ފުވައްމުލަކު ކައުންސިލްތަކުގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި ނައިބު ރައީސް މުޙަންމަދު ވަޙީދުއްދީނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި، ފުވައްމުލަކު ކައުންސިލްތަކުގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރާ ދޭތެރޭގައި، ފުވައްމުލަކު ގިނަ ރައްޔިތުން ތިއްބެވީ، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް، ކައުންސިލް މެންބަރުން ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ފުވައްމުލަކަށް ކުރިމަތިވަމުންދާ މައްސަލަތަކާއި، އެއަތޮޅުގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ. އަދި ވޭތުވެދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި، އެރަށްރަށުގައި އިހުމާލުވެފައިވާ ދާއިރާތަކުގެ މަޢުލޫމާތު، ކައުންސިލްތަކުގެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ފުވައްމުލަކަށް ކުރިމަތިވެފައިވާ މައްސަލަތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ވަކި ކުލައަކަށް ނުބައްލަވައި، ހުރިހާ ރައްޔިތުންނަށް ވީހާވެސް ހަމަހަމަކަމާއެކު ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.