ދިވެހި ޢަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރައްވައި، ރައްޔިތުންގެ ލޯތްބާއި އިޙްތިރާމް ލިބިފައިވާ ޕްރޮފެޝަނަލް ޢަސްކަރިއްޔާއެއްގެ ގޮތުގައި ދިވެހި ޢަސްކަރިއްޔާ ބައްޓަން ކުރައްވައި ދެމެހެއްޓެވުމަށް ދިވެހި ސިފައިންނަށް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ، ސިފައިންގެ 120 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވެވި ޚާއްޞަ އިޙްތިފާލުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ތަޢުލީމާއި ތަމްރީނުގެ ތެރެއިން ޖިސްމާނީ އަދި ނަފްސާނީ ޤާބިލުކަން އިތުރުކޮށް ކުރިއަރުވައި، ދީނީ ރޫޙު އާލާކޮށް، ޤައުމީ ލޯބި އިތުރުކޮށް، ދީނީ އަދި ޤާނޫނީ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމަށް އަބަދުވެސް ތައްޔާރީ ހާލަތުގައި ތިއްބެވުމަށާއި، ރާއްޖޭގައިއޮތް ޑިމޮކްރަސީ ދެމެހެއްޓުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ނަގަހައްޓަވައި ދެމެހެއްޓެވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ، ދިވެހި ސިފައިންނަށް އިލްތިމާސް ކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތް އަހަރަށް ސިފައިން ކަނޑައަޅުއްވާފައިވާ ޝިޢާރު ކަމުގައިވާ "ސަފުތަކުގެ ބަދަހިކަން – ޤައުމުގެ ސަލާމަތްތެރިކަން"، މި ޝިޢާރުގެ މައްޗަށް އަލިއަޅުވާލައްވަމުން، މިއީ އަދުގެ ޙާލަތަށް ރިޢާޔަތް ކުރާއިރު ވަރަށް މުހިންމު ޝިޢާރެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން، ސިފައިންގެ ސަފުތަކުގެ މެދުގައި އޮންނަ ބަދަހިކަން ވާންޖެހޭނީ، ގުޅިލާމެހިފައިވާ ގުޅުމަކަށް ކަމަށާއި، ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކުރަންޖެހޭނީ ޓީމެއްގެ ގޮތުގައި ކަމަށާއި، ދަތުރުކުރަންޖެހޭނީ އެއް މަންޒިލަކަށް، އެއް އަމާޒަކަށް، އެއް މަޤްޞަދަކަށް ކަމުގައި ވިދާޅުވިއެވެ. "ސިފައިންގެ ސަފުތަކުގެ ބަދަހިކަން ނަގާލައި، ސިފައިންގެ މެދުގައި އޮންނަ އެއްބައިވަންތަކަމުގެ ރޫޙާއި ޖޯޝް ނަގާލުމަށް ކުރެވޭ އެއްވެސް ކަމެއް އެއްވެސް ބަޔަކަށް ކާމިޔާބު ކުރެވިފައެއްނެތް. ސިފައިންގެ ޢަޒުމާއި ސާބިތުކަމަކީ، އެއަށްވުރެ މާވަރުގަދަ ކަންތައްތަކެއްކަންވަނީ ތާރީޚުގެ ޞަފްޙާތަކުން ފެނިގެންގޮސްފައި"، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު އަދި އަމިއްލަވަންތަކަން ދަމަހައްޓައި، ކުރިއަށް އޮތް ޖީލުތަކަށް އެ އަމާނާތް ފޯރުވައިދެވޭނީ، ސިފައިންގެ މެދުގައި ނުގުޑާފަދަ ބަދަހިގުޅުމެއް އޮވެގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ސިފައިންގެ ޤައުމީ ޚިދުމަތުގެ ސިލްސިލާއަކީ، ވަރަށް ދިގު ސިލްސިލާއެއްކަން ބަޔާންކުރައްވަމުން، 1892 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ދިވެހި ސިފައިން މި ލޮބުވެތި ޤައުމަށްޓަކައި ކޮށްދެއްވާފައިވާ ޚިދުމަތްތަކަކީ، އަގުނުކުރެވޭހާ ބޮޑެތި ގިނަގުނަ ޚިދުމަތްތަކެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޤައުމަށް ދިމާވި ކޮންމެ ޢުދުވާނީ ޙަމަލާއެއްގައި، އަދި ކުރިމަތިވި ކޮންމެ ނުރައްކާތެރި ހާދިސާއެއްގައި ދިވެހި ސިފައިން ދައްކައިދީފައިވާ ހިތްވަރާއި ޢަޒުމް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު މި ޤައުމުގެ ހިތްވަރުގަދަ ސިފައިން ކުރި މަތިވެރި ޖިހާދާއި ވެވަޑައިގެންނެވި ޤުރުބާނީ ފާހަގަކުރައްވަމުން، އެ ޤުރްބާނީއަކީ، ދީނާއި ޤައުމުގެ ދިފާޢުގައި ސިފައިން ކޮށްފައިވާ ހިތްވަރާއި ޢަޒުމުގެ ލާމަސީލު މިސާލެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި އެ ދުވަހަކީ، ދިވެހި ސިފައިންގެ ކެރުމާއި، ހިތްވަރާއި ބަދަހިކަން އަޅުގަނޑުމެންނަށް ފެނިގެންދިޔަ ދުވަހެވެ. އެދުވަހު ޝަހީދުވެދިޔަ ދިވެހިދަރިންގެ ލެއިން މިފަސްގަނޑު ތެމެމުންދިޔަ އަސަރުގަދަ ވަގުތު އެބޭކަލުން ހަވާލުކުރެއްވި އެންމެ ބޮޑު އަމާނާތަކީ، މާތްވެގެންވާ އިސްލާމްދީނާއި މި ޤައުމުގެ މިނިވަންކަމެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިފައިންގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ގެ މަގާމަށް މީހުން ޢައްޔަން ކުރާއިރު، ޕްރޮފެޝަނަލް ގޮތެއްގައި ދުނިޔޭގައި ހުރި އެންމެ ރަނގަޅު މިސާލުތަކާއެއްގޮތަށް އެކަންކުރެއްވުމަށްޓަކައި، އަދި އެ މަޤާމުތަކަކީ ސިޔާސީ ނުފޫޒުން އެކަހެރިވެފައިވާ މަގާމުތަކަށް ހެއްދެވުމަށްޓަކައި، އެދެމަޤާމުގެ މުއްދަތަކީ ކަނޑައެޅިފައިވާ މުއްދަތަކަށް ހެއްދެވުމަށް ނިންމަވައިފިކަން އިޢްލާން ކުރެއްވިއެވެ. އަދި މިކަން މިގޮތަށް މި ނިންމަވަނީ، މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އެގޮތަށް ލަފާދެއްވުމާ ގުޅިގެންކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.