އަޅުގަނޑުމެން އެންމެން ޤާނޫނުގެ ބަސް އަހަންޖެހޭ ކަމަށާއި، ޤާނޫނުތަކާއި ގަވާއިދުތައް މުގުރާލާ މީހުންނަށް އަދަބު ލިބެންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހިންގަވާ މަދަނީ ތަޢްލީމުގެ ޤައުމީ ކެމްޕޭން އިފްތިތާޙް ކުރެއްވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގައި ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އަޅުގަނޑުމެން އެންމެންނަކީ ޤާނޫނާއި ގަވާއިދަށް ބޯލަނބާ ބަޔަކަށްވާން އެބަޖެހެއެވެ. އަޅުގަނޑުމެން އެންމެނަކީ ބަސްއަހާ ބަޔަކަށްވާން އެބަޖެހެއެވެ. މިއަދު މިހެންވެގެން މިދަނީ ޤާނޫނުގެ ބަސް އަޅުގަނޑުމެންނަށް ނޭހުނީމައެވެ.

ރަނގަޅުކުރަންޖެހޭ ކިތަންމެ ކިތަންމެ ކަމެއް އެބަހުރި ކަމަށް ވިދާޅުވެ، މި ރޮނގުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، މި ކެމްޕޭނުގެ ދަށުން ކުރާ މަސައްކަތުގައި، މީހުންގެ ވިސްނުމާއި ސިކުނޑި ބަދަލުކުރުމަށްޓަކައި ދެވޭ ތަޢްލީމާއި، އަޅުގަނޑުމެން ދިރިއުޅޭ ވެށްޓަކީ ހުރިހާ ގޮތަކުން އަމާން ތަނަކަށް ހެދުމާއި، ކުޑަކުދިންނަށާއި ބޮޑެތިމީހުންގެ ޙައްޤުތައް އިންޞާފުވެރިކަމާއެކު ލިބިދިނުން ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ޖަމާޢަތުގެ ތަރައްޤީގައި ޒިންމާދާރު ރައްޔިތެއް ބިނާކުރެއްވުމަށާއި، ޖަމާޢަތްތަކުގެ ޙަރަކާތްތަކަށް ޝައުޤުވެރިކުރުވުމަށާއި، ރައްޔިތުންގެ ބައިވެރިވުން އިތުރުކުރެއްވުމުގެ މަޤްޞަދުގައި މި ހިންގަވާ ކެމްޕޭނަކީ، ރާއްޖެއަށް ވަރަށް ބޭނުންތެރި ކެމްޕޭނެއް ކަމަށް ވިދާޅުވިއެވެ. އަދި މިނިސްޓްރީ އޮފް ހޯމްއެފެއާޒުން މިނިސްޓްރީ އޮފް އިސްލަމިކް އެފެއާޒާއި މިނިސްޓްރީ އޮފް އެޑިޔުކޭޝަނާ ގުޅިވަޑައިގެން، މި ހިންގަވާ ކެމްޕޭނަށް ސަރުކާރުގެ ހުރިހާ މުއައްސަސާތަކުން އެއްބާރުލުން ދެއްވައި މި ދަނޑިވަޅުގައި ރާއްޖޭގައި ޢަދުލުވެރި އިންޞާފުވެރި މުޖްތަމަޢެއް ޤާއިމު ކުރެއްވުމަށް ހުރިހާ ފަރާތްތަކަކުން މަސައްކަތް ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. ހަމައެއާއެކު، އަޅުގަނޑުމެންގެ ތުއްތުކުދިންނަށް ރީތި މިސާލު ދެއްކެވުމަށާއި، ސްކޫލުތަކުގެ ޕްރިންސިޕަލުންނާއި ޓީޗަރުންނަކީ، އަޚްލާޤު ރަނގަޅު އިންޞާފުވެރި ބަޔަކަށްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ. އަދި އެހެން އެކަން ނުވެ މުޖްތަމަޢު އިސްލާޙު ނުކުރެވޭނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހަނދާންކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިހާތަނަށް އަޅުގަނޑުމެންގެ ތާރީޚުގައި ފެނިފައިވާ މަންޒަރުތަކާއި މިއަދު ފެންނަމުންދާ މަންޒަރުތަކާ ބައެއް ތަފާތުތަކެއް އެބަހުރިކަން ފާހަގަކުރެއްވިއެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ޑިމޮކްރަސީގެ އަސާސްތައް މަޑުމަޑުން ނަމަވެސް މުގުރެމުން ގޮސް މިއަދު އަޅުގަނޑުމެންނާ ހަމައަށް އައިއިރު ޑިމޮކްރަސީގެ އެންމެ މުހިންމު އުސޫލުތައް މިވަނީ އޮޅިފައި ކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، އެއީ، އެކަކު އަނެކެއްގެ މިނިވަންކަމަށް އިޙްތިރާމް ކުރުމެވެ. އިޙްތިރާމެއްނެތި ޑިމޮކްރަސީއެއް ޤާއިމެއް ނުކުރެވޭނެއެވެ.

މަދަނީ ތަޢްލީމުގެ ޤައުމީ ކެމްޕޭން ހިންގަވާ މައިގަނޑު ދާއިރާތަކުގެ ތެރޭގައި، ޤައުމަށްޓަކައި އަމާން ވެށްޓެއް ޤާއިމް ކުރުމާއި، އިންސާނީ ކަރާމާތް ޙިމާޔަތް ކުރުމާއި، މަދަނީ ޖަމްޢިއްޔާތަކުގެ ކަންކަން ކުރިއެރުވުމާއި ޙަރަކާތްތެރި ކުރުވުމާއި، މަޢުލޫމާތުގެ ޙައްޤު ހޯދައި ލިބިގަތުމާއި، ފުލުހުން ޒިންމާދާރު ކުރުވުމާއި، ރައްޔިތުން ޒިންމާދާރު ކުރުވުން ހިމެނެއެވެ.