މިއޮފީހުގެ ނަންބަރު 12/2009 (8 ފެބްރުއަރީ 2009) ދެންނެވުމާއި، ނަންބަރު 57/2009 (13 އޯގަސްޓް 2009) ދެންނެވުމާ ޙަވާލާދީ ދަންނަވަމެވެ.
      
ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ސަރުކާރުގެ އޮފީސްތަކުން ފޮނުއްވާ އިޢުލާނުތަކާއި ދެންނެވުންތަކާއި ނޫސްބަޔާންތައް ފޮނުއްވާ ވަގުތަށް 2012 މެއި 3 ވާ ބުރާސްފަތި ދުވަހުން ފެށިގެން ބަދަލު ގެންނެވުމަށް ނިންމަވައިފި ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތުން ހޯމަ ދުވަހުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ، ކުރީ ހަފުތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކަމަށާއި، ބުރާސްފަތި ދުވަހުގެ ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާ ލިޔުންތައް ފޮނުއްވުމުގެ އެންމެފަހު ވަގުތަކީ، ހިނގަމުންދާ ހަފުތާގެ އަންގާރަ ދުވަހުގެ ނިޔަލަށް ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
މިގޮތަށް މިހަމަޖެއްސެވީ، ގެޒެޓުގައި ޝާއިޢު ކުރެއްވުމަށް ފޮނުއްވާ ލިޔުންތަކުގެ އަދަދު، އެއްދުވަހުން އަނެއް ދުވަހަށް އިތުރުވަމުންދިޔުމާއި، ގެޒެޓު ނެރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައްވެސް އިތުރުވެފައިވާތީ ކަމުގައި ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
ވީމާ، ގެޒެޓަށް ފޮނުއްވާ ލިޔުންތައް މި ދެންނެވި ގޮތުގެ މަތިން ފޮނުއްވަމުން ގެންދެވުމަށާއި، ދުރާލާ މަސައްކަތް ރާއްވަވައިގެން ގެޒެޓަށް ލިޔުންތައް ފޮނުއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
 
2012 މެއި 3 ވަނަ ދުވަހުން ފެށިގެން ގެޒެޓަށް ފޮނުއްވާ އިޢުލާންތަކާއި ދެންނެވުންތަކާއި، ނޫސްބަޔާންތައް ފޮނުއްވާއިރު، އެ ލިޔުމެއް ބެއްލެވި ބޭފުޅެއްގެ ނަމާއި، މަގާމާއި، ގުޅޭނެ ފޯނު ނަންބަރު އެނގޭ ގޮތަށް ފޮނުއްވަމުން ގެންދެވުމަށް ދަންނަވަން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ލިޔުންތައް ފޮނުއްވާއިރު ރަނގަޅަށް ބައްލަވައި، ކުށްފިލުއްވައި ޗެކުކުރެއްވުމަށްފަހު ފޮނުއްވުމަށް ދަންނަވަންވެސް ރައީސް ވިދާޅުވިއެވެ.