ސަރުކާރުގެ އޮފީސްތަކުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ސަރުކާރުގެ އެހެން އޮފީސްތަކަށާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި ލޯކަލް ކައުންސިލްތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުމުގައާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކާއި މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު އޮފީސްތަކާއި، ލޯކަލް ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވާ ސިޓީގައި ސޮއިކުރެއްވުމުގައާއި، ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވާ ސިޓީ އެޑްރެސްކުރެއްވުމުގައާއި، ސަރުކާރުގެ އޮފީސްތަކުން ސިޓީއާއި، ފައިސާއާއި، ތަކެތި ބަލައިގަތުމުގައި ތިރީގައިމިވާ ގޮތުގެމަތިން ޢަމަލުކުރެއްވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
                
1ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި ލޯކަލް ކައުންސިލްތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރެއްވުން؛
(ހ)މިނިސްޓްރީތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށާއި، ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި، މުސްތަޤިއްލު ކޮމިޝަންތަކަށާއި، މުސްތަޤިއްލު އޮފީސްތަކަށާއި ރަށު ކައުންސިލްތަކަށާއި، އަތޮޅު ކައުންސިލްތަކަށާއި. ސިޓީ ކައުންސިލްތަކަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، މިނިސްޓަރެވެ. ނުވަތަ މިނިސްޓްރީ އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ށ)މިނިސްޓްރީތައް ފިޔަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ދަށުން ހިނގަމުންދާ ތަންތަނުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި، ލިޔުންތަކުގައި ސޮއިކުރައްވާނީ، އެތަނެއްގެ އެންމެ އިސްވެރިޔާއެވެ. ނުވަތަ އެތަނެއް އެވަގުތަކު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ނ)މިނިސްޓްރީއެއްގެ ދަށުގައިވާ ތަނަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ސިޓީ ފޮނުއްވާނީ އެތަނެއް ގުޅިފައިވާ މިނިސްޓްރީ މެދުވެރިކޮށެވެ.
(ރ)ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީއާއި ލިޔުންތައް ފިޔަވައި، ސަރުކާރުގެ އެއްތަނުން އަނެއްތަނަށް ފޮނުއްވާ ސިޓީއާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެ އޮފީހެއްގެ އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ ވެރިންނެވެ.
(ބ)ސަރުކާރުގެ އޮފީސްތަކުން ދޫކުރައްވާ ރަޖިސްޓަރީ، ލައިސަންސް، ސެޓްފިކެޓްފަދަ ލިޔުންތަކުގައި ސޮއިކުރައްވާނީ، އެ އޮފީހެއްގެ އެސިސްޓެންޓް ޑިރެކްޓަރުން ފެށިގެން މަތީގެ ވެރިންނެވެ. އެސިސްޓެންޓް ޑިރެކްޓަރ ފެންވަރުން ފެށިގެން މަތީގެ ވެރިން ފިޔަވައި އެހެން ބޭފުޅަކު ސޮއިކުރާގޮތަށް ހަމަޖައްސަން ބޭނުންވެއްޖެނަމަ، އެ މައްސަލަ ނިންމަވާނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ލިޔުއްވައިގެންނެވެ.
(ޅ)އެކިއެކި މަޢުލޫމާތު ނުވަތަ އެކިއެކި ކަންތައްތައް އޮޅުންފިލުއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފިޔަވައި ސަރުކާރުގެ އެއްއޮފީހުން އަނެއްއޮފީހަށް ފޮނުއްވާ ނޯޓު، ޗިޓު ފަދަ ލިޔުންތަކުގައި ސޮއިކުރައްވާނީ އެސިސްޓެންޓް ޑިރެކްޓަރު ފެންވަރުން ފެށިގެން މަތީގެ ބޭފުޅެކެވެ.
 
2   ދައުލަތުގެ މިނިވަން މުއައްސަސާތަކާއި، މުސްތަޤިއްލު ކޮމިޝަންތަކާއި، މުސްތަޤިއްލު އޮފީސްތަކާއި، ލޯކަލް ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި އެހެނިހެން ލިޔުންތަކުގައި ސޮއިކުރެއްވުން؛
(ހ)ރައްޔިތުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސެވެ. ރައީސް ރަށުގައިވަޑައިގެންނެތް ހިނދެއްގައިނަމަ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސެވެ. މިއިން ބޭފުޅަކު ރަށުގައިވަޑައިގެންނެތް ހިނދެއްގައިނަމަ، ރައްޔިތުންގެ މަޖިލީހުގެ އިދާރާ ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ށ)ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އުއްތަމަފަނޑިޔާރެވެ. އުއްތަމަފަނޑިޔާރު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ.
(ނ)ދިވެހިރާއްޖޭގެ ހައިކޯޓުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، ހައިކޯޓުގެ އިސްފަނޑިޔާރެވެ. އިސްފަނޑިޔާރު ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެކޯޓު ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ފަނޑިޔާރެވެ.
(ރ)ދަށުކޯޓުތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެކޯޓެއްގެ އިސްޤާޟީއެވެ. އިސްޤާޟީ ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ، އެކޯޓެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ޤާޟީއެވެ.
(ބ)މުސްތަޤިއްލު ކޮމިޝަންތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެ ކޮމިޝަނެއްގެ ރައީސެވެ. ކޮމިޝަނުގެ ރައީސް ރަށުގައި ވަޑައިގެންނެތް ހިނދެއްގައިނަމަ ކޮމިޝަނުގެ ނާއިބު ރައީސެވެ. މިއިން ބޭފުޅަކު ރަށުގައިވަޑައިގެންނެތް ހިނދެއްގައިނަމަ، ކޮމިޝަންގެ މެންބަރެކެވެ.
(ޅ)މުސްތަޤިއްލު އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ، އެއޮފީހެއްގެ އެންމެ އިސްވެރިޔާއެވެ. އެބޭފުޅަކު ރަށުގައިވަޑައިގެންނެތް ހިނދެއްގައިނަމަ، އެއޮފީހެއް ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނެވި ބޭފުޅެކެވެ.
(ކ)ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެ ކައުންސިލެއްގެ ރައީސެވެ. ކައުންސިލްގެ ރައީސް ރަށުގައިވަޑައިގެންނެތް ހިނދެއްގައިނަމަ، ކައުންސިލްގެ ނާއިބު ރައީސެވެ. މިއިން ބޭފުޅަކު ވަޑައިގެން ނެތް ހިނދެއްގައިނަމަ، ކައުންސިލްގެ މެންބަރެކެވެ.
(އ) ސިޓީ ކައުންސިލްތަކުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރައްވާނީ އެ ކައުންސިލެއްގެ މޭޔަރެވެ. ކައުންސިލްގެ މޭޔަރ ރަށުގައިވަޑައިގެންނެތް ހިނދެއްގައިނަމަ، ކައުންސިލްގެ ޑެޕިއުޓީ މޭޔަރެވެ. މިއިން ބޭފުޅަކު ވަޑައިގެން ނެތް ހިނދެއްގައިނަމަ، ކައުންސިލްގެ މެންބަރެކެވެ.
 
3- ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވާ ސިޓީ އެޑްރެސްކުރެއްވުން؛
(ހ)ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާ ސިޓީއާއި ރަސްމީ ނޯޓު އެޑްރެސްކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. ނަމަވެސް ސަރުކާރުގެ އިދާރާއަކުން ކަމެއް އޮޅުންފިލުއްވުމަށް ނުވަތަ މަޢްލޫމާތެއް ސާފުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ހިނގަމުންދާ އޮފީސްތަކުގެ ޑިރެކްޓަރުން ފެށިގެން މަތީގެ ވެރިންނަށް އެޑްރެސްކުރައްވައި ރަސްމީ ނޯޓު ފޮނުއްވިދާނެއެވެ.
(ށ)ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ފިޔަވައި ސަރުކާރުގެ އޮފީސްތަކަށް ފޮނުއްވާ ސިޓީ އެޑްރެސްކުރައްވާނީ، އެއޮފީހެއްގެ އެންމެ މަތީ ވެރިޔަކަށެވެ.
 
4- ސަރުކާރުގެ އޮފީސްތަކުން ސިޓީއާއި، ފައިސާއާއި، ތަކެތި ބަލައިގަތުން؛
ސަރުކާރުގެ އޮފީސްތަކުން ސިޓީއާއި، ފައިސާއާއި، ތަކެތި ބަލައިގެންފައި ސޮއިކުރައްވާނީ، އެފަދަ ކަންކަމަށް އެއޮފީހަކުން ހުއްދަ ދެއްވާފައިވާ މުވައްޒަފުންނެވެ.
 
މިދެންނެވުން ނުކުތުމާ ގުޅިގެން، މި އޮފީހުގެ ނަންބަރު 6/1980 (16 ޖެނުއަރީ 1980) ދެންނެވުމާއި، ނަންބަރު 91/106 (24 އޮކްޓޯބަރ 1991) ދެންނެވުމާއި، ނަންބަރު 48/2004    (8 އޯގަސްޓް 2004) ދެންނެވުން މިއަދުން ފެށިގެން ބާޠިލުކުރައްވައިފިއެވެ.