ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ މެންބަރުން ދެއްކެވި ވާހަކަފުޅުގައި، ސަރުކާރާ ދޭތެރޭގައި، ނޮޅިވަރަންފަރު ރައްޔިތުން ތިއްބެވީ، ވަރަށް ބޮޑަށް ހިތްހަމަޖެހިވަޑައިގެން ކަމަށް ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅުތަކަށް، ކައުންސިލް މެންބަރުން އެމަނިކުފާނަށް ޝުކުރު އަދާކުރެއްވިއެވެ. މީގެ އިތުރުން، ނޮޅިވަރަންފަރަށް ކުރިމަތިވަމުންދާ ތަފާތު މައްސަލަތަކާބެހޭ މަޢުލޫމާތު، ކައުންސިލްގެ މެންބަރުން، ރައީސުލްޖުމްހޫރިއްޔާއަށް އެރުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ނޮޅިވަރަންފަރު ރައްޔިތުންނަށް މިވަގުތު ކުރިމަތިވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށް މިހާރު ކުރެއްވެންހުރި ކަންތައްތައް ބައްލަވައި، އެކަންތައް ކޮށްދެއްވެން އޮތް މިންވަރަކުން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ނޮޅިވަރަންފަރަށް ދަތުރުފުޅެއް ކުރެއްވުމަށް އެދިވަޑައިގެން، ކައުންސިލްގެ މެންބަރުން އެމަނިކުފާނަށް މިއަދު ދަޢުވަތު އެރުވިއެވެ.