ރާއްޖޭގައި އަވަސް އިންތިޚާބެއް ޖުލައި 2013 ގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙިދު ގޮވާލައްވައިފިއެވެ. މި ތާރީޚަކީ ޤާނޫނު އަސާސީގައިވާ ގޮތުން، މިހާރު ރާއްޖޭގައި އިންތިޚާބެއް ބޭއްވޭނެ އެންމެ އަވަސް ތާރީޚެވެ.
މިކަމާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ބަޔާނުގައި، ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތައިގެން ކުރިއަށް ވަޑައިގެންނެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ވަރުގަދަ ޢަޒުމްފުޅެއްގައި ކަމަށް ވިދާޅުވެފައިވެއެވެ.
14 އޭޕްރީލްގައި ވަރަށް ކާމިޔާބު ކަމާއެކު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ބައި-އިލެކްޝަނުން، ރާއްޖޭގެ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި ޑިމޮކްރެޓިކް އުސޫލުތައް ހާމަވެގެން ހިންގައްޖެކަމަށް މިބަޔާނުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން، ޤާނޫނު އަސާސީގެ ހަމަތަކުގެ މަތިން، ބޭއްވެން އޮތް އެންމެ އަވަސް ތާރީޚެއްގައި ރާއްޖޭގައި އިންތިޚާބެއް ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައެވެ.
ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕްގެ ހޯދުންތަކާ ގުޅިގެން، ޚާއްސަކޮށް ފާއިތުވި ދުވަސްތަކުގައި ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށާއި ޤާނޫނުގެ ވެރިކަން ދެމެހެއްޓުމަށް، ކޮމަންވެލްތުގެ ފަރާތުން ކުރަމުންދާ މަސައްކަތް ދިވެހި ސަރުކާރުން ފާހަގަކުރައްވައެވެ.
14 ޖެނުއަރީން 8 ފެބްރުއަރީއާ ހަމައަށް ރާއްޖޭގައި ހިނގައިދިޔަ ކަންތައްތައް މިނިވަންކަމާއެކު ތަހުޤީގުކުރުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ބޭނުންވެއެވެ. އަދި މިތަޙުޤީގު މިނިވަންކަމާއެކު ހިންގުމަށް އެކުލަވާލެއްވިފައިވާ، ވަކި ފަރާތަކަށް ނުޖެހޭ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރެއެވެ.
އ.ދ.ގެ އެސިސްޓެންޓް ސެކްރެޓަރީ ޖެނެރަލް ފޮރ ޕޮލިޓިކަލް އެފެއާޒް ފާހަގަކުރައްވާފައިވާ ފަދައިން މި ކޮމިޝަންގެ ކަންތައްތައް ކުރިއަށް ގެންދަންޖެހޭނީ ޤައުމީ ނިޒާމެއްގެ ތެރެއިން ކަމަށް ދިވެހި ސަރުކާރުންވެސް ޤަބޫލުކުރާ ހިނދު، ނޭޝަނަލް އިންކުއަރީ ކޮމިޝަންގެ މަސައްކަތްތަކަށް އެހީތެރިވެ ލަފާއެރުއްވުމަށް، ޖަޖެއް ހަމަޖެއްސެވުމަށް ކޮމަންވެލްތްގެ ޚާއްޞަ މަންދޫބު ސަރ ޑޮނަލްޑް މެކިނަންގެ ހުށަހެޅުއްވުމަށް ސަރުކާރުން މަރުޙަބާ ވިދާޅުވެއެވެ.
ކޮމަންވެލްތުން ކުރިއަށް ނެރުއްވާ ޑިމޮކްރެޓިކް އުސޫލުތަކާއި ޤާނޫނު އަސާސީ ހިމާޔަތްކޮށް ޤާނޫނީ ވެރިކަން ރާއްޖޭގައި ދެމެހެއްޓުމަށްޓަކައި ދިވެހި ސަރުކާރުން ފުރިހަމައަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިބަޔާނުގައި ވިދާޅުވެފައިވެއެވެ.