ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރުން ސަރުކާރަށް މިއަދު ދެއްވި ހޫނު ތަރުޙީބަށްޓަކައި އަދި ދެއްވި އިތުބާރަށްޓަކައި އެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޝުކުރު އަދާކުރައްވައިފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާކުރެއްވީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް އެމަނިކުފާނު ހުށަހެޅުއްވި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީންގެ ނަންފުޅަށާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދެއްވުމާއި އަދި އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ނައިބުގެ ހުވާކުރެއްވުމާ ގުޅިގެން، މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން، ދިވެހި ޤައުމަށް ކޮށްދެއްވާފައިވާ ޚިދްމަތްތަކުގެ މައްޗަށް ބައްލަވާލައްވަމުން، އެމަނިކުފާނަކީ ދައުލަތުން އެކިއެކި ޝަރަފާއި އިނާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކުރެއްވިއެވެ. އަދި ތަފާތު ރޮނގު ރޮނގުން ޚިދްމަތް ކުރުމަށްޓަކައި އެކިއެކި ޖަމްޢިއްޔާތައް އުފައްދަވައި، އެ ޖަމްޢިއްޔާތައް ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، މިއަދު އަޅުގަނޑުމެންގެ ޤައުމުގެ އެކުވެރިކަމާއި އެއްބައިވަންތަކަން ބަދަހިކުރުމަށް ކުރާ މަސައްކަތުގައި، ނައިބު ރައީސް އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ވަރަށް މުހިންމު ދައުރެއް އަދާކޮށްދެއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްފާޟިލް މުޙަންމަދު ވަޙީދުއްދީން ދެއްކެވި ވާހަކަފުޅުގައި، އެމަނިކުފާނުގެ މި މަގާމުގެ ޒިންމާ މި އުފުއްލަވަނީ، ދިވެހި ޤައުމަށާއި، ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރައްވަން ބޭނުންފުޅުވާތީ ކަމުގައި ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ޚިދްމަތް ކުރައްވަމުން ގެންދަވާއިރު، އެމަނިކުފާނުގެ ކުރިފުޅުމަތީގައި ތަފާތު އެއްވެސް ކުލައެއް ނޯންނާނެ ކަމަށްވެސް ވިދާޅުވިއެވެ. ހަމައެއާއެކު، މާތްވެގެންވާ އިސްލާމްދީން ދަމަހައްޓަވައި، އަދި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގެ ޔަޤީންކަންވެސް ނައިބު ރައީސް ދެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވާ ކޮންމެ ކަމެއްވެސް، އެކަމެއް ކޮށްދެއްވެން އޮތް އެންމެ ރަނގަޅު ގޮތެއްގައި، ލަޔާޤަތާއި ޤާބިލިއްޔަތު ތަންދިން މިންވަރަކުން އެކަމެއްގައި ސާބިތުވެ ދެމިހުންނަވާނެ ކަމުގައިވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކުން ދެންނެވި އެކި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާއާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޖަވާބު ދެއްވިއެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަޙު މިހާރު އޮތްގޮތާ ބެހޭގޮތުންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ސުވާލު ދެންނެވިއެވެ.