بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! މިއަދަކީ ވަރަށް އުފާވެރި ދުވަހެއް. އާދެ! އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވުމާ ގުޅިގެން، ސަރުކާރުގެ އާ ކެބިނެޓެއް އެކުލަވާލައި އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަޤާމު ހުސްވުމާ ގުޅިގެން، އެ މަޤާމަށް އަޅުގަނޑު ޢައްޔަންކުރި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، އެމަނިކުފާނަށާއި އަދި ކެބިނެޓްގެ މެންބަރުންނަށް މިއަދު ރައްޔިތުންގެ މަޖިލީހުން ރުހުންވަނީ ލިބިފައި. އެހެންވީމާ، އެކަމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށާއި އަދި ހަމައެހެން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަށް އަޅުގަނޑު، އަޅުގަނޑުގެ ހިތުގެ އެންމެ އަޑިން ޝުކުރާއި މުބާރަކްބާދު ދަންނަވަން.

އާދެ! މިއަދު ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ސަރުކާރަށް މިދެއްވި ވަރަށް ހޫނު ތަރުޙީބަށްޓަކައި، ދެއްވި އިތުބާރަށްޓަކައި އަޅުގަނޑު އެހުރިހާ ބޭފުޅުންނަށް، އަޅުގަނޑު ޝުކުރު ދަންނަވަން. އާދެ! އަޅުގަނޑުގެ ވަޒީރުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށާއި އަދި ނައިބު ރައީސަށް ތިޔަބޭފުޅުން ތިޔަ ދެއްވި އަގުހުރި ތާއީދަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ އެންމެހާ މެންބަރުންނަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސަށާއި ނައިބު ރައީސަށްވެސް އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީ ޝުކުރު ދަންނަވަން.

އާދެ! ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނޭ ފަދައިން، އަޅުގަނޑު މި މަޤާމާ ޙަވާލުވިތާ މާގިނަ ދުވަހެއްނުވެ، އަޅުގަނޑު ވާނީ ނައިބު ރައީސެއްގެ މަޤާމަށް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ޢައްޔަންކޮށްފައި. ޤާނޫނުއަސާސީ ބުނާގޮތުންވިއްޔާ، އެމަނިކުފާނުގެ ހުވާކުރެއްވުމާއި، މަޤާމާ ޙަވާލުވުން މިއޮންނަނީ، ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމަށްފަހުގައި. އެގޮތުން މިއަދު ހެނދުނު އެމަނިކުފާނަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބުމާ އެކީގައި، އެމަނިކުފާނު މަޤާމާ ޙަވާލުވެވަޑައިގަންނަވަނީ. ރާއްޖޭގެ ރައްޔިތުންނަށް އަލްފާޟިލް މުޙަންމަދު ވަޙީދަކީ ކޮންބޭފުޅެއް ކަމެއް އޮޅިގެނެއް ނުދާނެ. ވަޙީދުއްދީނަކީ ވަރަށްގިނަ ރޮނގު ރޮނގުން މުޅި ޤައުމަށް ޚިދްމަތް ކޮށްދެއްވާފައިވާ ބޭފުޅެއް. އެގޮތުން، ސަރުކާރުގެ އެކިއެކި މަތީ މަޤާމުތަކާއި އަދި މަދަނީ ޖަމްޢިއްޔާތައް އުފެއްދެވުމާއި، މިހެންގޮސް ވަރަށް ތަފާތު ރޮނގު ރޮނގުން ޤައުމަށް ޚިދްމަތް ކޮށްދެއްވާފައިވާ ބޭފުޅެއް. އެމަނިކުފާނަކީ ކުރީގެ ސަރުކާރުތަކުގައި އެކިއެކި ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއް. އެގޮތުން، މިނިސްޓަރ އޮފް އެޓޮލްސް ޑިވެލޮޕްމަންޓްގެ މަޤާމާއި، މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މަޤާމު ވަނީ ފުރުއްވާފައި. އަދި ހަމައެހެން، ހިއުމަން ރައިޓްސް ކޮމިޝަންގެ މެންބަރު ކަމާއި، އެކިއެކި ދައުލަތުގެ އެޑްވައިޒަރީ ބޯޑްތަކުގެ މެންބަރުކަން ވަނީ ކުރައްވާފައި.

މީގެއިތުރުން، އަޅުގަނޑު ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރަން. އަލްފާޟިލް މުޙަންމަދު ވަޙީދުއްދީނަކީ ދައުލަތުގެ އެކިއެކި ޝަރަފްތަކާއި އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއް. އެގޮތުން، ޚާއްޞަކޮށް، އިޖްތިމާޢީ ޚިދްމަތުގެ ދާއިރާއިން ޝަރަފްވެރި ކަމުގެ ޤައުމީ އިނާމު ލިބިވަޑައިގެންފައިވޭ. އާދެ! އެމަނިކުފާނުގެ ޚިދްމަތް ވަރަށްގިނަ ފަރާތްތަކަކަށް ވަނީ ލިބިފައި. އެގޮތުން، އަޅުގަނޑު ޚާއްޞަކޮށް، ފާހަގަކުރަން، ރާއްޖޭގައި ފުރަތަމަފަހަރަށް ތަފާތު ރޮނގު ރޮނގުން އެކިއެކި ޖަމްޢިއްޔާތައް އުފައްދަވައި، އެ ޖަމްޢިއްޔާތައް ދަމަހައްޓަވައި އެހީތެރިވެވަޑައިގެން ދެއްވަމުން ގެންދަވާ ބޭފުޅެއް. އެގޮތުން، ވަޙީދުއްދީން އުފައްދަވާފައިވާ ޖަމާޢަތްތަކުގެ ތެރޭގައި، ޑައިބެޓިކްސް ސޮސައިޓީ އޮފް މޯލްޑިވްސް، ބޮޑީ ބިލްޑިންގ ފެޑެރޭޝަން އޮފް މޯލްޑިވްސް، މޯލްޑިވްސް ސަރފިންގ އެސޯސިއޭޝަން، އެން.ޖީ.އޯ ފެޑެރޭޝަން އަދި އިންސްޓިޓިއުޓް އޮފް ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓަކީ އެމަނިކުފާނު އުފެއްދެވި ތަންތަން. އަދި މިއަދާ ހަމައަށްވެސް އެތަންތަނަށް ވަރަށްބޮޑު އެހީވެވަޑައިގެންދެއްވައި، އެތަންތަން ހިންގަވަމުން ގެންދަވާ ބޭފުޅެއް.

އެހެންވީމާ، މިޤައުމުގެ ރައީސުލްޖުމްހޫރިއްޔާއެއްގެ ނައިބު ކަމުގެ މަޤާމަށް އެމަނިކުފާނަށްވުރެ ވަކި އެކަށީގެންވާ ބޭފުޅަކު ހުއްޓެކޭ އަޅުގަނޑަކަށް ނުދެންނެވޭނެ. އެހެންވީމާ، އެމަޤާމު ޤަބޫލު ކުރައްވައި، އެކަން ރައްޔިތުންގެ މަޖިލީހުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޤަބޫލުފުޅު ކުރެއްވީތީ، އަޅުގަނޑު މިއަދު ވަރަށް އުފާކުރަން.

މިއަދުގެ ޤައުމީ ޙާލަތު އޮތްގޮތުން، ކުރިންވެސް އަޅުގަނޑު ދަންނަވާފައިވާ ފަދައިން، މިއަދު ޤައުމުގެ ޒަޢާމަތަށް ބޭނުންވޭ، ޚާއްޞަ ގޮތެއްގައި، ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން އުފައްދައި ބަދަހިކުރެވޭނެ މީސްމީހުން. ނައިބު ރައީސް ވަޙީދުއްދީނަކީ، ކުރިން ދެންނެވިފަދައިން، ވަރަށްގިނަ ގޮތްގޮތުން ޚިދްމަތް ކުރައްވާ އަދި ވަރަށްގިނަ ބަޔަކަށް އެމަނިކުފާނުގެ އެހީތެރިކަން ލިބެމުންދާ ބޭފުޅެއް. ސިޔާސީ ހުރިހާ ޕާޓީތަކެއް އެކުލެވޭ ގޮތަށް. އެހެންވީމާ، އަޅުގަނޑު ޔަޤީން ކުރަން، މިއަދު އަޅުގަނޑުމެން ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި، ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއްވާނެ ކަމަށް އަޅުގަނޑު ޔަޤީން ކުރަން. އާދެ! އެހެންވީމާ، އަޅުގަނޑު އަދިވެސް އެއްފަހަރު ނައިބު ރައީސަށް އަޅުގަނޑު މަރްޙަބާއާއި މުބާރަކްބާދު ދަންނަވަން.

އަޅުގަނޑު ޔަޤީންކޮށް އަރުވަން، އަޅުގަނޑުމެން ދެމީހުންގެ ޓީމަކީ، ވަރުގަދަ ޓީމަކަށް އިރާދަކުރެއްވިއްޔާ ވާނެ. އަޅުގަނޑު ޔަޤީންކުރާ ގޮތުގައި، އަޅުގަނޑުމެން ދެމީހުންގެ ޓީމުގެ ފަރާތުން މިއަދު ޤައުމަށް ބޭނުންވެފައިވާ ހުރިހާ ގޮތަކުންވެސް އަގުހުރި ޚިދްމަތްތަކެއް ދެވޭނެ. އެކަމުގެ ފުރިހަމަ ޔަޤީންކަން އަޅުގަނޑުގެ އެބައޮތް. އަޅުގަނޑު ނައިބު ރައީސް ވަޙީދުއްދީނަށް އަދިވެސް އެއްފަހަރު މަރްޙަބާ ދަންނަވަމުން، މި މުނާސަބަތުގައި ކޮންމެވެސް އެއްޗެއް ވިދާޅުވެދެއްވުމަށް އެދި ދަންނަވަން.


ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން:

بســم اللّـه الرّحمـن الرّحيــم

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. އަދި ކީރިތި ރަސޫލާ مُحَمَّـد رســول اللّـه صـلّى الله علـيـه وسـلّم އަށް ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. އަދި މި ދުޢާގައި އެ މާތް ސާހިބާގެ އާލު އަޞްޙާބުން ޝާމިލް ކުރަން.

އާދެ! އެންމެ ފުރަތަމަ، އަޅުގަނޑާ ދޭތެރޭގައި ރައީސް ތިވިދާޅުވި ހެޔޮ ބަސްކޮޅަށްޓަކައި އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން.

އާދެ! މިއަދު މި މަޤާމް ނުވަތަ މަސްއޫލިއްޔަތު އަޅުގަނޑު ޤަބޫލުކުރީ ނުވަތަ މި ޒިންމާ މި ނަގަނީ، މި ޤައުމަށް، ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރަން ބޭނުންވާތީ. އާދެ! ދިވެހި ރައްޔިތުންނަށް ޚިދްމަތްކުރާއިރު، އަޅުގަނޑު ވަރަށް ސާބިތުކަމާއެކީ ދަންނަވަން ބޭނުން. އަޅުގަނޑުގެ ކުރިމަތީގައި ތަފާތު އެއްވެސް ކުލައެއް ނޯންނާނެ. ޝައްކެއްނެތް، އިރާދަކުރެއްވިއްޔާ، މިރޮނގުން މާތްވެގެންވާ އިސްލާމްދީން، މި ޤައުމުގައި ދަމަހައްޓައި އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތަށް ކަންތައް ކުރުމަށް އަޅުގަނޑު މަސައްކަތް ކުރާނީ. އަދި އިރާދަކުރެއްވިއްޔާ، ރައީސް އަޅުގަނޑާ ޙަވާލުކުރެއްވި ކޮންމެ ކަމެއް، އަޅުގަނޑަށް އެކަމެއް ކޮށްދެވުނު އެންމެ ރަނގަޅު ގޮތެއްގައި، އަޅުގަނޑުގެ ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން، އެކަމެއްގައި އަޅުގަނޑު ސާބިތުވެ ހުންނާނަން. މިކަން އަޅުގަނޑު ދިވެހި ޤައުމުގެ ރައްޔިތުންނަށް ޔަޤީންކޮށްދެން. ޝައްކެއްނެތް، ރައީސް ވިދާޅުވިގޮތަށް، މިދުވަސްވަރަކީ ނުވަތަ މި ސިޔާސީ މާޙައުލަކީ، މިޤައުމަށް ދިމާވެފައިވާ އެންމެ ހިތާމަވެރި ދުވަސްވަރޭ އަޅުގަނޑު ދަންނަވާނީ. އާދެ! މީގެ ތަފްޞީލަށް އަޅުގަނޑު ނުދިޔަޔަސް، ތިޔަބޭފުޅުންނަށް އެކަން އެނގިވަޑައިގަންނަވާނެ.

އާދެ! އަޅުގަނޑު މި މަޤާމަށް ހޮއްވެވުމުގައި، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިދެއްވި ތާއީދަށް އަޅުގަނޑު އިޚްލާޞްތެރިކަމާ އެކީގައި ޝުކުރު ދަންނަވަން. އަދި އަޅުގަނޑު ދަންނަވަން ބޭނުން. ތިޔަބޭފުޅުން އަޅުގަނޑަށް ތިކުރެއްވި އިތުބާރު އިރާދަކުރެއްވިއްޔާ، ތިޔަބޭފުޅުން ފަޚްރުވެރިވެވަޑައިގަންނަވާ، ޝަރަފްވެވަޑައިގަންނަވާ މިންވަރަށް އަޅުގަނޑު އެކަންތައް ގެންދާނަމޭ.

އާދެ! ޤާނޫނުގެ ކުރިމަތީގައި އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤާނޫނާ އެއްގޮތަށް ނުކުރާނެ، ކުރަން ނުކެރޭނެ ނުވަތަ އަޅުގަނޑުމެން ޤާނޫނާ އެއްގޮތަށް ޢަމަލުކުރުމުގައި، ވަރަށް ސާބިތުކަމާ އެކީގައި ރައީސްގެ ފަހަތްޕުޅުގައި އަޅުގަނޑު ހުންނާނެ. އާދެ! އަޅުގަނޑު އުންމީދު ކުރަނީ، މިގޮތަށް އަޅުގަނޑަށް މަސައްކަތް ކުރުމުގައި، މާތްﷲ ތައުފީޤު ދެއްވުން. އަދި ދިވެހި ރައްޔިތުންނަށް ޚިދްމަތް ކޮށްދިނުމުގައި، އިޚްލާޞްތެރިކަމާއި، ތެދުވެރިކަމުގައި އަޅުގަނޑަށް ހުރުމުގެ ތައުފީޤު މާތްﷲ ދެއްވުމަށް އެދި ދުޢާކުރަން.

والســّلام عليــكم

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑުމެން މިއަދު އަނެއްހެން ސުވާލާއި ޖަވާބު ނަގާގޮތަކަށް ނޫން އޮތީކީ. އެހެން ނަމަވެސް، ތިޔަބޭފުޅުން ތަންކޮޅެއް ދެރަފުޅުވެދާނެކަންނޭނގެ އެއްޗެއް ނުބުނިއްޔާ. އެހެންވީމާ، ކޮންމެ އޭޖެންސީއަކުން އެއް ސުވާލު އަޅުގަނޑުމެން ނަގާނަން އިނގޭތޯ.

އަޙްމަދު ޙަމްދޫން – ހަވީރު ނޫސް:

މަނިކުފާނު ވެވަޑައިގަންނަވާނެ، ނައިބު ރައީސެއްގެ ތަޖްރިބާ ތިން އަހަރު ދުވަހުގެ ތެރޭގައި ކުރެއްވުމަށްފަހު، ރައީސް ކަމުގެ މަގާމުގެ ހުވާކުރެއްވީ. ޤާނޫނުއަސާސީގައި އޮންނަނީ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާ ކަމެއް ނައިބު ރައީސް ކުރައްވަން ޖެހިވަޑައިގަންނަވާ ގޮތަށް. ކޮންކަހަލަ މަސްއޫލިއްޔަތުތަކެއްތޯ މަނިކުފާނު ބޮޑަށް އިސްކަން ދެއްވައިގެން ނައިބު ރައީސާ ޙަވާލުކުރައްވަން ޤަޞްދު ކުރައްވަނީ؟ އެގޮތުން، މިއަދު ޤައުމުގެ ޙާލަތު އޮތްގޮތުން، އެއްބައިވަންތަކަން ސިޔާސީ ޕާޓީތަކުގެ މެދުގައި ބޭނުންވޭ. ކޮންކަހަލަ މަސްއޫލިއްޔަތުތަކެއްތޯ ޙަވާލުކުރައްވަން ޤަޞްދު ކުރައްވަނީ؟ އަދި ތިޔަ ވިދާޅުވާ އެއްބައިވަންތަކަން ގެނައުމަށްޓަކައި ކޮން ދައުރެއްތޯ އަދާކުރައްވާނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ތި ވިދާޅުވިހެން ނައިބު ރައީސެއްގެ މަގާމުގައި ހުރެގެން ތަފާތު ތަޖްރިބާތައް ކޮށްފައި ހުރި މީހެއް އަޅުގަނޑަކީ. އެހެންވީމާ، އަލަށް ނައިބު ރައީސްކަމާ ޙަވާލުވެވަޑައިގެންނެވި ބޭފުޅަކަށް، ކަންތައް ކުރަންވާ ގޮތާއި ނުކުރަންވާ ގޮތް ތަންކޮޅެއް ބޮޑަށް އަޅުގަނޑަށް އެނގޭނެ. އިރާދަކުރެއްވިއްޔާ، އަޅުގަނޑު ބަލާނަން ނައިބު ރައީސަކީ މިޤައުމުގެ ރިޔާސަތުގެ ތެރޭގައި ހަމަ ވަރަށްބޮޑު ޙިއްޞާއެއް ކުރައްވާ، ދައުލަތަށް ވަރަށްބޮޑު ޚިދްމަތެއް ކޮށްދެއްވާ ބޭފުޅަކަށް ހެދޭތޯ. އެގޮތުން، ތިވިދާޅުވިހެން އަޅުގަނޑަށް މިވަގުތު ހަމަ ވަރަށް ބޮޑަށް ބޭނުން، ނައިބު ރައީސްގެ އެހީފުޅު. ޚާއްޞަކޮށް، އަޅުގަނޑުމެންގެ މެދުގައި އެއްބައިވަންތަކަމާއި އެކުވެރިކަން އުފެއްދުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރެއްވުމަށް. އެހެން ނަމަވެސް، އެނގިވަޑައިގަންނަވާނޭ ފަދައިން، ޤާނޫނުއަސާސީގެ 117 ވަނަ މާއްދާގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ، ޤާނޫނުއަސާސީ ދީފައިވާ ބާރުތަކާއި މަސްއޫލިއްޔަތުތަކުގެ ތެރެއިން ނައިބު ރައީސަށްވެސް ކަންކަން ޙަވާލުކުރުމަކީ އެއީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިފައިވާ ބާރެއް. އެހެންވީމާ، އެގޮތުން ނައިބު ރައީސާ މަޝްވަރާ ކުރުމަށްފަހުގައި، އަޅުގަނޑާއި އެމަނިކުފާނާ ދޭތެރޭގައި އެކަމުގައި އެއްބަސްވާ ކަންތައްތަކެއް، އެމަނިކުފާނާ އަޅުގަނޑު ރަސްމީ ގޮތުން ޙަވާލުކުރާނެ ވާހަކަ ދަންނަވަން.

ޢަބްދުއްލަޠީފް އާދަމް – މިއަދު ނޫސް:

އަޅުގަނޑު ހަމަ މަނިކުފާނަށް ތަހުނިޔާ. މިއަދަކީ އަޞްލު ވަޒީރުންނާއި ނައިބު ރައީސްގެ ދުވަސް ކަމަށްވީނަމަވެސް، އަޅުގަނޑު މަނިކުފާނަށް ފުރަތަމަ މަރްޙަބާ އަރިސްކުރަން. އެއީ މަނިކުފާނު ސަރުކާރުގައި މިއަދަކީ ވިދިވިދިގެން ދެވަނަ ކާމިޔާބީ ހޯދި ދުވަސް. ފުރަތަމަ ކާމިޔާބީއަކީ ދެދާއިރާއެއްގެ އިލެކްޝަން ވަރަށް ފުރިހަމައަށް ކާމިޔާބު ކުރެއްވިކަން. ދެން މިއަދަކީ މަނިކުފާނުގެ ކެބިނެޓަށާއި ނައިބު ރައީސަށް ރުހުން ލިބިގެންދިޔަ ދުވަސް. އެހެންވީމާ، ވިދިވިދިގެން އައީ ދެކާމިޔާބީއެއް. މި ކާމިޔާބީ ދެމެހެއްޓެނިވި ގޮތެއްގައި ދާނެކަމަށް އުންމީދު ކުރަމުން، އަޅުގަނޑު ނައިބު ރައީސަށް މަރްޙަބާ ދަންނަވާލަން ބޭނުން.

ނައިބު ރައީސަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، މަނިކުފާނު ރައްޔިތުންގެ މިޙާލަށް ބޭނުންފުޅުވީހިނދު، ނާޅުއްވަން ޤަޞްދު ކުރެއްވި ޓައީ އަނެއްކާ ޤައުމަށްޓަކައި އަދި ރައްޔިތުންނަށްޓަކައި އަޅުއްވަން ނިންމެވީތޯއޭ؟ މަނިކުފާނަށް ހަމަ މަރްޙަބާ އަރިސްކުރަން. ހަމައެއާއެކު، ދިވެހި ޤައުމުގެ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަމާއި، އިޖްތިމާޢީ ޚިދްމަތް ފޯރުކޮށްދިނުމުގައި، ރާއްޖޭގެ އެންމެ ފުންނާބު އުސް ތިންބޭފުޅުންނަށް ޣާޒީގެ ލަޤަބް އަރުވާ ކަމަށްވަންޏާ، އެބޭފުޅުންގެ ތެރޭގައި މަނިކުފާނު ހަމަގައިމުވެސް ހިމެނިވަޑައިގަންނަވާނެ. އެހެންވީމާ، އަޅުގަނޑު އުންމީދު ކުރަން، މަނިކުފާނު ތިގޮތުގައި ދެމިހުންނަވާނެ ކަމަށް.

ރައީސަށް ދަންނަވާލަން ބޭނުންވަނީ، މިހާރު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އޮތްގޮތުން، ރައްޔިތުންގެ އެއްބައިވަންތަކަން އާލާކުރުމަށްޓަކައި މަނިކުފާނު ރައްޔިތުންނަށް މިހާރު ދެއްވަން އޮތް މެސެޖަކީ ކޮބައިތޯއޭ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ. މިއަދުގެ މި ސަރުކާރަކީ މިއީ ރައްޔިތުންގެ ސަރުކާރެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑަކީ ރައްޔިތުން އިންތިޚާބުކޮށްފައި ހުރި ނައިބު ރައީސެއް. ޤާނޫނުއަސާސީ ލާޒިމްކުރާ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ މަގާމު ހުސްވުމާ ގުޅިގެން، އަޅުގަނޑު އެމަޤާމާ ޙަވާލުވީ ޤާނޫނީގޮތުން. އެހެންވީމާ، މި ސަރުކާރަކީ މިއީ ޤާނޫނީ ރައްޔިތުންގެ ސަރުކާރެއް. އަޅުގަނޑުމެންނަށް މިލިބޭ ކާމިޔާބީއެއްވިއްޔާ މިއީ ހަމަ ރައްޔިތުންނަށް ލިބޭ ކާމިޔާބެއް. އަޅުގަނޑާ އެކުގައި، މި ސަރުކާރު ދެމެހެއްޓެވުމަށްޓަކައި މި ސަރުކާރަށް މަސައްކަތް ކޮށްދެއްވާ ވަރަށްގިނަ ފަރާތްތަކެއް އެބަތިއްބެވި. އެގޮތުން، އަޅުގަނޑު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން. އެކިއެކި ސިޔާސީ ޕާޓީތައް. މިއަދު ރާއްޖޭގައި ޙަރަކާތްތެރިވަމުންދާ، ޙަރަކާތްތެރި ހުރިހާ ސިޔާސީ ޕާޓީތަކެއް ވަނީ މި ސަރުކާރާ އެކުގައި. ސަރުކާރަށް ތާއީދުކޮށްގެން. އެމް.ޑީ.ޕީ. ފިޔަވައި. ނަމަވެސް، އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުމެން މިގެންދަނީ އެމް.ޑީ.ޕީ.އާވެސް އެމް.ޑީ.ޕީ.ގެވެސް އެކިއެކި ބޭފުޅުންނާވެސް ވާހަކަ ދައްކަމުން. އަދި ހަމަ ފުރަތަމަ ދުވަހުއްސުރެން އަޅުގަނޑު ވާނީ ހަމަ ޞުލްޙައިގެ އަތެއް ދިއްކޮށްލާފައި. އެއީ އަޅުގަނޑު އަދިވެސް އުންމީދު ކުރަނީ، ހަމަ މުސްތަޤްބަލުގައިވެސް އަޅުގަނޑުމެންނަށް ވަރަށް އަވަސް، ކައިރި މުސްތަޤްބަލެއްގައި އަޅުގަނޑުމެންނަށް އެކީގައި މަސައްކަތް ކުރެވޭނެ ކަމަށް. މިއަދު ރާއްޖެއަށް ބޭނުންވަނީ އެއްބައިވަންތަ ކަމުގެ ސަރުކާރެއް. އެހެންވީމާ، އެގޮތުން އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވާނަން. އަޅުގަނޑުމެން މި ޤައުމުގެ ރިޔާސަތުގެ ފަރާތުން އަޅުގަނޑުމެން ދެމީހުންވެސް ހަމަ މަސައްކަތް ކުރާނީ، ހުރިހާ އެންމެންނާ އެކީގައި، ހުރިހާ ޕާޓީތަކަކާ އެކީގައި. ޤައުމުގެ ހުރިހާ ރައްޔިތުންނާ އެކީގައި، އެކުވެރިކަމާ އެކީގައި މަސައްކަތް ކުރެވޭތޯ. އެހެންވީމާ، އެކަމުގެ ޔަޤީންކަން ތިޔަބޭފުޅުންނަށް އަޅުގަނޑު އަރުވާނަން.

ޙުސައިން އަމީން – ދި ޓީ.ވީ:

އަޅުގަނޑުގެ ސުވާލަކީ، އެއްބައިވަންތަ ސަރުކާރެއްގެ ވާހަކަ އަޅުގަނޑުމެންނަށް ހަމަ އަޑުއިވިގެން މިދަނީ. ދެން އަޅުގަނޑުމެންނަށް މިއަދު މިފެންނަމުންމިދާ މާޙައުލަށް ބަލާއިރުގައި، އެންމެބޮޑު ގޮންޖެހުމެއް ސަރުކާރަށް ކުރިމަތިވަމުންދާ ދާއިރާއަކީ، ކައުންސިލްތަކުގެ، ޚާއްޞަކޮށް، ލޯކަލް ކައުންސިލްތަކުގެ ދާއިރާ. ރާއްޖޭގައި ލާމަރްކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގުމުގެ އޮނިގަނޑަކީ، މިއަދު ނައިބު ރައީސް ކަމުގައި ހުންނެވި މުޙަންމަދު ވަޙީދުއްދީން ގެންނެވި ފިކުރުތައް ހިމެނޭ އޮނިގަނޑެއް. ކޮންގޮތަކުންތޯ ސަރުކާރުން މި އޮނިގަނޑު ހިފެހެއްޓެވުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން، މުޅި ޤާނޫނަށް ނަމަވެސް، ކޮންގޮތަކަށްތޯ ސަރުކާރުގެ ވިސްނުންހުރީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ލާމަރްކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ބައެއް ބަދަލުތައް ގެންނަންޖެހޭ. އެކަމާ ބެހޭގޮތުން މިހާރުދަނީ ކޮންމެވެސްވަރެއްގެ ދިރާސާތަކެއް، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަދި ސަރުކާރުންވެސް ކުރައްވަމުން. އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު ސަރުކާރުން އުފައްދާފައިވާ ޤައުމީ އިދާރާތައް އުވާލުމުގެ މަޤްޞަދަކީވެސް އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކަށް ދޭންޖެހޭ ބާރު ފުރިހަމައަށްދީގެން، ކައުންސިލްތައް ލައްވައި އެމީހުން ކުރަންޖެހޭ މަސައްކަތްތައް ކުރުވުން. އެހެންވީމާ، އެގޮތުން ކައުންސިލްތައް ބާރުވެރި ކުރުވުމަށްޓަކައި އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މިގެންދަނީ. އެނގިވަޑައިގަންނަވާނޭ ފަދައިން، ނައިބު ރައީސަކީ މި ލާމަރްކަޒީ ބިލް އުފެއްދެވުމުގައިވެސް އަދި އޭގެކުރިންވެސް މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަންގެ މަގާމުގައި ހުންނެވިއިރުވެސް ވަރަށްބޮޑު މަސައްކަތްތަކެއް ކުރައްވާފައި ހުންނެވި ބޭފުޅެއް. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، މިނިސްޓަރ އޮފް ހޯމްއެފެއާޒާ އެކީގައި، ނައިބު ރައީސްވެސް މިކަމުގައި އެހީވެވަޑައިގެން ދެއްވައިގެން، މުސްތަޤްބަލުގައި މިހާރު ލާމަރްކަޒީ އުޞޫލުން ރޭވިފައި އޮތް ކަންތައްތައް، މިހާރަށްވުރެން ރަނގަޅަށް އެކަންކަން ރާވައިގެން، ޤާނޫނަށް ގެންނަންޖެހޭ ބަދަލުގެނެސްގެން ކުރިއަށް ގެންދެވޭނެ ކަމަށް.

އިބްރާހީމް ވަޙީދު – ރާއްޖެ ޓީ.ވީ:

އިޒުނަ ދެއްވައިފިއްޔާ، ނައިބު ރައީސަށް ސުވާލެއް ދަންނަވަން ކަމަށް.

ވަޙީދުއްދީނަކީ ވަރަށްގިނަ ބައެއްގެ ލޯތްބާއި ޤަދަރު ލިބިވަޑައިގެން ހުންނެވި ބޭފުޅެއް. ވިދާޅުވެއްޖެ، ކުލައަކަށް ނުބައްލަވާނެ ކަމަށް. ވިދާޅުވެއްޖެ، މިވަގުތަކީ ދިވެހިރާއްޖެއަށް އެންމެ ހިތްދަތި ދުވަސްތައް ކަމަށް. ދެން މިޙާލަތަށްދާއިރު ބައިނަލްއަޤްވާމީ ފަރާތްތަކުން ވަރަށް ބޮޑަށް ލަފާތައް ދީފައިވަނީ، މިވެނިގޮތަކަށް ޢަމަލުކުރުމަށް. އެހެން ނަމަވެސް، އަޅުގަނޑުމެންނަށް ފެނިގެންދިޔައީ، މިދިޔަ ހަފްތާގައި ރައީސް ވަޙީދު ވިދާޅުވި، އެންމެ އަވަހަށް އިންތިޚާބެއް އޮންނާނީ، އަންނަ އަހަރުގެ ޖުލައިމަހު ކަމަށް. ދެން މިހުރިހާ ކަންތައްތަކުގެ ތެރެއިން މަނިކުފާނު ކޮންގޮތަކަށްތޯ ވިސްނުން ގެންގުޅުއްވަނީ. ރާއްޖޭގެ ސިޔާސީ މަސްރަޙު ފިނިކުރުމަށް، ޙައްލަކަށް ގެނައުމަށް އެއްވެސްކަހަލަ ވިސްނުންފުޅެއް އެބަހުރިތޯ، ޞުލްޙަވެރި ޙައްލެއް މިކަމަށް ގެނައުމަށް.

ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން:

ޝުކުރިއްޔާ! އަޅުގަނޑަށް ހީވަނީ ރައީސް މިހާރު އެބައޮތްހެން ރޯޑްމެޕެއް ތައްޔާރު ކުރައްވާފައި. މަޝްވަރާގެ ތެރެއިން ވާހަކަ ދައްކައިގެން ނޫނިއްޔާ ޙައްލެއް ނާންނާނެ. އެހެންވީމާ، އެ ޙައްލެއް އަންނަންޖެހޭނީ، ޤާނޫނުއަސާސީއާ އެއްގޮތަށް ކަންތައް ކޮށްގެން. ޤާނޫނުއަސާސީގައި އެބަ ބުނޭ، ކިހިނެއްކަން ރިޔާސީ އިންތިޚާބެއް ބޭއްވޭނީ. ޤާނޫނުއަސާސީގައި އެބަބުނޭ، ކަނޑައެޅިގެން އެ އިންތިޚާބެއް ބޭއްވޭނެ ގޮތާއި އަދި އެކަން ގެންދަންވީގޮތް. ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން، އެއަށް ބަދަލުގެންނަވައިގެން ނޫނީ އެކަންވާކަށްނެތް. ބައިނަލްއަޤްވާމީ މުޖްތަމަޢުން ތަފާތު ވާހަކަތައް ދައްކާނެ. އެއީ ހުސްއެކަނި ދިވެހިރާއްޖެއަށް އެކަންޏެއް ނޫން. މުޅި ދުނިޔޭގެ ހުރިހާ ޤައުމެއްގައިވެސް. މިއަދު ބައްލަވައިލައްވާ، ބައިނަލްއަޤްވާމީ އެކި ޤައުމުން އެކި ހިސާބަށް، އެކި ޤައުމުތަކަށް ފާޑުކިޔަމުން މިދަނީ. ހިތާމައަކީ އަޅުގަނޑުމެންގެ ޤައުމު މިހިސާބަށް ގެންދިޔައީ އަޅުގަނޑުމެން ކަމަށްވާތީ. އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ، ބައިނަލްއަޤްވާމީ އެއްވެސް ޤައުމެއް، މި ޤައުމުގެ ދާޚިލީ ކަންތައްތަކާ ބެހުމަކީ އެއީ އަޅުގަނޑުމެންގެ މިނިވަންކަމަށް އަރައިގަތީކަން. އަޅުގަނޑުމެން އަބަދުވެސް ވިސްނަންޖެހޭނެ، އެހިސާބަށް ކަންތައްދިޔަނުދީ، އަޅުގަނޑުމެންގެ ތެރޭގައި ކަންތައް ނިންމުމަށް. މީގެ މާކުރީގައިވެސް، މުޙަންމަދު އަމީން ދައުރުގައިވެސް، ފާމުލަދޭރި ކިލެގެފާނުގެ ދައުރުގައިވެސް، އިބްރާހީމް ނާޞިރުގެ ދައުރުގައިވެސް ކަންތައްތައް ނިންމަވާފައި ހުރީ އެގޮތަށް. ބޭރު ބައެއްގެ އެޑްވައިސް، ބޭރު ބަޔަކު ގެންނަވައި، އެމީހުން ބައިތިއްބަވައިގެނެއް ނޫން ނިންމަވާފައި ހުރީ. އޭރު މިދުނިޔެ އޮތީ ވަރަށް ފަޤީރު ނިކަމެތި ޙާލުގައި. އަދި ދިވެހިރާއްޖެ އޮތީ އެއަށްވުރެ ބޮޑަށް ފަޤީރު ނިކަމެތި ޙާލުގައި. އެހެންވީމާ، މިއަދު ތިވިދާޅުވި ސުވާލުގައި، އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ވަރަށްގިނަ ކަންތައްތައް އެބަހުރި. އެހެންވެގެން އަޅުގަނޑު ދެންނެވީ، މިއަދު މި ޤައުމުގެ ޙާލަތު މިއޮތީ އެންމެ ހިތާމަވެރި ގޮތަށް ގޮއްސައޭ. އަޅުގަނޑުމެންގެ އިޤްތިޞާދުގެ މައްޗަށް އަޅުގަނޑުމެން ބަލަން އެބަޖެހޭ. އަޅުގަނޑުމެން ބައިބައިވެފައި އޮތް ޢާއިލާތަކަށް އަޅުގަނޑުމެން ބަލަން އެބަޖެހޭ. އެހެންވީމާ، އަޅުގަނޑު މަސައްކަތް ކުރާނީ، ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާ ކުރުވުން އަދި އަންގަވާ ގޮތެއްގެ މަތިން އަދި އޭގެއިތުރަށް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެންބަރުންވެސް މަޝްވަރާ ކުރައްވައިގެން ޙައްލެއް އަންނާނީ. މިއީ މަޝްވަރާގެ ތެރެއިން ނިންމަންޖެހޭނެ ކަންތައް. ވާހަކަ ދައްކައިގެން ނިންމަންޖެހޭނެ ކަންތައް. ހަތިޔާރުން ނިންމަންޖެހޭނެ ކަންތައްތަކެއް ނޫން މިއީކީ.

ޢަބްދުﷲ ޙަސީން – މިނިވަން ނިއުސް:

ކޮމަންވެލްތުން ވަކިވުމުގެ ވިސްނުން އެއްވެސްވަރަކަށް ސަރުކާރުގެ ލެވެލްގައި ގެންގުޅުއްވަންތޯ؟ ދެން ދެވަނަ ސުވާލަކީ، އިންކުއަރީ ކޮމިޝަނަށް އެއްވެސްކަހަލަ ބަދަލެއް ގެންނަވަން މަނިކުފާނު ވިސްނަވަންތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ދެސުވާލު. ފުރަތަމަ ސުވާލަކީ ކޮމަންވެލްތުން ވަކިވުމުގެ ޚިޔާލު ގެންގުޅެންތޯ. ސަރުކާރަކުން އަދި އެ ޚިޔާލެއް ނުގެންގުޅެން. ދެން ހަމަ އެހެން، އިންކުއަރީ ކޮމިޝަނާ ބެހޭގޮތުން އަޅުގަނޑުމެން މިހާރު ވާހަކަ ދައްކަމުން މިގެންދަނީ. އެހެންވީމާ، އޭގައި އަދި އަޅުގަނޑުމެން ވަކިގޮތެއް ނުނިންމަން. ނިމުނީމާ ދަންނަވާލާނަން ދާދި އަވަހަށް.

މުޙަންމަދު ޙަސަން – ސަން.އެފް.އެމް:

އަޅުގަނޑުގެ ސުވާލަކީ، މިއަދު މަޖިލީހުން ދެ މިނިސްޓްރީއެއް ހަދަންވަނީ ފާސްކޮށްފައި. ދެން މިނިސްޓްރީ ހަދާއިރު، ހިއުމަން ރައިޓްސް މިނިސްޓްރީއެއް އެބަހެދޭ. އިދިކޮޅު ފަރާތްތަކުންވެސް މިވާހަކަ ދައްކަމުން އެބަގެންދޭ. ސަރުކާރުން މި ހަދާ ދެ މިނިސްޓްރީގެ ސަބަބުން ނޫނީ ހިއުމަން ރައިޓްސްއަށް ސަރުކާރުގެ ތެރެއިން އެއްވެސް ނުފޫޒެއް ފޯރުވިގެންދާ ވާހަކަތަކެއް ދައްކަމުންދަނީ. އެކަހަލަ އެއްވެސް ކަމެއް ވެދާނެތޯ؟ ދެން މަނިކުފާނު ޤަބޫލުފުޅު ކުރައްވަންތޯ، މިނިސްޓްރީތައް އުފެދިގެން އަންނައިރު، މި ސަރުކާރުގެ މަތިބަރުވެގެން ހިނގައިދާނެ ކަމަށް.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އާދެ! ހިއުމަން ރައިޓްސް އަށް ވަރަށްބޮޑު ނުފޫޒެއް ސަރުކާރުން ދޭން ޤަޞްދުކުރަން. އެއީ އަޅުގަނޑުމެން ބޭނުންވަނީ ހިއުމަން ރައިޓްސް ކުރިއަށް ގެންދަން. އެހެންވީމާ، ސަރުކާރުގެ ހުރިހާ ވުޒާރާތަކުންވެސް ހިންގާ އެހުރިހާ ޕްރޮގްރާމްތަކެއްގައިވެސް، ހިއުމަން ރައިޓްސް މެއިން ސްޓްރީމް ކުރަން އެބަޖެހޭ. އެހެންވީމާ، އެގޮތުން އަޅުގަނޑުމެން ސަރުކާރުން ކުރަންހުރި ބައިވަރު ކަންތައްތައް އެބަހުރި. އެކަންކަން ކުރުމާއި، އެކަންކަން ވިލަރެސް ކުރުން އެއީ އަޅުގަނޑުމެން އަލަށް މިހަދާ އެއް ވުޒާރާގެ ވަރަށްބޮޑު މަސްއޫލިއްޔަތެއް. މިހާރު ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތަކަށް ހަމަ ކުޑަކޮށްވެސް ފުށުއަރާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ހިއުމަން ރައިޓްސް ކޮމިޝަންގެ މައިގަނޑު މަޤްޞަދަކީ، އިންސާނީ ޙައްޤުތައް ހިނގާނުހިނގާގޮތް ބެއްލެވުން. ބައްލަވައި، އެކަމުގައި ރަނގަޅު ކުރަންހުރި ކަންތައްތަކާއި، ގޯސްކޮށް ކުރެވެމުންދާ ކަންތައްތައް އަޅުގަނޑުމެންގެ ސަމާލުކަމަށް ގެނެސްދެއްވުމަށް. އެހެންވީމާ، ސަރުކާރުގެ މަސްއޫލިއްޔަތެއް، ސަރުކާރުން ހިންގާ ހުރިހާ ޕްރޮގްރާމްތަކާއި، ސަރުކާރުން ކުރާ ކަންކަމުގައި އިންސާނީ ޙައްޤުތަކަށް ސަމާލުކަންދީގެން، އެކަންކަން ކުރުން. އެހެންވީމާ، އެކަންކަން އެގޮތަށް މިހާރަށްވުރެ ރަނގަޅަށް ކުރުމަށްޓަކައި އެބަޖެހޭ، މިނިސްޓްރީއަކުން މަސައްކަތް ކުރައްވަން. ދެން އެނގިވަޑައިގަންނަވާނޭ ފަދައިން، މިހާރު މި އަލަށް އުފެދޭ ޖެންޑަރ ޗިލްޑްރަން އެންޑް ހިއުމަން ރައިޓްސް މިނިސްޓްރީގެ ވަރަށްބޮޑު މަސައްކަތަކަށްވާނެ، ޤާނޫނީ މަސައްކަތް، ރައިޓްސްގެ މަސައްކަތް، ޙައްޤުތަކުގެ މަސައްކަތް. އެއީ އަންހެނުންގެ ޙައްޤުތައް. އަންހެނުން ތަރައްޤީ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި، ހަމައެހެން، ކުޑަކުދިންގެ ޙައްޤުތަކާއި އަދިވެސް ދެން އެހެން މީސްމީހުންގެ ޙައްޤުތައް އެބަ ހިމެނޭ މީގެތެރޭގައި. މަސައްކަތްކުރާ މީހުންގެ ޙައްޤުތައްވެސް އެބަ ހިމެނޭ. އެހެންވީމާ، މިދެންނެވި ގޮތުން، މި މިނިސްޓްރީގެ ވަރަށްބޮޑު މަސައްކަތަކަށްވާނީ، ޙައްޤުތަކުގެ ކަންތައްތައް ދިރާސާކޮށް، އެކަންކަން ފުރިހަމަކުރެވޭނެ ގޮތްތަކެއް ހޯދުން. އެހެންވީމާ، ތިވިދާޅުވީ ހަމަ ރަނގަޅު ވާހަކައެއް. އަޅުގަނޑުމެން ސަމާލުކަންދޭންޖެހޭ ކަމެއް. ދެން އެކަމުގައި ކޮންމެވެސްވަރެއްގެ އޮޅުމެއް އުޅޭ ކަމަށްވަންޏާ، އަޅުގަނޑުމެން އެކަން ސާފުކޮށްދޭން މަސައްކަތް ކުރަމުން ގެންދާނަން.

އާދެ! ދެން ތިވިދާޅުވީ، މަތިބަރުވެދާނެ ވާހަކަ. ދެން އަޅުގަނޑުމެން އެނގިވަޑައިގަންނަވާނޭ ފަދައިން، 2008 ވަނަ އަހަރު ސަރުކާރު އުފެދުމާ ގުޅިގެން، ވަރަށް އަވަސް އަވަހަށް، އަޅުގަނޑުމެންނަށް ލިބުނީ އެގާރަވަރަކަށް ދުވަސް، އޭރުގައި ސަރުކާރު އުފައްދަންވެސް، އިންތިޚާބު ނިމިގެން. އެހެންވީމާ، އެގާރަވަރަކަށް ދުވަހުގެ ތެރޭގައި، ވަރަށް ހަމަ ތެޅިފޮޅިގަނެގެން މިނިސްޓްރީތައް އުފެއްދީ. އުފެއްދިއިރުގައި ކުރިން ހުރި ބޮޑެތި ވުޒާރާތަކެއް އަޅުގަނޑުމެން އެއްކޮށްލީ. އެއްކޮށްލައިގެން ފަހުން އެ ބަދަލު ގެންނަން ވިސްނާފައި، އޭރުގައި އެކަން އެހެން ކުރީ. އެހެން ނަމަވެސް، އެކަމެއް ފަހަކުން ނުކުރެވޭ. ނުކުރެވުމުގެ ސަބަބުން ވީގޮތަކީ، ބައެއް ދާއިރާތައް ވަރަށް ބޮޑަށް އިހުމާލު ކުރެވުނީ. ޚާއްޞަކޮށް، މިދެންނެވި ދާއިރާ. އެއީ އަންހެނުންނާއި ކުޑަކުދިންނާބެހޭ ކަންކަން ވަރަށް ބޮޑަށް އޮތީ އިހުމާލު ކުރެވިފައި. ދެން ހަމަ އެހެން މިހާރު އަޅުގަނޑު މި ވަރަށް ޚާއްޞަ ސަމާލުކަމެއް މިދެނީ، ހަކަތައިގެ ދާއިރާއިންނާއި، އެންވަޔަރަންމަންޓްގެ ދާއިރާއިން. އެނގިވަޑައިގަންނަވާނޭ ފަދައިން، ރާއްޖެއަށް ކްލައިމެޓް ޗޭންޖްގެ ސަބަބުން ދިމާވާ އެކިއެކި ގޮންޖެހުންތައް. އަޅުގަނޑުމެން މިދަނީ އެވާހަކަތައް ދައްކަމުން. އެކަމާ ބެހޭގޮތުން މަސައްކަތް ކުރަމުން. މިހާރު ރާއްޖޭގެ ވަރަށްގިނަ ރަށްރަށަކީ އެއީ ގޮނޑުދޮށް ގިރުމާއި، ފެން ތަޣައްޔަރުވުމާ، މިކަހަލަ ކިތަންމެ ބޮޑެތި ތިމާވެށީގެ މައްސަލަތަކެއް ކުރިމަތިވަމުންދާ ޤައުމެއް، އަޅުގަނޑުމެންގެ މި ޤައުމަކީ. އެހެންވީމާ، އެކަންކަންވެސް އެބަޖެހޭ، އަޅުގަނޑުމެން ދިރާސާކޮށް، އެކަންކަން ހަމަ ފިޔަވަޅު އަޅަން. ހަމައެހެން، ރާއްޖޭގެ މުޅި އިޤްތިޞާދު ބިނާވެފައި މިއޮތީ ހަކަތައިގެ މައްޗަށް. މިއަދު އަޅުގަނޑުމެންގެ އަތްނުފޯރާ ހިސާބަށް ތެލުގެ އަގު މިއޮއްދަނީ. އެހެންވީމާ، ހަކަތައިގެ ސިޔާސަތު ބިނާކުރުމާއި އަދި އާ ބާވަތް ބާވަތުގެ ހަކަތަ ގެނައުމާ، މި ރައްޔިތުން އަތްފޯރާފަށުގައި ކަރަންޓް ލިބޭނެގޮތެއް ހެދުމާ، މިކަހަލަ ކިތަންމެ ބޮޑެތި ކަންތައްތަކެއް އެބަހުރި. އެހެންވެގެން އަޅުގަނޑުމެން މި ދެމިނިސްޓްރީ މި އުފައްދަން މިޖެހުނީ. ދެން އަޅުގަނޑު މިއަހަރު ހަމަގައިމުވެސް އަޅުގަނޑު މާބޮޑު އިތުރު ބުރަކަމެއް ބަޖެޓަށް ނުގެނެސް، މިހާރުވެސް ބަޖެޓްގައި ކަނޑައެޅިފައި ހުރި ފައިސާއިން ވީހާވެސް ބޮޑަކަށް މި ދެމިނިސްޓްރީ ހިންގުމުގެ ކަންތައް ކުރެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނީ.

ޙައްވާ ލުބްނާ – މިނިވަން ނިއުސް:

ދެ ސުވާލެއް. ފުރަތަމަ ސުވާލަކީ، މަނިކުފާނު ވިދާޅުވެއްޖެ، އިންކުއަރީ ކޮމިޝަން ރިފޯމް ކުރުމުގެ މަޝްވަރާތައް ކުރިއަށޭ ދަނީ. އެހެން ނަމަވެސް، އެ އިންކުއަރީ ކުރިއަށް ގެންދިޔުމަށް ދެއްވާފައިވާ ޑެޑްލައިން އަޅުގަނޑު ހިތުން މިއަދު އެބަ ހާމަވޭ. އަޅުގަނޑުމެންނަށް މަޢުލޫމާތު ލިބިފައި އޮތް ގޮތުގައި، މަދަނީ މުޖްތަމަޢުންވެސް އެ އިންކުއަރީ ކޮމިޝަންގެ އޮބްޒަރވަރ ސްޓޭޓަސް ހޯދުމަށް މީގެ މަހެއްހާ ދުވަސް ކުރިން މަނިކުފާނަށް ސިޓީ ފޮނުއްވި. އަދި އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް އޮފީހުން ވަނީ މީޑިއާގައިވެސް ވިދާޅުވެފައި. އެހެން ނަމަވެސް، އަދި އަދަށް ދާންދެންވެސް އެކަމާ ގުޅޭގޮތުން ވަކި ނިންމުމެއް ނިންމާފައެއް ނެތް. އެހެންވެ، މަދަނީ ޖަމްޢިއްޔާތަކަށް އޮބްޒަރވަރ ސްޓޭޓަސް ދިނުމާ ބެހޭގޮތުން މަނިކުފާނު ވިދާޅުވަނީ ކީކޭތޯ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

އަޅުގަނޑު މަދަނީ ޖަމްޢިއްޔާތަކާ ބައްދަލުކުރިން، ތިވިދާޅުވާ ޖަމްޢިއްޔާތަކާ. ބައްދަލުކޮށްފައި އަޅުގަނޑު ދެންނެވިން. އަޅުގަނޑު މި ކޮމިޝަންގެ ރައީސަށް އެވާހަކަ ދަންނަވާނަމޭ. އަޅުގަނޑު ކޮމިޝަންގެ ރައީސާވެސް ބައްދަލުކޮށް، ކޮމިޝަންގެ ރައީސަށްވެސް ދެންނެވިން. އެހެންވީމާ، އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ކޮމިޝަނުން ނިންމަންޖެހޭ ކަމެއް އެކަމަކީ. އަޅުގަނޑު ޢައްޔަންކުރި ކޮމިޝަނެއް ކަމުގައިވިނަމަވެސް، އަޅުގަނޑު ދަންނަވާފައި އޮންނާނީ، އެއީ މުސްތަޤިއްލު ކޮމިޝަނެކޭ. އަޅުގަނޑު އެކޮމިޝަންގެ މަސައްކަތް ގެންދަންވީ ގޮތަކަށް ފާޑެއް ނުކިޔަން. އެ ކޮމިޝަނުން ކުރައްވާ މަސައްކަތެއް އަޅުގަނޑު ނުބަލަން. އެ ކޮމިޝަންގެ މަސައްކަތް ބެލުމުގެ މަސްއޫލިއްޔަތު އަޅުގަނޑު ޙަވާލުކޮށްފައި މިއޮތީ، ޕްރޮސެކިއުޓަރ ޖެނެރަލާ، އަޅުގަނޑަކަށް ނޫން. އެހެންވީމާ، ކޮމިޝަންގެ މަސައްކަތް މުސްތަޤިއްލުތޯ، މިނިވަންތޯ، އެކަންދަނީ ކިހިނެއްތޯ ބެލުމަށްޓަކައި ސުވާލު ކުރަންޖެހޭ އެއްފަރާތް ޕްރޮސެކިއުޓަރ ޖެނެރަލަކީ. އަޅުގަނޑު ޕްރޮސެކިއުޓަރ ޖެނެރަލާ ވާހަކަ ދެއްކިއިރު ވިދާޅުވި، ތިމަންނަ އެބަ ބައްލަވަމޭ، ކޮމިޝަންގެ މަސައްކަތް ހިނގަމުންދާގޮތް. އެހެންވީމާ، އަޅުގަނޑު ޔަޤީންކުރަން، އެކަން ރަނގަޅަށްކަންދާނީ.

ދެން ތިވިދާޅުވިހެން، އެއީ ކޮމިޝަންގެ އަތްޕުޅުގައި އޮތް ކަމެއް، އިތުރަށް ބޭފުޅުން އެތަނަށް ވެއްދެވުމާއި ނުވެއްދެވުމާ، މިކަންކަމަކީ. އަޅުގަނޑު މިހިރީ ހަމަ ހުޅުވިގެން. އެބޭފުޅުން ވިދާޅުވި ގޮތަކަށް ކޮމިޝަންގެ ކަންތައްތައް ކުރިއަށް ގެންދަން.

ޙައްވާ ލުބްނާ – މިނިވަން ނިއުސް:

ރިފޯމް ކުރުމުގެ މަސައްކަތް ސަރުކާރުންތޯ ކޮމިޝަނުންތޯ، ކޮންބައެއްތޯ ކުރަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ކޮމިޝަނުން އެކަމު އަޅުގަނޑުމެންނަށް ލަފައެއް ދެއްވަން އެބަޖެހޭ ކޮމިޝަނުން ބޭނުންފުޅުވާ ގޮތެއް. އެހެންވީމާ، އަޅުގަނޑު ކޮމިޝަންގެ ރައީސާ އެކަމާ ބެހޭގޮތުން މަޝްވަރާ ކުރަނީ.

ޙައްވާ ލުބްނާ – މިނިވަން ނިއުސް:

ކޮންއިރަކުންތޯ ގޮތެއް ނިންމޭނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ދެން ވީހާވެސް އަވަހަށް އެކަން ކުރެވޭތޯ ބަލަމުން އަޅުގަނޑުމެން މިގެންދަނީ.

ޙައްވާ ލުބްނާ – މިނިވަން ނިއުސް:

ދެވަނަ ސުވާލު އިނގޭތޯ. މަނިކުފާނު، މިހާރު ސަރުކާރުގެ ޚިޔާލުފުޅު ހުރީ ކޮމަންވެލްތުން ސަރުކާރު ވަކިވާން ނޫން ކަމަށް މަނިކުފާނު ސާފުކޮށްދެއްވައިފި. އެހެން ނަމަވެސް، މަޖިލީހުގެ އަދި ސަރުކާރުގެ ބައެއް ބޭފުޅުންވެސް އެކި ފޯރަމްތަކުގައި، އެކި ޕްލެޓްފޯމްތަކުގައި ވިދާޅުވަމުން އެބަގެންދަވާ، ކޮމަންވެލްތުން ވަކިވާން ވެއްޖެއޭ. ދެން ދެންމެ ޑީން ވިދާޅުވިފަދައިން، ބޭރުގެ ފަރާތްތަކުން އަޅުގަނޑުމެންނަށް މި ފާހަގަކުރެވެނީ، ކުރަންވީ ކަންތައްތައް ކޮމަންވެލްތް އެންމެ ގަދައަށް ބުނެދެމުން މިގެންދަނީ. ރެކޮމެންޑޭޝަންސްތައް ދެމުން ގެންދަނީ. އެހެންވީމާ، ކޮމަންވެލްތުން އެ ހުށަހަޅާ ކަންތައްތަކަކީ، ރާއްޖޭގެ ދާޚިލީ ކަންކަމަށް އަރައިގަތުން ނޫނީ މިނިވަންކަމަށް ބުރޫއަރާ ކަމެއްގެ ގޮތުގައިތޯއޭ، ސަރުކާރުގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުން ދެކެވަޑައިގަންނަވަނީ؟

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު:

ބައެއް ބޭފުޅުންނަކާ އަޅުގަނޑަކާ ވާހަކައެއް ނުދެއްކޭނެ. އެހެން ނަމަވެސް، އަޅުގަނޑު ނުދެކެން، އަޅުގަނޑުމެންގެ ދާޚިލީ ކަންތަކާ ކޮންމެހެން ބަޔަކު ބެހެނީ ކަމަކަށް. ދެން އަޅުގަނޑުމެން ބައިވެރިވެގެން އުޅޭ ޖަމްޢިއްޔާތަކުން އެމީހުންނަށް ފެންނަ އެއްޗެއްވެސް އެމީހުން ބުނާނެ. އެހެން ނަމަވެސް، އެކަމުގެ ނިންމަންޖެހޭ ނިންމުންތައް އަޅުގަނޑުމެން ނިންމާނީ އަޅުގަނޑުމެން. އަޅުގަނޑުމެންނަކީވެސް ތަޞައްރުފް ފުދިފައި ތިބި ޤައުމެއް. މިނިވަން ޤައުމެއް. އެހެންވީމާ، އަޅުގަނޑުމެން އެ ވިދާޅުވިހެން، ނައިބު ރައީސްވެސް އެ ވިދާޅުވިފަދައިން، މީގެކުރިއަށްވުރެން ރާއްޖެ މިހާރު ތިބީ ތަޞައްރުފް ފުދިފައި. ވަކި ތި ކޮމިޝަންތަކުގައި ތިއްބެވި ބޭފުޅުންނަކަށްވުރެން ޤާބިލްކަން ކުޑަ މީހުންނެއް ނޫން މިއަދު ދިވެހި ސަރުކާރުގައި ތިބީކީވެސް. އެ ކޮމިޝަންގައި ތިއްބެވި ވަޒީރުންނަކަށްވުރެ ވަކި ފުންނާބު ތިރި ވަޒީރުންނެއް ނޫން އަޅުގަނޑުމެންގެ ތިބީކީވެސް. އެހެންވީމާ، އެބޭފުޅުންނަށްވެސް ފެނިވަޑައިގަންނަވާ އެއްޗެއް އެބޭފުޅުން ވިދާޅުވާނެ. އެކަމުގައި ނިންމުންތައް ނިންމާނީ އަޅުގަނޑުމެންނަށް ފެންނަ ގޮތަކަށް. އަޅުގަނޑުމެންގެ ޤައުމަށް އެންމެ ރަނގަޅީ، ކޮންގޮތެއްތޯ ބަލާފައި، އެގޮތަކަށް އަޅުގަނޑުމެން ނިންމަމުން ގެންދާނީ. އަޅުގަނޑުމެން ކޮންމެހެން މީހަކު ބުނާހާ ގޮތެއް ހަދާކަށްނެތިން.

އާދެ! ވަރަށް ބޮޑަށް ޝުކުރިއްޔާ! ހުރިހާ ބޭފުޅުންނަށް އިނގޭތޯ. ވަޑައިގެން ދެއްވި ކަމަށްޓަކައި. އަދިވެސް އެއްފަހަރު އަޅުގަނޑު ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. މިއަދު ތިބޭފުޅުންގެ ވޯޓް އަޅުގަނޑުމެންނަށް ދެއްވީތީ. އަދި ހަމައެހެން، މިތަނަށް މިއަދު ވަޑައިގެންދެއްވި ކަމަށްޓަކައިވެސް ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން. ޚާއްޞަކޮށް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މިތަނަށް ވަޑައިގެންދެއްވި ކަމަށްޓަކައި. އަދި މިއަދުގެ ޖަލްސާ ވަރަށް ސްމޫތްކޮށް ގެންގޮސްދެއްވީތީ، އަޅުގަނޑު އެމަނިކުފާނަށް ޚާއްޞަ ޝުކުރެއް ދަންނަވަން.