްޓަކައި ދައުލަތުގެ ފަރާތުންވެސް ކުރަންހުރި ކަންތައްތައް ކުރަން އެބަޖެހޭ.

އާދެ! ދެންމެ ޒާހިރު އެ ވިދާޅުވިފަދައިން، އެބަހުރި ކުރެވޭނެ ކަންތައްތައް. އޭގެތެރެއިން މިއަދުވެސް ހަމަ މިއަދުވެސް އަޅުގަނޑު ބޭނުން، އަޅުގަނޑުމެން މިހާރު ދެންމެ ތިވިދާޅުވި ގެޒެޓްގައި ތިޖަހާ އިޢުލާނުތައް ޖެހުމުގައި، ގެޒެޓްގައި އެކަނި ނުޖަހާ ހުޅުވާލަން. ސަރުކާރުގެ ފަރާތުން ނެރޭ އިޢުލާނުތަކަކީ އެއީ ހުރިހާ ނޫސްތަކަކަށްވެސް ލިބެންހުރި އެއްޗަކަށްވާން. އޭގެ ސަބަބުން އަޅުގަނޑަށް ހީވަނީ، ނެރޭ ނޫސްތަކަށް ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ލިބިގެންދާނެހެން.

ދެން ތިޔަ ހަމަ ވިދާޅުވިހެން، ސަރުކާރުގެ ފަރާތުން ނޫސްވެރިކަމުގެ އެކިއެކި ޓްރޭނިންގއާއި ކޯސްތައް ރާވައިގެން ނުހިންގާ ދުވަސްގަނޑެއް މިދިޔައީ. އޭގެ މަޤްޞަދަކަށްވެފައި އޮތީވެސް ނޫސްވެރިކަން ހަމަ ދޫކޮށްލާފައި އޮތުން. އެހެން ނަމަވެސް، ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް އޮންނަންވެސް އެބަޖެހޭ. އެހެންވީމާ، އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބަލަމުން ގެންދާނަން، ކިހިނެއްތޯ ސަރުކާރުގެ ފަރާތުން އެކަމުގައިވެސް އެހީތެރިކަމެއް ދެވޭނީ. ކިހިނެއްތޯ އަޅުގަނޑުމެންނަށް އެކަމުގައި، އެކަން ވިލަރެސްކޮށް، އެކަމުގެ އެހީދޭން ތިބި ފަރާތް ފަރާތުން އެހީ ހޯދުމަށްޓަކައި މަސައްކަތް ކުރެވޭނީ.

އާދެ! ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން މިހާރު މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި. އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު ދިވެހި ސަރުކާރުގެ އަތަކު ރޭޑިއޯއެއް ޓީ.ވީ.އެއް ނެތް. މިއީ އަޅުގަނޑަށް ހީވަނީ، ރާއްޖޭގެ ތާރީޚުގައިވެސް އެންމެ ފުރަތަމަފަހަރަށް ސަރުކާރުގެ އަތުގައި ނޫހެއް، މަޖައްލާއެއް، ޓީ.ވީ.އެއް، ރޭޑިއޯއެއް ނެތް ފުރަތަމަފަހަރު. އަޅުގަނޑު މިމަޤާމާ ޙަވާލުވިތާ ހަފްތާއެއްގެ ތެރޭގައި، އަޅުގަނޑު އެމް.ބީ.ސީ.ގެ ބޯޑާ ބައްދަލުކުރިން. ބައްދަލުކޮށްފައި، އެވަގުތު ވަރަށް ހާސްކަމުގެ ތެރޭގައި އުޅެމުންވެސް، އަޅުގަނޑު މަސައްކަތްކުރީ، ސަރުކާރުގެ ޓެލެވިޜަނާއި ރޭޑިއޯ، ރައްޔިތުންގެ މަޖިލީހުން ނިންމަވާފައިވާ ގޮތަށް، ޤާނޫނާ އެއްގޮތްވާ ގޮތަށް އެމް.ބީ.ސީ.އާ ޙަވާލުކުރުމަށް. އެހެންވީމާ، އޭރުވެސް ހަމަ އެޅެންހުރި ހުރިހާ ފިޔަވަޅެއް އަޅައިގެން، އަޅުގަނޑު ދެކޭގޮތުގައި، އެންމެ ފުރަތަމަ ކުރެވުނު އެންމެމޮޅު ކަމަކީ، އަޅުގަނޑުމެންނަށް ހަމަ ރޭޑިއޯއާއި ޓީ.ވީ އެމް.ބީ.ސީ.އާ ޙަވާލުކުރުން. އެހިސާބުން ފެށިގެން ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި މިއަދަކު ނެތް މީޑިއާއެއް. އަޅުގަނޑު އުފަލާ އެކީގައި އެހެން މި ބުނަނީ، ސަރުކާރަކުން ނޫޅެ، ކޮންމެހެން ސަރުކާރަށް ފެންނަ ގޮތް އެކަނި އެއީ ޙަޤީޤަތް ކަމަށް ހެދުމަށްޓަކައި މަސައްކަތް ކުރާކަށް މިއަދަކު.

އަޅުގަނޑުމެން ރާއްޖޭގައި މިހާރު މިއޮތީ ޑިމޮކްރެޓިކް ނިޒާމެއް. އަޅުގަނޑު މަސައްކަތް ކުރަމުން މިގެންދަނީ، އެ ޑިމޮކްރެޓިކް ނިޒާމްގެ ތެރޭގައި ހުރި ހުރިހާ މުއައްސަސާތަކަށް ދޭންޖެހޭ ފުރިހަމަ ބާރުދީގެން، ބާރުވެރިކުރުވައިގެން ޑިމޮކްރަސީ ފުރިހަމަކުރުމަށްޓަކައި. ހުރިހާ ދިމާލަކުން ބަލައިލިޔަސް މިއަދު އަޅުގަނޑުމެން ރާއްޖޭގައި މިފެންނަނީ، ޑިމޮކްރަސީއަށްޓަކައި ކުރެވޭ މަސައްކަތް. އެގޮތުން، އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު ވާނީ މުސްތަޤިއްލު މުއައްސަސާތަކުގެ ވެރިންނާވެސް ބައްދަލުކޮށް، އެމުއައްސަސާތަކުގެ މިނިވަންކަން ޤާއިމްކޮށްދިނުމަށްޓަކައި، ކަށަވަރުކޮށްދިނުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތަކާ ބެހޭގޮތުން މަޝްވަރާކޮށް، އެ ފިޔަވަޅުތައް އަޅަމުން މިގެންދަނީ. އެގޮތުން، އޭ.ސީ.ސީ.ގެ ރައީސަށްވެސް، އޮޑިޓަރ ޖެނެރަލަށްވެސް އަޅުގަނޑު ދަންނަވާފައި އޮންނާނެ، ސަރުކާރަކުންނެއް، އެބޭފުޅުން ނިންމަވާ ކަންކަމުގެ ތެރެއަށް ވަދެ، އެކަންކަން ބަދަލުކުރާކަށް މަސައްކަތެއް ނުކުރާނެއޭ. އެބޭފުޅުން ނެރުއްވާ ރިޕޯޓްތައް، ސަރުކާރުގެ މުއައްސަސާތަކުން ތަންފީޛު ކުރުމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރާނަމޭ.

ހަމައެހެން، ސަރުކާރުގެ ބަޖެޓްވެސް މުއައްސަސާތަކަށްދީ އަދި ޚާއްޞަކޮށް، ޖުޑީޝަރީއަށް މިނިވަންކުރުމަށްޓަކައި ޖުޑީޝަރީއަށްވެސް ކަނޑައެޅިފައި އޮތް ބަޖެޓް، އެފަރާތާ ޙަވާލުކޮށް، މިހެން ކުރަންހުރި ކަންތައް ކުރަމުން، މި ސަރުކާރުން މިގެންދަނީ.

މިއަދު ރާއްޖޭގައި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަން މިއޮތީ، އަޅުގަނޑު ދަންނަވާނީ ހަމަ އޮންނާނެ އެންމެ ފުޅާމިނަށޭ. އަޅުގަނޑުމެންގެ ތެރޭގައި، ޚިޔާލުފާޅުކުރާ މީހުން އެކަމަކު އެބަ ވިސްނަންޖެހޭ، ޑިމޮކްރެޓިކް ވެށްޓެއް ޤާއިމްކޮށްފައި ބޭއްވުމަށްޓަކައި، ޒިންމާދާރު ސިޓިޒަންއެއްގެ ޙައިޘިއްޔަތުން ޚިޔާލުފާޅުކުރުމުގައި ކިހިނެއްތޯ ޢަމަލުކުރަން މިޖެހެނީ. މިނިވަންކަމަކީ، އެހެން މީހުންގެ މިނިވަންކަމުން އަރައިގަންނަ ހިސާބުން، އެ ޙުދޫދު ކަނޑައެޅިގެންދާ އެއްޗެއް. އެހެންވީމާ، މިނިވަންކަމުގެ ނަމުގައި ޚިޔާލުފާޅުކުރަމުންދާއިރު، އެބަ ވިސްނަންޖެހޭ، ކިހިނެއްތޯ އެހެން މީހުންނަށް މިއިން އަސަރު ކުރާނީވެސް. މިހާރު އަޅުގަނޑުމެންގެ ތެރޭގައި، ޚިޔާލުފާޅުކުރުމުގެ ނަމުގައި، ވަރަށް ބޮޑަށް އެހެން މީސްމީހުންނަށް އުނދަގޫވާގޮތަށް ކަންތައް ކުރެވެމުން އެބަދޭ. އަޅުގަނޑަށް އެތަން އެބަ ފެނޭ، އަޅުގަނޑު ދަތުރުކުރާއިރުގައިވެސް. އަޅުގަނޑު ދާދިފަހުން ހައްދުންމަތިންދިޔަ ރަށެއްގައި، އެރަށުގެ އެންމެބޮޑު ވާދަވެރިކަމެއް މިއޮންނަނީ، ލައުޑް ސްޕީކަރު ހޯދުމުގައި. ކޮންބަޔަކަށްތޯ، އެންމެ ބާރުގަދަ ސްޕީކަރެއް ހޯދެނީ. އެރަށުގައި އެންމެމޮޅު ބަޔަކީ، އެންމެ ބާރުގަދަ ލައުޑް ސްޕީކަރު ސިސްޓަމެއް އޮންނަ މީހަކު. ދެންހަމަ ކަމާކަންފަށާ ރާއްޖެއިން ބޭރަށް ދަތުރުވެސް އެބަކުރޭ، ލައުޑް ސްޕީކަރު ގަންނަން. އެހެންވީމާ، އެރަށަށް އަރައިގެންދާއިރުގައި، މި އިވެނީ ހަމަ ތަފާތު ތަންތާނގައި ލައުޑް ސްޕީކަރު ބަހައްޓައިގެން، ވަރަށް އަޑުގަދަކޮށް ޚިޔާލުފާޅުކުރަމުންދާތަން. ޖަލްސާއެއް ބާއްވަން އުޅުނަސް، އެ ޖަލްސާއެއް ބޭއްވޭވަރެއްނުވޭ، ޖެހިގެން ހުންނަ ގޭގައި ހުންނަ ލައުޑް ސްޕީކަރުގެ އަޑުގަދަކަމުން. މިއީ އަދި މިނިވަންކަމާ އެކީގައި ޚިޔާލުފާޅުކުރުމެއް ނޫން. އެހެންވީމާ، މިބާވަތުގެ ކަންކަން އެބަޖެހޭ، އަޅުގަނޑުމެން ރަނގަޅު ކުރަން. އެކަން ރަނގަޅުވާނީ، ޤާނޫނާއި ޤަވާޢިދަށްވެސް ކޮންމެވެސްކަހަލަ އިޞްލާޙުތަކެއްވެސް އައިސްގެން. އެހެންވީމާ، އެކަން ކުރުމުގެ މަސައްކަތް އެބަ ކުރަންޖެހޭ. އަޅުގަނޑު މިކަމާ ބެހޭގޮތުން އިންޑިޔާއިން ދާދިފަހުން ވަޑައިގެންނެވި ޢިއްޒަތްތެރިއެއްގެ އަރިހުގައި ދެންނެވިން، މިގޮތަށޭ މިކަން ހިނގަނީ. ކިހިނެއްހޭ އިންޑިޔާގައި އެކަން އޮންނަނީ، އިންޑިޔާ ނޫންހޭ، އެންމެ މިނިވަން ތަނަކީ. ވިދާޅުވީ، ރޭގަނޑު 10ގެ ފަހުން އަޑުގަދަކުރާއިން އެއްޗެހި ޖެހުމަކީ މަނާކަމެކޭ. އަޅުގަނޑުމެންގެ ތެރޭގައި ވަރިހަމަ، 12 ޖެއްސަސް، މެންދަމުން އަލިވެ 2 ޖެއްސަސް، މިކަން އެބަ ހިނގާ. މިއީ ހަމައެކަނި ކުޑަކުޑަ މިސާލެއް. ދެން މިނޫން އެހެން ދާއިރާތަކުގައިވެސް މިބާވަތުގެ ކަންތައްތައް އެބަހުރި އަޅުގަނޑުމެންގެ ތެރޭގައި.

އަޅުގަނޑުމެންނަކީ ޑިމޮކްރަސީގެ މަގުގައި ދަތުރު ފަށައިގެން އަދި ވަރަށް ކުރީގެ ސަފުގައި، މިދެންނެވީ ވަރަށް އާ ފައްތަރެއްގެ ތެރޭގައި އުޅޭ ބަޔަކަށްވުމާއެކުގައި، މިހެން އިޞްލާޙުކުރަންޖެހޭ ކިތަންމެ ކަންތައްތަކެއް އެބަހުރި. އޭގެ މާނައަކީ، އަޅުގަނޑުމެން ޑިމޮކްރަސީ ފަހަތަށް ގެންދަން މަސައްކަތް ކުރުމެއް ނޫނޭ. އެއަށް އިތުރު ކުރިއެރުމެއް ގެނެސް، ޑިމޮކްރަސީ މިހާރަށްވުރެ ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އަޅުގަނޑުމެންގެ ތެރޭގައި އެބަހުރި. އެގޮތުން، މިދާއިރާގައިވެސް އަޅުގަނޑުމެން ކުރަންޖެހޭ މަސައްކަތް ހުންނާނެ. އެހެންވީމާ، މި ނޫސްވެރިކަން، އިރުޝާދުދީ އަދި އެކަމުގައި ދޭންޖެހޭ ޓެކްނިކަލް އެހީތެރިކަމާއި އަދި ކޮންމެވެސްވަރަކަށް ރެގިއުލޭޓްރީ ފަންކްޝަންސްވެސް ރަނގަޅަށް ހިނގުމަކީ އެއީ މުހިންމު ކަމެއް ކަމުގައި އަޅުގަނޑު ދެކެން.
އާދެ! ކުރިން ދެންނެވިހެން، އަޅުގަނޑު މަސައްކަތް ކުރާނަން، ނޫސްވެރިކަމަށް ދޭންޖެހޭ، ސަރުކާރުން ދޭންޖެހޭ އެހީތެރިކަން، މިހާރަށްވުރެ ރަނގަޅަށް ދެވޭތޯ. އަޅުގަނޑު އެޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވާނަން. އަދި ތިޔަބޭފުޅުން ޚަބަރު ރައްޔިތުންނަށް ގެނެސްދިނުމަށްޓަކައި އަދި ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރެއްވުމަށްޓަކައި ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތަށް އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށްވެސް ފަށްފަށުން ޝުކުރު ދަންނަވަން. ތިޔަބޭފުޅުން ތިކުރައްވާ މަސައްކަތުގައި، މާތްރަސްކަލާނގެ ބަރަކާތް ލައްވައި، އަޅުގަނޑުމެން އެންމެންނަކީ ޢިލްމުވެރި އަދި ޚިޔާލު ތަނަވަސް، އުޚުއްވަތްތެރި، އެއްބައިވަންތަ ބައެއްގެ ގޮތުގައި ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން.
 

والســّلام عليــكم ورحـمــة اللّـه وبـركاتـه