بســم اللّـه الرّحمـن الرّحيــم

 

اللّـه سبحـانـه وتعـالى އަށް ޙަމްދާއި ޝުކުރުކުރަން. މި އުންމަތުގެ މާތް ނަބިއްޔާ محـمَّد رسول اللّـه صلّى اللّـه عليه وسلّم އަށް ޞަލަވާތާއި ސަލާމް ލެއްވުމަށް އެދި ދުޢާކުރަން. އަދި މި ޞަލަވާތުގައި އެ މާތްނަބިއްޔާގެ އާލުންނާއި ޞަޙާބީން ޝާމިލްކުރަން.


ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބްލް މުޙައްމަދު ނާޒިމް، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު މުޙައްމަދު، ޖެނެރަލް އޮފިސަރުން، އޮފިސަރުންނާއި، ވޮރަންޓް އޮފިސަރުންނާއި، ސީނިއަރ އެންލިސްޓެޑް އޮފިސަރުން، މިޤައުމުގެ ދިފާޢީ ލަޝްކަރުގެ ޚިދުމަތްތެރި އެންމެހާ ލޮބުވެތި ސިފައިން އަދި ޙާޟިރުވެވަޑައިގެން ތިއްބެވި ޢިއްޒަތްތެރިން.


السّــلام عليــكم ورحـمــة اللّـه وبـركاتـه،


މިރޭގެ މިއުފާވެރި ޙަފްލާގައި އަޅުގަނޑުގެ އެންމެ އިސްވާޖިބެއް ކަމުގައި ދެކެނީ، ދިވެހި ސިފައިންގެ ޚިދުމަތަށް 120 އަހަރު ފުރޭ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި، ދިވެހި ސިފައިންނަށާއި، ސިފައިންގެ ޢާއިލާތަކަށް އަދި މި މުއައްސަސާގައި ޚިދުމަތްކޮށްދެއްވާފައިވާ އެންމެހާ ބޭފުޅުންނަށް ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރުން.


1892 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހި ސިފައިން މި ލޮބުވެތި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަގުނުކުރެވޭހާ ބޮޑެތި ގިނަގުނަ ޚިދުމަތްތަކެއް.


މި ޤައުމަށް ދިމާވި ކޮންމެ ޢުދުވާނީ ޙަމަލާއެއްގައި، އަދި ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާދިސާއެއްގައި ދިވެހި ސިފައިން ދައްކައިދީފައިވާ ހިތްވަރާއި ޢަޒުމް ފާހަގަކުރަންޖެހޭ. މި ވަޠަނުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ސިފައިން ކުރި ހިތްވަރުގަދަ ޖިހާދުތަކުގެ މަތިން ހަނދާން އާކުރަންޖެހޭ. ދީނާއި ވަޠަންގެ ޙައްޤުގައި ފުރާނައިން ޤުރުބާންވެފައިވާ މާތް ޝަހީދުންގެ ޒިކުރާއާކޮށް، އެ މާތް ޝަހީދުންނަށް ސުވަރުގޭގެ މަތިވެރި ނިޢުމަތާއި ރަޙުމަތްލެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަން.


ދިވެހި ޤައުމަކީ، މިނިވަން މުސްތަޤިއްލު ޤައުމެއް. މިއީ، ބޭރުގެ އިސްތިޢުމާރީ ބާރުތަކުންނާއި ޤައުމަށް ޚިޔާނާތްތެރިވި ޣައްދާރުންގެ އަނިޔާވެރިކަމާދެކޮޅަށް ތެދުވާންޖެހުނު ކޮންމެ ވަގުތަކު، ދީނާއި ޤައުމުދެކެ ލޯބިވާ އެތައް މުވާޠިނުންނެއް ތެދުވެފައިވާ ޤައުމެއް. އިސްލާމްދީނާއި މިޤައުމުގެ ޙައްޤުގައި ޖިހާދުކޮށް ﷲގެ ވާގިފުޅާއެކު ނަޞްރާއި ފަތަޙަ ހޯދާފައިވާ ފަޚުރުވެރި ޤައުމެއް. 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މި ޤައުމުގެ ހިތްވަރުގަދަ ސިފައިން ކުރި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީއަކީ، ދީނާއި ޤައުމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ ހިތްވަރާއި ޢަޒުމުގެ ލާމަސީލު މިސާލެއް.


އެ ދުވަހަކީ، ދިވެހި ސިފައިންގެ ކެރުމާއި، ހިތްވަރާއި ބަދަހިކަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ދުވަހެއް. އެދުވަހު ޝަހީދުވެދިޔަ ދިވެހިދަރިންގެ ލެއިން މިފަސްގަނޑު ތެމެމުންދިޔަ އަސަރުގަދަ ވަގުތު އެބޭކަލުން ހަވާލުކުރެއްވި އެންމެ ބޮޑު އަމާނާތަކީ، މާތްވެގެންވާ އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަން.


ކުރިއަށް އޮތް އަހަރަށް، ސިފައިން ކަނޑައަޅުއްވާފައިވާ ޝިޢާރަކީ "ސަފުތަކުގެ ބަދަހިކަން – ޤައުމުގެ ސަލާމަތްތެރިކަން". މިއީ، އަދުގެ ޙާލަތަށް ރިޢާޔަތް ކުރާއިރު ވަރަށް މުހިންމު ޝިޢާރެއް.


ޤައުމަށް މިއަދު ބޭނުންވެފައިވަނީ އެކުވެރިކަމާއި އެއްބައިވަންތަކަން. ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އަމިއްލަވަންތަކަން ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކަށް އެ އަމާނާތް ފޯރުވައިދެވޭނީ، ސިފައިންގެ މެދުގައި ނުގުޑާފަދަ ބަދަހިގުޅުމެއް އޮވެގެން. އަދި ހަމައެފަދައިން ރައްޔިތުންގެ މެދުގައިވެސް އެކުވެރިކަމުގެ ބަދަހި ގުޅުމެއް އޮވެގެން.


ޝައްކެއްނެތްގޮތުގައި ސިފައިންގެ ސަފުތަކުގެ މެދުގައި އޮންނަ ބަދަހިކަން ވާންޖެހޭނީ، ގުޅިލާމެހިފައިވާ ގުޅުމަކަށް. ކޮމާންޑަރުންނާއި ދަށުން މަސައްކަތްކުރާ ސިފައިންނާ ދެމެދު އަބަދުވެސް ބަދަހި ގުޅުމެއް އޮންނަންޖެހޭ. އޮފިސަރުންނާއި ވޮރަންޓް އޮފިސަރުންނާއި އެންލިސްޓެޑް ސިފައިންގެ މެދުގައިވެސް މިގުޅުން ދަމަހައްޓަންޖެހޭ. ޔުނިޓްތަކުގެ މެދުގަޔާއި އޭރިއާ ކޮމާންޑްތަކުގެ މެދުގައިވެސް މި ގުޅުން ގުޅިގެންދާންޖެހޭ. ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި. ދަތުރުކުރަންޖެހޭނީ އެއް މަންޒިލަކަށް، އެއް އަމާޒަކަށް، އެއް މަޤްޞަދެއްގައި. ދިވެހި ސިފައިން އަބަދުވެސް ތިއްބަވަން ޖެހޭނީ އެއްވިސްނުމެއްގައި އެއް ފިކުރެއްގައި. ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ދިވެހިންނަށް ﷲގެ ވާގިފުޅާއެކު ނަޞްރު ލިބުނީ މިދެންނެވި ބަދަހިކަން ދިވެހި ސިފައިންގެ ތެރޭގައި އޮތީމަ. މިދެންނެވި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން އަޅުގަނޑުމެން ދިވެހިންގެ ތެރޭގައި އޮތީމަ.


ލޮބުވެތި ސިފައިން:


ޒަމާނުއްސުރެ ތިޔަ ލޮބުވެތި ސިފައިންނަކީ ސާބިތުކަންމަތީ ދެމިތިބި ބައެއް. ސިފައިންގެ ސަފުތަކުގެ ބަދަހިކަން ނަގާލައި، ސިފައިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫޙާއި ޖޯޝް ނަގާލުމަށް ކުރެވޭ އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ކާމިޔާބު ކުރެވިފައެއްނެތް. ސިފައިންގެ ޢަޒުމާއި ސާބިތުކަމަކީ، އެއަށްވުރެ މާވަރުގަދަ ކަންތައްތަކެއްކަންވަނީ ތާރީޚުގެ ޞަފްޙާތަކުން ފެނިގެންގޮސްފައި. ސިފައިންގެ ޢަޒުމަކަށް ވާންޖެހޭނީ ސިފައިންގެ ޕްރޮފެޝަނަލިޒަމް ދެމެހެއްޓުން. ދީނީ އަދި ޤައުމީ ވާޖިބަކީ އެންމެއިސް ވާޖިބުކަމުގައި ދެކިގެން މި ޤައުމާއި ރައްޔިތުންގެ ޙައްޤުގައި ތިޔަ ބޭކަލުން ތިއްބަވަންޖެހޭނީ އަބަދުވެސް ތައްޔާރަށް. ރައްޔިތުންގެ އިތުބާރާއި ލޯބި ތިޔަބޭކަލުންނަށް ލިބިގެން ގޮސްފައިވަނީ ތިޔަބޭކަލުން ވެވަޑައިގެންފައިވާ އަދި ވެވަޑައިގަންނަވަމުން ގެންދަވާ މަތިވެރި ޤުރުބާނީގެ ސަބަބުން.


ދިވެހި ސިފައިންގެ ޤައުމީ ޚިދުމަތުގެ ސިލްސިލާއަކީ ވަރަށް ދިގު ސިލްސިލާއެއް. ޤައުމު ބިނާކުރުމުގެގޮތުން ރާއްޖޭގައި ހެދިފައިވާ އެއަރޕޯޓުތައް ހެދުމުގަޔާއި، މާލޭގެ ބިންހިއްކައި، މަގުތައް ހަދަންފެށި ދުވަސްވަރު ސިފައިން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހޭ.


ހަމައެކަނި ސުނާމީ ކާރިސާއާއި ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާއާ ގުޅިގެން ދިވެހި ސިފައިން ވެފައިވާ ޤުރުބާނީއަށް ބަލާލިޔަސް ސިފައިންގެ ޚިދުމަތްތެރި ދައުރު ފާހަގަކުރެވޭ. ރާއްޖޭގެ ކަނޑުގެ ސަރަޙައްދާއި، މަސްކަނޑުތައް ބެލެހެއްޓުމުގައި ރެއާއި ދުވާލު ސިފައިން ކުރަމުންދާ ބަރު އަދި ބުރަ މަސައްކަތްތައް މިއަދު އަޅުގަނޑުމެން ފާހަގަކުރަންޖެހޭ. ދިވެހިރައްޔިތުންގެ ޙައްޤުގައި ދިވެހި ސިފައިން ވަމުންދާ ޤުރުބާނީ އަޅުގަނޑުމެން ހަނދާންކުރަންޖެހޭ. މިޤައުމަށް އަދި ދިވެހިރައްޔިތުންނަށް ކުރިމަތިވާ ކޮންމެ ބޮޑުކަމެއްގައި ދިވެހި ސިފައިންގެ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން އަބަދުވެސް ލިބެމުންދާކަން ޝުކުރުވެރިކަމާއެކު ފާހަގަކުރަން.


މިއަދު ތިޔަ ލޮބުވެތި ސިފައިންނަށް އަޅުގަނޑު ގޮވާލާނީ، ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ބައްޓަންކޮށް ދެމެހެއްޓުމަށް. އަދި އެކަމަށްޓަކައި ކުރެވޭ މަސައްކަތްތައް މިހާރަށްވުރެ އިތުރުކުރުމަށް. ތަޢުލީމާއި ތަމްރީނުގެ ތެރެއިން ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން އިތުރުކޮށް ކުރިއެރުވުމަށް. ދީނީ ރޫޙު އާލާކޮށް، ޤައުމީ ލޯބި އިތުރުކޮށް، ދީނީ އަދި ޤާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ތިބުމަށް. ރާއްޖޭގައިއޮތް ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓައި ދެމެހެއްޓުމަށް.


ދިވެހި ސިފައިންގެ ޢާއިލާތަކަށް ދަންނަވާނީ މިއަދު ތިޔަ ލޮބުވެތި ޢާއިލާތަކަކީ ސިފައިންގެ ޚިދުމަތުގެ އެއްބައި ކަމުގައި. ސިފައިންނަށް ޤައުމީ ޚިދުމަތުގައި ރެއާއިދުވާލު، ވާރެއާއި އަވީގައި، އެއްގަމާއި ކަނޑުގައި ދެމިތިބެވެނީ ތިޔަ ލޮބުވެތި ޢާއިލާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއި ހިތްވަރު އެބޭކަލުންނާއި ކަނބަލުންނަށް ލިބިގެން. އެހެންކަމުން، މިއަހަރުގެ ސިފައިންގެ ދުވަހު ތިޔަ ލޮބުވެތި ޢާއިލާތަކުގެ އަގުހުރި ޚިދުމަތްތަކަށާއި ކެތްތެރިކަމަށް ތަޢުރީފުކޮށް ޝުކުރު ދަންނަވަން.
ދިވެހިސިފައިން މިއަދު ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގައި ވަރަށް ގިނަ ބޭފުޅުންތަކެއްގެ އަގުހުރި ޚިދުމަތްތައް ހިމެނިފައިވާކަމީ ޝައްކެއްއޮތް ކަމެއްނޫން. ސިފައިންގެ ވެރިންގެ ގޮތުގައި އެކިދުވަސްވަރު މަސައްކަތްކުރައްވާފައިވާ ބޭފުޅުންނާއި، ޑިފެންސް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންނާއި، ސިފައިންގެ ލީޑަރޝިޕްގެ އިސް މަޤާމުތައް ފުރުއްވާފައިވާ ބޭފުޅުންނަށް އެބޭފުޅުންގެ ޤައުމީ ޚިދުމަތް ފާހަގަކޮށް ޝުކުރު ދަންނަވަން. އަދި ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އެންމެހާ ބޭފުޅުންނަށާއި އެބޭފުޅުންގެ ޢާއިލާތަކަށްވެސް މިރޭ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް އަރިސްކުރަން.


އަޅުގަނޑުގެ ވާހަކަ ނިންމާލުމުގެ ކުރިން، ވަރަށް މުހިންމު ކަމެއް ކުރުމަށް އަޅުގަނޑު ނިންމާފައިވާކަން ތިޔަ ލޮބުވެތި ސިފައިންގެ އަރިހުގައި ދަންނަވާލަން ބޭނުންވޭ. ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމަށް މީހުން ޢައްޔަން ކުރާއިރު، ޕްރޮފެޝަނަލް ގޮތެއްގައި ދުނިޔޭގައި ހުރި އެންމެ ރަނގަޅު މިސާލުތަކާއެއްގޮތަށް އެކަންކުރުމަށްޓަކައި، އަދި އެމަގާމުތަކަކީ ސިޔާސީ ނުފޫޒުން އެކަހެރިވެފައިވާ މަގާމުތަކަށް ހެދުމަށްޓަކައި، އެދެމަގާމުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތަކަށް ހެދުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ލަފާދެއްވުމާ ގުޅިގެން އެކަން އެގޮތަށް ކުރުމަށް އަޅުގަނޑު ނިންމަން.


އަޅުގަނޑުގެ އެދުމަކީ، ދިވެހި ސިފައިންގެ ސަފުތަކުގެ ބަދަހިކަން އަބަދުވެސް އެކަތިގަނޑެއްގެ ގޮތުގައި އޮތުން. ޤައުމުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ތިޔަބޭކަލުން ކުރައްވާ މަސައްކަތުގައި اللّـه سبحـانـه وتعـالى، ސާބިތުކަން ދެއްވުން.
މާތްﷲ، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަން ރައްކާތެރިކޮށްދެއްވާށި. މިލޮބުވެތި ވަޠަންގެ ދިފާޢުގައި މަސައްކަތްކުރާ ދިފާޢީ ލަޝްކަރަށް އަބަދުވެސް ނަޞްރާއި ނަސީބު މިންވަރުކުރައްވާށި. ދިވެހި ސިފައިންނަށާއި ސިފައިންގެ ޢާއިލާތަކަށް އަބަދުވެސް ފާގަތި ދުވަސްތަކެއް މިންވަރުކުރައްވާށި! އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.