ސްރީލަންކާ ކޯސްޓްގާޑްގެ ޑިރެކްޓަރ ޖެނެރަލް، ރެއަރ އެޑްމިރަލް ރުވަން ޑައަސް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވެފައި، ކަނޑުދަތުރުކުރާ ދިވެހިންގެ ސަލާމަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ކަނޑުފޭރޭ މީހުންގެ ކިބައިން ރާއްޖޭގެ ރަށްތަކާއި ދަތުރުވެރިން ސަލާމަތްކުރެއްވުމަކީ، ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވާ ކަމެއްކަމަށާއި، މިފަދަ މައްސަލަތައް ޙައްލުކުރުމުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާ މަޝްވަރާކުރެއްވިއެވެ.

ރިއަލް އެޑްމިރަލް ރުވަން ޑައަސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއި އިންޑިޔާއާއި ސްރީލަންކާ ގުޅިގެން މިހާރު ހިންގަމުންގެންދާ ހަރަކާތްތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޢުލޫމާތު ދެއްވިއެވެ. އަދި މި ހަރަކާތްތަކުގެ ސަބަބުން ތިން ޤައުމަށްވެސް ވަރަށް ބޮޑެތި ފައިދާތަކެއް ކުރާނެ ކަމުގައި ވިދާޅުވިއެވެ.