بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

اَلحَمْـدُ لِلّـهِ މިއަދު މިއީ ވަރަށް އުފާވެރި ދުވަހެއް. މިއަދު މިއީ މި ސަރުކާރަށް ވަރަށްބޮޑު ކާމިޔާބެއް ލިބުނު ދުވަހެއް. އާދެ! އަޅުގަނޑަށް މިހާރު މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ ބައި އިލެކްޝަންގެ ކާށިދޫ ގޮނޑިވެސް، ތިމަރަފުށީ ގޮނޑިވެސް މިހާރު ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގެ ބޭފުޅުންނަށް ލިބިވަޑައިގެންފި. އާދެ! މިދެގޮނޑި ލިބުމުން، އަޅުގަނޑުމެންނަށް ވަރަށް ސާފުކޮށް، ވަރަށް ސާފުކޮށް ދޭހަވެގެން މިދިޔައީ، ދިވެހި ރައްޔިތުންގެ އަޣްލަބިއްޔަތު މިއަދު އޮތީ މި ސަރުކާރުގައި ކަމަށް. ރައްޔިތުން ބޭނުންވަނީ، ކުރިއަށްދާށޭ، ރައްޔިތުން ބޭނުމެއް ނޫނޭ، ފަހަތަށްބަލާކަށް. ރައްޔިތުން ބޭނުންވަނީ، މިހާރު އޮތް ސަރުކާރާއެކުގައި ކުރިއަށް، ހަލުވި ސްޕީޑެއްގައިދާންކަން މިއަދު ވަރަށް ރީތިކޮށް ސާފުވެގެން މިދިޔައީ.

އަޅުގަނޑު ދިޔަމިގިއްޔަށް އައުމުން، ދިޔަމިގިލީގެ ލޮބުވެތި އަޚުންނާއި އުޚުތުން، އަޅުގަނޑަށާއި އަޅުގަނޑުގެ ވަފްދަށް ތިޔަ ދެއްވި ހޫނު މަރްޙަބާއަށްޓަކައި އަޅުގަނޑު ތިޔަ ހުރިހާ ބޭފުޅުންނަށް، ދިޔަމިގިލީގެ ހުރިހާ ރައްޔިތުންނަށް ޝުކުރު ދަންނަވަން. މިދަތުރުގެ ކަންދިމާވި ގޮތުން، ވަރަށް ލަސް ވަގުތެއްގައި، އެންމެފަހު ރަށެއްގެ ގޮތުގައި މިރަށަށް އަޅުގަނޑުމެންނަށް މިއާދެވުނީ. އިރޮއްސުނުފަހުން. އެހެންވީމާ، މިވަގުތު މާގިނަ ވަގުތެއްވެސް ނެތް. އެހެން ނަމަވެސް، ތިޔަ ހުރިހާ ރައްޔިތުން އަޅުގަނޑުމެންނަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔުއްވައިފި. އަދި ވަރަށްގިނަ ކަންތައްތައް، މިރަށުގައި ކުރަން ޖެހިފައި ހުރިކަން، ދެންމެ އަޅުގަނޑުމެންނަށް އޮޅުންފިލައިގެން ހިނގައްޖެ.

މިކަންތައްތަކުގެ ތެރެއިން މިހާރުން މިހާރަށް ކުރެވެން ކުރެވެންހުރި ކަންތައްތައް އަޅުގަނޑުމެން ކޮށްދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ތިޔަބޭފުޅުންނަށް އަރުވަން. އާދެ! އެކަންކަން ޅުގަނޑުމެން ބަލައި، އަޅުގަނޑުމެން ރަށު ކައުންސިލަށް އެކަން އަޅުގަނޑުމެން އޮޅުންފިލުވައިދެމުން ގެންދާނަން. އަދި އަޅުގަނޑަށް އެނގޭ، މިދަނޑިވަޅުގައި އަޅުގަނޑުމެންނަށް ކުއްލިއަކަށް މިހުރިހާ ކަމެއްގެ ތެރެއަކަށް ނެތް ވަދެވޭކަށް. އެހެން ނަމަވެސް، ދެންމެ ތިޔަ ވިދާޅުވި ކަންތަކުގެ ތެރެއިން މިހާރުން މިހާރަށް މާބޮޑު ޚަރަދުތަކެއް ނުކޮށްވެސް ކުރެވެންހުރި ކަންތައް ތީގައި އެބަހުރި. އެހެންވީމާ، އެކަންކަން ކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! އަޅުގަނޑު މިރަށުގެ ހުރިހާ ރައްޔިތުންނަށްވެސް ވަރަށްބޮޑު ޔަޤީންކަމެއް އަރުވަން، މި ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާ ހުރިހާ އެހީތެރިކަމަކާއި ޢިނާޔަތްތައް، ތިޔަބޭފުޅުންނަށް ލިބިވަޑައިގަންނަވަމުންދާނެ ވާހަކަ. އަދި ތިޔަބޭފުޅުންނަށް، ތިޔަބޭފުޅުންގެ ތެރޭގައި ތިއްބެވި ޢުމުރުން ދުވަސްވީ ބޭފުޅުންނަށް މިހާރު ލިބިވަޑައިގަންނަވާ ދެހާސް ތިންސަތޭކަ ރުފިޔާވެސް ހަމަ ގަވާއިދުން ލިބިވަޑައިގަންނަވާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވަން. އަދި ހަމައެއާއެކުގައި، އެކަނިވެރި މައިންނަށާއި، ނުކުޅެދޭ ކުދިންނަށްވެސް، އަދި އެނޫންވެސް އެހެން ޢިނާޔަތްތައް، ސަރުކާރުން ދެއްވަން ހަމަޖައްސަވާފައިވާ ހުރިހާ ޢިނާޔަތްތަކެއް، ތިޔަބޭފުޅުންނަށް ހަމަ ބަރާބަރަށް ލިބިވަޑައިގަންނަވާނެ ވާހަކަ އަޅުގަނޑު ދަންނަވަން.

އާދެ! މިރަށުގެ ޞިއްޙީ މަރްކަޒުވެސް ހުރީ ރަނގަޅު ކުރަން ޖެހިފައި. ޞިއްޙީ މަރްކަޒުގައި ކުރަންޖެހޭ ޓެސްޓްތައް ހެދޭނެގޮތެއްވޭތޯ އަޅުގަނޑު އެންމެ ފުރަތަމަވެސް މަސައްކަތްކުރާނެ ވާހަކަ ދަންނަވަން. ދެން އަދި ހަމައެއާއެކީގައި، މިހާރު އަޅުގަނޑާ އެކީގައި މިތަނަށް ވަޑައިގެން އެބަ ތިއްބެވި، ދެ ޢިއްޒަތްތެރި ވަޒީރުން އެބަތިއްބެވި. އޭގެތެރެއިން އެއް ވަޒީރަކީ، އަޅުގަނޑުމެންގެ ޢިމްރާނީ ކަންތައްތަކާ ބެހިވަޑައިގަންނަވާ ވަޒީރު. އެހެންވީމާ، އަޅުގަނޑަށް ޔަޤީން، އެބޭފުޅާވެސް ހަމަ ވަރަށް އަވަހަށް މިރަށުގެ ތޮށިގަނޑުލުމާ، ރަށް ގިރުމާ، މިބާވަތުގެ ކަންތައްތައް ބައްލަވާފައި، އެކަމުގައި ސަރުކާރުގެ ފަރާތުން އެޅެންހުރި ފިޔަވަޅެއް ތިޔަބޭފުޅުންނަށް އަންގަވައިދެއްވާނެ.

އާދެ! އަދިވެސް އެއްފަހަރު ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިޔަދެއްވި ވަރަށް ހޫނު ތަރުޙީބަށްޓަކައި، ހުރިހާ ބޭފުޅުންނަށް ޝުކުރު ދަންނަވަން. އަދި ހަމައެއާއެކީގައި، އަޅުގަނޑުގެ ވާހަކަ ނިންމާލަމުން، އަޅުގަނޑު ދަންނަވާލަން. މިރަށަށް އިރާދަކުރެއްވިއްޔާ، އަނެއްކާވެސް މާލަހެއްނުވެ އާދެވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަން. އިރާދަކުރެއްވިއްޔާ، ދުވާލެއްގެ ވަގުތުގައި މިރަށް ބަލައިލެވޭނެ. ރަށުގެ ގަނޑުވަރުވެސް ބަލައިލާންދާންޖެހޭނެ، މިތަނަށް އައިއްސަ. އަދި ރަށުގެ ޙާލަތު އޮތްގޮތް ރަނގަޅަށް އެނގޭނީ، ދުވާލުގެ ވަގުތެއްގައި އައުމުން. ދެން ވަރަށް ވިސްނުންތެރިކަމާ އެކީގައި، މި ޕްރެޒެންޓޭޝަން ތައްޔާރު ކުރެއްވި ބޭފުޅުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑުގެ ދުޢާއަކީ، މިރަށުގެ ހުރިހާ ރައްޔިތުންނަށް، ކުދިބޮޑު އެންމެންނަށް، މާތްﷲ ރަޙްމަތް ލެއްވުން. އަދި މިރަށަކީ އުފާވެރި، ތަނަވަސް، ހިތްފަސޭހަ، ޞުލްޙަވެރި ތަނެއް ކަމުގައި ލެއްވެވުން.

 

والســّلام عليــكم ورحـمــة اللّـه وبـركاتـه