ކިއުބާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މިސިޒް ނިރްސިއާ ކާސްޓްރޯ ގެވަރާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖޭގެ މިހާރުގެ ސިޔާސީ މަސްރަޙާބެހޭ މަޢުލޫމާތު، ރައީސުލްޖުމްހޫރިއްޔާ، ކިއުބާގެ ސަފީރާ ޙިއްޞާ ކުރައްވަމުން، އެމަނިކުފާނު މަސައްކަތްޕުޅު ކުރައްވަނީ، މަޝްވަރާ ކުރައްވައިގެން، މައްސަލަ ޙައްލު ކުރެއްވުމަށާއި، ދިވެހިރާއްޖޭގައި ޢަދުލްއިންޞާފު ޤާއިމް ކުރައްވައި ޑިމޮކްރަސީ ހަރުދަނާ ކުރެއްވުމަށް ކަމުގައި ވިދާޅުވިއެވެ.

ކިއުބާގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަވާލުވެވަޑައިގެންފައިވާތީ، އެކަމަށްޓަކައި ތަހުނިޔާ ވިދާޅުވިއެވެ. އަދި ކިއުބާއަށް އިޤްތިޞާދީ ގޮތުން ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް ސަފީރު ވާހަކަފުޅު ދެއްކެވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ކިއުބާއާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާބެހޭގޮތުންނާއި، ޚާއްޞަކޮށް ޘަޤާފީ އަދި ޞިއްޙީ ރޮނގުން ދެޤައުމުގެ ގުޅުން އިތުރަށް ކުރިއަށް ގެންދެވުމާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.