ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތަކަށް ވަކާލާތު ކުރެއްވުމަށް، ރާއްޖޭގެ ދައުރު، އ.ދ.ގެ ހިއުމަން ރައިޓްސް ކައުންސިލާއި އަދި އެހެނިހެންވެސް ބައިނަލްއަޤްވާމީ ޖަމާޢަތްތަކުގައި، ބޭނުންކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްގެ ޝަރަފްގައި، މިއަދު މެންދުރު ކުރުނބާ މޯލްޑިވްސްގައި ބޭއްވެވި ފުރަމާނަ ޖާފަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ފުރަމާނަ ޖާފަތަށް ފަލަސްޠީނުގެ ރައީސް ކުރުނބާ މޯލްޑިވްސަށް ވަޑައިގަތުމުން، އެތަނުގެ ވީ.އައި.ޕީ މާލަމުން އެމަނިކުފާނަށް މަރްޙަބާ ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި އަނބިކަނބަލުން އިލްހާމް ޙުސައިނެވެ.

ފުރަމާނަ ޖާފަތުގައި، ފަލަސްޠީނާއި ދިވެހިރާއްޖެއާ ދެޤައުމުގެ ޤައުމީ ސަލާން ކުޅުނެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާއާއި ފަލަސްޠީނުގެ ރައީސް ވާހަކަފުޅު ދެއްކެވިއެވެ.

މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އ.ދ.ގެ މެންބަރަކަށް ފަލަސްޠީނު ހެދުމަށް ދިވެހިރާއްޖެއިން ފުރިހަމައަށް ތާއީދުކުރާ ކަމަށާއި. ފަލަސްޠީނު ރައްޔިތުންގެ އަސާސީ ޙައްޤުތައް ޙިމާޔަތް ކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުގައި އެޅިފައިވާ މަސްއޫލިއްޔަތު، ރާއްޖެއިން އަބަދުވެސް ހަދާންކޮށްދޭނެ ކަމުގައި ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މިނިވަން ދައުލަތެއް އުފެއްދުމަށް ފަލަސްޠީނު ރައްޔިތުން ކުރަމުންގެންދާ މަސައްކަތަކީ، ބައިނަލްއަޤްވާމީ އެހެން އެއްވެސް މައްސަލައަކަށްވުރެ ބޮޑަށް، ދިވެހިންގެ ހިތްތަކުގައި ޝައުޤުވެރިކަމާއި އިޙްސާސްތަކެއް އުފެދިފައިވާ މަސައްކަތެއް ކަމުގައެވެ. މިކަމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ، އިންޞާފާއި، ހަމަހަމަކަމާއި، ޤާނޫނުތަކަށް ދިވެހިން ލޯބިކުރާ ލޯބިކުރުމެވެ.

ފުރަމާނަ ޖާފަތުގައި ފަލަސްޠީނުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ފަލަސްޠީނު މިނިވަން ދައުލަތަކަށް ހެދުމަށް ފަލަސްޠީނު ރައްޔިތުން ކުރަމުން ގެންދާ މަސައްކަތްތަކަށް ދިވެހި ސަރުކާރާއި ރައްޔިތުން ފުރިހަމައަށް ތާއީދު ކުރައްވަމުން ގެންދަވާތީ، އެކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ޝުކުރުއަދާކުރެއްވިއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮންނަ ގުޅުން މިދަތުރުފުޅުގެ ސަބަބުން، ވަރަށް ބޮޑަށް ބަދަހިވެ، ފުޅާވެގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސް ޢައްބާސް ވިދާޅުވިއެވެ.

ރަސްމީ ޖާފަތުގައި ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، މިނިވަން މުއައްސަސާތަކުގެ އިސް ބޭފުޅުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ.