މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިނގަމުންދާގޮތަށް ރާއްޖޭގެ 7 ސަރަޙައްދުގައި އުފައްދަވާފައިވާ ތިރީގައި މިދަންނަވާ 7 ޤައުމީ އިދާރާއާއި، އެ އިދާރާތަކުގެ ދަށުން ހިނގަމުންދާ ޤައުމީ އިދާރާގެ ޔުނިޓްތައް، 2012 އޭޕްރިލް 23 ވަނަ ދުވަހުން ފެށިގެން އުވާލައްވައިފިކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
1.     މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ތިލަދުންމަތީ އުތުރުބުރީ ޔުނިޓް
(ށ) މަތި އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މިލަދުންމަޑުލު އުތުރުބުރީ ޔުނިޓް
2.     އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މިލަދުންމަޑުލު ދެކުނުބުރީ ޔުނިޓް
(ށ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މާޅޮސްމަޑުލު އުތުރުބުރީ ޔުނިޓް
(ނ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ މާޅޮސްމަޑުލު ދެކުނުބުރީ ޔުނިޓް
(ރ) އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފާދިއްޕޮޅު ޔުނިޓް
3.     މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އަރިއަތޮޅު އުތުރުބުރީ ޔުނިޓް
(ށ) މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ އަރިއަތޮޅު ދެކުނުބުރީ ޔުނިޓް
     (ނ) މެދު އުތުރު ސަރަޙައްދުގެ ޤައުމީ އިދާރާގެ ފެލިދެއަތޮޅު ޔުނިޓް
4.     މެދު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ މުލަކަތޮޅު ޔުނިޓް
(ށ) މެދު ސަރަޙައްދުގެ ޤައުމީ އިދާރާގެ ނިލަންދެއަތޮޅު އުތުރުބުރީ ޔުނިޓް
5.     މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
(ހ) މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ކޮޅުމަޑުލު ޔުނިޓް
(ށ) މެދު ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ހައްދުންމަތީ ޔުނިޓް
6.     މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާ
މަތި ދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ހުވަދުއަތޮޅު އުތުރުބުރީ ޔުނިޓް
7.     ފުވައްމުލަކުގެ ޤައުމީ އިދާރާ
 
ޤައުމީ އިދާރާތަކާއި، އެ އިދާރާތަކުގެ ޔުނިޓުތައް އުވާލެއްވީ، މިއޮފީސްތަކަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 116 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުން އުފައްދަވާފައިވާ އޮފީސްތަކަކަށްވެފައި، މި ބާރުގެ ދަށުން މިއޮފީސްތައް އުފެއްދެވުމުގެ ބަދަލުގައި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ އަށްވަނަ ބާބާއި، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގައި ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އަތޮޅުތަކާއި ރަށްތައް ހިންގުމަށް ބަޔާންކޮށްފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް އަތޮޅުތަކާއި ރަށްތައް ހިންގެވުމަށް މަގުފަހިކުރެއްވުމަށާއި، އަދި ޤައުމީ އިދާރާތައް މެދުވެރިކޮށް ސަރުކާރުގެ މިނިސްޓްރީތަކުން ޚިދްމަތްތައް ދިނުމުގައި މުޢާމަލާތްކުރުމުގެ މަގު ދިގުވެ، ވިލަރެސްކުރުމުގައި ބައެއް ދަތިތަކާ ކުރިމަތިވަމުންދާތީ، ލޯކަލް ކައުންސިލްތަކުން ސީދާ ސަރުކާރުގެ މިނިސްޓްރީތަކާ ގުޅިގެން ކަންކަން ނިންމައި، ރައްޔިތުންނާ ވީހާވެސް ގާތުން ޚިދްމަތްދެވޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށްކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ޤައުމީ އިދާރާތަކާއި، އެ އިދާރާތަކުގެ ޔުނިޓުތައް އުވާލެއްވުމާގުޅިގެން، އެތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ މަސައްކަތްތަކާއި، ޤައުމީ އިދާރާތަކާއި، އެއިދާރާތަކުގެ ޔުނިޓުތައް މެދުވެރިކުރައްވައިގެން ސަރުކާރުގެ މިނިސްޓްރީތަކުން ކުރަމުންގެންދާ މަސައްކަތްތައް ހިންގަވަމުންގެންދަވާނީ، ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު)ގެ 71 ވަނަ މާއްދާގެ (ށ)ގެ 3 ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ލޯކަލް ކައުންސިލްތަކާއެކު ވެވޭ އެއްބަސްވުންތަކެއްގެ ދަށުން ކައުންސިލްތަކާ ހަވާލުކުރައްވައިގެން ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.