بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ނައިބު ރައީސް، ވަޒީރުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެކްސަލަންސީ ހައިކޮމިޝަނަރ އިންޑިއާ، ބަންގްލަދޭޝް، ޙާޒިރުވެވަޑައިގެންނެވި ހައިކޮމިޝަނަރސް، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން. އަދި އެންމެހާ ދަރިވަރުންނާއި، ފުލުހުންގެ ޚިދްމަތްތެރި ބޭފުޅުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އާދެ! މިއަދު މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ އިސްނެންގެވުމާ އެކުގައި، ސަރުކާރުގެ ތިން ވުޒާރާއެއް އެއްބާރުލައިގެން މިފަށްޓާ މި މުހިންމު ޕްރޮގްރާމަކީ، އަޅުގަނޑު އުންމީދުކުރާ ގޮތުގައި، މި ވަގުތު ރާއްޖެއަށް ވަރަށް ބޮޑަށް ބޭނުންތެރިވެފައިވާ ޕްރޮގްރާމެއް. މަދަނީ ތަޢުލީމުގެ ޤައުމީ ޕްރޮގްރާމެއް ފަށަން ވެއްޖެތާ ކިތަންމެ ދުވަހެއް. ސަބަބުތައް، ދެންމެ މިތާނގައި ވާހަކަ ދެއްކެވި ހުރިހާ ބޭފުޅުންގެ ވާހަކަފުޅުތަކުން ތިޔަބޭފުޅުންނަށް ސާފުވެވަޑައިގަންނަވާނެ. އަޅުގަނޑުމެން ގިނަފަހަރަށް މި ވާހަކަ ދައްކަމުން ދަނީ، ޤައުމުގެ ޙާލަތު މިހާރު އޮތްގޮތާމެދު. އެހެން ނަމަވެސް، އަޅުގަނޑު ފަށަމުން ދަންނަވާހިތް އޮތީ، ދިވެހި ޤައުމަކީ އަދިވެސް ހަމަ ލާމަސީލު ޤައުމެކޭ. ދިވެހި ރައްޔިތުންނަކީވެސް ދުނިޔޭގެ ހަމަ ގިނަ ތަންތާނގައި ދިރިއުޅޭ ރައްޔިތުންނަށްވުރެން ރަނގަޅު އަޚްލާޤުވެސް ހުރި، އެކަކު އަނެކަކަށް އޯގާތެރިކަންވެސް ބާއްވާ ރައްޔިތުންތަކެކޭ. މިހާތަނަށް އަޅުގަނޑުމެންނަށް، އަޅުގަނޑުމެންގެ ތާރީޚުގައި ފެންނަމުންދިޔަ މަންޒަރާއި މިއަދު ފެންނަމުންދާ މަންޒަރާ، ތެދެއް، ބައެއް ތަފާތުތައް އެބަހުރި. އަދި އޭގެ ސަބަބުން މިޤައުމަށް މިވަނީ ވަރަށްބޮޑު ފުން އަސަރުތަކެއް ކޮށްފައި. ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ފާހަގަކުރެވިފައި. އެކަމާ ބެހޭގޮތުން މިއަދު އަޅުގަނޑުމެން މިތާނގައި ވާހަކަ ދައްކަމުން މިގެންދަނީ. އަދި މިއަދު މިފަށްޓާ، މި އިފްތިތާޙްކުރާ ޕްރޮގްރާމަކީ، މިދެންނެވި ކަންބޮޑުވުންތައް، އަޅުގަނޑުމެންގެ ތެރޭގައި ހުރުމުގެ ސަބަބުން ކުރަންޖެހޭ ކަމެއް.

ދާދިފަހުން އަޅުގަނޑުގެ ގޭދޮށުގައި، އަޅުގަނޑު މިހާރު ދިރިއުޅޭ ގޭދޮށުގައި، ވަރަށް ދަންވިފަހުން އެއްރޭ، ވަރަށް އަޑުގަދަވެއްޖެ. އަޑުގަދަވެގެން ގޭތެރޭގައި ނުތިބެވޭވަރަށް އެބަ އަޑުގަދަވޭ. މިކަން މިވާގޮތެއް ބަލައިލިއިރުގައި، ގޭދޮށު މަގުމަތީގައި އިޙްތިޖާޖު ކުރައްވަނީ، އަޅުގަނޑުމެންނާ ޚިޔާލު ތަފާތު ބަޔަކު. އެކަމަކު އަޅުގަނޑު ކަންބޮޑުވީ، އެ އިޙްތިޖާޖު ކުރާތީކީ ނޫން. އަޅުގަނޑު ކަންބޮޑުވީ، އެ އިޙްތިޖާޖުގެ އެންމެ ކުރީ ސަފުގައި ތިއްބެވީ، ހަމަ އަޅުގަނޑުމެންނާއެކީގައި ސަރުކާރުގެ ތަޢުލީމީ ވަޒީރުކަން ކުރައްވާފައި ތިއްބެވި ދެބޭފުޅަކު ތިއްބެވީތީ. އަޅުގަނޑުމެންގެ އަޚަކާއި އުޚުތެއް. ދިވެހި ކިޔަވާ ކުދިންނަށް ނަމޫނާ ދެއްކެވުމަށްޓަކައި، ދިވެހި ދަރިންނަށް ތަޢްލީމް ޙާޞިލްކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދެވި އުސްތާޛަކާއި އުސްތާޛާއެއް. އަދި ސަރުކާރުގެ ތަޢްލީމީ ވަޒީރުކަން ކުރެއްވި ދެބޭފުޅަކު.

މިހާހިސާބަށް އަޅުގަނޑުމެންގެ ޙާލަތު މިއަދު ގޮސްފައިވާތީ، އަޅުގަނޑު ކަންބޮޑުވީ. މާދަމާ ހަމަ ކުއްލިއަކަށް އަޅުގަނޑުމެންނަށް، މި ކުރީ ސަފުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅުން ނުކުމެވަޑައިގެންވެސް އަޅުގަނޑުމެންނަށް ހަމަ އެ މަންޒަރުތޯއޭ ފެންނާނީ، އަޅުގަނޑުގެ ސުވާލަކީ. އެހެން އެކަން ނުވާނެ ގޮތަކަށް އަޅުގަނޑުމެންގެ ވިސްނުން އެބަޖެހޭ ބައްޓަން ކުރަން.

މިއަދު އަޅުގަނޑުމެންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް ފެނިގެން މިދަނީ، އަޅުގަނޑުމެން ކޮންމެހެން ދެކެން ބޭނުންވާ މަންޒަރުތަކެއް ނޫން. އިންސާނީ ޙައްޤުތަކުގެ ނަމުގައި އަޅުގަނޑުމެން މިދައްކަނީ، ކަމަކާ ހިތްހަމަނުޖެހުމުން، ބޮޑާހާކާ މަންޒަރު. ނުކިޔަމަންތެރިވާ މަންޒަރު. އެހެން މީހުންނަށް ބިރުދައްކާ މަންޒަރު. އަދި އަނިޔާކުރާ މަންޒަރު. ހަމަ އިންސާނީ ޙައްޤުތަކުގެ ނަމުގައި. އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތްކުރާ ގޮތްގޮތްހުރޭ. އިންސާނީ ޙައްޤުތަކުގެ ދިފާޢުގައި މަސައްކަތް ކުރަންވެސްޖެހޭ. އަޅުގަނޑުމެންގެ ދަރިންނަށްވެސް އެކަން ދަސްވެސްކޮށްދޭންޖެހޭނެ. އަޅުގަނޑުމެންގެ ޙައްޤުތައް ދިފާޢު ކުރުމަށް، ޙައްޤުތައް ހިފެހެއްޓުމަށް. އެހެން ނަމަވެސް، އަޅުގަނޑުމެންގެ ދުސްތޫރުގައިވެސް ކަނޑައެޅިފައިވާ ގޮތުން، މިނިވަންކަން އަޅުގަނޑުމެންނަށް ލިބިފައިވަނީ، ވަކި ޙުދޫދެއްގެ ތެރޭގައި. އެއީ ތިމާގެ މިނިވަންކަމުގެ ސަބަބުން އެހެން މީހެއްގެ މިނިވަންކަމަށް އަރައިނުގަނެވޭ ހިސާބަށް. އެހެންވީމާ، އެކަން އަޅުގަނޑުމެން އެއީ އަސާސީ ކަމެއްގެ ގޮތުގައި ގަބޫލުކުރަން އެބަޖެހޭ.

އަޅުގަނޑުމެންގެ ޑިމޮކްރެޓިވް ދަތުރުގައި، ޑިމޮކްރަސީގެ ދަތުރުގައި އަދި މިއުޅެނީ ވަރަށް ކުރީ ފައްތަރެއްގެ ތެރޭގައި. ބައެއް މީހުންނަށް ހީވާކަހަލަ، 2008 ވަނަ އަހަރުގެ އިންތިޚާބު ނިމުނީމާ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައިސް ނިމުނީއޭ. އެކަން އޮތީ އެހެނެއް ނޫން. އެއީ ހަމައެކަނި ޑިމޮކްރަސީގެ ފެށުން. ޑިމޮކްރަސީއަށްޓަކައި އަޅުގަނޑުމެން އެތައް އަހަރެއް ވަންދެން މަސައްކަތް ކުރަމުން ކުރަމުން ކުރަމުން އައިސް، މިދެންނެވި 2008 ވަނަ އަހަރުގެ އިންތިޚާބަށްފަހުގައި، ގިނަ ޕާޓީތައް އެކުލެވޭ އިންތިޚާބެއް، މިނިވަން ގޮތެއްގައި އޮވެގެން، އާ ސަރުކާރެއް އައުމުން، އެހިސާބުން އަދި އަޅުގަނޑުމެން މަސައްކަތް ކުރަމުން އައި، ދެކެމުން އައި ހުވަފެން، ޑިމޮކްރަސީއެއްގެ ފެށުން އެހިސާބުން މި ފެށުނީ. އެއަށްފަހުގައި އަޅުގަނޑުމެންނަށް އެ ޑިމޮކްރަސީ އެބަޖެހޭ ކުރިއަރުވަން މަސައްކަތް ކުރަން. އެ މަސައްކަތުގައި، އަޅުގަނޑުމެންނަށް ކަންދިމާވި ގޮތުން، ކުރިން އެހީތެރިވެދެމުންދިޔަ ފަރާތްތަކުންވެސް އެހީތެރިއެއްނުވޭ. މިދެންނެވީ ބޭރުގެ ބައެއް ފަރާތްތަކުން ޑިމޮކްރަސީ ރާއްޖޭގައ ޤާއިމް ކުރުމަށްޓަކައި އެކިއެކި އެހީތައް ދެމުން އައި ފަރާތްތައް، އެކުއެކި ސަރުކާރުތަކުން، އެކިއެކި ޖަމާޢަތްތަކުން، އެކިއެކި ޖަމްޢިއްޔާތަކުން ވެދެމުންދިޔަ އެހީ، އެހިސާބުން ނިމުނީ. ދިވެހިރާއްޖެއަށް ޑިމޮކްރަސީ އައި ކަމަށް އެންމެން ކަނޑައަޅައި ނިންމީ އެހިސާބުން. ދެން ވެގެންދިޔަގޮތް އަޅުގަނޑުމެންނަށް ފެނިއްޖެ. ދުވަހަކަށްފަހު ދުވަހެއް، ޑިމޮކްރަސީގެ އަސާސްތައް މަޑުމަޑުން ނަމަވެސް، މުގުރެމުން ގޮސް މިއަދު އަޅުގަނޑުމެންނާ ހަމައަށް އައިއިރުގައި، ޑިމޮކްރަސީގެ އެންމެ މުހިންމު އުޞޫލުތައް އަޅުގަނޑުމެންނަށް މިއޮތީ އޮޅިފައި. އެއީ އެކަކު އަނެކެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރުން ފުރަތަމަ. ޑިމޮކްރަސީއެއް ޤާއިމެއް ނުކުރެވޭނެ، އިޙްތިރާމް ނެތިއެއް. އެކަމަކު މިއަދު އަޅުގަނޑުމެންގެ ޙާލަތު އޮތް ގޮތަކީ، އަޅުގަނޑުމެންގެ އެންމެ އިސްކޮށް ތިއްބެވި ބޭފުޅުންވެސް، އަޅުގަނޑުމެންގެ ތެރޭގައި ތިއްބެވި ވަޒީރުންނާއި، މުދައްރިސުންނާއި، މައިންބަފައިންނާ، މިހުރިހާ އެންމެންވެސް އަޅުގަނޑުމެންނަށް މިދައްކަނީ، އެއްކަލަ ޑިމޮކްރަސީ ގެނައުމަށްޓަކައި ކުރި މަސައްކަތާ ވަރަށް ތަފާތު މިސާލުތަކެއް. އަޅުގަނޑުމެންގެ ޅަދަރިންނަށް މިދައްކަނީ މުޅިން ތަފާތު މަންޒަރުތަކެއް. ދެންމެ މިތާނގައި އެ ވާހަކަ ދެއްކެވި ޒުވާން ދަރިވަރު ފާޠިމަތު ނަބާހާ، އެދެއްކެވި ވާހަކައިގައި ވިދާޅުވިހެން، އަޅުގަނޑުމެންނަކަށް އަޅުގަނޑުމެންގެ އިނގިލި ނެތް، އަޅުގަނޑުމެންގެ ދަރިވަމުންނާ ދިމާއަށް، އަޅުގަނޑުމެންގެ ދަރިންނާ ދިމާއަށް ދިއްކުރެވޭކަށް. ބައެއް މީހުން ބުނެއުޅޭ، އެހެން މީހަކަށް އިނގިލި ދިއްކުރާއިރުގައި، ތިމާއާ ދިމާއަށް ތިން އިނގިލި ނޫނީ ހަތަރު އިނގިލި ދިއްކުރެވިފައި އިނދެޔޭ އިނގޭތޯ. އެހެންވީމާ، ފުރަތަމަ އަޅުގަނޑުމެން ވިސްނަންވީ، ކިހިނެއްތޯ އަޅުގަނޑުމެންގެ ޢަމަލުތައް ރަނގަޅު ކުރެވޭތޯ ބަލަންވީ، އަޅުގަނޑުމެން ބޮޑެތި މީހުން. އަޅުގަނޑުމެންނަށް ހަމަ ކަމަކާ ދިމާވާއިރަށް، ހިތްހަމަނުޖެހޭ ކަމަކާ ދިމާވާއިރަށް، ބޮޑާހާކައި، އަޅުގަނޑުމެންގެ ހުރި ނުލަފާކަން އެހެން މީހުންނަށް ދައްކާލަން އުޅޭ ކަމަށްވާނަމަ، އަޅުގަނޑުމެންގެ ދަރިންނަށް އެގޮތް ދަސްވެގެންދާނީ.

އާދެ! މިފެށޭ ޕްރޮގްރާމަކީ، ވަރަށް މުހިންމު ޕްރޮގްރާމެއް. ސަބަބަކީ މި ޕްރޮގްރާމްގައި އެބައޮތް، އެކިއެކިގޮތް ގޮތުން ދަރުސްތައް ދިނުމާއި، އަދި ދަރުސްތައް ދިނުމުގެ އިތުރުން، ގެންނަންޖެހޭ އިޞްލާޙްތަކެއް ގެނައުން. މީހެއްގެ ޢަމަލު ބަދަލުކުރެވޭނީ ހަމައެކަނި ނަޞޭޙަތްދީގެނެއް ނޫން. ހަމައެކަނި ނަޞޭޙަތަކުން ނުގުޑާނެ. އެމީހެއްގެ މާއްދީ ޙާލަތުވެސް ބަދަލުވާންޖެހޭ އެބަ. މެޓީރިއަލް ކޮންޑިޝަންސް ބަދަލުވާން އެބަޖެހޭ. ބަދަލުނުވެ ހަމައެކަނި ނަޞޭޙަތްދިނުމަކުންނެއް، މީހުން އިޞްލާޙްވެގެނެއްވެސް ނުދާނެ. ޢާންމު ގޮތެއްގައި، ދެންމެ އެ ދަރިވަރު އެ ވިދާޅުވިހެން، ނަފްސާނީ ޢިލްމުވެރިން މިކަންކަން ހުރީ ދިރާސާކޮށްފައި. މީހެއްގެ ޢަމަލު ބަދަލުކުރަން ބޭނުންވާ ކަމަށްވާނަމަ، އެމީހަކަށް ދޭންޖެހޭ އެބަ، ކޮންމެވެސް ކަހަލަ އިންސެންޓިވްތަކެއްވެސް. އެމީހަކަށް ކޮންމެވެސް ކަހަލަ އިނާމެއް ދޭންޖެހޭ. ނޫނީ އަދަބެއް ދޭންޖެހޭ. “Carrot and Stick principle” އިނގިރޭސިބަހުން ބުނަންޏާ. މިދެބައިވެސް އޮންނަން އެބަޖެހޭ. އެއީ ހަމައެކަނި ނަޞޭޙަތް ދިނުމަކުންނެއް އިޞްލާޙެއްވެސް ނުވާނެ. އަޅުގަނޑުމެން މުސްލިމުންނަށްވާތީ، އަޅުގަނޑުމެން އެންމެން މިތިބީ މާތްވެގެންވާ އިސްލާމްދީނުގައި ސާބިތުކަމާ އެކީގައި.

އަޅުގަނޑުމެންގެ މިދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައި، އަޅުގަނޑުމެން ގަބޫލުކުރާ، އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކެއް އެބަހުރި. މިއަދުގެ މިޖަލްސާ ފެށުމުގައި އަޅުގަނޑުމެންނަށް އިވިގެންދިޔަ އާޔަތްތަކުންނާއި އަދި ޑޮކްޓަރ ޖަމީލުގެ ވާހަކަފުޅުންނާއި، ދެންވެސް މިތާ ވާހަކަ ދެއްކެވި އަނެއް ދެމިނިސްޓަރުންގެ ވާހަކަފުޅުންވެސް އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް ސާފުވެގެން ހިނގައްޖެ. އިސްލާމްދީނުގައި ކަނޑައެޅިފައިވާ އަޚްލާޤީ މިންގަނޑުތަކެއް އެބަހުރިކަން. އިސްލާމްދީން އަޅުގަނޑުމެންނާ ދޭތެރޭ ދެކެނީ ކިހިނެއްކަން، ވަރަށް ސާފުކޮށް އެބަ އެނގޭ. މުސްލިމަކަށްވުމަށްފަހުގައި، އަޅުގަނޑުމެންގެ އޮންނަ ޒިންމާތައެއް، މަސްއޫލިއްޔަތުތަކެއް އެބަހުރިކަން، އަޅުގަނޑުމެންނަށް އެނގެން އެބަހުރި. އަޅުގަނޑުމެންގެ އަޚްލާޤީ ގޮތުން އަޅުގަނޑުމެން ކޮށްގެން ނުވާނެ ކަންތައްތައް، އެ އާޔަތްތަކުންވެސް އަޅުގަނޑުމެންނަށް އިވިގެން ހިނގައްޖެ. އެހެން ނަމަވެސް، ހަމަ އެއާ މުޅިން ޚިލާފަށް، އަޅުގަނޑުމެންގެ ޢަމަލުތައް މިހިރީ. ސުވާލުކުރަންޖެހޭ ކީއްވެގެންތޯ އެހެންވާންޖެހުނީ. އަޅުގަނޑުމެންނަކީ ފުރިހަމަ މުސްލިމުންގެ ގޮތުގައި، އިސްލާމްދީނުގައި ޤާއިމްވެގެން ތިބި، އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަކޮށް އޮތް ކަމަށް އަޅުގަނޑުމެންވެސް ގަބޫލުކުރަނީ. އެހެން ނަމަވެސް، މިދެންނެވި ކަންކަމަކަށް އެއްވެސް ފަރުވާލެއް ނެތް. އެކަކު އަނެކަކާ ދިމާލަށް އެއްޗެހި ކިޔުމާއި، ދިމާކުރުމާއި، ބަދުބަސް ބުނުމާއި، ފާރަލުމާ، މިހެންގޮސް މިބާވަތުގެ ކަންތައްތައް އަޅުގަނޑުމެން އެކަކު އަނެކަކަށް މިކުރަނީ. އެހެންވީމާ، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ ޢަޤީދާ ވަރުގަދަ ކުރަން، މިދުނިޔެއާއި އާޚިރަތުގެ ސަލާމަތަށްޓަކައި. އަދި ހަމައެޔާއެކީގައި، އަޅުގަނޑުމެން އެބަޖެހޭ، އަޅުގަނޑުމެންގެ މާއްދީ ޙާލަތާ ދޭތެރޭގައިވެސް ވިސްނަން. މިހާ ބޮޑަށް އަޅުގަނޑުމެންގެ ތެރޭގައި މިކަން ގޯސްވުމުގެ އެއް ސަބަބެއް ކަމަށް އަޅުގަނޑު ދެކެނީ، މާއްދީ ޙާލަތު ބައްޓަން ކުރުމުގައި، ކޮރަޕްޝަން ފުޅާވެގެންދިޔުން. އެއީ އަޅުގަނޑުމެންގެ ތެރެއިން ދެތިން ހަތަރުހާސް މީހުންނަށް މާއްދިއްޔަތުގެ ފޮނި އުންމީދުތަކެއް ދެވުނީ. ދެވުނުއިރުގައި، އޭގެތެރެއިން ގިނަ ބަޔަކަށް، އެ ދޭންވާ އުޞޫލުތަކާ ޚިލާފަށް އެކަން ދެވިފައި ހުރީ. މިސާލަކަށް ދަންނަވަނީނަމަ، ހަތަރުސަތޭކަ ފަޅު ރަށާއި، ދުއިސައްތައެއްހާ ބިމާ، މިތަކެތި މިއީ އަޅުގަނޑުމެންގެ ޤައުމުގައި މުއްސަނދިކަން އުފައްދަން އޮތް އެއްޗަކީ. އަޅުގަނޑުމެންގެ ރައުސްމާލަކީ. މި އެކި މީސްމީހުންނަށް ދޭނެކަމުގެ ޔަޤީންކަންދީ، އެކިއެކި ޤަރާރުތައް ސޮއިކޮށް ހެދިއިރުގައި، އެކަމުގައި ޢަދުލުވެރި އުޞޫލުތަކެއް، އިންޞާފްވެރި އުޞޫލުތަކެއް ބޭނުންނުކުރެވި، އެކަން ކުރުމުން، ދެން އެކަން ދިފާޢު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތް، އެހެން ހުރިހާ ކަމަކަށްވުރެ ބޮޑުވެގެންދޭ. އެ ދިފާޢު ކުރުމަށްޓަކައި، އަޅުގަނޑުމެން ގަބޫލުކުރާ އަސާސްތަކާއި، އަޅުގަނޑުމެންގެ ޢަޤީދާ ލާޒިމްކުރާ ކަންކަންވެސް އެކަހެރިކޮށްލައި، ގަދަބާރުން އެކަން ކުރަން ދިމާކުރީ. އަޅުގަނޑަށް މިހާރު ގަބޫލުކުރެވޭ ގޮތުގައި، މިދެންނެވި ގޮތަށް ބިރުދެއްކުމާއި، ބޮޑާހޭކުމާއި، އަނިޔާވެރިވުމާއި، ފަސާދަ ކުރުމާ، މިކަންކަން ކުރުމުގެ އަޑީގައި ތިބި ގިނަ މީހުންނަކީ، މިދެންނެވި ގޮތަށް، ނަހަމަ ގޮތުގައި އިންޞާފެއްނެތި، އެކިއެކި މާއްދީ ފައިދާތައް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައި ތިބި މީސްމީހުން. މިކަން ޢަދުލުވެރިކޮށް ނުކުރެވުނީމާ، އިންޞާފްވެރިކޮށް ނުކުރެވުނީމާ، ދެން އަޅުގަނޑުމެންގެ ތެރޭގައި އުފެދޭނެ ފަސާދަ، މިހާރު އުފެދިގެން މިއުޅެނީ. ފުރަތަމަ އެހެންވީމާ، އެކަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ، އަޅުގަނޑު ދެކޭގޮތުގައި، އަޅުގަނޑުމެންގެ މުއްސަނދި ކަމާއި، މުދާވެރިކަމާއި، މާއްދީގޮތުން އަޅުގަނޑުމެން އެކަކު އަނެކަކަށް ލިބިދޭ ޙައްޤުތައް ލިބިދިނުމުގައި، ވީހާވެސް އިންޞާފްވެރިކޮށް ކަންތައް ކުރުން. ދައުލަތުގެ ފަރާތުންދޭ ޕްރޮޖެކްޓްތަކާއި، ޙަވާލުކުރާ މަސައްކަތްތައް ޙަވާލުކުރުމުގައި، ޢަދުލުވެރިކަމާއެކީ، އިންޞާފްވެރިކަމާއެކީ ކަންކަން ކުރުން. ހާމަގޮތެއްގައި އެކަންކަން ކުރުން. އެންމެންނަށް ފެންނަ، ޓްރާންސްޕޭރަންޓް ގޮތެއްގައި އެކަންކަން ކުރުން. އެއީ ފުރަތަމަ ކަމެއް ކަމަށް އަޅުގަނޑު ދެކެނީ.

ދެން ހަމަ އެހެން، އެއްޗެއް ލިބުމުގެ އިތުރުން، އެއްޗެއް ވަކިވާނެ ކަމުގެ ޔަޤީންކަންވެސް އޮންނަން އެބަޖެހޭ. އަޅުގަނޑުމެން ދިރިއުޅެނީ މުޖްތަމަޢެއްގައި. އަޅުގަނޑުމެން އެންމެން އެކީގައި އުޅުމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް އެބަހުރި. އެ ގަވާއިދުތަކާއި ޤާނޫނުތައް މުގުރާލުމުން، އޭގެ އަސަރު ހުރިހާ އެންމެންނަށް އެބަކުރޭ. އެހެންވީމާ، އެފަދަ ކަންތައްތައް ކުރާ މީހުންނަށް އަދަބު ލިބެން އެބަޖެހޭ. އެމީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅެން އެބަޖެހޭ. އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް އަދި ހަމަ އެއްދިމާލަކުން މަސައްކަތް ކޮށްގެނެއް ނުވާނެ. މުޖްތަމަޢެއްގައި ހުންނަ ކަންކަން މިހުންނަނީ، ލާމެހި ގުޅިފައި އެކި ދިމަދިމާލުން. އެހެންވީމާ، ސަލާމަތް، އަމާން ވެށްޓެއްގައި ފިޔަވައި އަޅުގަނޑުމެންނަކަށް އަޅުގަނޑުމެން ބޭނުންވާ އަޚްލާޤީ ކަންތައްތަކެއްވެސް ޤާއިމެއް ނުކުރެވޭނެ. ޤާނޫނާއި ޤަވާޢިދާ ޚިލާފުވާ މީސްމީހުންނާ ދޭތެރޭގައި ފިޔަވަޅު އެޅެން އެބަޖެހޭ. އެހެން ނަމަވެސް، މިއަދު އަޅުގަނޑުމެންގެ ޙާލަތު އޮތްގޮތަކީ، އަޅުގަނޑުމެން މިއޮންނަނީ ޤާނޫނާއި ގަވާއިދުތައް ހެދިފައި މިހިރީ އެއާ ޚިލާފުވާންޖެހޭ ގޮތަށް. މިސާލަކަށް ނަންގަވާ، ޓްރެފިކް ޤަވާޢިދު. ޓްރެފިކް ޤަވާޢިދު މިހާރު ހުރިގޮތުން، އަދި ޕާކް ކުރުމުގެ ތަންތަން ހަމަޖެހިފައި ހުރިގޮތުން، މިއަދު ގިނަ މީހުންނަށް ޓްރެފިކް ގަވާއިދާ ޚިލާފްވަނީ. ޕާކް ކުރަންޖެހޭ ތަންތަން ނޫން ތަންތާ ޕާކް ކުރަނީ. އެކަމަކަށް އެޅޭނެ ފިޔަވަޅެއް އޮންނަނީކީ ނޫން. ފުރަތަމަ އެހިސާބުން ޤާނޫނީ ދައުލަތެއްގެ ބިންގަލުގައި ރެނދު އެޅީ. އަޅުގަނޑުމެން އެބަޖެހޭ އެހެންވީމާ، ޤާނޫނު ތަންފީޛުކުރާ ހުރިހާ އިދާރާތަކަކުން، ހުރިހާ ފަރާތްތަކަކުން މިކަމަށް ޚާއްޞަ ސަމާލުކަމެއްދޭން. ކުދިކުދި ކަންތައް ރަނގަޅުކޮށްގެން ގޮސް، ބޮޑެތި ކަންތައް ރަނގަޅު ކުރެވޭނީ. އަޅުގަނޑުމެންނަށް ފެނިއްޖެ، ވަރަށް ސަލާމަތީ ޙާލު ދަށުގައި ހުރި ތަންތަން. 1980 ވަނަ އަހަރުހާ ތާނގައި، އަޅުގަނޑު ކިޔެވުމުގެ ތެރޭގައި އެމެރިކާއަށް ފުރަތަމަ ދިޔައިރުގައި، ނިއުޔޯކް ސިޓީއަށްގޮސް، ނިއުޔޯރކް ސިޓީގެ ޓައިމް ސްކްއަރއަކަށް އޭރުގައި ދިޔުމަކީ އެއީ ފަސޭހަ ކަމެއް ނޫން. އެހިސާބަށް ދާންޖެހެނީ ކޮންމެވެސް ބަޔަކު ގޮވައިގެން. މީހާގެ އަމިއްލަ ސަލާމަތަށްޓަކައި. އެކަމަކު މިއަދު ކިތަންމެ ދަންވިޔަސް، ރޭގަނޑު ދަންވެގެން ގޮސް ދޭއް، ތިނެއް ޖަހާއިރުވެސް، އެކަނިމާއެކަނިވެސް ހިނގާލުމަކީ އެއްވެސް ކަމެއް ނޫން. އެއްވެސް ބިރެއް ގަންނާކަށް ނުޖެހޭ. އެހެންވީމާ، އެހާ ގޯސްކޮށް އޮތް ތަނެއްވެސް މިއަދު އެއޮތީ ހަމަ ރަނގަޅު ކުރެވިފައި. އަޅުގަނޑުމެންގެ ޙާލަތު އެހިސާބަކަށް އަދި ނުދޭ. އެހެންވީމާ، އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ސަލާމަތީ ކަންތައްތައް ރަނގަޅު ކުރެވޭނެ. ކުރެވެންޖެހޭ. މިދެންނެވިހެން، އަޅުގަނޑުމެން އެންމެންނަކީ ޤާނޫނާއި ޤަވާޢިދަށް ބޯލަނބާ ބަޔަކަށްވާން އެބަޖެހޭ. އަޅުގަނޑުމެން އެންމެންނަކީ ބަސްއަހާ ބަޔަކަށް ވާންޖެހޭ. ހަމައެކަނި ކުޑަކުދިންނެއް ނޫން ބަސްއަހަންޖެހޭނީކީ. ބޮޑެތި މީހުންވެސް އެބަޖެހޭ ބަސްއަހަން. އެއީ ޤާނޫނުގެ ބަސް. ޤާނޫނުގެ ބަސް އެބަ އަހަންޖެހޭ. އެ ނޭހުނީމާ ދެން މިއަދު މިހެންވެގެން މިދަނީ.

އެހެންވީމާ، ރަނގަޅު ކުރަންޖެހޭ ކިތަންމެ ކިތަންމެ ކަމެއް އެބަހުރި. އަޅުގަނޑު އުންމީދު ކުރަނީ، މި ކެމްޕޭންގެ ދަށުން އަޅުގަނޑުމެން ކުރާ މަސައްކަތުގައި، އަޅުގަނޑުމެން މިދެންނެވި ދެބައި، އައިޑިއޮލޮޖިކަލް ބަޔާއި މެޓީރިއަލް ބައި. އެއީ މީހުންގެ ވިސްނުމާއި، ސިކުނޑި ބަދަލުކުރުމަށްޓަކައި ދެވޭ ތަޢުލީމާއި، މިބައިގެ އިތުރުން އަޅުގަނޑުމެން ދިރިއުޅޭ ވެށި އެއީ އަމާން ތަނަކަށް ހެދުމަށްޓަކައި، ހުރިހާ ގޮތަކުން އަމާން ތަނެއް، ހަމައެކަނި ޤާނޫނަށް ބޯލެނބުމެއް ނޫން. އެއީ އިންޞާފްވެރި ތަނަކަށް ހެދުމަށްޓަކައި، ކުޑަކުދިންނަށާއި ބޮޑެތި މީހުންނަށް ލިބޭ ޙައްޤުތައް ލިބިދިނުމުގައި، އިންޞާފްވެރިކަމާއެކީގައި، އެ ޙައްޤުތައް ލިބިދެވޭނެ ކަމުގެ ޔަޤީންކަން، ހަމަ ކޮންމެ މީހަކަށްވެސް ލިބުން. މިދެބައި އަޅުގަނޑުމެން އެކީގައި ގެންދެވޭތޯ މަސައްކަތް ކުރަމާ ހިނގާށޭ. އެގޮތުން، މި ކެމްޕޭނަކީ، އިސްވެ ހޯމްއެފެއާޒާއި، އެޑިޔުކޭޝަނާއި އަދި އިސްލާމިކް އެފެއާޒްގެ ފަރާތުން ހިންގަވާ ޕްރޮގްރާމެއް ކަމުގައިވީ ނަމަވެސް، ސަރުކާރުގެ އެހެން މުއައްސަސާތަކުންވެސް މިކަމުގައި އެއްބާރުލުން ދެއްވައިގެން، މިދަނޑިވަޅުގައި ރާއްޖޭގައި ޢަދުލުވެރި އިންޞާފްވެރި މުޖްތަމަޢެއް ޤާއިމް ކުރެވޭތޯ ބަލަމާ ހިންގަވާށޭ. އަޅުގަނޑުމެންނަކީ ފުރަތަމަ، އަޅުގަނޑުމެން ކޮންމެ މީހަކީވެސް ރަނގަޅު އަޚްލާޤެއްގެ، ޤާނޫނަށް ޙުރްމަތްތެރިކޮށްހިތާ މީހަކަށް ވެވޭތޯ ބަލަމާ ހިންގަވާށޭ. އެ މިސާލު، އެ ރަނގަޅު މިސާލު، އަޅުގަނޑުމެންގެ ތުއްތު ކުދިންނަށް އަޅުގަނޑުމެން ދައްކަމާ ހިންގަވާށޭ. އަޅުގަނޑުމެންގެ ސްކޫލްތަކުގައި ކިޔަވައިދެއްވަން ތިއްބަވާ ޓީޗަރުންނާއި ޕްރިންސިޕަލުންނަކީ، މިދެންނެވިފަދަ އަޚްލާޤު ރަނގަޅު، އިންޞާފްވެރި ބަޔަކަށްވަމާ ހިންގަވާށޭ. އެހެން އެކަން ނުވެއެއް، އަޅުގަނޑުމެންނަކަށް މުޖްތަމަޢު އިޞްލާޙެއް ނުކުރެވޭނެ. އެހެން ނަމަވެސް، އަޅުގަނޑުގެ ޔަޤީންކަން އެބައޮތް. ދިވެހިރާއްޖޭގެ ކަންކަން އަދި ބޭރުގެ އެހެން ބައެއް ޤައުމުތަކާ އެއްހަމައަކަށް އަދި ނުދޭ. އޭގެކުރިން މިހާރު އަޅުގަނޑުމެންނަށް މިހާރު މިއަޅާ ފިޔަވަޅުތައް އެޅުމުގެ ސަބަބުން، ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެންނަށް އަމާން، ފާގަތި، އުފާވެރި މުޖްތަމަޢެއް އަޅުގަނޑުމެންނަށް ޤާއިމް ކުރެވޭނެ.

މި ޕްރޮގްރާމް ފެށުމުގެ ނަޞީބު އަޅުގަނޑަށް ލިބުނީތީ، اللّـه سبحـانـه وتعـالى އަށް ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ވަރަށް އުފަލާ އެކީގައި، ﷲގެ ވާގިފުޅާއެކު، މި ޕްރޮގްރާމް ފަށައިދެން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.