ދެމެހެއްޓިނިވި ގޮތެއްގައި ތިމާވެށީގެ ސިޔާސަތުތައް ތަންފީޒު ނުކުރެވުމުގެ ނަތީޖާ ދުނިޔެއިން މިހާރު ފެންނަމުން އެބަދާ ކަމަށާއި، މިކަމާ މަޝްވަރާކުރުމުގެ ބަދަލުގައި މިހާރުން މިހާރަށް ޢަމަލީ ގޮތުން ފިޔަވަޅު އަޅަންވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، "ކެންސޯ އޭޝިޔާ-ޕެސިފިކް ކޮންފަރެންސް 2012" އިފްތިތާޙްކުރުމަށް ކުރުނބާ މޯލްޑިވްސްގައި މިއަދު ހެނދުނު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެއަރ ޓްރެފިކް މެނޭޖް ކުރުމަށް ހޯދިފައިވާ އާ ޓެކްނޮލޮޖީގެ ސަބަބުން، ސާފު ތިމާވެށްޓެއް ޤާއިމްކުރުމަށް އޭވިއޭޝަން ދާއިރާއިން ކުރަމުން ގެންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބެމުންދާ ކަމުގައި ވިދާޅުވިއެވެ. ނަމަވެސް، ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމަށް ޓެކްނޮލޮޖީގެ ގޮތުން ކުރިމަތިވާ ގޮންޖެހުންތަކަށްވުރެ، މުހިންމީ އެކަމަށް ޢަމަލީ ގޮތުން އެޅޭނެ، ނަތީޖާ ނެރެވޭނެ ފިޔަވަޅުތަކެއް ހޯދުންކަން ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ އެއަރ ޓްރެފިކް ދާއިރާގައި، ސިވިލް އެއަރ ނެވިގޭޝަން ސަރވިސަސް އޯގަނައިޒޭޝަން (ކެންސޯ) އިން އަދާކުރަމުންދާ ދައުރުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ކެންސޯ ފަދަ ޖަމާޢަތްތަކަކީ ޤައުމެއްގެ ސަރުކާރެކޭ އެއްގޮތަށް، ތިމާވެށީގެ މައްސަލަތައް ޙައްލުކުރުމުގައި ހެޔޮބަދަލުތަކެއް ގެނައުމަށް މަސައްކަތްކުރާ ޖަމާޢަތެއް ކަމުގައި ވިދާޅުވިއެވެ. އަދި އެ ޖަމާޢަތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާ ތަޢުރީފު ކުރެއްވިއެވެ.

1989 ވަނަ އަހަރުން ފެށިގެންވެސް ރާއްޖެވަނީ، ދުނިޔޭގެ ޒިންމާދާރު ތިމާވެށީގެ ސިޔާސަތުތަކަށް ވަކާލާތުކުރުމުގައި އެންމެ ކުރީ ސަފުގައިކަން ފާހަގަކުރައްވަމުން، މި ސަރުކާރު އޮތީ ތިމާވެށި ރައްކާތެރިކުރުމުގައި ސާބިތުކަމާއެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާނީ، ކަރބަން ބޭރުކުރާ މިންވަރު މަދުވާނެ ގޮތަކަށް ކަމަށާއި، ސަރުކާރުގެ އަމާޒަކީ، ތިމާވެށި ހިމާޔަތް ކުރުމަށް މިހާރު ހުރި މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމާއި، އައު މުއައްސަސާތައް ތަރައްޤީ ކުރުމުގައި އަމިއްލަ ފަރާތްތަކާވެސް ގުޅިގެން މަސައްކަތްކުރުން ކަމުގައި ވިދާޅުވިއެވެ.