ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސްގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ދެއްވާ ރަސްމީ ޖާފަތް މިއަދު މެންދުރު ކުރުނބާ މޯލްޑިވްސްގައި އޮންނާނެއެވެ. ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ އިލްހާމް ޙުސައިން ބައިވެރވެވަޑައިގަންނަވާނެއެވެ.

ރަސްމީ ޖާފަތަށް ދަޢުވަތު އަރުވާފައިވާ ބޭފުޅުންގެ ތެރޭގައި ކުރިން ރައީސްކަން ކުރެއްވި ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ދެކަނބަލުންނާއި، ރައީސް މުޙަންމަދު ނަޝީދުގެ ދެކަނބަލުން ހިމެނިވަޑައިގަންނަވައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ވަޒީރުންނާއި، ދިވެހި ދައުލަތުގެ މަތިވެރި ޢިއްޒަތް ލިބިވަޑައިގެންފައިވާ ބޭފުޅުންނާއި، ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި، ރާއްޖޭގައި ތިއްބަވާ ބޭރު ޤައުމުތަކުގެ ސަފީރުންނަށްވެސް ވަނީ ރަސްމީ ޖާފަތަށް ދަޢުވަތު އަރުވާފައެވެ.

ރަސްމީ ޖާފަތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދާއި، ފަލަސްޠީނުގެ ރައީސް ޑޮކްޓަރ މަޙްމޫދު ޢައްބާސް ވަޑައިގަތުމާއެކު ދިވެހިރާއްޖެއާއި ފަލަސްޠީނާ ދެ ޤައުމުގެ ޤައުމީ ސަލާމް ކުޅޭނެއެވެ. އެއަށްފަހު އެ ދެބޭފުޅުން ވާހަކަފުޅު ދެއްކެވުން އޮންނާނެއެވެ.