بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

ޢިއްޒަތްތެރި ވަޒީރުން، ޢިއްޒަތްތެރި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ޙާޒިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، މިރަށުގެ ލޮބުވެތި އަޚުންނާއި އުޚުތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

މިއަދަކީ ވިލުފުށްޓަށް ތަންކޮޅެއް ހަލަބޮލި ދުވަހަކަށްވެފައި މިއޮތީ. ވެދާނެ އަޅުގަނޑު މިރަށަށް އައީމަ ކަމަށްވެސް. ނަމަވެސް އަޅުގަނޑު ވަރަށް އުފާކުރަން، މިރަށަށް އަޅުގަނޑަށް އާދެވުނީތީ. ސަބަބަކީ މިރަށަކީ މިއީ އަޅުގަނޑުމެންގޭގެ ވަރަށް ޚާއްޞަ ރަށެއް. އަޅުގަނޑު ވަރަށް ކުޑައިރުއްސުރެ ދަންނަ، ވަރަށް އިޙްތިރާމްކުރާ ޤަދަރުވެރި ބޭފުޅެއް، މިރަށުގެ އަލްމަރްޙޫމް ޙަސަން ކަލޭފާނަކީ. އަޅުގަނޑުމެންނަށް އެނގިފައި އޮންނަނީ މުދިމްބެގެ ނަމުން. އެބޭފުޅާގެ ޢާއިލާގެ ބޭފުޅުންނަކީ، އަޅުގަނޑުމެންގޭ ޢާއިލާގެވެސް ހަމަ ބޭފުޅުން. އެގޮތުން، ޚާއްޞަކޮށް، ޒަކިއްޔާ ޙަސަން، މޫސާ ޙަސަން އަދި ޙަސަން ޢަފީފްވެސް އެއީ ހަމަ އަޅުގަނޑުމެންގެ ޢާއިލާގެ ބޭފުޅުން. އެހެންވީމާ، ވަރަށްގިނަ ދުވަސްތަކެއް ވަންދެން، މިރަށަކީ އަޅުގަނޑުމެންގެ ހިތުގައި ވަރަށް ޚާއްޞަ ލޯތްބެއް އުފެދިފައިވާ ރަށެއް.

އާދެ! މިރަށުގެ ކުދިބޮޑު އެންމެހާ ރައްޔިތުން، އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން އިލްހާމާއި އަދި އަޅުގަނޑާއެކީގައި ވަޑައިގެންނެވި އެންމެހާ ޢިއްޒަތްތެރިންނަށް މަރްޙަބާ ދެންނެވުމަށްޓަކައި މި މެންދުރުގެ ހޫނު ވަގުތުގައި، ބޭރަށް ނުކުމެވަޑައިގެން، އަޅުގަނޑުމެންނަށް ތިޔަދެއްވި ތަރުޙީބަށްޓަކައި ތިޔަ ހުރިހާ ބޭފުޅުންނަށް އަޅުގަނޑުގެ ހިތުގެ އެންމެ ފުންމިނުން ފަށްފަށުން ޝުކުރު ދަންނަވަން.

އާދެ! އަޅުގަނޑަށް މިރަށަށް މިފަހުން މިއާދެވުނީ، ކަންދިމާވިގޮތުން ރާއްޖޭގެ ސިޔާސީ މަސްރަޙަށް ބަދަލެއް އައުމަށްފަހުގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވިތާ މާގިނަ ދުވަހެއްނުވެ. އަޅުގަނޑަށް މިރަށަށް އައުމުގެ ނަޞީބު ލިބުނު ކަމަށްޓަކައި އަޅުގަނޑު اللّـه سبحـانـه وتعـالى އަށް ޝުކުރުކުރަން.

އާދެ! މިއައި ބަދަލަކީ، ތިޔަބޭފުޅުން ޤަބޫލުފުޅު ކުރައްވާ، އެއްވެސް ޙާލެއްގައި އެއްވެސް ބަޔަކަށް ރާވައިގެން ގެނެވޭފަދަ ބަދަލެއް ނޫން. އެއަށްވުރެ މާބޮޑު ބަދަލެއް. ދިވެހިރާއްޖެއަށް މިވަގުތު އަންނަން ޖެހިފައި އޮތް ބަދަލެއް. ރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތާއި، ރައްޔިތުންގެ އާދަކާދަތަކާއި އަދި ޚާއްޞަކޮށް، އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީނަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލީ ވަގުތު، މި ޤައުމުގެ ވެރިކަމަށް މިއައި ބަދަލަކީ، މިއީ اللّـه سبحـانـه وتعـالى ދިވެހި ޤައުމަށް ލެއްވި ރަޙްމަތެއް ކަމުގައި އަޅުގަނޑު ޤަބޫލުކުރަން.

އާދެ! މިހެން މިދެންނެވީ ސަބަބުތަކަކާނުލައެއް ނޫން. މިއަދު އަޅުގަނޑު މިރަށަށް އައުމުން، މިވީ ކުޑަވަގުތުކޮޅުގެ ތެރޭގައި އަޅުގަނޑަށް އެނގުނު ދެތިން އެއްޗަކުން އަޅުގަނޑު މިހިރީ ވަރަށް ދެރަވެފައި. ސަބަބަކީ މިއަދު މިރަށުގެ ޞިއްޙީ ކަންކަން ހުރީ ވަރަށް ނިކަމެތި ޙާލުގައި. އެތަނުގައި ޓެސްޓެއް ކުރެވޭކަށް ނެތް. މިއަދަކީ މިއީ ރާއްޖޭގައި އަނެއްކާވެސް ޑެންގީ ހުމުގެ ނުރައްކާތެރިކަން ފެތުރިގެންދާ ވަގުތެއް. ވަރަށްގިނަ ރަށްރަށުގައި ޑެންގީ ހުން މިހާރު އެބައުޅޭ. އެހެން ނަމަވެސް، އެކަމަށްވެސް ޓެސްޓްކޮށްލެވޭވަރު މިރަށުގެ ޞިއްޙީ މަރްކަޒުގައި ނެތްކަން އެއީ އަޅުގަނޑު ހިތާމައާއެކީ ފާހަގަކުރާ ކަމެއް.

އާދެ! މިއަދު މިއޮތީ އިމަރޖެންސީ ޙާލަތަކަށް މިތާނގެ ޞިއްޙީ ކަންތައްތައް ގޮއްސަ. އެހެންވީމާ، އަޅުގަނޑު ހަމަ މިހާރުން މިހާރަށް އަޅުގަނޑުމެންގެ ޞިއްޙަތާބެހޭ ވަޒީރަށް އަޅުގަނޑު ދަންނަވާލަން. މިރަށުގެ ޞިއްޙީ މަރްކަޒުގައި ކުރަންޖެހޭ އަސާސީ ޓެސްޓްތައް ކުރެވޭނެ ގޮތެއް އަވަހަށް ހައްދަވައިދެއްވާށޭ. އަދި ހަމައެހެން، މިރަށުގެ ރައްޔިތުންގެ ތެރެއިން މީހަކު ބަލިވެގެން ލޭ އަޅަން ޖެހިއްޖެ ކަމަށްވާނަމަ، މިއަދު މިރަށުގައި ލޭ އެޅޭނެވަރުވެސް ނެތްކަން އަޅުގަނޑު ހަމަ ހިތާމައާއެކު ފާހަގަކުރަން. އިރާދަކުރެއްވިއްޔާ، އެކަންވެސް ދާދި އަވަހަށް ކުރެވޭނެގޮތް އަޅުގަނޑު ހަމަޖައްސައިދޭނަން.

އާދެ! ދެން މިވަގުތު ކުރަންހުރި ވަރަށްގިނަ ކަންތައްތައް އެބަހުރި. އެހެން ނަމަވެސް، ހުރިހާ ކަމެއް އެއްފަހަރާ ކުރެވޭނެ ކަމަށް ދެންނެވުމަކީ، އަޅުގަނޑު ދަންނަވާނީ އެއީ އިޚްލާޞްތެރި ގޮތެއްވެސް ނޫން. އެކަން އެގޮތަކަށް ނުވެސް ކުރެވޭނެ. ނަމަވެސް އަދި އެއްކަމަކަށް އަޅުގަނޑު ސަމާލުކަންދޭން ބޭނުން. މިދަތުރުގައި، އެހެންވީމާ، މިތާނގައި ކަމާބެހޭ ވަޒީރު ވަޑައިގެން ނެތް ކަމުގައިވީނަމަވެސް، އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން، މިރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ދަނޑެއްގެ ކަންތައް ހަމަޖެހިގެންދިޔުން. އެހެންވީމާ، އިސްކަމެއްގެ ގޮތުން ބޯޅަދަނޑުން، ގާތައް ނަގައި، އެތާނގައި ކުޅެވޭނެ ގޮތެއް ހަދައިދިނުމަށް އަޅުގަނޑު، އަޅުގަނޑުމެންގެ ޒުވާނުންނާއި ކުޅިވަރާބެހޭ ވަޒީރަށް އަޅުގަނޑު އެބަ ދަންނަވަން.

އާދެ! މިރަށުގައި ތަންކޮޅެއް އަޑުގަދަވެގެން އުޅެންޖެހޭ ސަބަބަކީ، މިރަށުގައި އެމް.ޑީ.ޕީ.ގެ ވަރަށް ވަރުގަދަ ބޭފުޅުން ތިއްބަވާތީ. އެއީ އެއްގޮތަކަށްވެސް ދެރަ ކަމެއް ނޫން. ހުރިހާ ސިޔާސީ ޕާޓީތައްވެސް އޮންނަންވާނެ. އަދި އަޅުގަނޑު ދަންނަވާފައި އޮންނާނީ، އަޅުގަނޑުމެންގެ ސަރުކާރަކީ ހުރިހާ ޕާޓީތަކުގެ ސަރުކާރު. އެހެންވީމާ، އަޅުގަނޑު އޮންނާނީ، އެމް.ޑީ.ޕީ. އަށްވެސް ދަޢުވަތު އަރުވާފައި، އަޅުގަނޑުމެންގެ ސަރުކާރުގައި ބައިވެރިވެވަޑައިގަތުމަށް. އަޅުގަނޑުމެންނާ އެކީގައި މަސައްކަތް ކޮށްދެއްވުމަށް.

ދިވެހި ޤައުމު މިއަދު ބޭނުންވަނީ، އެކުވެރި، އެއްބައިވަންތަ ރައްޔިތުންތަކެއް. ދިވެހި ޤައުމު ކުރިއަށް ގެންދިޔުމަށްޓަކައި، ޤައުމު ބައިބައިވެ، އެއްބަޔަކު އަނެއް ބަޔަކާ ދިމާކޮށް، އެއްބަޔަކު އަނެއް ބަޔަކަށް ހުތުރު އެއްޗެހި ކިޔާ، މިހެން ހެދުމަކުންނެއް ދިވެހި ޤައުމު ކުރިއަކަށް ނުދާނެ. އަދި މިއަދު އާދެ! ބައިނަލްއަޤްވާމީ ބަހުގެ ދުވަހުގައި، އަޅުގަނޑުމެންގެ ޅަދަރިންނަށް ދަސްކޮށްދޭން އެންމެ ރަނގަޅު ބަސްތަކެއް ނޫން، ކަން ދިމާވިގޮތުން މިއަދު އިވެމުން މިދަނީކީ. އެހެން މިވާންޖެހެނީ، މިދެންނެވިކަހަލަ ތަފާތުތައް އަޅުގަނޑުމެންގެ ތެރޭގައި މިވަގުތު ހުރީމާ. އަޅުގަނޑުގެ ހުރިހާވެސް އުންމީދަކީ، ވީހާވެސް އަވަހަކަށް މިދެންނެވި ތަފާތުތައް ފިލައިގެންދިޔުން. އަޅުގަނޑަށް ޔަޤީންކުރެވޭ، އެތަފާތުތައް ފިލައިގެންދާނެ ކަމަށް.

މިވަގުތު ވަރަށްދެރަ ޙާލަތެއް ދިމާވެފައިވާ ބައެއް ރަށްރަށް އެބަހުރި. އޭގެތެރެއިން އެއްރަށް މިރަށަކީވެސް. އަޅުގަނޑު މި ދަންނަވަން އުޅެނީ، މުޅި ދުނިޔެ މިއަދު ދިވެހިރާއްޖޭގެ ސަރުކާރު ޤަބޫލުކުރާއިރުވެސް، ދިވެހި ސަރުކާރު ޤަބޫލު ނުކުރާނަމޭ ކިޔައިގެން އުޅޭ ކައުންސިލް މެންބަރުންތަކެއް، ބައެއް ރަށްރަށުގައި އެބައުޅޭ. އެމީހުން އެކި ފާޑުފާޑުގެ ޤަރާރުތަކާއި، ލިޔުންތައް ނެރެގެން މިބުނަނީ، ތިމަންނަމެން ދިވެހި ސަރުކާރު ޤަބޫލެއް ނުކުރަމޭ. ދެން އަޅުގަނޑު ހިތަށްއަރާ، މިބޭފުޅުން މިއުޅުއްވަނީ ކޮން ރާއްޖެއެއްގައިބާވައޭ. އާދެ! ދެން އެހެންވީމާ، ސަރުކާރު ޤަބޫލުނުކުރާ ބަޔަކާ ދޭތެރޭގައި، އަޅުގަނޑު ކަންތައް ކުރަންވީގޮތެއް ތިޔަބޭފުޅުން ވިދާޅުވެބައްލަވާ! އަޅުގަނޑުވެސް އެބޭފުޅުން ޤަބޫލު ނުކުރަންވީތޯ؟ އާދެ! އެ ފިޔަވަޅު ޙަޤީޤަތުގައި އަޅަންޖެހޭ މީހަކީ އަޅުގަނޑެއް ނޫން. އެކަމަށް ކަނޑައެޅިފައިވާ ސަރުކާރުގެ މުއައްސަސާއެއް އެބައޮވޭ. އެހެންވީމާ، މިހާރު މިހުރިހާ ކައުންސިލްތަކަށްވަނީ އެލް.ޖީ.އޭ ގެ ފަރާތުން އިންޒާރުގެ ސިޓީ ފޮނުއްވާފައި. ދެން އަޅަންޖެހޭ ފިޔަވަޅެއް ކަމަށް އަޅުގަނޑަށް އެނގިފައިވަނީ އެލް.ޖީ.އޭ ގެ ފަރާތުން އެ ކައުންސިލްތައް ގޮވައިގެން ކޯޓަށްވެސް ދިޔުން. ދެން އެހާ ހިސާބުން އެކައުންސިލްތަކުގެ ކުރިމަގު ނިންމަވާނީ، ދިވެހިރާއްޖޭގެ ޤާނޫނުތައް ތަންފީޛު ކުރަން ހެދިފައިވާ ފަނޑިޔާރުގެއިން. ﷲ އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން ޤާނޫނާއި ޤަވާޢިދާ ޚިލާފަކަށް އެއްވެސް ކަމެއް ނުކުރާނަން.

އަޅުގަނޑުގެ ހުރިހާވެސް މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ދެމެހެއްޓުން. އަދި ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް ނަމޫނާ ވެރިކަމެއް ކުރުން. އެގޮތުން، އަޅުގަނޑު އިރާދަކުރެއްވިއްޔާ، ކެތްތެރިކަމާ އެކީގައި އިވޭ އަޑަކަށް ނުބަލައި، އަޅުގަނޑު އިރާދަކުރެއްވިއްޔާ ވަރަށް ސާބިތުކަމާ އެކީގައި، މި ޤައުމުގެ ކަންކަމާއިގެން ކުރިއަށްދާނެ ވާހަކަ އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. އަޅުގަނޑު މީހަކު ދައްކާ ވާހަކައަކަށްވެސް ނުބަލާނަން. އަޅުގަނޑު އިރާދަކުރެއްވިއްޔާ، ދިވެހި ރައްޔިތުން އަޅުގަނޑަށް ކުރައްވާފައިވާ އިތުބާރުގެ މައްޗަށް، ތިޔަބޭފުޅުން ދެއްވި ވޯޓެއްގައި، އަޅުގަނޑު މިމަޤާމުގައި މިހުރީ. ތިޔަބޭފުޅުން އަޅުގަނޑު އިންތިޚާބު ކުރެއްވީ. ވަރަށް ރަނގަޅު އަޣްލަބިއްޔަތަކުން އިންތިޚާބު ކުރެއްވީ. އެހެންވީމާ، އިންތިޚާބު ކުރެއްވި ނައިބު ރައީސަކު، ޤާނޫނީ ހަމަތަކުގެ މަތިން، ރައީސުލްޖުމްހޫރިއްޔާގެ މަޤާމާ ޙަވާލުވެހުރި ހުރުމާ ދޭތެރޭގައި، އަޅުގަނޑަށް ޔަޤީން، ތިޔަބޭފުޅުންގެ ހިތްޕުޅުގައި އެއްވެސް ޝައްކެއް ނޯންނާނެކަން. އެހެންވީމާ، މި ރިޔާސީ ދައުރު ފުރިހަމަކުރުމުގައި، އަޅުގަނޑު ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެ ވާހަކަ ތިޔަބޭފުޅުންނަށް ދަންނަވަން.

އާދެ! މި ޤައުމުގެ ކަންތައް އޮތީ ވަރަށް ނިކަމެތި ޙާލަތަކަށް ދުއްވާލާފައި، މިދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި. އެހެންކަމުން، ދައުލަތުގެ ދަރަނި ވަރަށް ބޮޑަށް އޮތީ މައްޗަށް ގޮއްސަ. އެހެން ނަމަވެސް، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން. ތިޔަބޭފުޅުންނަށް ލިބެންޖެހޭ ޢިނާޔަތްތަކާއި، މުސާރަތަކާއި، ތަންތަން މަރާމާތު ކުރުމަށް ހޯދަންޖެހޭ ފައިސާއާ، މި ބަރާބަރަށް އިރާދަކުރެއްވިއްޔާ، ސަރުކާރުގެ ފަރާތުން ތިޔަބޭފުޅުންނަށް ރައްދުކޮށްދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން.

ރައްޔިތުންނާއި ސަރުކާރާ އެއްބައިވެގެން، މި ޤައުމުގައި ހަދާފައިވާ އެކިއެކި ޢިމާރާތްތައް މިއަދު މިދަނީ ފަނާވަމުން. އެތަންތަން މެއިންޓެއިން ނުކުރާތީ، ނުބަލަހައްޓާތީ. އެކަމަކަށް ދައުލަތުގެ ބަޖެޓްގައި ފައިސާއެއް ކަނޑައެއްނާޅާ، މިވޭތުވެދިޔަ ދެތިން އަހަރު ދުވަހުގެތެރެއަކުވެސް. އެތަންތަން ފަނާވުމަށް، ހަލާކުވުމަށް ދޫކޮށްލާފައި އޮތީ. ނަމަވެސް، އެއީ ރައްޔިތުންގެ މުދާ. އެހެންވީމާ، އެތަންތަން އަޅުގަނޑުމެން ބަލަހައްޓާނަން. އަޅުގަނޑުމެން އެތަންތަން ބަލަހައްޓަން އެބަޖެހޭ. މިއަދު އެތަންތަން ނުބަލަހައްޓައި، ހަދާފައި އޮތް ގޮތަކީ، އެފައިސާ ވަކިބަޔަކަށް ނެގޭގޮތަށް، އެކިއެކި މަޝްރޫޢުތައް ރާވާފައި، މަދު ބައެއްގެ އަތްމައްޗަށް ފައިސާތައްދާގޮތަށް ހަދާފައި މިއޮތީ. އެހެންވީމާ، އެތަންތަން ރަނގަޅު ކުރުމަށްޓަކައި އަޅުގަނޑުމެން މިދަނީ އެތަންތަން މުޠާލިޢާކޮށް، އެކަމުގައި ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ކުރަމުން.

އެގޮތުން، އަޅުގަނޑު ތިޔަބޭފުޅުންނަށް ދަންނަވާލަން، އާސަންދަ ޕްރޮގްރާމަކީ، މިދެންނެވި ގޮތަށް ވަކިބައެއްގެ ޖީބަށް ފައިސާ އެޅުމަށްޓަކައި، ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ހަދާފައިވާ ޕްރޮގްރާމެއް. އެހެންވީމާ، އެ ޕްރޮގްރާމް އަޅުގަނޑުމެން އިޞްލާޙު ކުރާނަން. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔަސް، އިރާދަކުރެއްވިއްޔާ ހުރިހާ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ރަނގަޅަށް ލިބޭނެގޮތަށް، އަޅުގަނޑުމެން އިންތިޒާމްކޮށް އަދި ޞިއްޙީ އިންޝުއަރެންސްވެސް ހުރިހާ ބޭފުޅުންނަށް ލިބިވަޑައިގަންނަވާނެ ގޮތަށް، އަޅުގަނޑުމެން އެކަން އިންތިޒާމްކޮށް ހަމަޖައްސަމުންދާނެ ވާހަކަ، އަޅުގަނޑު ތިޔަބޭފުޅުންނަށް ޔަޤީންކޮށް އަރުވަން.

އާދެ! މެންދުރުގެ ވަރަށް ހޫނު ވަގުތު އަޅުގަނޑަށް އެނގޭ އެއްވެސް ބޭފުޅަކު ތިޔަ ތިއްބެވީ ފަރިއްނުކުޅުއްވާކަން. އެހެންވީމާ، އަޅުގަނޑުމެންވެސް ކާން ދިޔުމުގެ ކުރީގައި، މި ޖަލްސާ މިބޭއްވީ. މިޖަލްސާ ގިނައިރު ބޭއްވުމަކީ، އެހެންވީމާ އިންޞާފްވެރި ގޮތަކަށް ނުވާނެ. އަޅުގަނޑު އެހެންވީމާ، އަނެއްކާވެސް ތިޔަ ހުރިހާ ބޭފުޅުން އަޅުގަނޑުމެންނަށް ތިބެހެއްޓެވި އޯގާތެރިކަމާއި، ލޯތްބާއި، އިޙްތިރާމަށްޓަކައި ހުރިހާ ބޭފުޅުންނަށް ފަށްފަށުން ޝުކުރު ދަންނަވަން.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ، ތިޔަ ހުރިހާ ރައްޔިތުންނަށް، ތިޔަ ހުރިހާ އަޚުންނާއި އުޚުތުންނަށް މާތް ﷲ ފުރިހަމަ ޞިއްޙަތާއި ޢާފިޔަތު ދެއްވުން. ތިޔަ ހުރިހާ ބޭފުޅުންނަށް ރަޙްމަތް ލެއްވުން. އަދި ވިލުފުށްޓަކީ ހިތްފަސޭހަ، ފާގަތި، އެއްބައިވަންތަ، އުޚުއްވަތްތެރި ރަށެއްގެ ގޮތުގައި ލެއްވުން.

والســّلام عليــكم ورحـمــة اللّـه وبـركاتـه