بســم اللّـه الرّحمـن الرّحيــم

السّــلام عليــكم

އާދެ! އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވިފަހުން، މިއަދަކީ އަޅުގަނޑު އެންމެ އުފާވި ދުވަސް. ސަބަބަކީ، ގެވެށި އަނިޔާ ހުއްޓުވުމުގެ ބިލް، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައި، އެ ޤާނޫނެއްގެ ގޮތުގައި ތަޞްދީޤު ކުރުމުގެ މަތިވެރި އުފާ މިއަދު އަޅުގަނޑަށް ލިބުނީތީ، އެކަމާ އަޅުގަނޑު ވަރަށް ބޮޑަށް އުފާކުރަން.

އެނގިވަޑައިގަންނަވާނެ ފަދައިން، ގެވެށި އަނިޔާގެ މައްސަލައަކީ، ރާއްޖޭގައި ވަރަށްބޮޑުވެފައިވާ މައްސަލައެއް. އެގޮތުން، އޭގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާ ބަޔަކީ އަންހެން ބޭކަނބަލުން. އަޅުގަނޑަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ދިވެހިރާއްޖޭގައި ކޮންމެ ތިން އަންހެނަކުންކުރެ އެއް އަންހެނަކީ، ކޮންމެވެސް ސިފައެއްގައި، އެމީހެއްގެ ޙަޔާތުގެ ތެރޭގައި، ކޮންމެވެސްވަރެއްގެ އަނިޔާއެއް ލިބިފައިވާ މީހެއް. މިކަން ގިނަފަހަރަށް ހިނގާފައި ންނަނީ ގޭތެރޭގައި. އެހެންވީމާ، މިއަދު މި ތަޞްދީޤު ކުރެވުނު ޤާނޫނުގެ ސަބަބުން، ޚާއްޞަކޮށް، އަންހެނުންނަށް، އަންހެނުންނާއި އަންހެން ކުދިންނަށް ވަރަށްބޮޑު ޙިމާޔަތެއް، ދިވެހިރާއްޖޭގެ ޤާނޫނުގެ ފަރާތުން ލިބިގެން މިދަނީ.
މި ޤާނޫނު ހިނގާ ނުހިނގާގޮތް ބަލައި، ތަންފީޛު ކުރުމަށްޓަކައި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއެއް، މި ޤާނޫނުން އުފައްދާ. އަދި އެ ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ހިންގުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް އެބަޖެހޭ ބޯޑެއް ކަނޑައަޅަން. ވީމާ، އެހެން މެންބަރުންގެ ބޯޑު، އިރާދަކުރެއްވިއްޔާ މާލަސްތަކެއްނުކޮށް އަޅުގަނޑު ޢައްޔަން ކުރާނަން.

މި ޤާނޫނަކީ މިއީ އަންހެނުންނަށް، އަންހެން ބޭކަނބަލުންނަށާއި އަންހެން ކުދިންނަށް ލިބުނު ވަރަށްބޮޑު ޙައްޤެއް. އެކަމަށްޓަކައި އަޅުގަނޑު އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް އުފާކުރަން. އަދި މި ބިލް، ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައި، ބިލް ފާސްކޮށްދެއްވި ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކީގައި މިއަދު ޝުކުރު ދަންނަވަން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.