ހުވަދުއަތޮޅު ދެކުނުބުރީ އަތޮޅު ކައުންސިލާއި، ރަށު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ކައުންސިލްތަކުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށާއި، ކެބިނެޓަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ދެއްވުމާ ގުޅިގެން، ގދ. އަތޮޅު ކައުންސިލްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާ ދެންނެވިއެވެ. އަދި ހުރިހާ ޕާޓީތަކެއް ގުޅިގެން ސަރުކާރު ހިންގެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހަންމިއްޔަތަށްޓަކައި އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ހުވަދުއަތޮޅު ދެކުނުބުރީގެ އެކި ރަށްރަށަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އެރަށްރަށުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާއި، އަތޮޅުގެ ތަރައްޤީއަށްޓަކައި ހިންގިދާނެ އެކި މަޝްރޫޢުތަކާބެހޭ މަޢުލޫމާތު، ކައުންސިލްތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. މިގޮތުން، ބައެއް ރަށްރަށުގެ ބަނދަރުގެ ދަތިކަމާ ގުޅިގެން ކުރިމަތިވާ މައްސަލަތަކާއި، އަތޮޅުގެ ޒުވާނުންނަށް މުނިފޫހިފިލުވާނެ ވަސީލަތްތައް ނެތުމުން ކުރިމަތިވަމުންދާ އިޖްތިމާޢީ އެކިއެކި މައްސަލަތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. އަދި ވަޒީފާގެ ފުރްޞަތުތައް މަދުވުމާއި، އެކަށީގެންވާ ނަރުދަމާގެ ނިޒާމެއް ޤާއިމްވެފައި ނެތުމާއި، ސާފު ބޯފެން ނުލިބުމުގެ މައްސަލައާއި، ރަށުތެރޭގައި ފެންބޮޑުވުމުގެ މައްސަލަ، ވަރަށްގިނަ ރަށްރަށަށް ކުރިމަތިވަމުންދާކަން ކައުންސިލްތަކުގެ މެންބަރުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް މެދުކެނޑުމެއްނެތި، ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަވާނެ އުޞޫލެއްގެ މަތިން ދެއްވަމުން ގެންދަވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި ހުވަދުއަތޮޅު ދެކުނުބުރީގެ ރަށްރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް މިހާރުން މިހާރަށް ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، ރައްޔިތުންގެ އެއްބާރުލެއްވުމާއެކު، ސަރުކާރުން އެންމެ އިސްކަން ދެއްވެންހުރި ތަރުތީބުން، ބަޖެޓް ތަންދޭ މިންވަރަކުން އެކަންތައްތައް ޙައްލުކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.